ފޯނުގެ ފޮޓޯ ލައިބްރަރީ ސާފުކޮށް ޖާގަ ހުސްކުރާނެ ގޮތް

އައިމިނަތު މިންހާ 24 ޖުލައި 2024

ތިބާ ފޯނުގެ މެމޮރީއާ ބެހޭގޮތުން ނުރައްކާތެރި އިންޒާރުތަކެއް ލިބެމުންދޭތަ؟ މީހަކަށް ވަކި ފޮޓޯއެއް ދައްކާލަން ފޯނު ނަގާފައި، އެ ފޮޓޯ ހޯދުމަށް މިނެޓުތަކެއްވަންދެން ސްކްރޯލްކުރަން ޖެހިފައިވޭތަ؟ އަހަރުތަކެއް ވަންދެން ގިގަބައިޓްތަކެއްގެ ފޮޓޯ ޖަމާކޮށްފައިވާނަމަ، ފޮޓޯ ލައިބްރަރީ ހަރުދަނާކޮށް، ބޭނުމެއްނެތް އެޕްތަކާއި ފައިލްތައް ފޮހެލުމުން އެ ޖާގަ އަލުން ހޯދިދާނެއެވެ. އެހެންކަމުން، މިކަން ކުރުމަށްޓަކައި، ފޯނުގައި ކުރިން އިންސްޓޯލްކޮށްފައި ހުންނާނެ ހިލޭ ޓޫލްތައް ބޭނުންކޮށްގެން އެކަން ކުރާނެ ގޮތް މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.

އެންމެ ފުރަތަމަ ތިބާގެ ޑިވައިސްގައި ހުރި ޖާގަ އާއި އެ ޖާގަ ފުރިފައިވަނީ ކޮން އެއްޗަކުންކަން ބެލުމަށްފަހު ސާފުކުރުމުގެ މަސައްކަތް ފަށާށެވެ.

މިކަން ކުރުމަށް، ގިނަ އެންޑްރޮއިޑް ޑިވައިސްތަކުގައި، ސެޓިންގްސް އެޕް ހުޅުވައި، ސްޓޯރޭޖް އިޚްތިޔާރުކޮށްގެން ބޭނުންކުރެވެން ހުރި ޖާގަ ބެލޭނެއެވެ.

އަދި ސެމްސަންގް ގެލެކްސީ ޑިވައިސްއެއްގައި، ސެޓިންގްސް އެޕް ހުޅުވައި، ޑިވައިސް ކެއަރ ނުވަތަ ޑިވައިސް މެއިންޓެނަންސް އިޚްތިޔާރުކޮށް، ދެން ސްޓޯރޭޖް އަށް ފިތާލާށެވެ. ބައެއް ފޯނުތަކުގައި، ތިރިއަށް ސްކްރޯލްކޮށްގެން ސްޓޯރޭޖް ފެންނާނެއެވެ.

އެގޮތުން އައިފޯނެއްގައި ވެސް، ސެޓިންގްސް އެޕް ހުޅުވައި، ޖެނެރަލް އިޚްތިޔާރުކޮށް، ދެން އައިފޯން ސްޓޯރޭޖް އިޚްތިޔާރުކުރުމުން ފޯނުގައި ބާކީ ހުރި ޖާގަ ފެންނާނެއެވެ. އައިޕެޑެއްގައިވެސް ގާތްގަނޑަކަށް މިގޮތަށް ކުރެވޭނެއެވެ.


ހަމަ މިއާއެކު އެއްގޮތް (ޑުޕްލިކޭޓް) ފޮޓޯތައް ފުހެލުމަކީ ފޯނުގެ މެމޮރީ ހުސްކުރަން ފަސޭހަގޮތެކެވެ.ހުރިހާ ބާވަތެއްގެ ޑުޕްލިކޭޓް ފައިލްތައް ހޯދައިދޭ ސަބްސްކްރިޕްޝަން އެޕްތައް ލިބެން ހުރި ނަމަވެސް (އެންޑްރޮއިޑަށް ޑުޕްލިކޭޓްސް ކްލީނަރ އަދި އައިއޯއެސްއަށް ފޯން ކްލީނަރ ފަދަ)، ފޯނުގައި ހިލޭ ލިބެންހުރި އޮޕްޝަންތަކަށް ވިސްނާލުން ރަނގަޅެވެ.

