ސްމާޓް ފޯނުތަކުން ކުރެވޭ ބައެއް މޮޅުކަންތައް

އަޝްނާ ރަޝީދު 20 ޖޫން 2024

ސްމާޓްފޯނަކީ ހަމައެކަނި މުވާސަލާތީ ނިޒާމެއްނޫނެވެ. މިއަދު އަޅުގަނޑުމެންގެ ސްމާޓްފޯނު ބޭނުންކޮށްގެން އެތައް ބައިވަރުކަމެއް ކުރެވެއެވެ. އިންޓަނެޓް ބްރައުޒުކިރުމުން ފެށިގެން ގޭމް ކުޅުން ފަދަކަންކަމަކީ މިޒަމާނުގައި ފޯނުން އާންމުގޮތެއްގައި މީހުންކުރާ ބައެއް ބޭނުންތަކެކެވެ. މިހާރުގެ ސްމާޓްފޯނުތަކަކީ އަޅުގަނޑުމެންގެ ޖީބަށް ލެވޭވަރުގެ ވަރުގަދަ ކޮމްޕިއުޓަރުތަކެކެވެ. އެކަމަކު އަޅުގަނޑުމެންނަށް ސްމާޓްްފޯނުތަކުގެ ޤާބިލުކަމާމެދު ހޭލުންތެރިވެފައިވަނީ ކިހާވަރަކަށް ހެއްޔެވެ؟ ސްމާޓްފޯނުންކުރެވޭ، އެކަމަކު ގިނަބަޔަކަށް އަޅައިނުގަންނާނެ ފަދަ ބައެއް މޮޅު ކަންތައްތައް ބައްލަވާލަމާ ހިނގާށެވެ.

މިނުން

މިޒަމާނުގައި އެކި ފާޑުފާޑުގެ މިނުންތައް މިނާކަށް ވަކިން ހާއްސަ އުކުޅުތަކެއް ބޭނުމެއް ނުވެއެވެ. މިހާރު، ފޯނު ބޭނުންކޮށްގެން މިނޭނެވެ. އެއްޗެއްގެ ދިގުމިން ނުވަތަ ފުޅާމިން ބައްލަވަން ބޭނުންވޭތޯ؟ މިހާރު އެންޑްރޮއިޑާއި އައިއޯއެސްގައި ހުންނަ "މެޝޭރ" އެޕް މެދުވެރިކޮށް މިނޭނެވެ. އޭއަރު ޓެކްނޮލަޖީގެ އެހީގައި މީގެން އެއްޗެއްގެ މިންތައް ނެގޭނެއެވެ.

ރިމޯޓެއްގޮތައް ބޭނުންކުރުން

ގޭގައި އަބަދު ރިމޯޓު ގެއްލިގެން އުނދަގޫވޭތޯ؟ މިހާރު ފޯނަށް ޔުނިވާރސަލް ރިމޯޓް އެޕެއް އަޅުއްވާލާފައި ފޯނު ރިމޯޓެއްގެ ގޮތައް ބޭނުންކުރެވިދާނެއެވެ. އިންފްރާ ރެޑް ބްލާސްޓަރއެއް އިންނަ ކޮންމެ ފޯނަކުންވެސް ޓީވީ، އޭސީ، ސްޕޯކަރު އަދި މިނޫންވެސް ރިމޯޓު ބޭނުންކުރާ ޑިވައިސްތައް ފޯނުން ވަކިނަ ހާއްސަ އެޕުތަކެއް ޑައުންލޯޑުކޮށްލުމުން ކޮންޓްރޯލުކޮށްލެވޭނެއެވެ. މީގެ އިތުރުން، ބައެއް ޑިވައިސްތަކުން ވައިފައި އަދި ބްލޫޓޫތުންވެސް ފޯނުން ކޮންޓްރޯލުކުރެވިދާނެއެވެ.

ގޭތެރޭގެ އޮޓަމޭޝަން ކޮންޓްރޯލުކުރުން

މިހާރު ގިނަ ސެމްސަންގ އަދި އެޕަލްގެ ސްމާޓްފޯނުތަކުން ގޭތެރޭގައި 'ހޯމް އޮޓަމޭޝަންއަށް' ބޭނުންކުރާ ތަކެތި ކޮންޓްރޯލުކުރެވޭނެއެވެ. މިގޮތުން، ސެމްސަންގ ގެ ސްމާޓް ތިންގްސް އަދި އެޕަލްގެ ހޯމް އެޕްއުން އެއާއި ގުޅޭ ހުރިހާ ޑިވައިސްތަކެއް އެއްތާކުން ކޮންޓްރޯލުކުރެވެއެވެ. މިގޮތުން ސެކިއުރިޓީ، ލައިޓީންގް އަދި ކްލައިމެޓް ފަދަ ކަންތައްތައް އެއްތާކުން ކޮންޓްރޯލުކުރެވޭނެއެވެ. މީގެ އެިތުރުން، ވަކި ގަޑިތަކަށް ހާއްސަ ރޫޓީންތަކެއްވެސް ފޯނުން ސެޓުކުރެވިދާނެއެވެ. މި ފަދަ ފީޗަރުތައް އެހެން ސްމާޓްފޯނުތައް ބޭނުންކުރާ ފަރާތްތަކުންނަށްވެސް އެއާއި ގުޅުންހުރި އެޕާއި ހާޑްވެއާ ހޯދުމުން ބޭނުންކުރެވިދާނެއެވެ.

ކަމެއްދިމާވުމުން އެސްއޯއެސް ފޮނުވުން


ކަމެއްދިމާވުމުން ބައެއްފަހަރާ އެހީ ހޯދުމަށް ގުޅަން އުނދަގޫ ވެދާނެއެވެ. މިޒަމާނުގެ ސްމާޓްފޯނުތަކުން ވަނީ މި ކަންކްންވެސް ފަސޭހަކޮށްފައެވެ. މިހާރު ފޯނު ނުހުޅުވާ ވެސް އެމާޖަންސީ އެސްއޯއެސް ފޮނުވިދާނެއެވެ.

މީގެއިތުރުން، ފަހުގެ އައިފޯނު އަދި ބައެއް ސެމްސަންގ ފޯނުތަކުން ވައިފައި އަދި މޮބައިލް ނެޓްވޭކް ނުލިބޭ ހިސާބުތަކުގައި ސެޓަލައިޓް މެދުވެރިކޮށްވެސް އެސްއޯއެސް ސިގަންލް ފޮނުވިދާނެއެވެ. މި ފީޗަރުގެ ސަބަބުން ފާއިތުވި އަހަރުގެ ތެރޭގައި ފުރާނައަށް ނުރައްކާތެރި ކާރު އެކްސިޑަންޓުތަކުގައި ވެފައިވާ މީހުން ސަލާމަތްކޮށްފައިވެއެވެ.


މިޒަމާނުގެ ސްމާޓްފޯނުން މިއަށްވުރެވެސް ގިނަތައްތައް ކުރެވިދާނެއެވެ. މިޔަކީ މިޒަމާނުގެ ސްމާޓްފޯނުތަކުގެ ޤާބިލިއްޔަރުގެ ކުޑަ މިސާލެކެވެ. އަދި މުސްތަޤުބަލުގައި މިޔަށްވުރެވެސް ގިނަކަންތައްތައް ފޯނުން ކުރެވުން އެކަށީގެންވެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.