ފަހަކަށް އައިސް ރަޝިޔާއިން ވަނީ އެމީހުންގެ އިންޓަރނެޓް ސެންސަރޝިޕްގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން)ގެ ހިދުމަތްތައް ހުއްޓުވައި، އޮންލައިންކޮށް މައުލޫމާތު ފެތުރޭ ނިޒާމްތަކަށް އެ ޤައުމުގައި ހުރެގެން ލިބ އެކްސެސް ހަނިކޮށް، އެކި އެޕްތަކާއި ވެބްސައިޓްތަކަށް ވަނުން މަނާކުރުން ފަދަ ކަންތައް ވަނީ އިތުރުކޮށްފައެވެ. ފާއިތުވެދިޔަ އަހަރުގައި ކްރެމްލިނުން ގާތްގަނޑަކަށް 200 ވީޕީއެން ހިދުމަތް ބްލޮކްކޮށްފައިވާއިރު، ރަޝިޔާގެ އިންޓަނެޓް ސެންސަރޝިޕްވަނީ އިތުރަށް ވަރުގަދަ ވެފައެވެ.
2024 ވަނަ އަހަރު ރަޝިޔާގެ އިންޓަނެޓް ސެންސަރޝިޕްވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ. މިނިވަން ޖަމިއްޔާއެއްކަމަށްވާ ރޮސްކޮމްސްވޮބޯޑާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ރަޝިޔާއިން ވަނީ 523،000 ވެބްސައިޓް ބްލޮކްކޮށްފައެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދަކަށްވީއިރު، ކުރިއަށް އޮތްތަނުގައި މިކަމަށް ލުއިކަމެއް އަންނާނެކަމަކަށް ލަފާނުކުރެވެއެވެ. ކުރީ އަހަރުތަކާއި އަޅާކިޔާއިރު، 2023ވަނަ އަހަރާ އެގައުމުން 571،000 ސައިޓް ބްލޮކްކޮށްފައިވާއިރު، އޭގެ ތެރެއިން އަހަރު ނިމުނުއިރު ބްލޮކްކޮށްފައި އޮތީ އެންމެ 197،000 ސައިޓެވެ. މީގެއިތުރުން، ރަޝިޔާގައި ވެބްސައިޓްތަކުގެ އަދަދު ވަނީ ދަށްވެފައެވެ. 2023 ވަނަ އަހަރު ރަޝިޔާގައި ބްލޮކްނުކޮށް ހުރި ސައިުތަކުގެ އަދަދަކީ 374،000 ވީއިރު، 2024 ވަނަ އަހަރު ބްލޮކްނުކޮށް އޮތީ 106،000 ވެބްސައިޓެވެ.
ފެޑެރަލް ޓެކްސް ސާވިސް، ރޮސްކޮމްނަޑްޒޯރ، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދަ އިދާރާތަކުން ޑިޖިޓަލް ގޭޓްކީޕަރުންގެ ދައުރު އަދާކުރަމުންދެއެވެ. މި އިދާރާތައް މިނިވަން މީޑިއާތަކާއި ދައުލަތަށް ފާޑުކިޔާ ކޮންޓެންޓްތަކާދެކޮޅަށް މަސައްކަތްކުރަމުންދާއިރު، ރައްޔިތުންނަށް މި ފަދަ މީޑިއާތަކުފެ އެކްސެސް ކަނޑާލުމަށްޓަކައި ވީޕީއެން ފަދަ ޓޫލްތައް ބްލޮކް ކުރެމުގެ މަސައްކަތް ވަނީ ފުޅާކޮށްފައެވެ.
ވަކިވަކި ފަރުދުންގެ އޮންލައިން ހަރަކާތްތައް މާސްކުކޮށް ބްލޮކް ކުރެވިފައިވާ ސައިޓްތަކަށް ވަދެވޭނެ ވީޕީއެން ބޭނުންކުރުމަކީ މިނިވަން މައުލޫމާތު ނުވަތަ އެގައުމުގެ ތެރޭގައި ބްލޮކްކޮށްފައި ހުންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހޯދަން ރަޝިޔާގެ އެތައް މިލިއަން ބަޔަކަށް ބޭނުންކުރާ އުކުޅުތަކެކެވެ. ނަމަވެސް އެ ޤައުމުގެ ސެންސަރޝިޕާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ހުއްޓުމަށް ވަނީ ދައުލަތުން ފިޔަވަޅުތަކެއް އަޅާފައެވެ.
ވީޕީއެންގެ ހިދުމަތްތަކާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަކީ އެ ޤައުމުގެ ސަރުކާރުން މައުލޫމާތު ފެތުރުމާއި ޙިޔާލުފާޅުކުރުމުގެ މިނިވަންކަމާމެދު ދެކޭގޮތުގެ ރަމްޒެކެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް 197 ވީޕީއެން ހިދުމަތް ބްލޮކްކޮށްފައިވެއެވެ. މިކަން ޙާސިލުކުރުމަށްޓަކާއި 60₽ ބިލިއަން (ގާތްގަނޑަކަށް 660$ މިލިޔަން) ވުރެ ގިނަ އަދަދެއް ދައުލަތުން މި އަންނަ 5 އަހަރު ޚަރަދުކުރާނެކަމަށް ޚަބަރުލިބިފައިވެއެވެ.
