ގޫގުލުން އަންނަ ސާރޗު ރިޒަލްޓުތަކަކީ އާންމުކޮށް އެންމެން އިތުބާރުކުރާ އެއްޗެކެވެ. ނަމަވެސް އަބަދުވެސް އޮންލައިންކޮށް ސޮފްޓްވެޔާ ޑައުންލޯޑު ކުރާއިރު އިތުރަށް ސަމާލުވާން ޖެހެއެވެ. ސައިބަރ ސެކިއުރިޓީ ދިރާސާވެރިން ވަނީ ދާދި ފަހުން ގޫގުލް ސަރޗު އެޑުތައް ބޭނުންކޮށްގެން ބައެއް މަޝްހޫރު އޮޕަން-ސޯސް ސޮފްޓްވެއާތަކަށް އަމާޒުކޮށް ހިންގާފައިވާ މަލްވަޓައިޒިން ކެމްޕޭންތަކެއް ހާމަކޮށްފައެވެ. މި ގޮތުން އެއް ކެމްޕޭނުގައި މަޝްހޫރު ވޯޑް-އެޑިޓިން ސޮފްޓްވެޔާ ނޯޓްޕެޑް++ އަސަރުކޮށްފައިވެއެވެ. މި ކެމްޕޭންތައް ފަޅާއެރުމުގެ ކުރިން އެތައް މަސްތަކެއް ވަންދެން ގޫގުލް ސަރޗްގައި ލައިވް ވެފައިވާ ކަމަށް ބެލެވެއެވެ.
މެލްވަޓައިޒިންނަކީ އާކަމެއް ނޫނެވެ. ގޫގަލްގެ ސާރޗު އެޑުތައް ބޭނުންކޮށްގެން މެލްވެއާ ފެތުރުމަކީ އެތައް އަހަރެއްވަންދެން ހިނގަމުންދާ ކަމެކެވެ. އެފްބީއައިއިން ހާމަކޮށްފައިވާ ގޮތުގައި މި ހަމަލާތައް މަސައްކަތްކުރަނީ އަސްލު ހިދުމަތްނުވަތަ ޕްރިޑަކްޓު ފޯރުކޮށްދޭ ވެބްސައިޓުތައް މީހުން ސާރޗުކުރުމުން، އެ ސާރޗު ރިޒަލްޓުތަކުގެ އެންމެ މައްޗަށް އަންނަ އެޑްތައް ގަނެގެންނެވެ. މި އެޑުތަކަށް ފިތާލުމުން އަސްލު ވެބްސައިޓާ ވައްތަރު، ނަމަވެސް ގޯސް ޕޭޖަކަށް މީހުން ފޮނުވައެވެ. ދެން މި ވެބްސައިޓު މެދުވެރިކޮށް އެ ވެބްސައިޓަށް ވަންނަ ފަރާތްތަކަށް ހަމަލާއެއްދެއެވެ.
މެލްވެއަރބައިޓްސުން ހާމަކޮށްފައިވާ ގޮތުން، މިފަހަރު ކުރިއަށް ގެންދިޔަ ނޯޓްޕެޑް++ މެލްވަޓައިޒުމަންޓު ކެމްޕެއިނު ފުދޭވަރަކަށް އުނދަގޫ ބޮޑެވެ.
މިކަން ކުރިއަށް ގެންގޮސްފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ފުރަތަމައިނުން އެމީހުން ކޮމްޕްރޮމައިޒްވެފައިވާ އެތައް އެޑް އެކައުންޓްތަކެއް މެދުވެރިކޮށް ނުބައި އިޝްތިހާރުތަކެއް ގޫގަލް ސާރޗް އެޑްތަކުގެ ތެރެއަށް ދޫކޮށްލިއެވެ. އެއަށްފަހު ވީޕީއެން، އެމިއުލޭޓަރ އަދި ވާޗުއަލް މެޝިން ފަދަތަކެތި ބޭނުންކުރާ ޓެކް-ސޭވީ ޔޫޒަރުންނާއި، ބޮޓްތައް ފަދަ ތަކެތި ފިލްޓަރު ކުރިއެވެ. އެފަދަ ފަރާތްތަކުން އެއްވެސް ކަމެއް ނުކުރާ ޑިކޮތް ސައިޓަކަށް ރީޑައިރެކްޓުކުރެވުނެވެ. ބާކީ ތިބި މީހުން ރީޑައިރެކްޓް ކޮށްފައިވަނީ އަސްލު ނޯޓްޕެޑް++ގެ ވެބްސައިޓާ އެއްގޮތް ނުބައި ވެބްސައިޓަކަށެވެ.
މި ވެސްއިޓުން ބައިވަރު ޑައުންލޯޑު ލިންކުތަކެއް ފެންނާނެވެ. މިއިން ކޮންމެ ލިންކަކަށް ފިތާލިޔަސް ވަކިވަގުތަކަށް ކަނޑައަޅާފައި އެއްފަހަރު ޑައުންލޯޑު ކުރެވޭ ލިންކެއް ހުށްހެޅޭނެވެ. މި ލިންކު މަސައްކަތްކުރާ ގޮތަކީ ކޮންމެ ޔޫޒަރެއް ފާހަގަކުރުމަށް ދީފައިވާ އައިޑީ މެދުވެރިކޮށް ޔޫޒަރުންވަކި ކިށްގެންނެވެ. މި ގޮތުން ދެވަނަ ފަހަރު މި ލިންކު ބޭނުންކޮށްގެން ޑައުންލޯޑު ކުރަން އުޅުމުން އެރާ ޕޭޖެއް ދައްކައިދެއެވެ.
މިއެޓޭކުގެ ބޭނުމެއް މެލްވެއަރބައިޓްސަކަށް ކަށަވަރެއްނުވިއެވެ. ނަމަވެސް އެމީހުން ދެކޭގޮތުގައި މީގެ ބޭނުމަކީ ކޮބޮލްޓު ސްޓްރައިކު ފަދަ އެއްޗެއް ބޭނުންކޮށްގެން އެމީހުންގެ ޑިވައިސަށް އެކްސެސްވުމެވެ.
މިއީ ނޯޓްޕެޑް++އަށް މިހެން ދިމާކޮށްގެން އައި ފުރަތަމަ މެލްވަޓައިޒިން ހާދިސާއެއްނޫނެވެ. ނަމަވެސް މިއީ މިގޮފުން ފާހަގަކުރެވުނު އެންމެ ސޮފިސްޓިކޭޓެޑް އެއް ކެމްޕެއިނެވެ.
މިޔަށް ސަމާލުވުމަށް ކުރެވޭނީ ކޮންކަމެއްތޯ؟ ސައިބަރ ސެކުރިޓީ ތަޖުރިބާކާރުން ބުނާގޮތުގައި ޔޫއާރުއެލަށް ބަލާލާށެވެ. އަދި ނޯޓްޕެޑް++ ފަދަ ސޮފްޓުވެއާ ތަކުގެ ވިކީ އާއި މީސްމީޑިއާ ޕޭޖު ފަދަ ތަންތަން ބަލާލައްވާށެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.