ސެމްސަންގ ފޯނުން ވަގުތުން ފޯނުކޯލު ޓްރާންސްލޭޓު ކުރެވޭ

އަޝްނާ ރަޝީދު 04 ޖުލައި 2024

ސެމްސަންގެ އެންމެފަހުގެ އަޕްޑޭޓަށްފަހު ކުރާފޯނުކޯލުތައް ވަގުތުން ތަރުޖަމާކުރެވެއެވެ. އާޓިފިޝަލް އިންޓެލިޖަންސް މެދުވެރިކޮށް ފޯރުކޮށްދޭ މިހިދުމަތް މިހާރު ސެމްސަންގެ S22 ،S23 ،S24، ސީރީސްފޯނުތަކުންނާއި، ZFold5 ،ZFold4 ،ZFlip5 ،ZFlip4، އަދި ބައެއް ސެމްސަންގ ޓެބުތަކުން ލިބިގެން ދެއެވެ. މި އައު ޙިދުމަރުގެ ސަބަބުން އެކި ޤައުމުތަކުގެ މީހުން މުޢާމަލާތުކުރުމަށް ފަސޭހަވެ، ތަފާތު ބަސްތަކުގެ މީހުން މުޢާމަލާތުކުރުމުން ދިމާވާ ދަތިތައް ފިލުވާލަދެއެވެ.

މިވަގުތު އެ އޭއައިއަށް ތަރުޖަމާކުރެވެނީ ހަމައެކަނި މަދު އަދަދެއްގެ ބަސްބަހެވެ. މިގޮތުން ފަރަންސޭސިބަހާއި، އެިނގިރޭސިބަހާއި، ޖަރުމަނުބަހާއި، ޕޯޗުގީސުބަހާއި، ސްޕެނިށުބަހާއި، އިޓަލީބަހާއި، ޗައިނީޒްބަހާއި، ހިންދީ، ޖަޕާނީސުބަހާއި، ކޮރެއާބަހާއި، ޕޮލިޝްބަހާއި، ތައިބަހާއި، އަދި ވިއެޓްނާމް ބަހުގެ ބާވަތްތައް މިވަގުތު މި އޭއައިއިން ސަޕޯޓް ކުށްދެއެވެ. ނަމަވެސް މި ބަސްބަހުގެ ތަރުޖަމާކުރުން ވަނީ ހަމައެކަނި ބައެއް ސަރަހައްދުރަކެއްގެ ބާވަތްތަކަށް އެކަންޔެވެ. މިގޮތުން 13 ބަހާއި 17 ސަރަހައްދު ސަޕޯޓުކޮށްފައިވާއިރު، މުސްތަޤުބަލުގައި އިތުރު ބަސްތައް ހިމަނާނެކަމަށް ސެމްސަންގުން ބުނެފައިވެއެވެ.

މިއައު ފީޗަރު ބޭނުންކުރަން ވަރަށް ފަސޭހައެވެ. މި ފީޗަރ ސަޕޯޓުކުރާ އެންމެފަހުގެ އަޕްޑޭޓުއަޅާފައި ހުންނަ ފޯނަކުން ވަރަށް ފަސޭހަކަމާއެކު ކޯލުތައް ތަރުޖަމާކުރެވޭ ގޮތް ހަމަޖެއްސޭނެވެ. ކޯލުތައް ތަރުޖަމާކުރެވޭގޮތް ހެދުމަށް ސެޓިންގް އިން މި ފީޗަރ ޖެއްސުމަށްޓަކައި އެޑްވާންސްޑް ފީޗާސްއިން، އެޑްވާންސްޑް އިންޓެލިޖަންސަށް ފުރަމަތަމަ ވަންނަން ޖެހޭނެވެ. ދެން ފޯނަށްގޮސް ލައިވް ޓްރާންސްލޭޓް އޮންކުރެވޭނެވެ. މިތަނުން އާންމުކޮށް ތަރުޖަމާކުރަން ބޭނުންވާ ބަސްބަހުގެ ފައިލްތައް ޑައުންލޯޑުކޮށް، ތަރުޖަމާކުރާ އަޑު ހިތްހަމަޖެހޭގޮތައް ބަދަލުކުރެވޭނެވެ. މި ގޮތުން ކުރެވެނީ މައިގަނޑު ދެ ބަދަލެކެވެ. އެއީ ތަރުޖަމާނީގެ އަޑުގެ ޖިންސު އިޙްތިޔާރުކުރުމާއި ބާރުމިން ބަދަލުކުރުމެވެ. މި ހިސާބުން މި ފީޗަރ ފޯނުކޯލުތަކުގައި ބޭނުންކުރެވިދާނެވެ.

