ގޫގަލް ޕްލޭގެ އެޕްތަކެއްގައި ނުރައްކާތެރި ސްޕައިވެއަރއެއް

އަޙްމަދު ދާއޫދު 30 ޖުލައި 2024

ގޫގަލް ޕްލޭ އިން 32،000 ފަހަރު ޑައުންލޯޑް ކުރެވިފައިވާ ފަސް އެޕްލިކޭޝަނެއްގައި އެންޑްރޮއިޑް ސްޕައިވެއަރ 'މެންޑްރޭކް' ގެ އައު ވާޝަނެއް ހުރިކަން އެންގިއްޖެއެވެ.

ބިޓްޑިފެންޑަރ އިން މެންޑްރޭކް ފުރަތަމަ ފާހަގަކުރީ 2020 ގައެވެ. އޭރު ތަޙުޤީޤުކުރި ފަރާތްތަކުން މި މެލްވެއަރގެ ފުންނާބު އުސް ޖާސޫސީ ޤާބިލިއްޔަތުތައް ފާހަގަކޮށް، މަދުވެގެން 2016 އިން ފެށިގެން މިއީ ބޭނުންކުރެވެމުން އައި އެއްޗެއްކަން ފާހަގަކުރިއެވެ.

މިހާރު ކެސްޕަރސްކީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެންޑްރޭކްގެ އައު ވޭރިއަންޓެއް ވަނީ 2022 ގައި ގޫގަލް ޕްލޭ އަށް ހުށަހެޅި ފަސް އެޕް މެދުވެރިކޮށް ގޫގަލް ޕްލޭ އަށް ވަދެފައެވެ. މި އައު ވެރިއަންޓްގައި ހުރީ ކުރިއަށްވުރެ ރަނގަޅު ފޮރުވުމާއި އޮޅުވާލުމުގެ ޚާއްޞިއްޔަތުތަކެކެވެ.

މި އެޕްތައް މަދުވެގެން އަހަރެއްވަންދެން ލިބެން ހުއްޓެވެ. ނަމަވެސް އެންމެ މަޤްބޫލުކަން ލިބުނު އަދި އެންމެ ގިނައިން އިންފެކްޓްވި އެޕް ކަމުގައިވާ އެއަރއެފްއެސް ވަނީ 2024 ގެ މާރިޗު މަހުގެ ފަހުކޮޅު ނައްތާލާފައެވެ.

ގޫގަލް ޕްލޭގައި އެއާއެފްއެސް

ސޯސް: ކެސްޕަރސްކީ

ކަސްޕަރސްކީ އިން މެންޑްރޭކް އެކުލެވޭ ކަމަށް ފާހަގަކޮށްފައިވާ ފަސް އެޕް ތިރީގައި އެއްވަނީއެވެ.

- އެއަރއެފްއެސް - ވައިފައި މެދުވެރިކޮށް ފައިލް ޙިއްސާކުރާ އެޕެއް (28 އޭޕްރީލް 2022 އިން 15 މާޗް 2024 އާ ދެމެދު 30،305 ފަހަރު ޑައުންލޯޑް ކޮށްފައިވޭ)

- އެސްޓްރޯ އެކްސްޕްލޯރަރ (30 މެއި 2022 އިން 6 ޖޫން 2023 އަށް 718 ފަހަރު ޑައުންލޯޑްކޮށްފައިވޭ)

- އެމްބަރ (27 ފެބްރުއަރީ 2022 އިން 19 އޮގަސްޓް 2023 އާ ދެމެދު 19 ފަހަރު ޑައުންލޯޑް ކޮށްފައިވޭ)

- ކްރިޕްޓޯޕަލްސިންގ (2 ނޮވެމްބަރު 2022 އިން ޖޫން 6، 2023 އަށް 790 ފަހަރު ޑައުންލޯޑް ކޮށްފައިވޭ)

- ބްރެއިން މެޓްރިކްސް (27 އޭޕްރީލް 2022 އިން 6 ޖޫން 2023 އާ ދެމެދު 259 ފަހަރު ޑައުންލޯޑް ކޮށްފައިވޭ)

ސައިބަރ ސެކިއުރިޓީ ކުންފުނިން ބުނާ ގޮތުގައި އެންމެ ގިނަ ޑައުންލޯޑްތައް ކޮށްފައިވަނީ ކެނެޑާ، ޖަރުމަނުވިލާތް، އިޓަލީ، މެކްސިކޯ، ސްޕެއިން، ޕެރޫ އަދި ޔުނައިޓެޑް ކިންގްޑަމްއިންނެވެ.

މަންޑްރޭކް މެލްވެއާ އެކުލެވޭ ހަތަރު އެޕްލިކޭޝަން

ސޯސް: ކެސްޕަރސްކީ

އިތުރަށް ދެނެގަތުން:

އާންމު އެންޑްރޮއިޑް މެލްވެއަރތަކާ ޚިލާފަށް، މެންޑްރޭކް އޭގެ ފުރަތަމަ މަރުޙަލާ ފޮރުވަނީ 'libopencv_dnn.so' ކިޔާ ނޭޓިވް ލައިބްރަރީއެއްގައެވެ. މިއީ OLLVM ބޭނުންކޮށްގެން ވަރަށް ބޮޑަށް އޮޅުވާލާފައިވާ އެއްޗެކެވެ.

ނުބައި އެޕް އިންސްޓޯލްކުރުމުން، މި ލައިބްރަރީން ދެވަނަ މަރުޙަލާގެ ލޯޑަރ DEX އެސެޓްސް ފޯލްޑަރުން ޑިކްރިޕްޓްކޮށް މެމޮރީއަށް ލޯޑްކުރުމަށް ފަންކްޝަންތަކެއް އެކްސްޕޯޓްކުރެއެވެ.

