އަމިއްލަޔަށް މަރާމާތުވާ (ސެލްފް ހީލް) ޑިސްޕްލޭ ސްމާޓްފޯނުތަކަށް

އަޝްނާ ރަޝީދު 28 އޮކްޓޯބަރު 2023

ބާރަށް ޓެކްނޮލޮޖީ ކުރިއަށްދަމުންދާ މި ދުނިޔޭގައި ޑިސްޕްލޭ އަމިއްލައަށް މަރާމާތުކުރާ ސްމާޓްފޯނެއް އައުމަކީ މީހުންގެ ޝައުގުވެރިކަން ހިފަހައްޓާނެ ކަމެކެވެ. ސީސީއެސް އިންސައިޓުން ދާދި ފަހުން 2024 ވަނަ އަހަރާއި އޭގެ ފަހުން ޓެކް އިންޑަސްޓްރީއަށް އަންނާނެ ބަދަލުތައް ލަފާކުރިއިރު، ކޫރުއެރުމާއި އާއި އައިބުވުން ފަދަ ކުދިކުދި ގެއްލުންތައް އޮޓޮނޮމިކް ގޮތެއްގައި މަރާމާތު ކުރެވޭ ޑިސްޕްލޭތައް އަންނާނެ ކަމަށް އެފަރާތްތަކުން އިޝާރާތްކޮށްފައިވެއެވެ.

މި ކޮންސެޕްޓަކީ ފާހަގަކޮށްލެވޭ ގޮތުގައި ދެނިގަންނަން ފަސޭހަ ނަމަވެސް އިންގިލާބީ ކޮންސެޕްޓެކެވެ. ސްކްރީނެއްގެ މަތީގައި ޖަހާފައިވާ ނެނޯ ކޯޓިންނެއް ވަޔާއި ރިއެކްޓްކޮށް އާ ފަށަލައެއް އުފައްދައި، އޮމާންކޮށްލައެވެ. މި ތަރައްޤީގެ ސަބަބުން ގިނަ ފަހަރަށް ވަރަށް ލޯބިން ގެންގުޅޭ ޑިވައިސްތަކަށް ކުރިމަތިވާ ކޮސްމެޓިކް ޑެމޭޖްތަކުގެ އުނދަގޫ ނައްތާލެވޭނެ ކަމަށް ބުނެވެއެވެ. މިކަމުން ފޯނުގެ ޑިސްޕްލޭއަށް އަންނަ ކުދިކުދި ގެއްލުންތައް އަމިއްލަޔަށް ރަނގަޅުކޮށް ހަދަން ދާން ނުޖެހޭގޮތް މެދުވެރިކޮށްދެއެވެ.

އެހެންނަމަވެސް މިއީ ފޯނުގެ ޑިސްޕްލޭއަށް ދިމާވާ ހުރިހާ ގެއްލުމެއްގެ ހައްލެއް ނޫންކަން ދެނެގަންނަން ޖެހެއެވެ. އަމިއްލައަށް މަރާމާތުކުރެވޭ ޓެކްނޮލޮޖީއަކީ ސްކްރީނަށް ފުޅާދާއިރާއެއްގައި ގެއްލުން ލިބޭ އާންމު ފަރުވާއެއް ނޫނެވެ. ލޮލަށް ފެންނަ ފުން ރެނދުތައް ވުން އެކަށީގެންވަނީ އޭގެ ޤާބިލުކަމުން ބޭރުގައި ވާކަމަކަށެވެ. ނަމަވެސް މި ޓެކްނޮލަޖީ ވެގެން ދާނީ ކުދިކުދި އުނިކަންތަކާ މެދު އުނދަގޫ ވާ ޔޫޒަރުންނަށް ޕްރޮޓެކްޓިވް ކޭސްތަކާއި ސްކްރީން ޕްރޮޓެކްޓަރުތަކުގެ ބަދަލަކަށެވެ.

