އެކްސޮންމޮބިލް ލިތިއަމް އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް

މަރިޔަމް އިޝްރާޤް ވަޙީދު 23 ނޮވެމްބަރު 2023

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސާފު ހަކަތައިގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ލިތިއަމްގެ ޑިމާންޑް އެމެރިކާގައިވަނީ ބޮޑުވެފައެވެ. މިމެޓަލްއަކީ އިލެކްޓްރިކް އުޅަނދު (އީވީ) ތަކާއި ފޯނާއި ލެޕްޓޮޕާއި އެހެނިހެން ޓެކްނޮލޮޖީއަށް ބޭނުންވާ ރިޗާޖް ކުރެވޭ ބެޓެރީތަކުގައި ހިމެނޭ މައިގަނޑު މާއްދާއެކެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީއިން ލަފާކުރާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން 2040 ވަނަ އަހަރާ ދެމެދު، ލިތިއަމް ބޭނުންކުރާ މިންވަރު 40% އަށް ވުރެ އިތުރުވާނެ އެވެ.

މިކަން ދެނެގަނެ، ކާރު އުފައްދާ ގިނަ ކުންފުނިތަކުން ވަނީ އީވީ އަށް ބޭނުންވާ ޕެކްސް ހެދުމަށް އެމެރިކާގައި އާ ބެޓެރީ ޕްލާންޓްތައް ޤާއިމްކުރުމުގެ މަޝްރޫއުތައް ޢިއުލާންކޮށްފައެވެ. ނަމަވެސް ލިތިއަމްގެ އާ ލޯކަލް ވަސީލަތްތަކާއި ބެހޭގޮތުން އިއުލާންތައް ފެނިފައެއްނުވެއެވެ. އެއީ މިމަހުގެ ކުރީކޮޅާއި ހަމައަށްށެވެ. މިމަހުގެ 13 ވަނަ ދުވަހު، އެކްޒޯން މޮބިލް އިންވަނީ އުތުރު އެމެރިކާގެ ފުރަތަމަ ލިތިއަމް އެކްސްޓްރެކްޝަން މަޝްރޫޢު އިއުލާނުކޮށްފައެވެ.

އެކުންފުނިން އިއުލާންކޮށްފައިވާ ގޮތުގައި، ލިތިއަމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏަކަށް ވުމުގެ މަސައްކަތުގެ ދަށުން ، 2023 ވަނަ އަހަރުގެ ކުރީކޮޅު އާކަންސަސްގައިވާ ލިތިއަމް އެކުލެވޭ 120،000 އޭކަރުގެ ބިމެއް ވަނީ ގަނެފަ އެވެ. 2027 ވަނަ އަހަރު ލިތިއަމް އުފައްދަން ފަށަން ޓާގެޓް ކޮށްފައިވާއިރު، އެކްޒޯން މޮބިލް އިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ އިލެކްޓްރިކް ވެހިކަލް ސަޕްލައި ކުރެވޭ ވަރަށް ލިތިއަމް އުފެއްދިދާނެ ކަމަށް ބުނެފައެވެ. "މޯބިލް™" ގެ ނަމުގައި ބްރޭންޑް ކުރުމަށް ނިންމައިފައިވާ މި ޕްރޮޑަކްޓް ވެގެންދާނީ މޯބިލް އާއި އޮޓޯމޯޓިވް އިންޑަސްޓްރީއާ ދެމެދު އޮތް ދިގު ޓެކްނިކަލް ޕާޓްނާޝިޕްގެ މުއްސަނދި ތާރީހަށް އިތުރު ބިނާއަކަށްކެވެ.