ޑުޕްލިކޭޓްސް ޑިލީޓް ކުރާނެގޮތް

އައިފޯން ގެންގުޅުއްވާ ފަރާތްތަކުން ،އެޕަލްގެ އައިއޯއެސް ފޮޓޯސް އެޕް ހުޅުވާލުމަށްފަހު، ސްކްރީނުގެ ތިރީގައިވާ އަލްބަމްސް އައިކަން ޓެޕްކޮށް، ޔުޓިލިޓީސް ސަރަޙައްދާ ހަމައަށް ތިރިއަށް ސްކްރޯލްކުރާށެވެ. ޑުޕްލިކޭޓްސް ޓެޕްކުރާށެވެ. ޖެހިގެން އަންނަ ސްކްރީނުގައި ތިޔަބޭފުޅާގެ ލައިބްރަރީގައިވާ އެއްގޮތް ކޮޕީތައް ހުރި ފޮޓޯތަކާއި ވީޑިއޯތައް ފެންނާނެއެވެ. މި ހުރިހާ އެއްޗެއްގެ ކައިރީގައި "މާޖް" ބަޓަން ހުންނާނެއެވެ. މާޖް އޮޕްޝަން އިޚްތިޔާރުކުރުމުން، އެންމެ މަތީ ރެޒޮލިއުޝަން ހުރި ކޮޕީ (އަދި އޭގައި ހިމެނޭ މަޢުލޫމާތު) ރައްކާކޮށް، ދެން ހުރި ދަށް ފެންވަރުގެ ވާޝަންތައް އެޕްގެ "ރީސެންޓްލީ ޑިލީޓެޑް" އެލްބަމަށް ބަދަލުކުރެވޭނެއެވެ.

ސެމްސަންގް ގެލެކްސީ ޑިވައިސްތަކުގައި ޑުޕްލިކޭޓް ފައިލްތައް ހޯދުމަށް މިފަދަ ޓޫލެއް ވެއެވެ. "މައި ފައިލްސް" އައިކަން ފިތައި، މެނޫއިން "އެނަލައިޒް ސްޓޯރޭޖް" އިޚްތިޔާރުކުރާށެވެ. ދެން ފެންނަ ސްކްރީނުން "ޑުޕްލިކޭޓް ފައިލްސް" އިޚްތިޔާރުކޮށްގެން ލިސްޓު ބެލޭނެއެވެ.

ގޫގަލް ފޮޓޯސްގައި އެއްގޮތް ފޮޓޯއެއް ދެނެގަނެ، އެ ފޮޓޯ ލައިބްރަރީއަށް އިތުރުވިޔަ ނުދިނުމަށް ފަރުމާކުރެވިފައިވާ ޑުޕްލިކޭޓް ދެނެގަތުމުގެ ފީޗަރެއް ހުރެއެވެ. އެންޑްރޮއިޑަށް ހެދިފައިވާ ގޫގުލްގެ "ފައިލްސް" އެޕް - ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑްކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ޑުޕްލިކޭޓް ފައިލްތަކާއި، ޑައުންލޯޑްތަކާއި، ސްކްރީންޝޮޓްތަކާއި އަދި މަދުން ބޭނުންކުރާ އެޕްތަކާއި އަދި ބޮޑެތި ފައިލްތަކެވެ.

