PSM news
ރާއްޖޭގެ ރައްޔިތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވައި، އެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ގައުމީ ހަރަކާތް "ޑިޖިޓަލް ފޯ އޯލް" ކެމްޕޭނުގެ މައުލޫމާތު މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް (މައިންޑްކޯ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މައިންޑްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.
މި އެއްބަސްވުމުގެ ދަށުން، "ޑިޖިޓަލް ފޯ އޯލް" ކެމްޕެއިންގެ ރަސްމީ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކީ، ޕީއެސްއެމްއެވެ. އަދި މި 3 އަހަރު ދުވަހުގެ މުއްދަތަކަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން، ކެމްޕޭނުގެ ދަށުން ހިންގޭ އެކި ހަރަކާތްތަކާއި، ޑިޖިޓަލް ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކާއި ޚަބަރުތައް ޕީއެސްއެމްގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ގެނެސްދެވޭނެއެވެ.
"ޑިޖިޓަލް ފޯ އޯލް" އަކީ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އަމާޒަށް ޤައުމު ގެންދިއުމަށްޓަކައި މިއަހަރުގެ ޖުލައި މަހު ސަރުކާރުން އިފްތިތާޙުކޮށްފައިވާ ކެމްޕެއިންއެކެވެ. މިއީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ޒަމާނީ ޓެކްނޮލޮޖީގެ ފައިދާތައް ފަސޭހަކަމާއެކު ލިބިގަނެވޭނެ މަގުފަހިކޮށްދިނުމަށާއި، ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދެވޭ ޚާއްސަ ގައުމީ ކެމްޕޭނެކެވެ.
ދެ ފަރާތުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ސަބަބުން، މި ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ޕީއެސްއެމްގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށް މައިންޑްކޯގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވިއެވެ. "މި ކެމްޕެއިންގެ ދަށުން އެކި ރަށްރަށުގައި އެކި އަތޮޅުތަކުގައި އެކި ޓާގެޓް ގްރޫޕްތަކެއް ޖުމްލަ 8 އޯޑިއަންސްއަކަށް ޓާގެޓްކުރެވިގެން މި ތަމްރީންތައް ކުރިއަށް ގެންދާނަން. މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ޚަބަރުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައާއި، މިކަންކަން ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާނީ ޕީއެސްއެމް." ސައީދާ އުމަރު ވިދާޅުވިއެވެ.
މި އެއްބަސްވުމާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާންމު ރައްޔިތުންނަށް މި ކެމްޕޭނުގެ މުހިންމު މައުލޫމާތުތައް އަވަހަށް ވާސިލުވެ، ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.
ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