Download Logo
Copy Logo

މަހުގެ ކަރުތާފަތް ބަލައިގެން އާ ފިލްޓަރެއް އީޖާދުކޮށްފި

އަޙްމަދު ދާއޫދު 17 ޑިސެމްބަރު 2025

ޖަރުމަންވިލާތުގެ ބޮން ޔުނިވަރސިޓީގެ ދިރާސާވެރިން، ދޮންނަ މެޝިނުން ނުކުންނަ މައިކްރޯޕްލާސްޓިކްގެ މިންވަރު ކުޑަކުރުމަށް އާ ފިލްޓަރެއް ތަރައްޤީކޮށްފި އެވެ.

"އެން.ޕީ.ޖޭ އިމަރޖިންގ ކޮންޓަމިނަންޓްސް" ޖަރނަލްގައި މިފަހުން ޝާއިއުކުރެވިފައިވާ މި ދިރާސާގައި ހާމަވާ ގޮތުގައި، މަހުގެ ކަރުތާފަތުގެ ނިޒާމުން އިލްހާމް ލިބިގެން ތަރައްޤީކުރެވުނު މި ފިލްޓަރުން، ދޮންނަ މެޝިނުން ބޭރުވާ ފެނުގައި ހުންނަ 99 އިންސައްތައަށް ވުރެ ގިނަ ޕްލާސްޓިކް ފައިބަރު ވަކިކުރާނެ އެވެ. އިންސާނުންނާއި ދިރޭތަކެއްޗަށް ސިއްހީ ގޮތުން ނުރައްކާ ކުރާ މައިކްރޯޕްލާސްޓިކްގެ ތަޣައްޔަރުވުން ކުޑަކުރުމަށް މި އީޖާދަކީ މުހިންމު ފިޔަވަޅެކެވެ.

މައިކްރޯޕްލާސްޓިކްގެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ދޮންނަ މެޝިން ހިމެނޭކަން ފާހަގަކުރެވިފައިވެ އެވެ. އަހަރަކު އެއްގޭބިސީގެ ދޮންނަ މެޝިނަކުން 500 ގްރާމާ ހަމައަށް މައިކްރޯޕްލާސްޓިކް ބޭރުކުރެވޭކަމަށް ދިރާސާތަކުން ދައްކަ އެވެ. ކޮންމެ ފަހަރަކު ފޮތިގަނޑުތައް ދޮވުމުން، އެއިން ވަކިވާ ކުދިކުދި ޕްލާސްޓިކް ފައިބަރުތަކަކީ މައިކްރޯޕްލާސްޓިކްގެ މައިގަނޑު ބައެކެވެ. މި މައިކްރޯޕްލާސްޓިކްތައް ނަރުދަމާގެ ފެނާއެކު ދަނޑުބިންތަކަށް ވާސިލްވެ، އެސަރަހައްދު ތަޣައްޔަރުކުރުމުގެ ފުރުސަތު ބޮޑެވެ.

ކަރުތާފަތުގެ އެތެރޭގެ ބައިތައް -- ފޮޓޯ: ލިއަންޑްރާ ހަމާން

މިކަމަށް ހައްލެއް ހޯދުމަށް އުފެއްދުންތެރިން ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް ތަރައްޤީކުރެވިފައިވާ ފިލްޓަރު ނިޒާމުތަކުގައި އެކި ކަހަލަ ދައްޗާއި މައްސަލަތައް ހުރެ އެވެ. ބޮން ޔުނިވަރސިޓީގެ ދިރާސާވެރިޔާ ޑރ. ލިއަންޑްރާ ހަމަން ވިދާޅުވީ ބައެއް ފިލްޓަރުތައް އަވަހަށް ބެދޭކަމަށާއި އަނެއްބައި ފިލްޓަރުތަކުން އެކަށީގެންވާ ފިލްޓަރެއް ނުލިބޭ ކަމަށެވެ. މިކަމަށް ރަނގަޅު ހައްލެއް ހޯދުމަށްޓަކައި، ޑރ. ހަމަންއާއި އޭނާގެ ބެލެނިވެރިޔާ ޑރ. އެލެގްޒެންޑަރ ބްލަންކޭއާއި އެހެނިހެން އެކުވެރިން ވަނީ ބަޔޮލޮޖިކަލް ފިލްޓަރޭޝަން ނިޒާމުތައް ދިރާސާކޮށްފަ އެވެ. މިގޮތުން، އެމީހުންގެ ސަމާލުކަން މަހުގެ ކަރުތާފަތުގެ ނިޒާމަށް ހުއްޓުނެވެ.

މަހުގެ ކަރުތާފަތުގެ ނިޒާމަކީ އެތައް މިލިއަން އަހަރެއްގެ ތެރޭގައި ތަރައްޤީވެފައިވާ ވަރަށް ހަރުދަނާ ގުދުރަތީ ފިލްޓަރޭޝަން ނިޒާމެކެވެ. މެކަރަލް، ސާޑީން، އަދި އެންކޯވީޒް ފަދަ ބައެއް މަސްތައް ކެއުމަށްޓަކައި ފެން ފިލްޓަރުކުރަނީ ކަރުތާފަތުގެ ނިޒާމު ބޭނުންކޮށްގެންނެވެ.

