ގޫގުލްގެ ސަފާރީ ސާޗް އާމްދަނީގެ 36 އިންސައްތަ ލިބެނީ އެޕަލް އަށް

މުހައްމަދު ރައްޔާން 15 ނޮވެމްބަރު 2023

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ގޫގުލް އާއިދެކޮޅަށް ކުރިއަށްގެންދާ އެންޓިޓްރަސްޓް މައްސަލައިގެ ތެރެއިން، އެޕަލްއާ އެކު ގޫގުލް އިން ހަދާފައިވާ ސާޗް ޑީލްތަކުގެ ސިއްރުތައް ދަނީ ލީކުވަމުންނެވެ. އެޕަލް ޑިވައިސްތަކުގެ ޕްރައިމަރީ ސާޗް އިންޖީނަކަށް ވުމަށް ގޫގުލް އިން އެޕަލް އަށް އެތައް ބިލިއަން ޑޮލަރެއް ދޭކަން ކުރިން އެނގިފައިވީނަމަވެސް، މިހާރު ބްލޫމްބާގް ވަނީ އެޕަލް އިން ގޫގުލް އަށް ލިބޭ އާމްދަނީގެ ޖުމްލަ ޕަސެންޓް ހިއްސާކޮށްފަ އެވެ.

އައިފޯނާއި އައިޕެޑް އަދި މެކްގައި ސަފާރީ ބްރައުޒާގައި ކުރާ ސާޗްތަކުން ލިބޭ އާމްދަނީގެ 36 ޕަސެންޓް ގޫގުލް އިން އެޕަލް އަށް ދައްކާކަމަށް އެޕަލްގެ ފަރާތުން ހެކިބަސް ދޭ އިގްތިސާދީ މާހިރަކު ހިއްސާކުރި މައުލޫމާތުތަކުން އެގެއެވެ. ބްލޫމްބާގް އިން ބުނި ގޮތުގައި ގޫގުލްގެ މައި ވަކީލު ރެވެނިއު ޑޭޓާ ހިއްސާ ކުރިއިރު އެމައުލޫމާތަކީ ސިއްރު ކަން ދޭހަވާގޮތަށް މޫނަށް ކުލަވަރު އަރާފައިވެއެވެ.

ވެލްތް މެނޭޖްމަންޓް ކުންފުނި ބާންސްޓީން މިދިޔަ މަަހު އަންދާޒާކޮށްފައި ވަނީ އެޕަލް އަށް އަހަރަކު 18 ބިލިއަން ޑޮލަރާއި 20 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބެމުން އަންނަ ކަމަށާއި މިއީ އެޕަލްގެ އަހަރީ ހިންގުމުގެ ފައިދާގެ ގާތްގަނޑަކަށް 15 އިންސައްތަ ކަމަށެވެ.

އެޕަލް އާއި ގޫގުލް އިން ވެސް ވަނީ އެންޓިޓްރަސްޓް ދައުވާގެ ތަފްސީލުތައް ސިއްރުކުރުމަށް މަސައްކަތް ކޮށްފައި ކަމަށާއި އެ މައުލޫމާތު އާންމުކޮށް ހިއްސާ ކުރުމަކީ "ގޫގުލްގެ ވާދަވެރި ހައިސިއްޔަތަށް ބުރޫ އަރާނެ ކަމެއް" ކަމަށް ބުނެފަ ވެއެވެ.

އެޕަލް ޑިވައިސްތަކުގެ ޑިފޯލްޓް ސާޗް އިންޖީނަކީ 2002 ވަނަ އަހަރުން ފެށިގެން ގޫގުލް ނަމަވެސް ދެ ޓެކް ކުންފުނީގެ އެއްބަސްވުން އެތައް ފަހަރެއްގެ މަތިން މުރާޖައާކޮށްފައިވެ އެވެ. މި އެއްބަސްވުމުން އެޕަލް އަށް ބޮޑު އާމްދަނީއެއް ލިބޭއިރު ދުނިޔޭގެ އެންމެ މަގުބޫލު ސްމާޓްފޯންގެ ޑިފޯލްޓް ސާޗް އޮޕްޝަނަކަށް ގޫގުލް ވެގެން ދެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ގޫގުލްގެ މައްސަލަ ބަލަނީ ގޫގުލްގައި ސާޗް މޮނޮޕޮލީއެއް އޮތް ކަމަށް ގަބޫލުކުރެވޭތީ އެވެ. ގޫގުލް އިން އެޕަލްއާ އެކު ހަދާފައިވާ ފައިދާ ހުރި ސާޗް އިންޖީނުގެ އެއްބަސްވުމަކީ ނޮވެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް ބެލެވޭ ގާނޫނީ ހަނގުރާމައިގެ މައިގަނޑު ފޯކަސް އެކެވެ.

މިދިޔަ އޮކްޓޯބަރު މަހު މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ ވިދާޅުވީ އެޕަލް އާއި ގޫގުލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ބިންގް ފަދަ އެހެން ސާޗް އިންޖީނުތަކަށް ވާދަނުކުރެވޭ ކަމަށެވެ. "ހެނދުނު ތެދުވެ، ދަތްއުނގުޅައި، ގޫގުލް އިން ސާޗް ކުރަނީ،" ނަޑެއްލާ ބުންޏެވެ. "އެ ފެންވަރުގެ އާދައެއް އުފެދިގެން ދިއުމުން، ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ ޑިފޯލްޓްތައް ބަދަލުކުރުން" ކަމުގައި އޭނާ ބުނެފައިވެއެވެ.

