އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ބިމަށް ތިރިކޮށް ނައްތާލުމުގެ ހުއްދަ ނާސާއިން އީލޮން މަސްކްގެ ސްޕޭސް އެކްސް އަށް ދީފިއެވެ.
ސްޕޭސް ސްޓޭޝަނަކީ 2000 ވަނަ އަހަރުން ފެށިގެން އެސްޓްރޮނޯޓުން ދުނިޔެއާ އެތައްސަތޭކަ ފޫޓް މަތީގައި 3،300 އަށް ވުރެ ގިނަ ސައިންޓިފިކް އެކްސްޕެރިމެންޓްތައް ކުރަމުން އަންނަ ސްޓޭޝަނެކެވެ.
ނަމަވެސް އައިއެސްއެސް ހިންގާ ގައުމުތަކުން އެއްބަސްވީ އެންމެ ފަހުން 2030 ވަނަ އަހަރާ ހަމައަށް އެތަން ހިންގުން ނިމުމަކަށް ގެނައުމަށެވެ.
1998 ވަނަ އަހަރުން ފެށިގެން އެމެރިކާ، ރަޝިއާ، ޖަޕާން، ޔޫރަޕް އަދި ކެނެޑާއިން ވަނީ އައިއެސްއެސްގެ އެކި ބައިތައް ބަލަހައްޓައިފައެވެ. ސްޕޭސް ސްޓޭޝަން ގުޅިގެން ހިންގުމުގެ އެއްބަސްވުންތަކަކީ ފިނި ހަނގުރާމައަށްފަހު ދުނިޔޭގެ އެއްބާރުލުން އެއްކަމަކަށް އެންމެ ބޮޑަށް ލިބުނު އެންމެބޮޑު ޕްރޮޖެކްޓެވެ.
އެކަމަކު އެ އެއްބަސްވުންތައް މަޑުމަޑުން ނިމުމަކަށް ގެނެސް ސްޕޭސް ސްޓޭޝަން އޯބިޓުން ނެރެން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް އެލޮން މަސްކްގެ ސްޕޭސް އެކްސް އަށް 843 މިލިއަން ޑޮލަރު (666.4 މިލިއަން ޕައުންޑް) ގެ ކޮންޓްރެކްޓެއް ދީފައިވާ ކަމަށް ނަސާއިން ބުނެއެވެ.
ޖައްވީ ސްޓޭޝަން ހަލާކުވެ ދާނެ، އޭގެ ކުރިން އޭތި ޖައްވުގެ ތެރެއިން ޓޯ ކުރަން ޖެހޭނެ، އެކަމަށްޓަކައި އެ ކުންފުނިން ވެހިކަލެއް ހަދާނެ ކަމަށް ނާސާ އިން ބުންޏެވެ.
ނާސާއިން ބުނީ އެއަށްފަހު ސްޕޭސް އެކްސް ވެހިކަލާއެކު އާބާދީ ބޮޑު ސަރަހައްދުތަކާ ދުރުގައި މޫދަށް ތިރިކުރާނެ ކަމަށެވެ.
ނާސާގެ ސްޕޭސް އޮޕަރޭޝަންސް މިޝަން ޑައިރެކްޓްރޭޓްގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު ކޭން ބޮވާސޮކްސް ވިދާޅުވި ގޮތުގައި އޯބިޓަލް ލެބޯޓްރީއަކީ އެންމެންގެ ފައިދާއަށް ޓަކައި ޖައްވުގައި އޮންނަ ސައިންސާއި އެކްސްޕްލޮރޭޝަން އަދި ޕާޓްނާޝިޕްގެ ވަރަށް މުހިންމު މަރުކަޒެއް ކަމަށެވެ.
ސްޕޭސް އެކްސް އިން ޑިއޯބިޓް ޖައްވީ އުޅަނދު އުފައްދަން ނިންމާފައިވާއިރު، އެއުޅަނދު އުފެއްދުމަށް ފަހު ނާސާ އިން އޭގެ މިލްކުވެރިކަން ނަގައި، އެ ޖައްވީ މިޝަންގައި އޮޕަރޭޓް ކުރާނެއެވެ.
ނާސާއިން ބުނީ އައިއެސްއެސް ބިމަށް ތިރިކުރިނަމަވެސް ޖައްވީ ސްޓޭޝަންތައް ޖައްވުން ހުސްނުވާނެކަމަށެވެ.
އެގޮތުން ސްޕޭސް އެކްސްގެ އިތުރުން އެކްސިއޯމް، ބްލޫ އޮރިޖިން އަދި ވާސްޓް ފަދަ ޕްރައިވެޓް ކުންފުނިތަކުން އަންނަނީ އަންނަ އަހަރުގެ ތެރޭގައި ލޯންޗް ކުރެވޭނެ ކޮމާޝަލް ސްޕޭސް ސްޓޭޝަންތައް ތަރައްގީ ކުރަމުންނެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނި ގޮތުގައި އައިއެސްއެސްގެ އެކި ޖައްވީ އިދާރާތައް ހިންގުމަށް 100 ބިލިއަން ޔޫރޯ (84.6 ބިލިއަން ޕައުންޑް) ހަރަދުކުރެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.