ޗައިނާގެ އޮޓޯމޯޓިވް ބޮޑު ކުންފުނި ބީވައިޑީ އާއި ޑްރޯން ޓެކްނޮލޮޖީގެ ލީޑަރ ޑީޖޭއައި ގުޅިގެން ކާރުތަކަށް ޚާއްޞަ ޑްރޯން ސިސްޓަމެއް އީޖާދުކޮށްފިއެވެ.
ސީދާ ކާރުގެ ފުރާޅުން ޑްރޯނެއް ފޮނުވާލެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ސިސްޓަމްގެ އަގަކީ 2,000 ޑޮލަރެވެ. މިއީ އަޅުގަނޑުމެން ކުރާ ދަތުރުތަކުގެ ތަޖުރިބާތައް ރެކޯޑުކުރާ ގޮތާއި، އޮފްރޯޑު ޓެރެއިން ނެވިގޭޓުކުރާ ގޮތާއި، އަދި އަޅުގަނޑުމެންގެ ވަށައިގެންވާ އެކްޓިވިޓީތައް ވީޑިއޯކޮށް ރެކޯޑް ކުރުމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ސިސްޓަމެކެވެ.
މި ޑްރޯން ސިސްޓަމްގެ ނަމަކީ "ސްޕިރިޓް ކައިޓް" އެވެ. މިއީ ކާރުގެ ފުރާޅުގައި ހަރުކުރެވިފައިވާ 30 ސެންޓިމީޓަރުގެ ހަނި ފޮށްޓެކެވެ. ޓަޗްސްކްރީން ބަޓަނެއް ފިއްތާލުމުން، ދެ ދޮރު ހުޅުވި، ކާރު ދުއްވަމުންދާއިރުވެސް ޑްރޯން ދޫކުރެވޭ ގޮތަށް ހެދިފައިވާ ޕެޑެއް ފެންނާނެއެވެ. މި ޑްރޯނުގައި ވަނީ އެޑްވާންސް އޮޓޮމޭޝަން ހަރުކުރެވިފައެވެ. އެހެންކަމުން މަސައްކަތް ނިމުމުން ޑްރޯން އަމިއްލައަށް ކާރުގެ ފުރާޅުގައިވާ ޑޮކިންގ ސްޓޭޝަނަށް އެނބުރި އައިސް ޖައްސާނެއެވެ.
މި ހޭންޑްސް-ފްރީ ތަޖުރިބާއިން ކަށަވަރުކޮށްދެނީ ޑްރައިވަރުންނާއި ފަސިންޖަރުންނަށް އެމީހުންގެ ދަތުރަށް ފޯކަސްކުރެވޭނެކަމާއި އަދި ޑްރޯން އަމިއްލައަށް މަސައްކަތް ކުރާނެކަމެވެ.
ބީވައިޑީގެ ހުރިހާ ވެހިކަލްތަކާއެކު މަސައްކަތް ކުރާގޮތަށް ފަރުމާ ކުރެވިފައިވާ މި ޑްރޯން ސިސްޓަމް އަކީ ރިއަލްޓައިމް ވައިގެ ބާރުމިނާއި، މޫސުމާބެހޭ އެހެނިހެން މައުލޫމާތު ވެސް ފޯރުކޮށްދީ، ޑްރައިވަރުންނަށް ޗެލެންޖިންގ ދަތުރުތައް ނެވިގޭޓްކުރުމަށް އެހީތެރިވެދޭނެ ވަޞީލަތެކެވެ.
ބީވައިޑީ އަކީ 2003 ވަނަ އަހަރު އުފެދުނު ޗައިނާގެ ދުނިޔޭގެ އެންމެ ބޮޑެތި އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. 2023 ވަނަ އަހަރު ބީވައިޑީ ވަނީ ދުނިޔޭގައި އެންމެ ގިނަ އިލެކްޓްރިކް ވެހިކަލް ވިއްކި ކުންފުންޏަށް ވެފައެވެ.
ޑީޖޭއައި އަކީ 2006 ވަނަ އަހަރު އުފެދުނު ޑްރޯން އަދި ކެމެރާ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ކުންފުންޏެކެވެ. މި ދެ ކުންފުނި ގުޅިގެން ތައާރަފުކޮށްފައިވާ މި އައު ޓެކްނޮލޮޖީ އަކީ ދުނިޔޭގެ އޮޓޯމޯޓިވް އަދި ޑްރޯން ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދޭނެ އީޖާދެއް ކަމަށް ބެލެވެއެވެ.
މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުރުވެރިން އެމީހުންގެ ދަތުރުތަކުގެ ޚާއްޞަ ވަގުތުތައް ކެޕްޗަރކުރުމަށް ފަސޭހަވެގެންދާނެއެވެ.
މި ސިސްޓަމްގައި ޑްރޯން ބެޓެރީ ކާރުގެ ބެޓެރީއިން ޗާޖުވާ ގޮތަށް ފަރުމާކުރެވިފައިވުމުން، ބޭނުންކުރާ ފަރާތްތަކަށް ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އިތުރަށް ކިޔާލުމަށް
ބީވައިޑީ އިން ތުރުކީގައި 1 ބިލިއަން ޑޮލަރުގެ ފެސިލިޓީއެއް
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.