ޗައިނާގެ ތޯރިއަމް ނިއުކްލިއާ ރިއެކްޓަރު: ސާފު އާ ހަކަތައެއް

އަޝްނާ ރަޝީދު 23 ސެޕްޓެމްބަރު 2024

ޗައިނާއިން ވަނީ ފުރަތަމަ ފަހަރަށް މެދުނުކެނޑި ތެޔޮއަޅައިގެން ތޯރިއަމް މޮލްޓެން ސޯލްޓް ނިއުކްލިއާ ރިއެކްޓަރެއް (އެމްއެސްއާރު) ކާމިޔާބުކަމާއެކު ހިންގާފައެވެ. ގޯބީ ސަހަރާގެ ދުރު ހިސާބެއްގައި ހުންނަ މި ރިއެކްޓަރުން ޔޫރޭނިއަމްގެ ބަދަލުގެ ތޯރިއަމް ބޭނުންކޮށްގެން ހަކަތައުފެއްދޭނެ މަގެއް ދައްކައިދެއެވެ.

މި އެކްސްޕެރިމެންޓަލް ރިއެކްޓަރަކީ ޝަންހާއީ އިންސްޓިޓިއުޓް އޮފް އެޕްލައިޑް ފިޒިކްސް (ސިނާޕް)ގެ ސައިންސްވެރިން އުފައްދާފައިވާ ރިއެކްޓަރެކެވެ. 2024 ވަނަ އަހަރުގެ މެދުތެރޭގައި ފުރިހަމަ އޮޕަރޭޝަނަލް ޕަވަރަކަށް ވާސިލްވެފައިވާއިރު، އޮކްޓޯބަރު މަހުގައި އެކްޓިވް މޮލްޓެން ސޯލްޓް ރިއެކްޓަރެއްގައި ހުއްޓާނުލައި ފިއުލް ރީލޯޑް ކުރެވޭގޮތް ހެދުނެވެ. ޗައިނާގެ އޮފިޝަލުން ބުނާ ގޮތުގައި މި ކާމިޔާބީގެ ސަބަބުން ނިއުކްލިއާ އިނޮވޭޝަންގެ އާސޮފުހާއެއްގެ އެންމެ ކުރީގައި ޗައިނާ ގެނުވައިދެއެވެ.

ތޯރިއަމް އަކީ ނިއުކްލިއާ ދުނިޔޭގައި އާ ހޯދުމެއް ނޫނެވެ. މޮލްޓެން ސޯލްޓް ރިއެކްޓަރސް (އެމްއެސްއާރު) ގެ ފަހަތުގައިވާ ޓެކްނޮލޮޖީ އުފެދިފައިވަނީ 1960 ގެ އަހަރުތަކުގެ ތެރޭގައެވެ. އެމެރިކާގެ އޯކް ރިޖް ނޭޝަނަލް ލެބޯޓްރީގެ ދިރާސާވެރިން ތޯރިއަމް ބޭނުންކޮށްގެން މޮލްޓެން ސޯލްޓް ރިއެކްޓަރުތައް މި ދުވަސްވަރު އިއުޖާދުކުރިއެވެ. ނަމަވެސް ކޯލްޑް ވޯގެ ދުވަސްވަރު އެ ޕްރޮގްރާމް ހުއްޓާފައިވަނީ ހަތިޔާރު ގްރޭޑްގެ ޕްލޫޓޯނިއަމް ބައިޕްރޮޑަކްޓަކަށް އުފެއްދާ ޔޫރޭނިއަމް ފިއުލް ރިއެކްޓަރުތަކަށް އަސްކަތީ އަދި ސިޔާސީ ސަބަބުތަކާ ހެދި އިސްކަން ދިނުމިގެ ސަބަބުންނެވެ.

ޗައިނާއިން މޮލްޓެން ސޯލްޓް ޓެކްނޮލޮޖީ އާލާކުރަން ފެށީ 2011 ވަނަ އަހަރު، އެމެރިކާގެ ޑިކްލެސިފައިޑް ދިރާސާތަކެއް ބޭނުންކޮށްގެންނެވެ. އޭގެ ފަހުން ސީއައިއެންޕީ ޓީމުން ވަނީ މަދު ދިރާސާވެރިންގެ ޓީމަކުން 400 އަށް ވުރެ ގިނަ ދިރާސާވެރިންނަށް ފުޅާކޮށްފައެވެ. އަދި ޒަމާނީ މާއްދާތަކާއި ރިއެކްޓަރ ޑިޒައިންތަކަށް ބޮޑު އިންވެސްޓްމަންޓުތަކެއް ކޮށްފައެވެ. އެމީހުންގެ ޕްރޮޓޯޓައިޕްގައި ބޭނުންކުރަނީ ފްލޫރައިޑް ސޮލްޓުގައި ގިރުވާފައިވާ ތޯރިއަމްއެވެ. މި ސިސްޓަމު ބޮޑު ޕްރެޝަރަކާ ނުލައި 700°C އަށް ވުރެ ހޫނު މިނުގައި މަސައްކަތް ކުރާގޮތައް ޑިޒައިން ކޮށްފައިވެއެވެ. މިއީ ގޮވުމުގެ ނުރައްކާ އެންމެ ކުޑަކޮށް، މެލްޓްޑައުންވުން ހުއްޓުވާ ޕެސިވް ސޭފްޓީ ސިސްޓަމްތައް ފޯރުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ރިއެކްޓަރެކެވެ.

