ރާއްޖޭގައި އޭއައި އެތިކްސް ކޮމިޓީއެއް އުފައްދައިފި

އަޙްމަދު ދާއޫދު 25 ސެޕްޓެމްބަރު 2024

ދިވެހިރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެތިކަލީ ބޭނުންކުރުމަށް މަގުފަހިކުރުމަށްޓަކައި ނެޝަނަލް ސްޓިއަރިންގ ކޮމިޓީއެއް އުފައްދައިފިއެވެ. މި ކޮމިޓީ އުފެދިފައިވަނީ އދ.ގެ ޔުނެސްކޯއާއި ދިވެހި ސަރުކާރުގެ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެންނެވެ.

މި ކޮމިޓީގެ މަސައްކަތަކީ ޔުނެސްކޯގެ "ރެކޮމެންޑޭޝަން އޮން ދަ އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" ގެ ދަށުން، ރާއްޖޭގައި އޭއައި ރެޑިނެސް އެސެސްމަންޓް މެތަޑޮލޮޖީ (ރޭމް) ގެ މަސައްކަތް އަމަލީ ގޮތުން ފެށުމެވެ. މި މަސައްކަތުގެ މަޤްޞަދަކީ އޭއައި ބޭނުންކުރުމުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އިޖްތިމާޢީ ގޮތުން އެއްވެސް ބަޔަކު ބާކީނުވާ ގޮތަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމެވެ.

ކޮމިޓީގެ ޗެއަރމަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ، ރާއްޖެއަކީ އައު އީޖާދުތަކަށް މަރުޙަބާ ކިޔާ ޤައުމެއް ކަމަށާއި، އޭއައިގެ އެހީގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޭއައި ތަޞައްވުރު ޙާޞިލްކުރުމަށް ފެށޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މަސައްކަތަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ޔުނެސްކޯގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެކެވެ. ޔުނެސްކޯގެ ގްލޯބަލް އޭއައި އެތިކްސް އެންޑް ގަވަރނަންސް އޮބްޒަވޭޓަރީ މެދުވެރިކޮށް، އެކި ޤައުމުތަކުގެ އޭއައި އެތިކްސް ފްރޭމްވޯކްތައް ބަލައިގަތުމުގެ ޤާބިލުކަން ދެނެގަނެވޭނެއެވެ. މި އޮބްޒަވޭޓަރީގެ މަޤްޞަދަކީ އޭއައިއާ ގުޅޭ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކަށާއި، ޤާނޫނު ހަދާ ފަރާތްތަކަށާއި، އަމިއްލަ ވިޔަފާރިތަކަށާއި، މަދަނީ މުޖުތަމަޢުއަށް އެހީތެރިވެދިނުމެވެ.

ރާއްޖޭގައި މި މަސައްކަތް ފެށުމުގެ އަސާސަކަށް ވެފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އދ.ގެ 193 މެމްބަރު ޤައުމަކުން ބަލައިގަތް ޔުނެސްކޯގެ "ރެކޮމެންޑޭޝަން އޮން ދަ އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ އެތިކްސްއާ ގުޅިގެން ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ދުނިޔޭގެ ފެންވަރުގައި އެއްބަސްވެވިފައިވާ ފުރަތަމަ މިންގަނޑެވެ.

މި ރެކޮމެންޑޭޝަންގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އިޖްތިމާޢީ ގޮތުން އެއްވެސް ބަޔަކު ބާކީނުވާ އުސޫލަކުން ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށްޓަކައި އޭއައިގެ އިންޤިލާބީ ވަސީލަތް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމެވެ. މި ފްރޭމްވޯކް މެދުވެރިކޮށް އޭއައި ތަރައްޤީކޮށް ބޭނުންކުރުމުގައި އިންސާފުވެރިކަމާއި، ދެފުށް ފެނުމާއި ޒިންމާދާރުކަން އިސްކޮށް، އިޖްތިމާޢީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމަށް އިސްކަންދެވޭނެއެވެ.

ރާއްޖޭގައި އުފެދިފައިވާ ނެޝަނަލް ސްޓިއަރިންގ ކޮމިޓީން މި މިންގަނޑުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގެ ޙާލަތާ ގުޅޭ ގޮތަށް އޭއައި ބޭނުންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގައި އޭއައި ބޭނުންކުރުމުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވި، ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދެވޭނެ ގޮތްތައް ކަށަވަރުކުރެވޭނެއެވެ.

މި މަސައްކަތްތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ޔުނެސްކޯއިން ފޯރުކޮށްދޭ އެހީތެރިކަން ލިބިގެންދާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.