ދެކުނު ކެލިފޯނިއާގެ ސޯލާ އެނާޖީ ސްޓޯރޭޖް ފެސިލިޓީއަކުން، ދުވަސްވެ ޗާޖް ހަރުނުލާ އިލެކްޓްރިކް ވެހިކަލް (އީވީ) ބެޓެރީތައް އަލުން ބޭނުން ކުރެވޭގޮތް ހަދައިފިއެވެ.
ސެންޓާ ބާބަރާގެ އިރު އުތުރުން ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮންނަ ނިއު ކުޔާމާގެ މި ފެސިލިޓީގައި 1.5 މެގަވޮޓްގެ ސޯލާ ޕަވާ ޖެނެރޭޝަން އެއްކޮށް، އަލުން ބޭނުންކުރާ އީވީ ބެޓެރީތަކުން 12 މެގަވޮޓްގެ ހަކަތަ ރައްކާކުރެ އެވެ.
އަލުން ބޭނުންކުރެވޭތް ހަދާފައިވާ ބެޓްރީތައް ޓެސްޓް ކުރުމުގެ ގޮތުން ހޮންޑާ ކްލެރިޓީ އާއި ނިސާން ލީފް ވެހިކަލްތަކުގައި ވަނީ ބޭނުންކޮށްފައެވެ.
އަލަށް މިހޯދި ހޯދުމުގެ ސަބަބުން ބެޓެރީތައް ރީސައިކަލް ކުރުމުގެ ބަދަލުގައި ބީޓޫޔޫގެ ޓެކްނޮލޮޖީގެ އެހީގައި ބެޓްރީތައް އަލުން ބޭނުން ކުރެވޭގޮތް ހެދެއެވެ. މިކަމުގެ ސަބަބުން ބެޓެރީތަކުގެ އުމުރު ދިގުވެ، އާ ބެޓެރީތައް އުފެއްދުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެން ދެއެވެ.
ކިއުޔާމާ ފެސިލިޓީއަކީ އީވީ ބެޓެރީ ބޭނުންކޮށްގެން ބީޓޫޔޫއިން ކުރިއަށް ގެންދާ ދެވަނަ ސޯލާ ސްޓޯރޭޖް ހައިބްރިޑް ޕްރޮޖެކްޓެވެ. ލޮސް އެންޖެލިސް ކައިރީގައި ހުންނަ އެ މީހުންގެ ފުރަތަމަ ފެސިލިޓީގައި ގާތްގަނޑަކަށް 9،500 ގެއަށް ކަރަންޓު ދެވޭ ވަރަށް ސްޓޯރޭޖް ކެޕޭސިޓީ ލިބެ އެވެ. ބީޓޫޔޫގެ ސީއީއޯ ފްރީމަން ހޯލް ވިދާޅުވީ މި ޕްރޮޖެކްޓްތަކުން ދައްކުވައިދެނީ ރިސައިކަލް ކުރުމުގެ ކުރިން އީވީ ބެޓެރީތަކަށް ދެވަނަ ފަހަރަށް ބޭނުންކުމުން ލިބޭ ފީސިބިލިޓީ އާއި ފައިދާ ކަމަށެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މުސްކުޅި އީވީ ބެޓެރީ ޕެކްތަކުގެ ތެރެއިން ގާތްގަނޑަކަށް 70-80 ޕަސެންޓް ބެޓެރީ ޕެކްތަކުގައި ގްރިޑް ސްޓޯރޭޖްގައި އަލުން ބޭނުން ކުރެވޭ ވަރަށް ކެޕޭސިޓީ ހިފަހައްޓައެވެ.
ޔޫނިއަން އޮފް ކޮންސަރންޑް ސައިންޓިސްޓުންގެ މާރިއާ ޝާވޭޒް ވިދާޅުވީ ސޯލާ އަދި ވިންޑް ޕަވަރ ރައްކާކުރުމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމުގެ ފުރުޞަތު ވަރަށް ބޮޑުވެގެންދާނެ ކަމަށެވެ.
ބީޓޫޔޫ އިން ބުނާ ގޮތުގައި އެ ކުންފުނީގެ ޕްރޮޕަރައިޓަރީ ސޮފްޓްވެއާގެ ސަބަބުން އެކި ކާރު އުފައްދާ ކުންފުނިތަކުގެ ބެޓެރީތައް ޝެއާޑް ސިސްޓަމަކަށް ފަސޭހައިން އިންޓަގްރޭޓް ކުރެވޭނެ އެވެ.
އެ ކުންފުނިން އިތުރަށް ކުރިއެރުން ހޯދަން ނިންމާފައިވާއިރު، ފުޅާ ދާއިރާއެއްގައި ބެޓްރީ އެޑޮޕްޓް ކުރުމުން ބެޓެރީވެލިއު އިތުރުކޮށްގެން އިލެކްޓްރިކް ވެހިކަލްތައް އަގުހެޔޮކުރެވޭނެ އެވެ. ނަމަވެސް އިންޑަސްޓްރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި ގްރިޑް ސްޓޯރޭޖަށް ދާނީ ރިޓަޔާޑް އީވީ ބެޓެރީތަކުގެ ތެރެއިން އެންމެ ހަ ޕަސެންޓެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.