ރިއެކްޓަރުގެ މައިގަނޑު ތެޔޮ ކަމަށްވާ ތޯރިއަމް-232 ފިޝަން ދެމެހެއްޓުމަށްޓަކައި ޔޫރޭނިއަމް-233އަށް ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން މި ތެޔޮ ބޭނުންކުރުމަށްޓަކައި އެހެން ނިއުކްލިއަރ ސައިކަލެއް ބޭނުންކުރަންޖެހެއެވެ. މި ބޭނުންކުރާ ސައިކަލަކީ ނިއުކްލިއަރ ހަތިޔާރުގައި އާންމުކޮށް ބޭނުންކުރާ ޕްލޫޓޯނިއަމް-239 އުފައްދާ މިންވަރު މަދުކޮށް، ކުޑަ މުއްދަތަކަށް ހުންނަ ރޭޑިއޯއެކްޓިވް ކުނި އުފައްދައެވެ. މިކަމިގެ ސަބަބުން އަސްކަރީނޫން ބޭނުންތަކަށް ތޯރިއަމް ވަރަށް އެކަށީގެންވެއެވެ.

ޗައިނާއިން މިހާރު ވަނީ ގަންސޫ ޕްރޮވިންސްގެ ވޫވޭ ސިޓީ ކައިރީގައި MW 10ގެ ބޮޑު ތޯރިއަމް ޑެމޮންސްޓްރޭޝަން ރިއެކްޓަރެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. 2030 ވަނަ އަހަރުގައި ނިންމުމަށް ހަމަޖެހިފައިވާ ދެން އޮންނަ ރިއެކްޓަރަކީ ތަރމޯކެމިކަލް ހައިޑްރޯޖަން އުފެއްދުމަށް މި ތަނާ ކައިރީގައި 60 MWގެ ހަކަތަ އުފެއްދުމަށް ރާވާފައިވާ ރިއެކްޓަރެކެވެ.

ތޯރިއަމް އަކީ ގިނައިން ލިބެންހުންނަ ތެލެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ޔޫރޭނިއަމްއަށް ވުރެ ތިން ގުނައާއި ހަތަރު ގުނަ އިތުރު އަދަދެއްގައި ތޯރިއަމް ލިބޭއިރު، ޗައިނާއިން ބުނާ ގޮތުގައި އެތެރެ މޮންގޯލިއާގެ އެއް މައިނަކުން އެތައް ހާސް އަހަރަކަށް ގައުމީ ހަކަތަ ބޭނުންވާ މިންވަރު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ތޯރިއަމްގެ ޠަބީޢަތުގެ ސަބަބުން ހަތިޔާރު އުފެއްދުމަށް އެކަށީގެންނުވާތީ، ތޮރޭއަމް ބޭނުންކުރާ ޤައުމުތަކުން ނިއުކްލިއަ ހަތިޔާރާއި ދުރަށް ދިއުމަށް މަގެއް ހުޅުވިގެންދެއެވެ.

ނަމަވެސް ތޯރިއަމް ރިއެކްޓަރުތަކަކީ އަވަސް ހައްލެއް ނޫނެވެ. މޮލްޓަންވސޯލްޓަކީ ވަރަށް ބޮޑަށް ކޮރޯސިވް އެއްޗަކަށް ވުމުން Hastelloy-N ފަދަ އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދިގުދެމިގެންދާ ރޭޑިއޭޝަނަށާއި ކެމިކަލް ޑީގްރޭޑޭޝަނުގައި ބޭނުންކުރެވޭ މެޓީރިއަލްތައްއުފައްދަން ޖެހެއެވެ. މިބރިއެކްޓަރު ހިންގުމަށް ދިމާވާ އެހެން ގޮންޖެހުމަކީ ފިޝަން ބައިޕްރޮޑަކްޓްތައް ލިކުއިޑް ގޮތުގައި މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކެވެ. މީގެއިތުރުން މިކަމުން އުފެދޭ ކުނި މަދުވެ ކުޑަދުވަސްވަރަކަށް ދިގުދެމިގެންދާއިރު، މި ކުނި ފަރުވާތެރިކަމާއެކު ރައްކާކުރަން ޖެހޭނެއެވެ.


އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.