މައިކްރޮސޮފްޓުން އެއް ފަހަރަކު އެޕަލް އަށް ބިންގް ގަތުމަށް ހުށަހެޅުމުން އެޕަލް އަށް އަމިއްލަ ސާޗް އިންޖީނެއް އުފެއްދުމުގެ ފުރުސަތު ލިބުނު ނަމަވެސް އެޕަލް އިން ޝައުގުވެރިއެއް ނުވި އެވެ. އެ ކުންފުނިން ކަންބޮޑުވީ ބިންގް އަށް "ކޮލިޓީ އާއި ކެޕޭބިލިޓީސް" ގައި ގޫގުލްއާ ވާދަ ނުކުރެވޭނެ ތީ އާއި ގޫގުލް އިން ލިބޭ ފައިސާ ގެއްލުމުގެ ހިތްވަރެއް ވެސް އެޕަލް އަށް ނެތުމުންނެވެ.

އެޕަލް ސާވިސްގެ ވެރިޔާ އެޑީ ކިއު މިދިޔަ އޮކްޓޯބަރު މަހު ޝަރީއަތުގައި ހެކިބަސް ދިން އިރު، އޭނާ ބުނީ ގޫގުލް އަކީ އައިފޯންގެ ޑިފޯލްޓް ސާޗް އިންޖީނަކަށް ވީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށެވެ. "ގޫގުލް އަކީ ޑިފޯލްޓް ސާޗް އިންޖީނަކަށް ހަދަނީ އެއީ އެންމެ ރަނގަޅު އިންޖީނެއް ކަމަށް އަބަދުވެސް ހީކުރާތީ،" ކިއު ވިދާޅުވި އެވެ. އެޕަލް އަށް އެ އިންތިޒާމަށް ބަދަލެއް ނުގެނެވުނީ "ސައްހަ ގޮތެއް" ނެތުމުންނެވެ.

ގޫގުލް އަކީ އެޕަލް ޑިވައިސްތަކުގެ ޑިފޯލްޓް ސާޗް އިންޖީނަކަށް ވާއިރު، އޭގެ ބަދަލުގައި ޔާހޫ، ބިންގް، ޑަކްޑަކްގޯ ނުވަތަ އިކޯސިއާ އަށް ބަދަލު ކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރުމަށް ސަފާރީ ބްރައުޒާގެ ސެޓިންއަށް ދާން ޖެހެ އެވެ.

އެންޓިޓްރަސްޓް ދައުވާއިން ގޫގުލް ބަލިވެއްޖެ ނަމަ، އަދި އެކަމުގެ ފުރުސަތު އޮތް ނަމަ އެޕަލް އާއި ގޫގުލްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލެވިދާނެ އެވެ. ޑިފޯލްޓްގެ ގޮތުގައި ގޫގުލް ސެޓް ކުރުމުގެ ބަދަލުގައި އެޕަލް ޑިވައިސްއެއް ސެޓް ކުރާއިރު ސާޗް އިންޖީން އޮޕްޝަނެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމަށް އެޕަލް އަށް ބާރު އެޅިގެންދާނެ އެވެ.

ގޫގުލް އިން އެތައް ބިލިއަން ޑޮލަރެއް ގެއްލުމަކީ އެޕަލްގެ އަމިއްލަ ސާޗް އިންޖީނެއް އުފެއްދުމަށް ބޭނުންވާ ކެޓަލިސްޓަކަށް ވެދާނެ ކަމަށާއި އެޕަލް އިން ހަގީގަތުގައި ވެސް ސާޗް ސޮލިއުޝަނެއް އުފެއްދުމަށް ވިސްނާފައިވެއެވެ. އެޕަލްގެ އޭއައި ޗީފް ޖޯން ޖިއާނަންޑްރިއާ އެޕަލްގެ ތެރޭގައި ސާޗް ޓީމެއް ހިންގަމުން އަންނައިރު، އެ ޓީމުން ވަނީ އެޕަލް އެޕްތަކަށް ނެކްސްޓް ޖެނެރޭޝަން ސާޗް އިންޖީނެއް އުފައްދައި، ފުލް ގޫގުލް ސާޗް އޮލްޓަނޭޝަނެއްގެ އަސާސަކަށް ވެދާނެ ކަމަށް ބުނެފަ އެވެ.

ގޫގުލް/އެޕަލް އެއްބަސްވުން ނިމުމަކަށް އައިސްފިނަމަ ބަދަލުތަކެއް ގެންނަން މަޖުބޫރުވާން އަދި އަހަރުތަކެއް ނަގާނެ އެވެ. މި މައްސަލައިގެ ނިންމުމެއް އަދި އައުމަށް ދުވަސްކޮޅެއް ނަގާނެ އެވެ. ގޫގުލް އިން އެދޭ ގޮތަށް އެކަން ނުނިމިއްޖެނަމަ ދިގުދެމިގެންވާ އިސްތިއުނާފު މަރުހަލާ އަކަށް އުންމީދު ކުރެވެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.