Download Logo
Copy Logo

މުއާމަލާތު ކުރުން، އޭއައި އާއި ހަވާލު ކުރުން: ސޯޝަލް އޯފްލޯޑިންގ

ހިންދު ޢަލީ 31 އޯގަސްޓު 2026

މިހާރު އަހަރުމެން އާންމުކޮށް ދިރުއުޅުމުގައި ކުރާ ހުރިހާ ކަމަކަށް އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަދެފައިވާ މިންވަރު ފާހަގަ ކުރެވޭ ހެއްޔެވެ؟ އޮފީހުގައި ފޮނުވާލަން ޖެހޭ އާދައިގެ އީމެއިލެއް ވެސް ޑްރާފްޓް ކުރަނީ ޗެޓްޖީޕީޓީ ބޭނުންކޮށްގެންނެވެ. ރައްޓެއްސަކު ފޮނުވާލާ އާދައިގެ މެސެޖަކަށް ޖަވާބުގައި ލިޔާނެ އެއްޗެއް މިހާރު އަމިއްލައަށް ވިސްނުމުގެ ބަދަލުގައި ހަވާލުކުރަނީ ޗެޓްޖީޕީޓީއާއިއެވެ. ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހަން ވެސް މިހާރު ހަވާލު ކުރަނީ އޭއައި ޓޫލްއަކަށެވެ. ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓްގައި ހިމަނާނެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ޖެނެރޭޓް ކުރުމާއި ހަމައިން ނިމުނީކީ ނޫނެވެ. ޕޯސްޓްގެ ޓެކްސްޓް ވެސް ތައްޔާރުކުރަނީ އޭއައި ޓޫލްތައް ބޭނުން ކޮށްގެންނެވެ.

މިއީ ހަމައެކަނި ވަކި ޖެނެރޭޝަނެއްގެ ބައެއް ނުވަތަ ޓެކް ޓޫލްތަކަށް ފަރިތަ ފުރާވަރުގެ ކުދިން އެކަނި ކުރާ ކަމެއް ނޫނެވެ. މިއީ މިހާރު ގިނަ އުމުރުފުރާތަކުގެ މީހުންގެ މެދުގައި އަދި ދިރިއުޅުމުގެ ގިނަ ކަންތައްތަކުގައި އަހަރުމެން އެންމެންގެ ވެސް އާދައަކަށް ވެފައިވާ ކަމެކެވެ. އެންމެ އާދައިގެ ކަންކަމުގައި ވެސް އޭއައި ޓޫލްތައް ބޭނުންކުރެއެވެ. އަދި ވަކިން ހާއްސަކޮށް އެކަކު އަނެކަކާއި މުއާމަލާތް ކުރުމާއި، އަމިއްލަ ހިޔާލެއް އެހެން ބަޔަކާއި ހިއްސާކުރުމުގައި އިސްކުރެވެނީ އޭއައި ޓޫލްތަކުގެ އެހީ ހޯދުމަށެވެ.

އިންސާނުންގެ ސިކުނޑިން ވިސްނާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށް ނިންމާލެވޭނެ ވަރުގެ ކަންތައްތައް ވެސް އަހަރުމެން މިހާރު ކުރުވަނީ އެލްގޮރިދަމްއެއް މެދުވެރިކޮށްގެންނެވެ. އަހަރުމެންގެ ސިކުނޑިން ވިސްނާ ވިސްނުން ކޮމްޕިޔުޓަރަކަށް ނުވަތަ އޭއައި އެޕްލިކޭޝަނަކަށް ދޫކޮށްލުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް މިގޮތަށް އަހަރުމެންގެ އަމަލުތައް ބަހައްޓަން ފެށުމުން ވަރަށް މުހިއްމު ސުވާލެއް އުފެދެއެވެ. އަހަރުމެން އިންސާނުންގެ ސިކުނޑި ބޭނުންކޮށްގެން ކުރާ އަސާސީ ކަންތައްތައް ނުކޮށް ދޫކޮށްލާ، އެކަންތަކުން މަޑު މަޑުން ދުރުވުމުގެ އާދަ އަށަގަތުމުން އަހަރުމެންގެ ސިކުނޑިތަކަށް އެކަމުން ކުރާނީ ކޮން އަސަރެެއް ހެއްޔެވެ؟

އަހަރުމެން އާންމުކޮށް ކުރާ މުއާމަލާތުކުރުން، އޭއައިއާ ހަވާލުކުރުމަކީ މިކަމުގެ ތަޖުރިބާކާރުން ބުނާގޮތުގައި އިޖުތިމާއީ ސައިންސްގައި ހިމެނޭ ބައެކެވެ. މިކަމަށް ދެވިފައިވާ ނަމަކީ "ސޯޝަލް އޮފްލޯޑިންގ" އެވެ.

