ފޮޓޯ- މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް" މިއަހަރުވެސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ، އެންޑް ސޮސައިޓީ" މި ޝިޢާރުގެ ދަށުން އޮގަސްޓް 17 އިން 19 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި، ރާއްޖެއާއި ދުނިޔޭގެ 23 ޤައުމަކުން ފާހަގަކޮށްލެވޭ އަދަދެއްގެ ދިރާސާވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.
މި ފަހަރުގެ ކޮންފަރެންސްގައި ތަފާތު އެކި ދާއިރާތަކުން ދިރާސާތައް ހުށަހެޅުނު އިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވާ ދާއިރާއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއަށެވެ. އެގޮތުން "އޭ.އައި، އަޚްލާޤު އަދި އިންސާނީ މުސްތަޤުބަލު" އަދި "އީޖާދު، ޓެކްނޮލޮޖީ އަދި ޑިޖިޓަލް ބަދަލުވުން" މި ދެ ދާއިރާގެ ދަށުން 16 ދިރާސާއެއް ހުށަހެޅުނެވެ. މީގެ އިތުރުން، ކޮންފަރެންސްގެ އެހެނިހެން ދާއިރާތަކުގެ ދަށުންވެސް އެދާއިރާތަކުގައި އޭއައި ބޭނުންކުރުމާއި ގުޅޭގޮތުން ދިރާސާތައް ހުށަހެޅިފައިވެއެވެ. މީގެ ތެރޭގައި ޞިއްޙަތާއި، ޤާނޫނާއި، އާކިޓެކްޗަރ އާއި، ސޮފްޓްވެއަރ އިންޖިނިއަރިންގ ފަދަ ދާއިރާތަކުގެ އިތުރުން، ތަޢިލީމީ ދާއިރާ އަދި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި މުހިންމު ދިރާސާތަކެއް ހުށަހެޅިފައިވެއެވެ.
އެގޮތުން، ދިވެހި މުއައްސަސާތަކުގައި އޭ.އައި ބޭނުންކުރުމުގެ ޤާބިލުކަން ހުރި މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާތަކުގެ ތެރެއިން، ފުލުހުންގެ ޚިދުމަތުގައި ޖާސޫސީ މަޢުލޫމާތު ދިރާސާކުރުމަށާއި، ތަޙްޤީޤު އަދި އިދާރީ މަސައްކަތްތަކުގައި އޭ.އައި ބޭނުންކުރުމަށް ދިވެހި ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށްޓަކައި ހެދިގެންދިޔަ ދިރާސާއެއް ފާހަގަކޮށްލެވެއެވެ. މި ދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ޢަމަލީގޮތުން އޭއައި ބޭނުންކުރުން މިހާރު ބޮޑަށް ބިނާވެފައިވަނީ އިދާރީ މަސައްކަތްތަކާއި މަޢުލޫމާތު ހޯދުމުގެ މައްޗަށެވެ. މިއާއިއެކު، އޭގެ ބޭނުން އިތުރަށް ފުޅާވަމުންދާއިރު ތަމްރީނާއި، ފަންނީ ޤާބިލުކަމާއި، ހިންގުމުގެ ނިޒާމުގެ އިތުރުން އަޚުލާޤީ މިންގަނޑުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދަންޖެހޭކަން މި ދިރާސާއިން ފާހަގަކުރެއެވެ.
ޞިއްޙީ ދާއިރާއަށް ބަލާއިރު، ސަރުކާރުގެ ދަތުގެ ފަރުވާދޭ ކްލިނިކްތަކުގައި އަނގައިގެ ކެންސަރު ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާއި ގުޅޭ ދިރާސާއެއްވަނީ ހުށަޙެޅިފައިވެއެވެ. މި ދިރާސާގައި ހުށަހަޅާފައިވަނީ އޭއައިގެ އެހީގައި ސްމާޓްފޯން މެދުވެރިކޮށް އަނގައިގެ ނުރައްކާތެރި ބަލިތައް ދެނެގަނެވޭނެ ޕްލެޓްފޯމެއްގެ ފައިދާ ވަޒަންކުރުމަށެވެ. މިއީ ދިވެހިރާއްޖެއާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި، އޭއައި ބޭނުންކޮށްގެން ބަލިތައް ދެނެގަތުމުގެ ނިޒާމު ފުޅާކުރުމަށް ބޭނުންވާ ހެކިތައް ލިބިގެންދާނެ ދިރާސާއެކެވެ.
