ގޫގުލްއިން އޭއައި މަސައްކަތްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރުމަށް ނިންމައިފިއެވެ. މިގޮތުން ކައިރޮސް ޕަވަރާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާގައި 7 ކުދި ނިއުކްލިއަރ ރިއެކްޓަރު ޤާއިމުކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން 2030 އިން ފެށިގެން 2035 އާ ހަމައަށް އެކި މަރުހަލާތަކުގައި 500 މެގަވޮޓުގެ ނިއުކްލިއަރ ހަކަތަ އުފައްދާނެއެވެ. މިއީ ކުދި މޮޑިއުލަރ ރިއެކްޓަރުތަކުން (އެސްއެމްއާރު) އުފައްދާ ހަކަތަ ގަތުމަށް އެއްވެސް ކުންފުންޏަކުން ވެފައިވާ އެންމެ ފުރަތަމަ އެއްބަސްވުމެވެ.
މި ރިއެކްޓަރުތަކަކީ މިހާރު ބޭނުންކުރާ ރިއެކްޓަރުތަކަށްވުރެ ކުދި ރިއެކްޓަރުތަކެކެވެ. މީގެ ބައިތައް އުފައްދަނީ ވަކި ފެކްޓްރީއެއްގައެވެ. މިކަމުގެ ސަބަބުން އާންމު ބޮޑެތި ނިއުކްލިއަރ ޕްލާންޓުތަކާ އަޅާބަލާއިރު އިމާރާތްކުރުމުގެ ޚަރަދު ކުޑަވެއެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޔޫއެސް ނިއުކްލިއަރ ރެގިއުލޭޓަރީ ކޮމިޝަނުގެ ހުއްދަ ބޭނުންވާނެއެވެ. ކައިރޮސް ޕަވަރުން ވަނީ ޓެނެސީގައި ޑެމޮންސްޓްރޭޝަން ރިއެކްޓަރެއް އިމާރާތްކުރުމުގެ ހުއްދަ ލިބިފައެވެ. އަދި 2027 ގައި މި ރިއެކްޓަރުގެ ޚިދުމަތް ފެށުމަށް ވަނީ އަމާޒުކޮށްފައެވެ.
އޭއައި ދާއިރާގެ ކުރިއެރުމާއެކު، އެކަމަށް ބޭނުންވާ ޑޭޓާ ސެންޓަރުތަކުގެ ހަކަތައިގެ ބޭނުން އިތުރުވެފައިވުމާ ގުޅިގެން، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ނިއުކްލިއަރ ހަކަތައިގެ ދާއިރާއާއެކު އެއްބަސްވުންތައް ހެދުން އިތުރުވަމުންދެއެވެ.
މި އެއްބަސްވުމުގެ މާލީ ތަފްސީލުތައް ހާމަކޮށްފައި ނުވިނަމަވެސް، ގޫގުލްގެ ބުނުމުގައި މި އެއްބަސްވުން ރޭވިފައިވާ ގޮތުން ޚަރަދުތައް ކުޑަވެ، އަވަހަށް ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.
"އެކި ރިއެކްޓަރުތަކުން ކަރަންޓު ހޯދާ ގޮތަށް ހެދުމުން، ތަކުރާރުކޮށް ރިއެކްޓަރުތައް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އޭގެ ސަބަބުން ޚަރަދުތައް ކުޑަވެ، ކައިރޮސް ޕަވަރގެ ޓެކްނޮލޮޖީ އަވަހަށް މާކެޓަށް ނެރެވޭނެއެވެ،" ގޫގުލްގެ ހަކަތައާއި މޫސުމާ ބެހޭ ސީނިއަރ ޑިރެކްޓަރު މައިކަލް ޓެރެލް ބުނެފައިވެއެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީ ދާއިރާގެ އެހެން ބޮޑެތި ކުންފުނިތަކުންވެސް ވަނީ މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިގޮތުން މައިކްރޯސޮފްޓުން ވަނީ ސެޕްޓެމްބަރު މަހު ކޮންސްޓެލޭޝަން އެނަރޖީއާ އެކު ޕެންސިލްވޭނިއާގެ ތްރީ މައިލް އައިލެންޑް ޕްލާންޓުގެ ޔުނިޓެއް އަލުން ބޭނުންކުރަން ފެށުމަށް އެއްބަސްވެފައެވެ. އަދި އެމެޒޯނުން މާރިޗު މަހު ޓެލެން އެނަރޖީން ނިއުކްލިއަރ ހަކަތައިން ހިންގާ ޑޭޓާ ސެންޓަރެއް ގަނެފައިވެއެވެ.
މި ބާވަތުގެ އެއްބަސްވުންތައް އިތުރުވަމުން ދިއުމަކީ، އޭއައި ދާއިރާގެ ކުރިއެރުމާ ގުޅިގެން ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވަމުން ދިއުމުގެ ސީދާ ނަތީޖާއެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.