މިކަމަކީ ވަރަށް ކެތްތެރިކަމާއެކު ކުރަންޖެހޭ ކަމެއް ނަމަވެސް، އަނބުރާ ސްކްރޯލްކޮށް ބަހަށްޓަން ބޭނުން ނުވާ ފޮޓޯތައް ޑިލީޓްކުރުމަކީ ފޮޓޯތަކާއި ވީޑިއޯތައް ސާފުކުރުމުގެ އެންމެ ރަނގަޅު ގޮތެވެ. ވަރަށް ގިނަ ފޮޓޯ ހުރިނަމަ، މި މަސައްކަތް ކުދިކުދި ބައިތަކަކަށް ބަހާލައިގެން ދުވާލަކު ކުޑަ ވަގުތުކޮޅެއް (މިސާލަކަށް ދަތުރުފަތުރުގައި ނުވަތަ އެހެންވެސް އިންތިޒާރުކުރަން ޖެހޭ ވަގުތެއްގައި) ހޭދަކޮށްގެން މަޑުމަޑުން ކުރިއަށް ގެންދެވިދާނެއެވެ. އަދި ފޮޓޯ ރައްކާކުރާ އެހެނިހެން އެޕްތައް ވެސް ޗެކްކުރަން ހަނދާން ބަހަށްޓަންވާނެވެ.

ފޮހެލެވޭ ފޮޓޯއެއް ވަގުތުން ނެތިގެނެއް ނުދެއެވެ. ގިނަ ސިސްޓަމްތަކުގައި ފަހުން ފޮހެލެވުނު ހުރިހާ ފޮޓޯތަކާއި ވީޑިއޯތައް މަދުވެގެން 30 ދުވަހުގެ މުއްދަތަކަށް ބަހައްޓައެވެ. އެއަށްފަހު އެއްކޮށް ފޮހެލެވެއެވެ. ނަމަވެސް އަމިއްލައަށް ޓްރޭޝް ނުވަތަ ޑިލީޓް ކުރެވިފައިވާ ތަކެތި ހުންނަ ފޯލްޑަރު ހުސްކޮށްފިނަމަ އެހާ ދުވަސް ނުވިޔަސް ފޮހެވިގެން ދާނެއެވެ.

ރައްކާކުރަން ބޭނުންވާ ފޮޓޯތައް ވާނަމަ، އަދި އޮންލައިން ބެކަޕް ނުކުރާނަމަ، އީމެއިލް، އެންޑްރޮއިޑް ކުއިކް ޝެއަރ، އެޕަލްގެ އެއަރޑްރޮޕް ނުވަތަ އެހެން ގޮތަކުން ކޮމްޕިއުޓަރަކަށް ކޮޕީ ފޮނުވާށެވެ. (އަދި ކޮމްޕިއުޓަރުގައިވެސް ބެކަޕް ސިސްޓަމެއް ޤާއިމްކުރެވިފައިވާކަން ކަށަވަރުކުރާށެވެ.)

އިތުރު އެހީއެއް ބޭނުންތޯ؟

މިގޮތަށް ސްޓޯރޭޖް ހުސްކުރުމަށް އެޕަލްގެ ސަޕޯޓް ސައިޓް އަދި ސެމްސަންގް ގެ ސައިޓުގައިވެސް އެކި މައުލޫމާތު ހިމެނިފައިވެއެވެ.

އާންމުކޮށް ދޭ ލަފާތަކުގެ ތެރޭގައި ހިމެނެނީ ފޯނުގައި ހުރި ފޮޓޯތައް އޮންލައިން ސާރވަރަކަށް ނުވަތަ ފޯނުގައި ކާޑު ޖެހޭ ގޮތަށް ހުރިނަމަ، އެކްސްޓާނަލް އެސްޑީ މެމޮރީ ކާޑަކަށް ބަދަލުކުރުމެވެ. މިގޮތަށް ފައިލްތައް ބަދަލުކުރުމުން ފޯނުގައި ހުސް ޖާގަ ލިބޭނެއެވެ.

