ދުނިޔޭގެ އެންމެ ބޮޑު މެމޮރީ ޗިޕް އުފައްދާ ކުންފުނި، ސެމްސަންގ އަށް މިދިޔަ ކުއާޓަރުގައި ލިބުނު ސާފުފައިދާ 6.78 ބިލިއަން ޑޮލަރަށް ދަށްވުމާއި ގުޅިގެން އެކުންފުނިން ހިއްސާދާރުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ. މިއީ އެނަލިސްޓުން އަންދާޒާ ކުރި އަދަދަށްވުރެ 900 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ސެމްސަންގ ގެ ވައިސް ޗެއަރމަން ޖުން ޔަންގް-ހިޔުން ގެ ބަޔާނުގައި ވަނީ، "މާކެޓްގެ އުންމީދުތަކާ އެއްގޮތަށް މަސައްކަތް ކުރެވިފައި ނުވާތީ، ކުންފުނީގެ އަސާސީ ޓެކްނޮލޮޖީގެ ވާދަވެރިކަމާއި ކުންފުނީގެ މުސްތަޤުބަލާ މެދު ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު ސެމްސަންގ ގެ ހާލަތު ކުރައިސިސްއެއްގެ ގޮތުގައި ސިފަކުރާކަމަށާއި މި ވިޔަފާރީގައި ހިނގަމުންދާ މިފަދަ ހުރިހާ ކަމެއްގެ ޒިންމާ ކުންފުނިން އުފުލަންޖެހޭނެ ކަމަށެވެ.
މި "ކްރައިސިސް" އާ ގުޅިގެން، ކުންފުނިން މިއަހަރުގެ ކުރީކޮޅު އިސްވެރިންނަށް ހަފްތާއަކު 6 ދުވަހު މަސައްކަތް ކުރަން ޖެހޭގޮތަށް ހަމަޖެއްސިއެވެ. މި ބަދަލު ގެނެވުނީ 2023 ވަނަ އަހަރު ވާދަވެރިކަން އިތުރުވެ، ޕެންޑަމިކް ގެ ސަބަބުން އައި ޗިޕްގެ ޑިމާންޑް ދަށްވުމާ ގުޅިގެން ކުންފުނިން ދެރަ މާލީ ނަތީޖާތަކެއް ހާސިލްކުރުމަށްފަހުގައެވެ. ނަމަވެސް، ސެމްސަންގ އިން މިހާރު ބުނެފައިވަނީ އެ ކުންފުނީގެ ހައި-އެންޑް HBM3E ޗިޕްތައް ވިއްކުމަށް ހަމަޖެހިފައިވާ މުހިންމު ކަސްޓަމަރަކަށް ވިއްކުން ލަސްވެފައިވާ ކަމަށެވެ. މީގެ ސަބަބުން، އެސްކޭ ހައިނިކްސް ފަދަ ވާދަވެރިންނަށް މި ހުސްކަން ފުރުމުގެ ފުރުސަތު ލިބިފައިވެއެވެ.
ނަމަވެސް، ކުންފުނިން އުއްމީދު ދޫކޮށްލާފައެއް ނުވެއެވެ. "ސެމްސަންގ އަކީ އަބަދުވެސް ގޮންޖެހުންތައް ފުރުސަތުތަކަށް ބަދަލުކޮށްފައިވާ ކުންފުންޏެއް. އަޅުގަނޑުމެން މިހާރު ކުރިމަތިވެފައިވާ މި ނާޒުކު ހާލަތު، ކުރިއެރުމުގެ ފުރުސަތަކަށް ހަދާނަން," ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސެމްސަންގ އިން ވަނީ ޓެކްނޮލޮޖީގެ އަސާސީ ވާދަވެރިކަން އަލުން ގާއިމުކުރުމަށާއި، މުސްތަޤުބަލަށް ތައްޔާރުވުމަށާއި، ކުންފުނީގެ ސަގާފަތާއި މަސައްކަތުގެ އުސޫލުތައް އަލުން ބަލައި އިސްލާހު ކުރުމަށް ތައްޔާރު ވެފައެވެ. އަދި ކުންފުނިން ވަނީ މި ކްރައިސިސް އިން އަރައިގަނެ، އަލުން ކުރިއަރައިގެން ދިއުމަށް ކަސްޓަމަރުންނާއި އިންވެސްޓަރުންނާއި މުވައްޒަފުންގެ އެހީތެރިކަމާއި ހިތްވަރަށް އެދިފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.