އޯޕަން އޭއައިއިން އެކުންފުނީގެ އައު ޓެކްސް-ޓު-ވީޑިއޯ ޖެނެރެޓިވް އޭއައި މޮޑެލް ސޯރާ، އިއްޔެ ވަނީ ދައްކާލާފައެވެ. ސޯރާ އަކީ ޓެކްސްޓް ޕްރޮމްޓެއް ދިނުމުން އަސްލާއި އެއްގޮތް ހިޔާލީ މަންޒަރުތަކެއް ހިމެނޭ 1 މިނެޓްގެ ވީޑިއޯ އުފައްދުމުގެ ގާބިލްކަން ހުރި އޭއައި މޮޑެލެކެވެ.
އޯޕަން އޭއައިއިން ހާމަކޮށްފައިވާ ގޮތުގައި މިމޮޑެލް އުފެއްދުމުގައި ވީޑިއޯގެ ކޮލިޓީ ރަނގަޅު ކުރުމަށާއި މޮޑެލްއަށް ދެވޭ ޕްރޮމްޓާއި ވީހާވެސް ބޮޑަކަށް އެއްގޮތް ވީޑިއޯތައް އުފެއްދުމަށް ވާނީ ވިސްނާފައެވެ.
ސޯރާ މޮޑެލްއިން ގިނަ ކެރެކްޓަރ ތަކެއް ހިމެނޭ، އެކި ވައްތަރުގެ ހަރާކާތްތަކެއް ދައްކުވައިދޭ އަދި ވީޑިއޯގެ ބެކްގްރައުންޑާއި އެހެނިހެން ތަފްސީލްތައް ހިމެނޭ، ޕްރޮމްޓާއި އެއްގޮތް ކޮމްޕްލެކްސް ވީޑިއޯ ޖެނެރޭޓް ކުރެވޭނެއެވެ. މިމޮޑެލްއަށް ޕްރޮމްޓްގައި ޔޫސަރުން އެދޭ ކަންތައްތަކާއި ގުޅޭ އަސްލު ފިޒިކަލް ދުނިޔޭގައި ހިމެނޭ ކަންތައްތައް ދެނެގަތުމުގެ ގާބިލްކަން ހުންނާނެ ކަމަށް އޯޕަން އޭއައިއިން ހާމަކުރެއެވެ.
މިމޮޑެލްއަށް ދެވޭ ޕްރޮމްޓްތަކުން ފެންވަރު ރަނގަޅު ވީޑިއޯ ޖެނެރޭޓް ކުރުމަށްޓަކައި މޮޑެލްގައި ބަސްތައް ފަހުމްވެ ދެނެގަތުމުގެ ބާރު އިތުރަށް ރަނގަޅު ވާނެކަމަށްވެއެވެ. މީގެ ސަބަބުން ވީޑިއޯތަކުގައި ހިމެނޭ ކެރެކްޓަރުންނާއި، އޭގެން ފެންނަ އިމޯޝަންތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެއެވެ. އަދި ސޯރާއަށް އެއް ވީޑިއޯގެ ތެރެއިން އެތަށް ކެރެކްޓަރތަކަކާއި، އެތަށް ވިޝުއަލް ސްޓައިލްތަކެއް ވެސް ދައްކާލުމުގެ ގާބިލްކަން ހުންނާނެ ކަމަށްވެއެވެ.
އޯޕަން އޭއައިއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެކުންފުނިން ދަނީ "ރެޑް ޓީމް"އެއް އެކުލަވާލާ މިމޮޑެލްގައި ގެއްލުން ދެނިވި ނުވަތަ ނުރައްކާތެރި ކަންތައްތަކެއް ހިމެނޭތޯ ބަލަން ޓެސްޓްކުރަން ފަށާފައެވެ. ރެޑް ޓީމަކީ އާންމުކޮށް ކުންފުނިތަކުގެ ސެކިއުރިޓީ ޑިފެންސްތައް ހުރި ފެންވަރު ވަޒަންކުރަން އެކުލަވާލާ ގްރޫޕްތަކަށް ކިޔާ ނަމެކެވެ. އޯޕަން އޭއައި އިން އެކުލަވާލާފައިވާ ރެޑް ޓީމުގައި ދޮގު މައުލޫމާތާއި ވަކި ފަރާތަކަށް ޖެހިފައިވާ އަދި ނަފްރަތު އުފައްދާ ފަދަ ކޮންޓެންޓް ދެނެގަތުމުގެ ގާބިލްކަން ހުރި، ޑޮމެއިން ތަޖުރިބާކާރުން ހިމެނޭނެ ކަމަށް އޯޕަން އޭއައިން ބުނެއެވެ.
