އެކްސް ޕްރީމިއަމް ބޭނުންކުރާ ފަރާތްތަކަށް އެހެން ފަރާތްތަކާ އިންޓަރެކްޓް ކުރުމުން ފައިސާ ދޭން ފަށައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އިން އިއުލާނުކޮށްފައިވާ ގޮތުގައި ކޮންޓެންޓް ކްރިއޭޓަރުންނަށް ޕްލެޓްފޯމުން ފައިސާ ލިބޭނެ ގޮތަށް ބޮޑު ބަދަލެއް އެ ޕްލެޓްފޯމުން މިހާރުވަނީ ގެނެސްފައެވެ.
މިގޮތުން، މީގެ ކުރިން ވެރިފައިޑް ޔޫޒަރުންނަށް ފެންނަ އިޝްތިހާރުތަކުގެ އާމްދަނީން ބައެއް ހިއްސާކުރަމުން ދިޔަ ނަމަވެސް، މިހާރު ފައިސާ ދޭނީ ޕްރީމިއަމް ޔޫޒަރުން އެ ކޮންޓެންޓާ އިންޓަރެކްޓް ކުރާ މިންވަރަށް ބަލައިގެން ކަމަށް އެކްސް އިން ބުނެފައިވެއެވެ.
މި ބަދަލާ ގުޅިގެން، ގިނަ ފަރާތްތަކަކުން އެކްސް ޕްރީމިއަމްއަށް ސަބްސްކްރައިބްކޮށް، އެހެން ޕްރީމިއަމް ސަބްސްކްރައިބަރުންގެ ކޮންޓެންޓާ އިންޓަރެކްޓް ކުރާވަރަކަށް، އެ ފަރާތްތަކަށް ލިބޭ ފައިސާގެ އަދަދު އިތުރުވާނެ ކަމަށް އެކްސް އިން ބުނެފައިވެއެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ޕްރީމިއަމް ޔޫޒަރުން ޓްވީޓްތަކުގެ ރިޕްލައިގައި އިތުރަށް ފެންނަން ފަށާނެ ކަމަށް ލަފާކުރެވެއެވެ.
މި އައު ނިޒާމުގެ ދަށުން ކޮންޓެންޓް ކްރިއޭޓަރުންނަށް ކުރިއަށްވުރެ ގިނައިން ފައިސާ ލިބޭނެކަން އަދި ޔަގީނެއް ނޫނެވެ. އެކްސް އިން ބުނާ ގޮތުގައި ޕްރީމިއަމް ސަބްސްކްރައިބް ކުރުމުން "އެކްސް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ" ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް، މިހާރުވެސް ބައެއް ސަބްސްކްރައިބަރުން ޝަކުވާ ކުރަމުންދަނީ ލިބޭ ފައިސާގެ އަދަދު ކުޑަކަމަށެވެ.
އެކްސް އިން ބުނާ ގޮތުގައި ޕޯސްޓްތަކުގެ ވިއުތައް އިތުރުކުރުމަށް މަކަރު ހެދުމަކީ މަަނާކަމެކެވެ. އަދި އެފަދަ ކަމެއް ކުރާ ފަރާތްތައް ޕްރޮގްރާމުން ވަކިކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރަން މަސައްކަތް ކުރާ ފަރާތްތައް ހުއްޓުވުމަށް އެކްސް އިން އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަން އަދި ސާފެއް ނޫނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.