މިއީ އަމިއްލައަށް "ހީލް"ވާ ސްކްރީންތަކުގެ ވާހަކަ އަޑުއިވޭ ފުރަތަމަ ފަހަރެއް ނޫނެވެ. އެލްޖީއިން 2013 ވަނަ އަހަރު ވަނީ ޖީ ފްލެކްސް ސްމާޓްފޯނުގެ ފަހަތު ކަވަރުގައި އަމިއްލައަށް މަރާމާތު ކުރެވޭ ކޯޓިންއެއް ޖަހާފައެވެ. ނަމަވެސް މީގެ ގާބިލިކަން އުއްމީދުކުރި ވަރަށް ވުރެ ދަށެވެ. މި ގޮތުން ގިނަ ފަހަރު ރެނދުތައް މަރާމާތު ކުރުމަށް ގިނަ އިރު ނަގައެވެ. އަދި ބައެއް ފަހަރު އެއްވެސް ވަރަކަށް އަމިއްލަޔަށް މަރާމާތު ނުވެ ވެސް ހިނގައިދެއެވެ. އެހެން މިސާލަކަށް ބަލާނަމަ މޮޓޯރޯލާ އިން 2017 ވަނަ އަހަރު "ޝޭޕް މެމޮރީ ޕޮލިމަރ" އެއް ވެސް އުފެއްދާފައިވެއެވެ. މި ފަދަ ޕޮލިމަރެއްގެ ޕެޓަންޓެއް އެޕަލުގެ އަތުގައިވެސް ވެއެވެ. ނަމަވެސް މި ޕްލާސްޓިކުތައް ބޭނުންކުރުމުގައި މައްސަލަތަކެއް ދިމާވެފައިވެއެވެ.

މީގެއިތުރުން އެމެރިކަޔާއި، ޖަޕާނާއި ކޮރިޔާގެ އެތަކެއް ދިރާސާވެރިން ވަނީ މީގެކުރިން މިފަދަ ޕްލާސްޓިކުތަކެއް އީޖަދުކޮށްފައެވެ. އަދި އިސްރާއީލުގެ ދިރާސާވެރިން ވަނީ އިލެކްޓްރޮނިކް ސާމާނުގައި ބޭނުން ކުރެވޭނެ މިފަދަ ނެނޯމެޓީރިއަލުތަކެއް ހޯދާފައެވެ. މިހުރިހާ އީޖާދީތަކަކީ އަދި ވިއްކޭވަރަށް ތަރައްޤީ ވެފައިވާ އީޖާދީތަކަށް ނުވިޔަސް، މީގެން ވަނީ މި ޓެކުނޮލަޖީގެ ބިންގާ ވަރުގަދަކުރަމުންނެވެ.

ސީސީއެސް އިންސައިޓުން ބުނެފައިވާ ގޮތުން މިއީ ކައިރި މުސްތަޤުބަލެއްގައި ބޭނުންކުރަން ފެށިގެން ދާނެ އީޖާދީއެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ފޯނު އުފައްދާ ކުންފުންޏަކުން ނުވަތަ ކޯނިންގު ފަދަ ބިއްލޫރި އިންޑަސްޓްރީގެ ލީޑަރަކު 2028 ވަނަ އަހަރުގެ ކުރިން މި ސްކްރީންތައް ތައާރަފްކުރާނެވެ.

މި ލަފާއާއި އެއްގޮތައް ކަންދިމާ ވެއްޖެނަމަ، މިކަމުގެ ސަބަބުން ސްމާޓްފޯނުތަކަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްގެން ދާނެވެ. އަމިއްލައަށް "ހީލް"ވާ ޑިސްޕްލޭތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސްމާޓްފޯންތަކާ މުއާމަލާތްކުރާ ގޮތަށް ވަރަށް ބޮޑު އިންގިލާބެއް އައިސްދާނެވެ. މިހާރު ސްމާޓްފޯނުތައް ކޫރުން އެޅި ތަޅައިގެން ދިޔުމަށް ރައްކާކުރުމަށް ބޭނުންކުރާ ބޮޑެތި ކޭސްތަކާއި ސްކްރީން ޕްރޮޓެކްޓަރުތަކުގެ ބޭނުން ނެތިގެންދާނެވެ. އަދި ފޯނު ތަޅައިގެން ގޮސްގެން ހަދަންދާން ޖެހޭ މިންވަރު ވެސް މަދުވެގެން ދާނެއެވެ. މިކަމުގެ ސަބަބުން ޔޫޒަރުން މި ފޯނުތައް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ރަނގަޅުވެ، އަޅުގަނޑުމެންގެ ޑިވައިސްތަކުގެ އުމުރު ދިގުވެ، ފޯނުގެ ޑިސްޕްލޭ ހަދަންދާންޖެހޭ މިންވަރު މަދުވެގެން ދާނެއެވެ. ސްމާޓްފޯނުތަކުން އަމިއްލަޔަށް އެޅިފައިވާ ރެނދުތަކާއި ކޫރުތައް ރަނގަޅު ކުރެވޭ ދުވަސް އެބައާދެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.