އާންމުންނަށް ވީޕީއެން ބްލޮކްކޮށްފައިވާއިރު ރަޝިޔާ ސަރުކާރުގެ އޮޕަރޭޝަންތައް ރައްކާތެރި ކުރުމަށް ވީޕީއެން ޓެކްނޮލޮޖީ ބޭނުން ކުރަމުންދެއެވެ. އެތެރޭގެ ބޭނުންތަކަށް ވީޕީއެން ހިދުމަތްތަކަށް 2024 ވަނަ އަހަރުގެ ފުރަތަމަ ނުވަމަހު އެކަނި 14₽ ބިލިއަން (ގާތްގަނޑަކަށް 145$ މިލިއަން) ވުރެ ގިނައިން ޚަރަދުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.
ރަޝިޔާގެ އިންޓަނެޓް ވޮޗްޑޮގް ރޮސްކޮމްނަޑްޒޯރުގެ ދައުރު ވަނީ ފާއިތުވެގެން ދިޔަ އަހަރުތަކުގައި ބޮޑުވެފައެވެ. 2019 އަހަރުގައި ޤާނޫނަށް ގެނައި ބަދަލަށްފަހު ރަޝިޔާ އިންޓަނެޓާއި ވަކިކުރުމުގެ ބާރު ދައުލަތަށް ދީފައިވާއިރު، އެ ޤައުމުގެ "ޑިޖިޓަލް ސޮވަނިޓީ" ދިފާއުކުރުމުގެ ނަމުގައި މިފަދަ ހަރަކާތްތައްވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުން ފެށިގެން ރޮސްކޮމްނާޑްޒޯރއިން ވަނީ ވީޕީއެން ޚިދުމަތްތައް ގިނަ އަދަދަކަށް ބްލޮކް ކުރުމުގެ މަސައްކަތްފަށާ، އެކްސްޕްރެސްވީޕީއެން އަދި ނޯޑްވީޕީއެން ފަދަ މަގުބޫލު ބައެއް ޕްލެޓްފޯމްތައް ހުއްޓުމުގެ މަސައްކަތްފަށާފައެވެ. 2024 ވަނަ އަހަރުގެ މާޗް މަހު އާ ގާނޫނަކުން އިންޓަނެޓްގެ ހުރަސްތަކުން ދުރުހެލިވާނެ ގޮތުގެ މައުލޫމާތު ފެތުރުމާއި، ވީޕީއެން ބޭނުންކުރުމާއި، އެކަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުމަކީ އަދަބުލިބޭ ކުށަކަށް ހަދާފައެވެ. މިޔާ ގުޅިގެން އެޕަލްއިން ވަނީ ރަޝިޔާގެ އެޕް ސްޓޯރުން ދިހަވަރަކަށް ވީޕީއެން އާއި އެހެން ސެންސަރކޮށްފައިވާ އެޕްތައް ނަގާފައެވެ. ވައިބާ، ސިގްނަލް، ޑިސްކޯޑް ފަދަ މުވާސަލާތީ އެޕްތައްވެސް ވަނީ ރަޝިޔާގެ ޤަވާއިދުތަކާ އިދިކޮޅުވުމުން އެ ޤައުމުގައި ދާދިފަހުން ސެންސަރުކޮށްފައެވެ.
މީގެ އިތުރުން ރަޝިޔާއިން ވަނީ "ސޮވަރިން ރޫނެޓް" ގެ ނަމުން ނަންދެވިފައިވާ އެއްޗެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. މި ސިސްޓަމް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓެސްޓުކޮށްފައިވީއިރު، ދުނިޔޭގެ އިންޓަނެޓުން ބައެއް ސަރަހައްދުތަކުގެ އެކްސެސް ވަގުތީ ގޮތުން ކަނޑާލާ ހަމައެކަނި ޤައުމީ ނެޓްވޯކެއް ގާއިމުކުރެވޭތޯވަނީ ބަލާފައެވެ. މިފަދަ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކޮށްފިނަމަ ރަޝިޔާގެ ރައްޔިތުންނަށް ދައުލަތުން ކޮންޓްރޯލްކުރާ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައްޗަށް ބަރޯސާވެ، މިނިވަން ހިޔާލު ފާލުކުރުމާއި މިނިވަން މީޑިއާތަކަށް ވަދެވޭނެ ގޮތް އިތުރަށް ބުރޫއަރާދާނެކަމަށް ލަފާކުރެވެއެވެ.
ވީޕީއެންތަކާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަކީ ސަރުކާރުން ޤައުމީ ސަލާމަތް ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ދައުވާ ކުރެއެވެ. ނަމަވެސް އެ ޤައުމު ޑިޖިޓަލީ އެކަހެރިވެ، މައުލޫމާތާއި ހިޔާލު ފާޅުކުރުން ކޮންޓްރޯލުކުރުމުގެ މައިގަނޑު މަގުސަދާއި މެދު ސުވާލު އުފެދެއެވެ. މިކަމަކީ އެ ޤައުމުން ފާއިތުވީ އަހަރު ތަކުގައި ޔޫކްރޭނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ގުޅުން ހުރި ފިޔަވަޅުތަކެއްތޯ؟ ނުވަތަ މި ފިޔަވަޅުތަކުގައި އެހެން މަޤުސަދެއްވޭބާއެވެ؟ ކޮންމެއަކަސް، ރަޝިޔާގެ ރައްޔިތުން މި ފިޔަވަޅުތައް ފަހަނައަޅާ ދިއުމަށް މަސައްކަތްކުރަމުންދެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.