އޯޕަންއޭއައި އިން ޗެޓްޖީޕީޓީއަށް ފޯނުން ގުޅޭގޮތް ހަދައިފި

އަޙްމަދު ދާއޫދު 19 ޑިސެމްބަރު 2024


އޯޕަންއޭއައި އިން އެ ކުންފުނީގެ މަޝްހޫރު ޗެޓްބޮޓް ކަމުގައިވާ ޗެޓްޖީޕީޓީއަށް ފޯނުން ގުޅައި ވާހަކަދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

މިގޮތުން އެމެރިކާގެ ނަންބަރެއް ކަމުގައިވާ 1-800-242-8478 (1-800-CHATGPT) އަށް ގުޅައިގެން ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް މެސެޖް ކުރެވޭނެއެވެ.

އޯޕަންއޭއައިގެ ސީއީއޯ އަދި ބާނީ ސެމް އޯލްޓްމަން ވިދާޅުވި ގޮތުގައި މިއީ ޗެޓްޖީޕީޓީ ބޭނުންކުރުމަށް ފަސޭހަ، ޚަރަދު ކުޑަ އަދި އާންމުންނަށް އާދައިގެ ގޮތަކަށް އޭގެ ޚިދުމަތް ލިބިގަނެވޭނެ ގޮތެކެވެ. ފުރަތަމަ މަހު ކޮންމެ މީހަކަށްވެސް 15 މިނިޓް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އިޢުލާނަކީ އޯޕަންއޭއައި އިން ފާއިތުވި 12 ދުވަހުގެ ތެރޭގައި ކުރަމުން އައި އިޢުލާންތަކުގެ ތެރެއިން އެއް އިޢުލާނެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ އެމީހުންގެ އައު އޭއައި ވީޑިއޯ ޖެނެރޭޝަން ޓޫލް ކަމުގައިވާ "ސޯރާ" ވެސް ތަޢާރަފުކޮށްފައެވެ.

އޯޕަންއޭއައި އިން ވަނީ ފަހުން އެ ކުންފުނީގެ ފުރަތަމަ ޗީފް މާކެޓިންގ އޮފިސަރ ވެސް އައްޔަންކޮށްފައެވެ. މިއީ އެ ކުންފުނީގެ ޔޫޒަރުންގެ އަދަދު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ބެލެވެއެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހު އެ ކުންފުނިން ވަނީ ޗެޓްޖީޕީޓީގައި ސާރޗް ފީޗަރއެއް ވެސް ތަޢާރަފުކޮށްފައެވެ. މިއީ ގޫގުލް، މައިކްރޯސޮފްޓްގެ ބިންގ އަދި ޕަރޕްލެކްސިޓީއާ ވާދަކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި ހުރިހާ ކަމަކީ ވެސް އޯޕަންއޭއައި އިން އެ ކުންފުނީގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

އެންތްރޮޕިކް، އީލޮން މަސްކްގެ އެކްސްއޭއައި، ގޫގުލް، މެޓާ، މައިކްރޯސޮފްޓް އަދި އެމެޒޮން ފަދަ ބޮޑެތި ކުންފުނިތަކާ ވާދަކުރުމަށް އޯޕަންއޭއައި އިން މި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސްގެ މާކެޓް އަންނަ 10 އަހަރުގެ ތެރޭގައި 1 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް މިދާއިރާގެ މާހިރުން ލަފާކުރެވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.