އެޕަލްގެ އައިކްލައުޑް ފޮރ ފޮޓޯސް، ގޫގުލް ފޮޓޯސް، ސެމްސަންގ ކްލައުޑް ނުވަތަ ޑްރޮޕްބޮކްސް ފަދަ ޚިދުމަތްތަކުން ޖާގަ ހުސްވާނެއެވެ. އެއީ ފޯނުގައި ފައިލްތައް ފިޒިކަލީ ރައްކާނުކުރެވޭތީއެވެ. ނަމަވެސް ފޯނުގައި އެ ފޮޓޯތައް ފެންނާނެއެވެ. ފެށުމަށް ހިލޭ ޖާގައެއް ލިބޭނެއެވެ. އެހެންނަމަވެސް އެ ޖާގަ ފުރުމުން އިތުރު ޖާގައަށް ފައިސާ ދައްކަން ޖެހޭނެއެވެ.

ބެކްއަޕް ކުރެވިފައިވާ ނުވަތަ ސިންކް ކުރެވިފައިވާ ފޮޓޯއެއް ޑިލީޓް ކުރުމުން - އައިފޯނެއްގައި، ގޫގުލް ފޮޓޯސްގައި ނުވަތަ އެހެން ތަނެއްގައި ވިޔަސް - އެ އެކައުންޓާ ގުޅިފައިވާ ހުރިހާ ޑިވައިސްތަކަކުން އެ ފޮޓޯ ފޮހެވިގެންދާނެއެވެ.

ފޮޓޯ ލައިބްރަރީ ސާފުކުރުމަށްފަހު، އިތުރަށް އެ ތަރުތީބުކުރެވިދާނެއެވެ. އެތައް އަހަރެއް ވަންދެން، އެންޑްރޮއިޑް އަދި އައިއޯއެސް ވަނީ އޮޓޮމެޓިކުން ފޮޓޯތައް އެއްކޮށް އެލްބަމްތަކަކަށް ބަހާލަމުން އައިސްފައެވެ. މިގޮތުން ފޮޓޯގައި ތިބި މީހުންނާއި، ފޮޓޯ ނެގި ތަނާއި އަދި އެހެނިހެން ކަންކަމަށް ބަލައިގެން މިކަން ކުރެވެއެވެ. ނަމަވެސް އަމިއްލައަށްވެސް މިފަދަ ކަލެކްޝަންތައް ހެދިދާނެއެވެ.

ގޫގުލް ފޮޓޯސް، ސެމްސަންގް ގެލަރީ އެޕް ނުވަތަ އެޕަލްގެ ފޮޓޯސް އެޕްގައި އަމިއްލަ އެލްބަމްތަކަށް ފޮޓޯ އެޅުމަށް، އައު އެލްބަމެއް ހެދުމުގެ އޮޕްޝަން ޓެޕްކޮށް، އެލްބަމަށް ނަމެއް ދީ، އެލްބަމަށް އަޅަން ބޭނުންވާ ފޮޓޯތައް ސެލެކްޓްކުރާށެވެ. އެޕަލްގެ ފޮޓޯސް އެޕްގައި ފޯލްޑަރތައްވެސް ހެދިދާނެއެވެ. އަދި އެ ފޯލްޑަރުތަކުގެ ތެރޭގައި ވަކި އެލްބަމްތައް ހަދައި، އެއްގޮތް އެލްބަމްތައް އެއްތަނަކަށް ޖަމާކުރެވިދާނެއެވެ.

އާދެ، ޑިވައިސް ސާފުކުރުމަށް ވަގުތު ނަގާނެއެވެ. ނަމަވެސް މަތީގައި ބަޔާން ކޮއްފައިވާ ކަންތަށް ކުރުމުން، ފޮޓޯތައް ދައްކާލަން ބޭނުންވާއިރު އަވަހަށް ފޮޓޯ ފެނި، އިތުރު ތަކެތި އިންސްޓޯލްކުރުމަށް ޖާގަ ލިބޭނެއެވެ.


އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.