ދެވަނަ މަރުޙަލާގައި އޯވަރލޭތައް ކުރެހުމުގެ ހުއްދަ އެދި، 'libopencv_java3.so' ކިޔާ ދެވަނަ ނޭޓިވް ލައިބްރަރީއެއް ލޯޑްކުރެއެވެ. މީގެން ކޮމާންޑް އެންޑް ކޮންޓްރޯލް (C2) ސަރވަރާއެކު ރައްކާތެރި މުވާސަލާތަށް ބޭނުންވާ ސެޓްފިކެޓެއް ޑިކްރިޕްޓްކުރެއެވެ.

C2 އާއެކު މުވާސަލާތު ގާއިމުކުރުމަށްފަހު، އެޕުން ޑިވައިސްގެ ޕްރޮފައިލެއް ފޮނުވައި، އެކަށީގެންވާކަމަށް ފެންނަނަމަ މެންޑްރޭކްގެ މައި ބައި (ތިންވަނަ މަރުޙަލާ) ލިބިގަނެއެވެ.

މައި ބައި އެކްޓިވޭޓްވުމުން، މެންޑްރޭކް ސްޕައިވެއަރއަށް ގިނަ ނުބައި ޙަރަކާތްތަކެއް ހިންގޭނެއެވެ. މީގެ ތެރޭގައި ޑޭޓާ އެއްކުރުމާއި، ސްކްރީން ރެކޯޑްކޮށް މޮނިޓަރކުރުމާއި، ކޮމާންޑްތައް ހިންގުމާއި، ޔޫސަރުގެ ސްވައިޕްތަކާއި ޓެޕްތައް ސިމިއުލޭޓްކުރުމާއި، ފައިލް މެނޭޖްކުރުމާއި، އެޕް އިންސްޓޯލްކުރުން ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތެއްގައި، ނުބައި ފަރާތްތަކަށް ގޫގުލް ޕްލޭ ކަމަށް ހީވާގޮތަށް ނޯޓިފިކޭޝަންތަކެއް ދައްކައި، އިތުރު ނުބައި APK ތަކެއް އިންސްޓޯލްކުރުމަށް ޔޫސަރުންނަށް އެދެވިދާނެއެވެ. މިކަން މިގޮތަށް ކުރަނީ އިތުބާރުހުރި ޕްރޮސެސްއެއް ކަމަށް ދައްކައި ނުރައްކާތެރި ފައިލްތަކެއް އިންސްޓޯލްކުރުމަށް މަކަރުހެދުމުގެ ގޮތުންނެވެ.

ކެސްޕަރސްކީން ބުނާ ގޮތުގައި މި މެލްވެއަރ އިން އެންޑްރޮއިޑް 13 (އަދި އޭގެ ފަހުގެ ވަރޝަންތަކުގެ) ރަސްމީ ނޫން ސޯސްތަކުން APK އިންސްޓޯލްކުރުމުގެ މަނާކުރުންތައް ބައިޕާސްކުރުމަށް ސެޝަން-ބޭސްޑް އިންސްޓޮލޭޝަން މެތަޑް ބޭނުންކުރެއެވެ.

އެހެން އެންޑްރޮއިޑް މެލްވެއަރތަކެކޭ އެއްފަދައިން، މެންޑްރޭކްއަށްވެސް ބެކްގްރައުންޑްގައި ރަންކުރުމުގެ ހުއްދައަށް ޔޫޒަރު އަތުން އެދެވިދާނެއެވެ. އަދި ވިކްޓިމްގެ ޑިވައިސްގައި ޑްރޮޕަރ އެޕްގެ އައިކަން ފޮރުވައި، ސިއްރުން މަސައްކަތްކުރެވިދާނެއެވެ.

އަދި ޑިވައިސްގެ ރޫޓް ސްޓޭޓަސް ޗެކްކޮށް، އެއާ ގުޅުންހުރި ވަކި ބައިނަރީތަކެއް ހޯދައި، ސިސްޓަމް ޕާޓިޝަން ރީޑް-އޯންލީ ގޮތުގައި މައުންޓްކޮށްފައިވޭތޯ ބަލައި، ޑިވައިސްގައި ޑިވެލޮޕްމަންޓް ސެޓިންގްސްތަކާއި ADB އެނެބަލްކޮށްފައިވޭތޯވެސް ޗެކްކުރެއެވެ.

މެންޑްރޭކްގެ ނުރައްކާ އަދިވެސް ދެމިއޮތްކަމަށް ބެލެވެއެވެ. ކެސްޕަރސްކީން ޑްރޮޕަރސްގެ ގޮތުގައި ފާހަގަކުރި ފަސް އެޕް މިހާރު ގޫގުލް ޕްލޭގައި ނެތްނަމަވެސް، އައު އަދި ހޯދަން އުނދަގޫ އެޕްތަކެއް މެދުވެރިކޮށް މި މެލްވެއަރ އަނބުރާ އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ލަފާދެވެނީ ހަމައެކަނި އިތުބާރުހުރި ޕަބްލިޝަރުންގެ އެޕްތައް އިންސްޓޯލްކުރުމަށާއި، އިންސްޓޯލްކުރުމުގެ ކުރިން ޔޫޒަރުންގެ ކޮމެންޓްތައް ބެލުމަށާއި، އެޕްގެ މަސައްކަތާ ގުޅުމެއްނެތް ނުރައްކާތެރި ހުއްދަތަކަށް އެދުމުން އެކަމާ އެއްބަސްނުވުމަށާއި، ޕްލޭ ޕްރޮޓެކްޓް އަބަދުވެސް އެކްޓިވްކޮށްފައި ބެހެއްޓުމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.