މިހިސާބުން ކުރާ ކޯލުތަކުގައި ތަރުޖަމާ އޮންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކުރާ ކޯލުން 'ކޯލް އެސިސްޓަށް' ގޮސް 'ލައިވް ޓްރާންސްލޭޓު' އަށް ފިތަވާލުމުން ފޯނުން ދައްކާވާހަކަ ވަގުތުން ތަރުޖަމާކުރެވިގެންދާނެއެވެ. މި ގޮތުން ދެފަރާތުން ދައްކާ ބަސްތައް ފާހަގަކޮށްލުމުން އެ ދެކެވޭ ވާހަކައެއް ޓްރާންސްކްރައިބްވެ ތަރުޖަމާވެގެންދެއެވެ. އަދި އިޚްތިޔާރުކުރި ބަހުން ދެފަރާތައް ދެކެވޭ ވާހަކަ ވަގުތުން ތަރުޖަމާކުރަމުންދެއެވެ.

މި ފީޗަރ ޓެސްޓުކުރުމުން ނަތީޖާވަރަށް ފުރިހަމައެވެ. ވާހަކަ ދެކެވޭތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަނެއް ފަރާތައް ރަނގަޅަށް ތަރުޖަމާ ފޯރުކޮށްދެއެވެ. އަދި ބޭނުން ވެއްޖެނަމަ، ފޯނުން ވާހަކަ ދައްކާ ދެމީހުންގެ ބަދަލުގައި ހަމައެކަނި ދެކެވޭ ވާހަކައިގެ ތަރުޖަމާ އެކަނި އަޑުއިވޭގޮތްވެސް ހެދިދާނެއެވެ. މިކަމުގެ ސަބަބުން އާންމު ބަހަކާއި ނުލައިވެސް ފަސޭހަކަމާއެކު ދެ ފަރާތުން ފޯނުން މުއާމަލާތުކުރެވޭނެގޮތެއް ހުޅުވިގެންދެއެވެ.

ނަމަވެސް މި ފީޗަރ ޓެސްޓުކުރުމުން ބައެއް އުނިކަންތައް ފާހަގަކުރެވިފައިވެއެވެ. އަޑުގަދަ މާހައުލަކުން ކުރާ ކޯލުތަކުން ތަރުޖަމާކުރަން އުޅުމުން ބައެއް މައްސަލަތަކާއި ކުށްތައް ފާހަގަކުރެވިފައިވެއެވެ. އަދި ބައެއްފަހަރާ ދެކެވޭ ބަހުރުވައިގެ ސަބަބުން މި އޭއައިއަށް ބައެއްފަހަރާ ބުނެވޭ އެއްޗެ ފަހުމެއްނުވެއެވެ. ނަމަވެސް މިހާރު ހުރި މިންވަރުންވެސް މިއީ ވަރަށް އަޖައިބުވަނިވި އަދި މޮޅު އީޖާދެކެވެ.

މި ފީޗަރ މަސައްކަތްކުރަނީ ފޯނުގަައި އިންނަ އޭއައި އަކުންނެވެ. މިކަމުގެ ސަބަބުން ބަހުގެ ފައިލްތައް ޑައުންލޯޑުވެފައިވާ ނަމަ، އިންޓަނެޓާއި ނުލައިވެސް ފޯނު ސިގްނަލު ލިބޭހާ ހިނދު މި ފީޗަރު ބޭނުންކުރެވޭނެއެވެ. މިގޮތުން، މި ތަރުޖަމާ ހިނގަނީ ފޯނުގައިކަމަށްވާ ހިނދު، ފޯނުންދެކެވޭ ވާހަކަ ޕްރައިވެޓްކޮށް ރައްކާތެރިކޮށް ބެހެއްޓިފައިވެއެވެ. އަދި އޮންލައިންކޮށް ތަރުޖަމާކުރެވޭހާއިތަށްވުރެ އަވަހަށް ތަރުޖަމާކުރެވިގެންދެއެވެ.

މިއީ ސެމްސަންގުން އޭއައި މެދުވެރިކޮށް ނެރުނު ފުރަތަމަ ފީޗަރއެއް ނޫނެވެ. އަދި މިއީ އެފަރާތުން ނެރުނު ތަރުޖަމާކުރުމާއި ގުޅޭ ފީޗަރެއްވެސް ނޫނެވެ. މިގޮތުން، ކުރާ މެސެޖުތައް ތަރުޖަމާކުރުމާއި، މީހަކާއި ދިމާވުމުން ފޯނު ތަރުޖަމާނަކަށް ހެދޭ ފަދަ ފީޗަރތަކެއްވެސް ވަނީ ދާދިފަހުން ނެރެފައެވެ. މިފަދަ ފީޗަރތަކުގެ ސަބަބުން އެކި ފަރާތްތަކުންނަށްް މުއާމަލާތުކުރަން ފަސޭހަވެ، އަދި އިތުރަށްވެސް ދުނިޔެ ހުޅުވި، ފުރުސަތުތައް ގިނަވެގެންދެއެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.