މީގެ އިތުރުން އޯޕަންއޭއައި ބުނާގޮތުގައި ސޯރާ އިތުރަށް ތަރައްގީކޮށް ޓެސްޓު ކުރުމުގެ މަރުހަލާތަކުގައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އެކެޑެމިކް ފަރާތްތަކާއި މިހާރު އެނިމޭޓެޑް ވީޑިއޯ އުފައްދާ ކްރިއޭޓިވް ފަންނާނުންނާއި ޑިޒައިނަރުންނާއި ވިޝުއަލް އާޓިސްޓުންނާއި ގުޅިގެން، އެމީހުންގެ ކަންބޮޑުވުންތައް ދެނެގަނެ ފީޑްބެކް ހޯދުމުގެ މަސައްކަތް ކުރާނެއެވެ. އޯޕަން އޭއައިއިން ކުންފުނިން ބޭރުގެ ފަރާތްތަކަށް މިމޮޑެލްއާއި އެއާއި ގުޅޭ ދިރާސާތައް ހިއްސާކުރަނީ އާންމުންނަށް އޭއައިގެ ޤާބިލުކަން ވީހާވެސް އަވަހަކަށް ދައްކާލުމުގެ ގޮތުންކަމަށް އެކުންފުނިން ބުނެއެވެ.
އޯޕަން އޭއައިއިން ބުނާ ގޮތުގައި ސޯރާގައި ހިމެނޭ ޔޫސޭޖް ޕޮލިސީގެ ސަބަބުން އޭގެ ރައްކާތެރިކަން އިތުރުކޮށް ދޭނެއެވެ. އޭގެން އަނިޔާވެރި ނުވަތަ ނަފްރަތު އުފެދޭ ތަސްވީރުތަކާއި، ޖިންސީ ކޮންޓެންޓާއި، މަޝްހޫރު ފަރާތްތަކާއި ވައްތަރު ވީޑިއޯ އުފެއްދުމުން ރައްކާތެރިކަން ލިބޭނެއެވެ. އަދި މީހުންގެ ފިކުރީ މުދަލުގެ ރައްކާތެރިކަންވެސް އިތުރުކުރެވޭނެއެވެ. މީގެން ޖެނެރޭޓް ކުރާ ވީޑިއޯތައް އެގޭނެ ވޯޓަރމާކެއްވެސް ހިމަނާފައިވާނެކަމަށް ކުންފުނިން ހާމަކުރެއެވެ.
އޯޕަން އޭއައިއިން މިކަން އިއުލާންކޮށް ރިލީޒްކުރި ސްޓޭޓްމަންޓާއި އެކު ސޯރާއިން ޖެނެރޭޓްކޮށްފައިވާ ވަރަށް ގިނަ ސާމްޕަލް ވީޑިއޯތަކެއް ވަނީ އޯޕަން އޭައިގެ ވެބްސައިޓުގައި ހިމަނާފައެވެ. މިވީޑއޯތަކުން ފެންނަނީ ވަރަށް ފެންވަރު ރަނގަޅު އަސްލާއި އެއްގޮތް އަދި ދެވިފައިވާ ޕްރޮމްޓްތަކާއި ސީދާ ދިމާވާ މަންޒަރުތަކެކެވެ.
މިމޮޑެލްގައި ހިމެނޭ ބައެއް ނެގަޓިވް ކަންތައްތަކެއްވެސް އޯޕަންއޭއައިން ވަނީ ހާމަކޮށްފައެވެ. ކޮމްޕްލެކްސް ސީންތަކުގައި އެއް އެކްޝަނުގެ ސަބަބުން އަންނަން ޖެހޭ ބަދަލު އަނެއް އެކްޝަނުގައި ނުފެންނަކަން ފާހަގަކޮށްފައި ވެއެވެ. މިސާލަކަށް މީހަކު އެއްޗެއް ކާ މަންޒަރުގައި އެއް ޝޮޓުގައި ކައިފައިވާ ބައި އަނެއް ޝޮޓުގައި ރަނގަޅަށް ނުފެނުން ފަދަ ކަންތަކެވެ. އަދި މިމޮޑެލްއަށް ބައެއް ފަހަރަށް ސްޕޭޝަލް ތަފްސީލުތައް އޮޅޭކަމަށްވެސް ހާމަކޮށްފައިވެއެވެ. މީގެތެރޭގައި ކަނާތާއި ވާތް އޮޅުމާއި، އަދި ކެމެރާގެ މޫވްމަންޓް ހުންނަންވީ މަގުފަދަ ކަންތައްތައް ހިމެނެއެވެ. މިފަދަ މިސާލުތަކެއް ހިމެނޭ ވީޑިއޯތަކެއްވެސް އޯޕަންއޭއައިއިން ވަނީ ރިލީޒްކޮށްފައެވެ.
