ދުރުން އެއްޗެހި ވަޔަރލެސްކޮށް ޗާޖުކުރެވޭގޮތެއް އުފައްދައިފި

އަޝްނާ ރަޝީދު 12 ޑިސެމްބަރު 2023

އާލްޓޯ ޔުނިވާސިޓީގެ ދިރާސާވެރިން ވަނީ ދުރުން ޑިވައިސްތައް ޗާޖުކުރެވޭ ކަހަލަ ވައިލެސް ޗާޖިން ޓެކްނޮލޮޖީއެއް ތައާރަފްކޮށްފައެވެ. މި ޓެކްނޮލޮޖީގެ އެހީގައި އެކި ޑިވައިސްތަކުގެ "އޯޕަން އެއާ ޗާޖިން" ވަރަށް ބޮޑުތަން ރަނގަޅު ކުރެވިފައިވާ ކަމަށް ބުނެވެއެވެ. މިގޮތުން މި ޓެކްނޮލޮޖީ މެދުވެރިކޮށް ދިގު ދުރުމިންތަކެއް ހުރަސްކޮށްފައި ވެސް %80 އަށް ވުރެ ބޮޑު އެފިޝަންސީއެއް ހާސިލުކޮށްފައިވެއެވެ.

އާންމުކޮށް ވައިލެސް ޗާޖަރުތަކުގައި ޗާޖުކުރާ ދުރުމިން އިތުރުވުމުން އޭގެ އެފިޝަންސީ ދަށްވެގެންދެއެވެ. އަލްޓޯ ޔުނިވާސިޓީގެ އިންޖިނިއަރުން މި މައްސަލަ ހައްލުކުރީ ގާތްގަނޑަކަށް 7.2 ސެންޓިމީޓަރުގެ ފުޅާމިނުގެ ދެ ލޫޕް އެންޓެނާ އެކުލެވޭ ނިޒާމެއް ބޭނުންކޮށްގެންނެވެ. ކުދިކުދި ބަދަލުތަކެއްގެ އެހީގައި މީގެ ރޭޑިއޭޝަން ރެސިސްޓެންސް ކުޑަކޮށް، ޗާޖުކުރާ ސަރަހައްދުގެ އެފިޝަންސީ ބޮޑުކޮށްފައިވެއެވެ.

މި ކުރިއެރުން މި ދާއިރާގައި މުހިންމުވާ ސަބަބަކީ މީގެން ޕަވަރ ޓްރާންސްފާކުރުމާއި ރޭޑިއޭޝަން ލޮސް ވެސް ބަލަހައްޓާކަމެވެ. މިއީ ވައިލެސްކޮށް ޗާޖުކުރުމުގެ ޓެކްނޮލޮޖީކުރިއެރުމަށް ވަރަށް މުހިންމު ދެބަޔެވެ. މި ކަމުގެ ސަބަބުން އެކިއެކި ޑިވައިސްތައް ވެސް ޗާޖުކުރާ ޕެޑަކާއި ނުލާ ޗާޖުކުރެވޭ ވަސީލަތެއް އުޗެއްދުމުގެ މަގު ތަނަވަސް ވެގެން ދެއެވެ.

މި ދިރާސާގެ ބޭނުމަކީ ހަމައެކަނި ސްމާޓްފޯނުތަކަށް ވައިލެސް ޗާޖިން އޮޕްޓިމައިޒް ކުރުމެއްނޫނެވެ. މިކަމުގެ ސަބަބުން ބެޓެރީ ކެޕޭސިޓީ ކުޑަ ބަޔޯމެޑިކަލް އިމްޕްލާންޓްތަކާއި މިފަދަ އެހެނިހެން ބޭނުންތަކަށްވެސް މި ޓެކުނޮލޮޖީ މުސްތަޤުބަލުގައި ބޭނުންކުރެވިގެން ދާނެއެވެ. އަދި މުސްތަޤުބަލުގައި އެކިއެކި ޑިވައިސްތައް އަމިއްލަޔަށް ވަޔަލެސްކޮށް ޗާޖުކުރެވޭ ނިޒާމެއް އުފެދިގެން ދާނެއެވެ.

މިއީ މިކަމާ މެދު ދިރާސާކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ޑިސްނީއިންވަނީ ދަގަނޑުން ހަދާފައިވާ ކޮޓަރިއެއްގައި ވައިލެސްކޮށް ޗާޖުކުރެވޭ ނިޒާމެއް ދައްކާފައެވެ. އަދި ޒިއޯމީގެ މީ އެއާ ޗާޖް ޓެކްނޮލޮޖީއިންވެސް މިކަހަލަ ޤީބިލުކަންތަކެއްވެސް ވަނީ ދައްކައިދީފައެވެ. ނަމަވެސް އަލްޓޯ ޔުނިވާސިޓީގެ މި އީޖާދީއިން ވަނީ މި ޓެކްނޮލޮޖީ މާ ވަރުގަދަކޮށް ފުޅާދާއިރާއެއްގައި ބޭނުންކުރެވުމުގެ މަގު ތަނަވަސްކޮށްފައެވެ.

މި ދިރާސާގެ ހޯދުންތައް ފިޒިކަލް ރިވިއުގައި ޗާޕުކޮށްފައިވެއެވެ. މިއީ މި ޔުނިވަރސިޓީއިން މިދާއިރާއިން ދިރާސާކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެޔުނިވަރސިޓީއިން ވަނީ އޯމްނިޑައިރެކްޝަނަލް ވައިލެސް ޗާޖިން ސިސްޓަމަކާ ބެހޭގޮތުންވެސް ދިރާސާކޮށްފައެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.