ސޯޝަލް އޯފްލޯޑިންގ އަކީ ކޮބާ؟

މިއީ ހާއްސަކޮށް އަހަރުމެންގެ އިޖުތިމާއީ ގުޅުންތަކާއި އެކަކު އަނެކަކާއި ކުރާ މުއާމަލާތުގެ ކަންތައްތައް އޭއައި އާއި ހަވާލު ކުރުމަށް ކިޔާ ނަމެކެވެ. އެމެރިކާގެ ނޮން ޕްރޮފިޓް އޮގަނައިޒޭޝަނެއް ކަމުގައިވާ ކޮމަން ސެންސް މީޑިއާގެ ހެޑް އޮފް ރިސާޗް ޑރ. މައިކަލް ރޮބް ފާހަގަކުރާ ގޮތުގައި މި އާދައަކީ ހަމައެކަނި ވަކި ޖީލަކަށް ނިސްބަތްވާ އާދައެއް ނޫނެވެ. މިއީ ޖެންސް-ޒީ އަދި ޖެން-އަލްފާގެ ގިނަ ބައެއްގެ ކިބައިން ފެނުނު އާދައެއްކަމުގައި ވިނަމަވެސް މިލެނިއަލްސް އަދި ޖެން-އެކްސްގެ މީހުންގެ މެދުގައި ވެސް މިއާދަ ހަލުވިކަމާއެކު ފެތުރެމުންދާކަމަށް އޭނާ ފާހަގަކުރެއެވެ.

ކޮމަން ސެންސް މީޑިއާ އިން 2025 ވަނަ އަހަރު ކުރި ސާވޭއަކުން ދައްކާ ގޮތުގައި ސީރިއަސް ނުވަތަ ނާޒުކު ކަންތައްތަކުގައި މުއާމަލާތުކުރުމަށް، ފުރާވަރު ކުދިންގެ ތެރެއިން %33 އިސްކަންދެނީ އިންސާނުންނަށް ވުރެ އޭއައި އެސިސްޓެންޓަކަށެވެ. އުނދަގޫ ނުވަތަ ނުތަނަވަސް ވާހަކަތައް އެކުދިން ހަވާލުކުރަނީ ޗެޓްބޮޓަކާއެވެ. ނުވަތަ އެކުދިން އެފަދަ މުއާމަލާތްތައް ކުރަނީ އޭއައި ޓޫލެއްގެ އެހީ ހޯދައިގެންނެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޔަންގް އެޑަލްޓް ކެޓަގަރީ (18 އަހަރާއި 29 އަހަރާއި ދެމެދު) ގައި ހިމެނޭ ޒުވާނުން ނަފްސާނީ ކަންކަމުގައި ސަޕޯޓް ހޯދުމަށް ވެސް އޭއައި ޓޫލްތައް ބޭނުން ކުރެއެވެ. ޕިއު ރިސާޗަކުން ދައްކާ ގޮތުގައި އެމެރިކާގެ 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން %20 މީހުން ނަފްސާނީ ސިއްހަތާއި ގުޅޭ ކަންކަމުގައި ސަޕޯޓް ނުވަތަ ލަފާ ހޯދުމަށް އޭއައި ޗެޓްބޮޓް ބޭނުންކުރެއެވެ. މީގެ އިތުރުން އުމުރުން 30 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %13 މީހުން މިކަމަށް އޭއައި ޗެޓްބޮޓް ބޭނުންކުރެއެވެ.

ހާއްސަކޮށް ޒުވާނުންގެ މެދުގައި މިފަދައިން އަމަލުތައް ހުންނަ ސަބަބަކީ އުނދަގޫ ކަންކަމާއި ކުރިމަތިލާން ޖެހިލުންވުމެވެ. މިކަމުގެ އެކުދިންނަށް ވަގުތީ ފަސޭހައެއް ލިބުނު ނަމަވެސް މިކަމުގެ ބިރުވެރިކަމަކީ މީގެ ސަބަބުން އެކުދިންގެ ކިބައިގައި ހުންނަންޖެހޭ ހަގީގީ ދިރިއުޅުމުގައި މީހުންނާއި އެކު ބަދަހި ކުރަންޖެހޭ ގުޅުންތައް ގެއްލިގެން ދިޔުމުގެ ނުރައްކަލެވެ.