މި ފިލްޓަރ ތައްޔާރުކޮށްފައިވަނީ އަމިއްލައަސް ފިލްޓަ ބްލޮކް ނުވާގޮތަށް -- ފޮޓޯ: ލިންޑާ ހަމާން

މި ނިޒާމަކީ މަސްތައް އަނގަ ހުޅުވައިގެން މޫދުގައި ދަތުރުކުރާ އިރު، ޕްލެންކްޓަން ފަދަ ކާނާ ކަރުތާފަތުގެ ނިޒާމުން ހިފަހައްޓައި، ސާފު ފެން ބޭރުކުރާ ގޮތަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ. މަހުގެ ކަރުތާފަތްތައް ހުންނަނީ ފަނަލް އެއްގެ ސިފައިގަ އެވެ. އަނގައިގެ ބައިން ފުޅާވެފައި ކަރުގެ ބަޔަށް ތޫނުވަމުންދާ ގޮތަށެވެ. ކަރުތާފަތުގެ ދެފަރާތުގައި ހުންނަ ކޮށިތަކުގައި ކުދި ދަތްތަކެއް ހުރެއެވެ. އެއީ ވަރަށް ރީތިކޮށް އެކުލަވާލެވި ގަތާލެވިފައިވާ ނިޒާމެކެވެ.

މި ނިޒާމުން ފެނަށް އަޅައިފައިވާ ޕްލެންކްޓަން ފިލްޓަރެއްގައި ތާށިވެފައިނުތިބެ، ކަރުގެ ބަޔަށް ދަމާލެވޭނެ ގޮތަކަށް އިންތިޒާމުކުރެވިފައިވާތީ، ފިލްޓަރު ބެދުމުގެ ފުރުސަތެއްވެސް ނޯވެ އެވެ. ޑރ. ބްލަންކޭ ވިދާޅުވީ މަސް ކާނާ ނަގާއިރު، ފެން ކަރުތާފަތުގެ ތެރެއިން ގޮސް، ފިލްޓަރުވެ، ސާފުފެން ބޭރުކުރާ ކަމަށެވެ.

މި އީޖާދުގެ ސަބަބުން، ދިރާސާވެރިން ވަނީ މަހުގެ ކަރުތާފަތުގެ ނިޒާމު ތަފާތު ސައިޒުތަކުގައި ތަރައްޤީކޮށް ތަފާތު ޓެސްޓުތައް ކޮށްފަ އެވެ. މިގޮތުން، އެންމެ އެކަށީގެންވާ ސައިޒާއި ބައްޓަން ހޯދުމަށްފަހު، 99 އިންސައްތައަށް ވުރެ ގިނަ މައިކްރޯޕްލާސްޓިކް ފެނުން ވަކިކުރެވޭނެ ފިލްޓަރެއް ތަރައްޤީކުރެވިފައިވާކަން ވަނީ ހާމަކޮށްފައެވެ.

މި ފިލްޓަރުގެ ޑިޒައިން ވަރަށް ސާދާކަމުން، އުފެއްދުމަށްވެސް ވަރަށް އަގުހެޔޮ ވާނެކަމަށް ދިރާސާވެރިން ލަފާކުރެ އެވެ. ފިލްޓަރުކުރާ މައިކްރޯޕްލާސްޓިކްތައް ފިލްޓަރުގެ ތެރޭގައި ޖަމާވެ، ކޮންމެ ދޮވުމަކަށްފަހު މަދު މިނިޓުކޮޅެއްގެ ތެރޭގައި އެތަނުން ދަމާލެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެ އެވެ. މިގޮތަށް ޖަމާކުރެވޭ ޕްލާސްޓިކްތައް ބޭނުންކުރާ ފަރާތުން ކޮންމެ ދުވާލަކަށް ނުވަތަ އެތައް ދުވަހަކަށް ފަހު ދޮންނަ މެޝިނުން ނަގައި، އާދައިގެ ކުންޏާ އެއްކޮށް ނައްތާލެވޭނެ އެވެ.

ކުރިމަތީ: ޑރ ލިއަންޑްރާ ހާމަން، ކަނާތްފަރާތުގައި: ޑރ އެލެގްޒެންޑަރ ބްލެންކް، މެދު: މެޓީރިއަލްސް ރިސާޗަރ ކްރިސްޓިއަން ރިއު، ވާތްފަރާތުގައި: ބަޔޮލޮޖިސްޓް ޑރ ހެންޑްރިކް ހެރްޒޮގް. ކްރެޑިޓް: ޕީޓާ ރޫރް / ޔުނި ބޯން

މި އީޖާދަށް ޖަރުމަންވިލާތުން ޕޭޓެންޓް ލިބިފައިވާއިރު، ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ޕޭޓެންޓް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ދިރާސާވެރިން މިހާރު އުންމީދުކުރަނީ އުފެއްދުންތެރިން މި ފިލްޓަރު ތަރައްޤީކޮށް، ކުރިއަށް އޮތް ޖީލުތަކުގެ ދޮންނަ މެޝިނުތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.