މިޓޫލް ރިލީޒްކުރުމާއެކު އޯޕަން އޭއައިގެ ސީއީއޯ ސޭމް އޯލަޓްމަން ވަނީ ސޯރާގެ ހުރި ގާބިލްކަން ދައްކާލުމަށް އެކްސް ޔޫސަރުންނަށް އޭނާ ކޮށްފައިވާ ޓްވީޓުގެ ރިޕްލައިއަށް ވީޑިއޯގެ ކެޕްޝަން ފޮނުވުމަށް އެދި ދައުވަތު ދީ ޓްވީޓެއްކޮށްފައެވެ. ބައެއް ފަރާތްތަކުން އެކި ޕްރޮމްޓްތައް ލިޔެ އޭނާގެ ޓްވީޓަށް ދަނީ ޖަވާބު ދެމުންނެވެ. އޭނާ އަންނަނީ މީގެ ތެރެއިން ބައެއް ޕްރޮމްޓްތަކަށް ވީޑިއޯ ޖެނެރޭޓްކޮށް ހިއްސާކުރަމުންނެވެ.
މީގެ ކުރިން ފެނިފައިވާ އޭއައި ޖެނެރޭޓެޑް ވީޑިއޯގެ ކޮލިޓީ ހުރީ ވަރަށް ދަށްކޮންނެވެ. މަޝްހޫރު ފިލްމް ސްޓަރ ވިލް ސްމިތް ސްޕަގެޓީ ކާ ވީޑިއޯ އެއީ އޭގެ މިސާލެކެވެ.
އޭރު ގިނަބަޔަކަށް ހީކުރެވުނީ އަވަސް މުސްތަގްބަލެއްގައި ކޮލިޓީ ރަނގަޅު ވީޑިއޯއެއް އޭއައި މެދުވެރިކޮށް ޖެނެރޭޓް ނުކުރެވޭނެކަމަށެވެ. އެހެން ނަމަވެސް އޭގެ އަހަރެއްހާ ދުވަސް ފަހުން މިހާރު ފެނިގެން މިދިޔަ ވީޑިއޯ ތަކުން މިކަން ދޮގުވެއްޖެއެވެ. އޭރާއި އަޅާބަލާފައި މިހާރު މިފެނުނީ ވަރަށް ތަފާތު ހައި ކޮލިޓީ ވީޑިއޯތަކެކެވެ.
ބައެއް ހަބަރުތަކުގައި މިހާ އަވަހަށް ވެސް މިޓޫލްއާއި ގުޅިގެން ހޮލީވުޑްގެ އެނިމޭޓެޑް ފިލްމު އުފައްދާ ޕްރޮފެޝަނަލް ފަރާތްތަކުގެ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރެއެވެ. މީގެ ސަބަބުން އެފަދަ ކްރިއޭޓިވް ވީޑިއޯ ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އެންޓަރޓެއިންމަންޓް އިންޑަސްޓްރީގެ ވަޒީތަކަށް ކުރާނެ އަސަރު ބޮޑުވާނެކަމަށް ލަފާކުރެއެވެ.
އެމެރިކާގެ އެނިމޭޝަން ގިލްޑްއިން ކޮމިޝަންކޮށްފައިވާ ރިސަރޗެއްގެ ދިރާސާ ރިޕޯޓްގައި ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ ފިލްމް އަދި އެނިމޭޝަން ވަޒީފާތަކުގެ %21.4 ވަޒީފާ މުޅިން އެކީގައި ނުވަތަ ކޮންމެވެސް މިންވަރަކަށް، އޭއައިއިން ރިޕްލޭސް ކުރާނެއެވެ.
ވިސްނާލައިފިނަމަ ފެނިގެން މިދިޔަ ޓެކްނޮލޮޖީއަކީ ވަރަށް އިމްޕްރެސިވް އަދި ހަމައެއާއެކު ވަރަށް ކަންބޮޑުވުންތަކެއް ހިމެނޭ ޓެކްނޮލޮޖީއެކެވެ. ބައެއް ފަރާތްތަކުގެ ވަޒީފާއަށް އަސަރުކުރާނެކަން ޔަގީން ވިނަމަވެސް، އެހެން ބަޔަކަށް ވަރަށް ބޮޑުތަނުން ހަރަދު ކުޑަ ކުރެވިދާނެ ފުރުސަތުތަކެއްވެސް މީގައި ހިމެނެއެވެ.
ކޮންމެއަކަސް މިހާރު މިފެނިގެން ދިޔައީ މިޓެކްނޮލޮޖީގެ އެންމެ ފުރަތަމަ މަރުހަލާއެވެ. ކުރިއަށް އޮތީ މިޓޫލް ކުރިއެރުމާއި ތަރައްގީވެގެން ދިޔުމެވެ. މިހާރުގެ ވީޑިއޯތަކުން ހަމަނުޖެހޭ އަދި އަންރިއަލިސްޓިކް ގޮތްތަކެއް ފެނުނު ނަމަވެސް ވިސްނާލައިފިނަމަ ދެން ވާނީ އިތުރަށް ރަނގަޅެވެ. އާންމު ބޭނުމަށް އަދި މި ޓޫލް ރިލީޒްއެއް ނުކުރެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް