އޭއައި.ކޮމް ޑޮމެއިން 100 މިލިއަން ޑޮލަރަށް ވިއްކާލަނީ

އަޙްމަދު ދާއޫދު 06 މާރިޗު 2025

އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގެ އެންމެ އަގުބޮޑު ޑިޖިޓަލް އެސެޓެއް ކަމުގައި ބެލެވޭ "އޭއައި.ކޮމް" ޑޮމެއިން (ނަން) 100 މިލިއަން ޑޮލަރުގެ ބޮޑު އަގަކަށް ވިއްކުމަށް ރަސްމީކޮށް ހުޅުވާލައިފިއެވެ. މި މުޢާމަލާތް ފުރިހަމަވެއްޖެނަމަ، ޑޮމެއިން ނަމެއްގެ ވިއްކުމުގެ ތާރީޚުގައި އެންމެ މަތީ އަގެއްގައި ކުރެވުނު އެއް މުޢާމަލާތްކަމުގައި ރެކޯޑްކުރެވިގެންދާނެއެވެ.

1993 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު މި ޑޮމެއިން ނަމަކީ "ދެ އަކުރު + މަތީ ފެންވަރުގެ ސަފިކްސް" ގެ މަދު ޑޮމެއިންތަކުގެ ތެރެއިން އެކެކެވެ. އޭގެ ކުރުމިނާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއާ ގުޅިފައިވާ ގޮތުން، ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ވާދަވެރިކަން އިތުރުވެފައިވާ ޑޮމެއިން ނަމެކެވެ.

މި ޑޮމެއިން ނަން ކުރީގައި އޯޕަންއޭއައި އަދި އެލޮން މަސްކްގެ އެކްސްއޭއައި ފަދަ ކުންފުނިތަކުގެ ވެބްސައިޓްތަކަށް ޑައިރެކްޓްކުރެވިފައިވެއެވެ. އަދި 2025 ފެބްރުއަރީގައި ޗައިނާގެ އޭއައި ކުންފުންޏެއްކަމަށްވާ ޑީޕްސީކްގެ ވެބްސައިޓަށް ޑައިރެކްޓްކުރެވުނެވެ. ނަމަވެސް މަޢުލޫމާތު ލިބޭ ގޮތުގައި، މިއީ ޑޮމެއިން ނަމުގެ އަގު އުފުލުމަށް ވެރިފަރާތުން ގެންގުޅޭ "ހޮޓްސްޕޮޓް ބައިންޑިންގ" އުކުޅެކެވެ.

މިހާރު މި ޑޮމެއިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރޭގައި ޑީޕްސީކް ފަދަ އާ އޭއައި ކުންފުނިތަކާއި، އެމެޒޯން އަދި ގޫގުލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ހިމެނެއެވެ. ޑޮމެއިން ނަމުގެ މިހާރުގެ ވެރިފަރާތް އަދި ހާމަކޮށްފައިނުވާއިރު، 2024 ޖުލައިގައި ރަޖިސްޓްރޭޝަން މަޢުލޫމާތު ސިއްރުކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

100 މިލިއަން ޑޮލަރުގެ އަގުގައި އޭއައި.ކޮމް ވިއްކާލުމަކީ ޑޮމެއިން ނަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ހާދިސާއެއް ކަމަށާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނުގައި ޑިޖިޓަލް އެސެޓްތަކުގެ އަގު މައްޗަށް ދިއުމުގެ ނިޝާނެއްކަމުގައި ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.