8 ބިލިއަން އަލި އަހަރު ދުރުން ލިބުނު ރޭޑިއޯ ސިގްނަލް

އާރު 24 އޮކްޓޯބަރު 2023

ފަލަކީ އިލްމުވެރިން ވަނީ މިހާތަނަށް ދެނެގަނެވިފައިވާ ޖައްވުގެ އެންމެ ފުނުން ލިބުނު އަޖައިބު ކުރަނިވި ގަދީމީ ރޭޑިއޯ ސިގްނަލް އެއް ހޯދާފައެވެ. މިއީ ގާތްގަނޑަކަށް މި ކައުނުގެ ހަޔާތުގެ ދެބައި ކުޅައެބަޔާ ގާތް ކުރާ 8 ބިލިއަން އަލި އަހަރު ދުރުން އަހަރުމެންގެ މި ދުނިޔެއާއި ހަމައަށް ވާސިލް ވެފައިވާ ސިގްނަލް އެކެވެ.

ފާސްޓް ރޭޑިއޯ ބަރސްޓް ސިގްނަލްގެ ގޮތުގައި ގިންތީކުރެވިފައިވާ މި ސިގްނަލްގެ މައުލޫމާތު ފަލަކީ އިލްމުވެރިން ސައެންސް ޖާނަލް ގައި ތަފްސީލް ކޮށްދެމުން ބުނެފައިވަނީ މިއީ މިހާތަނަށް ލިބިފައިވާ މިބާވަތުގެ އެންމެ ބާރުގަދަ ސިގްނަލް ކަމުގައެވެ. އިރުގެ ހަކަތަ 30 އަހަރުގެ ތެރޭގައި ބޭރުކުރާމިންވަރަށް މި ސިގްނަލް އިން އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި ބޭރުކޮށްލާހާ ބާރުގަދައެވެ. "އެއީ އިރުގެ ދެގުނަ ބޮޑު ޕޮޕްކޯން ތައްޓެއް މައިކްރޯވޭވް ކޮށްލެވޭހާ ހަކަތަ" ކަމަށް ސްވިންބަރން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ އެސްޓްރޯފިޒިސިސްޓް ރަޔަން ސެނޯން ނިއު ސައެންޓިސްޓް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.

މިފަދަ ބާރުގަދަ ސިގްނަލް އެއް އުފައްދާފައިވަނީ ކޮންކަހަލަ ބިޔަ ގޮވުމަކުން ކަމެއް އަދި ސައެންސްވެރިންނަށް ދެނެގަނެވިފައި ނުވެއެވެ. އެހެން ނަމަވެސް މި އަޖައިބުކުރަނިވި ހޯދުމުގެ އެހީގައި ފާސްޓް ރޭޑިއޯ ބަރސްޓް ގެ ހަގީގަތްތައް ދެނެގަތުމަށް ވަރަށް ބޮަޑު އެހީއަކަށް ވާނެ ކަމަށާއި، މި ކައުނުގެ އެންމެފުން މިންއެޅުމަށާއި ހިސާބު ކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށް ފަލަކީ އިލްމުވެރިން އުންމީދު ކުރެއެވެ.

މިފަދަ ގޮވުން ތަކަކީ ކައުނުގައި ގިނައިން ހިނގާ ކަމެއް ކަމަށް ރަޔަން މެންގެ ދިރާސާއި ކަށަވަރުކުރެވިފައިވާ ކަމަށް ކަރުދާހުގައި ބަޔާން ކޮށްފައި ވެއެވެ. އެންމެ ފުރަތަމަ އެފްއާރްބީ ސިގްނަލް އެއް ދެނެގަނެވިފައިވަނީ 2007 ވަނަ އަހަރުއެވެ. އެއަށްފަހުން މިހާތަނަށް 50 ސިގްނަލް ހޯދިފައިވެއެވެ. އެންމެ ފަހުގެ މި ސިގްނަލް ހޯދިފައިވަނީ ވެސްޓަރން އޮސްޓްރޭލިއާގައި ހުންނަ އޭއެސްކޭއޭޕީ ރާޑިއޯ ޓެލެސްކޯޕް އެރޭއެއްގެ އެހިގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެއަވެ. މި ސިގްނަލް އަށް ދީފައިވާ ނަމަކީ އެފްއާރްބީ 20220610އޭ އެވެ.

ފަލަކީ އިލްމުވެރިންވަނީ މި ހޯދުން އިތުރަށް ކަށަވަރު ކުރުމަށްޓަކައި ޔޫރަޕް އަދި ދެކުނު އެމެރިކާގައި ހުންނަ ޓެލެސްކޯޕްތައް މެދުވެރިކޮށްވެސް ބަލާފައެވެ. އަދި މި ގޮވުން ގޮވާފާއިވާ ކަމަށް ބެލެވޭ ސަރަހައްދު ދެނެގަނެފައެވެ. އިތުރު ގެލެކްސީ އެއް ހޯދުމުގެ އުންމީދުގައި ތިބި ސައެންސްވެރިނަންށް ދެނެގަނެވިފައިވަނީ އެފްއާރްބީ އުފެދެނީ ދެ ގެލެކްސީ ގުޅޭއިރު އުފެދޭ ކޯޅުންގަނޑުގެ ތެރެއިން އުފެދިގެން އަންނަ އައު ތަރިއާއި އެކުއެވެ. މި ހޯދުންތަކުގެ އަލީގައި ކުރިން ބެލެވިފައިވާ ގޮތަށް މިފަދަ ގޮވުންތައް އުފެދެނީ ނިއުޓްރޯން ތަރިއެއްގެ ސަބަބުންމެވެ. އެއީ ފަނާވެފައިވާ ބިޔަ ތަރި ތަކުގެ މެދުން އުފެދޭ އެއްޗެކެވެ. އެއީ ކައުނުގައިވާ އެންމެ ޑެންސް ތަކެތީގެ ތެރޭގައި ގުނާލެވޭ އެއްޗެއް ކަމުގައި ސައެންސްވެރިން ބުނެއެވެ.

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.