"ހަކަތަ ބަދަލުކުރުމަށް ލިތިއަމް އަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް، އަދި އިލެކްޓްރިފިކޭޝަންއަށް މަގު ފަހިކޮށްދިނުމުގައި އެކްސޮންމޮބިލްގެ ދައުރު ވަރަށް ބޮޑު،" އެކްސޮންމޮބިލް ލޯ ކާބަން ސޮލިއުޝަންސްގެ ރައީސް ޑޭން އައްމަން ވިދާޅުވެފައިވެއެވެ. އެމެރިކާގައި މިއަދު ގާތްގަނޑަކަށް 280 މިލިއަން ވެހިކަލް ހުރިއިރު، މީގެތެރެއިން 3 މިލިއަނަށް ވުރެ މަދު ވެހިކަލް ނުވަތަ ޖުމްލަ ވެހިކަލްތަކުގެ ގާތްގަނޑަކަށް %1 އަކީ އީވީސްކަމަށް އައްމާން ފާހަގަކުރަށްވާފައިވެއެވެ. "އަދި ވެސް %99 އެބައޮތް، މިކަމުން އެނގެނީ މިއީ ވަރަށް ބޮޑު ފުރުސަތެއް" އޭނާ ވިދާޅުވެފައިވެއެވެ.

އައްމަން އިތުރަށް ތަފްސީލްކޮށްދެއްވާފައިވާ ގޮތުގައި މި ލޭންޑްމާކް ޕްރޮޖެކްޓްގައި އެކްސްޒޯންމޯބިލްގެ އެތައް ޒަމާނެއްގެ ތަޖުރިބާ ބޭނުންކޮށްގެން، އާދައިގެ މައިނިން އޮޕަރޭޝަންތަކަށް ވުރެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރާ ގޮތެއްގައި އުތުރު އެމެރިކާގެ ލިތިއަމްގެ ގިނަ ސަޕްލައިތައް އަންލޮކް ކުރެވޭނެއެވެ.

މިގޮތުން ލިތިއަމް އެކްސްޓްރެކްޝަންއަށް ބޭނުންކުރެވޭނެ ޑައިރެކްޓް ލިތިއަމް އެކްސްޓްރެކްޝަން (ޑީއެލްއީ) ޕްރޮސެސްއަކީ "ހާޑް ރޮކް މައިނިންއަށް ވުރެ ކާބަން އެމިޝަން މަދު، އަދި އެއަށްވުރެ ބިން ބޭނުންވާ މިންވަރުވެސް ވަރަށް މަދު" ޕްރޮސެސްއެކެވެ. ޑީއެލްއީ ޕްރޮސެސްއިން ލިތިއަމް އާއި އެކުވެފައި ހުންނަ ލޮނުފެން ވަކިކުރެވޭނެއެވެ. އަދި ވަކިކުރެވޭ ލޮނުފެން، އަނބުރާ ބިމަށް އިންޖެކްޓް ކުރެވޭނެއެވެ.

މިއީ ޓެކްނިކަލީ އެކްސްޒޯންމޮބިލް ބެޓެރީގެ ވިޔަފާރީގައި ބައިވެރިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެކުންފުނިންވަނީ 1970 ގެ އަހަރުތަކުގައި ފުރަތަމަ ލިތިއަމް އަޔަން ބެޓެރީ އުފައްދައިފައެވެ. "މި ޕްރޮޖެކްޓަކީ ވިން-ވިން-ވިން ޕްރޮޖެކްޓެއް،" އައްމާން ތަފްސީލް ކުރަށްވައިފައިވެއެވެ. "މިއީ އެކްސޮންމޮބިލްއިން އުތުރު އެމެރިކާގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް، މުހިންމު ސިނާއީ މެޓީރިއަލްއެއްގެ ސަޕްލައި ފުޅާކޮށް، އަދި މުޖުތަމައުގެ ނެޓް ޒީރޯ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރުކުރުމާ ގުޅިފައިވާ ވިހަ ގޭސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަދުކުރުމަށް މަގުފަހިކޮށް ދިނުމަށް އެހީތެރިވެވޭނެ ގޮތް ދައްކައިދޭ ރަނގަޅު މިސާލެކެވެ."

އައްމާން ވިދާޅުވެފައިވަނީ އެ ކުންފުނީގެ ވިސްނުން ހުރީ ސްކޭލްގައި ދުނިޔޭގެ ބޮޑެތި ކުޅުންތެރިންނާ ވާދަކުރުމަށެވެ. "އަޅުގަނޑުމެން ދެކެނީ މިއީ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައެވެ. މިކަމުގައި ބޮޑު ދައުރެއް އަދާކުރުމުގެ ވިސްނުން ނުގެންގުޅޭނަމަ އަޅުގަނޑުމެން އޭގެ ތެރެއަށް ނުވަށްނާނަމެވެ."

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.