މޯލްޑިވްސް އިސްލާމިކް ބޭންކުން ޒަމާނީ ޕޭމަންޓް ޑިވައިސްއެއް ކަމަށްވާ "ފައިސަވެއަރ ޓެގް" ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. މި ޑިވައިސްއަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރެވޭ، ފޯނު ނުވަތަ ވޮލެޓްގައި ހަރުކޮށްގެން ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެ ކުޑަ ސައިޒެއްގެ އައު ވަސީލަތެކެވެ.
އެމްއައިބީގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، މި އައު ޓެގްގައި އެން.އެފް.ސީ ޓެކްނޮލޮޖީއާއި ސެކިއުރ އެންކްރިޕްޝަން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ މުޢާމަލާތްތައް ރައްކާތެރިކަމާއެކު ކުރެވޭނެއެވެ.
ފައިސަވެއަރ ޓެގް ބޭނުންކޮށްގެން 750 ރުފިޔާއާ ހަމައަށް ޕިން ނުޖަހައި ފަސޭހައިން ޕޭމަންޓް ހެދޭނެއެވެ. އަދި 750 ރުފިޔާއަށްވުރެ މަތީ އަދަދުތަކަށް ޕިން ނަންބަރު ބޭނުންކޮށްގެން ޕޭމަންޓް ހެދުމުގެ އިތުރު ސެކިއުރިޓީއެއް ހިމެނިފައިވެއެވެ.
"މި އައު ޓެކްނޮލޮޖީއަކީ ކަސްޓަމަރުންގެ ޕޭމަންޓް ތަޖުރިބާ އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ވަސީލަތެއް," ކަމަށް އެމްއައިބީން ބުނެއެވެ.
ކަސްޓަމަރުންނަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފައިސާވެއަރ ޓެގް ޔޫއެސްޑީ (ޑޮލަރު) އެކައުންޓަކާ ލިންކްކޮށްފިނަމަ، ޤައުމީ އަދި ބައިނަލްއަޤްވާމީ ލެވެލްގައި މުއާމަލާތް ކުރެވޭނެއެވެ. ނަމަވެސް އެމްވީއާރް (ދިވެހިރުފިޔާ) އެކައުންޓަކާ ލިންކްކޮށްފިނަމަ ޓެގް ބޭނުންކުރެވޭނީ ހަމައެކަނި ރާއްޖޭގައެވެ.
މީގެ އިތުރުން އެމްއައިބީގެ ކަސްޓަމަރުންނަށް ޚާއްޞަ އިމްތިޔާޒެއްގެ ގޮތުން، އެމްވީއާރް މުސާރަ އެކައުންޓަކާ ގުޅާފައިވާ ޓެގް ބޭނުންކޮށްގެން، ކަނޑައެޅިފައިވާ ޔޫއެސްޑީ ލިމިޓް ތެރޭގައި ބޭރު ޤައުމުތަކުގައި ޚަރަދުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެބޭންކުން ބުނެފައިވެއެވެ.
ފައިސާވެއަރ ޓެގް މެނޭޖްކުރުމަށް ފައިސާނެޓް އަދި ފައިސާމޮބައިލް އެކްސް މެދުވެރިކޮށް ޓެގް އެކްޓިވޭޓްކުރުމާއި، ބްލޮކްކުރުމާއި، ޕިން ބަދަލުކުރުން ފަދަ ހުރިހާ ކަމެއް އޮންލައިންކޮށް ކުރެވޭނެއެވެ.
ޓެގް ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ، ފައިސާނެޓް، ފައިސާމޮބައިލް އެކްސް ނުވަތަ އެމްއައިބީ ކޯލް ސެންޓަރާ ގުޅައިގެން ވަގުތުން ބްލޮކްކުރުމުގެ ވަސީލަތްވެސް ގާއިމްކޮށްފައިވެއެވެ.
މި ޑިވައިސްގެ މުއްދަތަކީ ދޫކުރާ ތާރީޚުން ފެށިގެން 3 އަހަރުދުވަހެވެ. ފައިސާވެއަރ ޓެގް ހޯދުމަށް އެޕްލައިނައު ޕޯޓަލް މެދުވެރިކޮށް އެދެވިދާނެއެވެ. އަދި މާލެ އަދި ހުޅުމާލޭގައި ހުންނަ ޑިސްޓްރިބިއުޝަން ސެންޓަރުތަކުން ނުވަތަ ބޭންކުގެ ގޮފިތަކުން ވަގުތުން ޑިވައިސް ލިބޭގޮތަށް އިންތިޒާމްކޮށްފައިވާކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ.
އެމްއައިބީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ފައިސާވެއަރ ޓެގްއަކަށް ލިންކް ކުރެވޭނީ އެއް އެކައުންޓެވެ. އަދި މި ޚިދުމަތަށް ޖުމްލަ ފީއަކާއި އަހަރީ ފީއެއް ނެގޭނެ ކަމަށާއި ފީތައް ނެގޭނީ އެމްއައިބީގެ ޝެޑިއުލް އޮފް ޗާޖަސްއާ އެއްގޮތަށް ކަމަށް އެބޭންކުން ބުނެފައިވެއެވެ.
މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރެވޭ ފަސޭހަ ޕޭމަންޓް ޙައްލަކަށްވާތީ، ކަސްޓަމަރުންގެ ފަރާތުން ބޮޑު އިޖާބައެއް ލިބޭނެކަމަށް ބޭންކުން އުންމީދުކުރާކަމަށްވެސް އެމްއައިބީން ހާމަކޮށްފައިވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.