މީގެ އިތުރުން، ޞިއްޙީ ދާއިރާގައި ނިންމުންތައް ނިންމުމުގެ ފެންވަރު މަތިކޮށް، ކަށަވަރުކަން އިތުރުކުރުމަށްޓަކައި އޭ.އައިގެ އެހީތެރިކަން ހޯދިދާނެ ގޮތްތަކުގެ މައްޗަށްވެސް މި ކޮންފަރެންސްގައި އަލިއަޅުވާލެވުނެވެ. މިގޮތުން ހުށަހެޅުނު މުހިންމު އެއް ދިރާސާއެއްގައި ބަލާފައިވަނީ، ލޭގެ ކެންސަރު (ލޫކީމިއާ) ޖެހިފައިވާ ބޮޑެތި މީހުންގެ ހަށިގަނޑުގައި ބަލީގެ އަސަރު ހުރި މިންވަރު ނުވަތަ "މިނިމަލް ރެސިޑިއުއަލް ޑިޒީޒް" (އެމް.އާރް.ޑީ) ވަޒަންކުރުމަށްޓަކައި މެޝިން ލާރނިންގ އަދި ޑީޕް ލާރނިންގ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކަށެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ، ބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަނެ، ކޮންމެ ބަލިމީހެއްގެ ޙާލަތާ އެންމެ އެކަށީގެންވާގޮތުށް ފަރުވާ ކަނޑައެޅުން އިތުރަށް ހަރުދަނާކުރުމެވެ.
މިއާއިއެކު، ތަޢުލީމީ ދާއިރާގައި 'ޖެނެރޭޓިވް އޭއައި' ގެ ސަބަބުން، ދަރިވަރުންނާއި ފަންނީ މާހިރުން، މަޢުލޫމާތު އުނގެނުމާއި، ދިރާސާކުރުމާއި، ތައްޔާރުކޮށް އުފައްދަމުންދާ ގޮތްތަކަށް އަންނަމުންދާ ބަދަލުތަކާއި ބެހޭގޮތުން ދިރާސާކުރެވިފައިވެއެވެ. އެގޮތުން އެމްއެންޔޫ އިން ހަދާފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި 'އޭއައި ލިޓަރަސީ' ނުވަތަ އޭއައި އަށް އަހުލުވެރިވުމަށް އިސްކަންދޭންޖެހެއެވެ. ދަރިވަރުން ޓެކްނިކަލް މަޢުލޫމާތު ދެނެގަތުމުގެ އިތުރުން، ލިބޭ މައުލޫމާތާއި މެދު އަމިއްލައަށް ވިސްނައި ފާޑުވެރި ނަޒަރަކުން ބެލުމުގެ ހުނަރާއި، 'އަލްގޮރިދަމިކް ބަޔަސް' ނުވަތަ ވަކި ފަރާތަކަށް ޖެހިފައި ހުންނަ ކަންކަމަށް ހޭލުންތެރިވުމާއި، އަމިއްލައަށް އެތިކަލީ ގޮތްނިންމަން އެނގުން އަދި 'ޑިޖިޓަލް ސޮވްރެންޓީ' ނުވަތަ ޑިޖިޓަލް މިނިވަންކަމާ ބެހޭ ފުން ވިސްނުން ތަރައްޤީކުރަންޖެހޭކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ހުށަހެޅުނު އެހެން ދިރާސާއަކުން ދައްކާގޮތުގައި އެމްއެންޔޫގެ ދަރިވަރުންނާއި މުދައްރިސުން 'ޗެޓްޖީޕީޓީ' އަދި 'ޖެމިނައި' ފަދަ ވަސީލަތްތައް ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެއާއެކު، މިފަދަ ވަސީލަތްތަކުން ލިބޭ މަޢުލޫމާތުގެ ޞައްޙަކަމާއި، އެ ބޭނުންކުރާ ފަރާތްތަކުގެ އެކަޑެމިކް އިންޓެގްރިޓީ އާއި މެދު ހުރި ކަންބޮޑުވުންތަކާއި، އަދި ޒިންމާދާރުގޮތެއްގައި އޭއައި ބޭނުންކުރުމަށް މުއައްސަސާގެ ފަރާތުން ކަނޑައެޅިފައިވާ ހަރުދަނާ އުޞޫލުތަކެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ.
ތެވެލި 2026 ކޮންފަރެންސްގައި ހުށަހެޅިފައިވާ ދިރާސާތަކަށް ބަލާއިރު ދައްކުވައިދެނީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވަހިރާއްޖެ ކުރިއަރަމުންދާ މިންވަރެވެ. އެގޮތުން ދިރިއުޅުމުގެ އެކިކަންކަން ފަސޭހަ ކޮށްދިނުމުގެ އިތުރުން، އަސާސީ، ޞިއްޙީ، އަދި ތަޢުލީމީ ދާއިރާއާއި ދައުލަތް ހިންގުމާއި، ޤައުމީ ތަރައްޤީގެ އެކި ދާއިރާތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ޤައުމު ތައްޔާރުވެފައިވާ މިންވަރު ދައްކުވައިދެއެވެ. އަޚްލާޤީ މިންގަނޑުތަކާއި ޒިންމާދާރު އުޞޫލުތަކުގެ ތެރެއިން މި ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ، ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ ކުރިމަގު އުޖާލާކޮށްދޭނެ މުހިންމު ބާރެކެވެ.
ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