އެންމެ އާދައިގެ މުއާމަލާތް ކުރުމަށް ވެސް އޭއައި ބޭނުންކުރަނީ ކީއްވެ؟

މިހާރު އަހަރުމެން އޭއައި ބޭނުންކުރަނީ ހަމައެކަނި ބޮޑެތި ކޮމްޕްލެކްސް މައްސަލަތައް ހައްލުކުރާކަށް އެކަންޏެއް ނޫނެވެ. ވިސްނަން ގިނަ ވަގުތު ނަގާ ހައްލު ކުރަން އުނދަގޫ ކަންކަމުގައި އެކައްޏެއް ނޫނެވެ. މީގެ ކުރިން އަހަރުމެނަށް ލިބޭ އީމެއިލްއެއް ނުވަތަ މެސެޖަކަށް އަމިއްލަ އަށް ޖަވާބެއް ތައްޔާރުކޮށްލާކަށް މާ ގިނަ މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އަދި އެކަމަށް މާ ގިނަ ވަގުތެއްވެސް ހޭދައެއް ނުވެއެވެ. މެސެޖެއް ޑްރާފްޓްކޮށް ފޮނުވާލުމުގައި މާ ފުންކޮށް ވިސްނާ، ޖަވާބު ގޯސްކޮށް ދެވިދާނެ ކަމާމެދު ގިނަ ބަޔަކު މާ ބޮޑު ކަންބޮޑުވުންތަކެއް ނުވެއެވެ.

އެހެން ނަމަވެސް މިހާރު އާދައިގެ ކަންކަމުގައި ވެސް އަހަރުމެން ޑިފޯލްޓްކޮށް އޭއައި އާއި ދިމާލަށް ދަނީ އޭގެން އަވަހަށް ވަގުތުން ލިބޭ ފައިދާ ބޮޑު ވާކަމުގެ އިހުސާސް ކުރެވޭތީއެވެ.

މިފަދަ އާދައިގެ ކަންތަކުގައި ވެސް އޭއައި އިސްކުރެވޭ އެއް ސަބަބެއް ކަމުގައި ފާހަގަކުރެވެނީ އެންމެ ޕަރފެކްޓްކޮށް އެކަން ކުރަން ބޭނުންވުމެވެ. މިސްޓޭކެއް ނުޖެހޭނެކަން ކަށަވަރުކުރުމެވެ. އަދި ހާއްސަކޮށް އެހެން މީހަކަށް ނެގަޓިވްކޮށް ޖަވާބެއް ދޭންޖެހޭ ހާލަތުގައި ނުވަތަ މީހަކު ކުރި ކަމަކަށް ފާޑުކިޔަންޖެހޭ ހާލަތުގައި، އެމީހަކު ރުޅި ނާންނަ ގޮތަށް ނުވަތަ ވީހާވެސް ޕޮޒިޓިވް ގޮތަކަށް ޖަވާބު ދިނުމަށްޓަކައި އޭއައިގެ އެހީތެރިކަން ހޯދައެވެ. އެހެން ކަމުން މީގެ އެއް ސަބަބަކީ އިޖުތިމާއީ ގޮތުން އޮންނަ ގުޅުމެއް ނުތަނަވަސް ނުވާނެ ގޮަތަކަށް މިކަން ކުރުމަށްކަމަށް ބެލެވެއެވެ.

މީގެ އިތުރުން އަހަރުމެން ފޮނުވާ މެސެޖެއްގައި ނުވަތަ ޖަހާ ޕޯސްޓެއްގައި ޓައިޕޯއެއް ނުވަތަ އިމްލާ ކުށެއް ހުރެދާނެތީ އެކަން ރަނގަޅުކުރުމަށް ވެސް މިފަދަ މެސެޖުތައް ޑްރާފްޓް ކުރުމުގައި އޭއައި ބޭނުންކުރެއެވެ. މީގެ ފަހަތުގައި އެކުލެވޭ ސަބަބަކީ ފޮނުވާ ކޮންމެ މެސެޖެއް ނުވަތަ ޖަހާ ކޮންމެ ޕޯސްޓެއް ޕަރފެކްޓް ކުރަން ބޭނުންވުމެވެ.

ދެން އެންމެ ގިނަ ބަޔަކު މިކަން ކުރަން ބޭނުންވާ ސަބަބެއް ކަމުގައި ފެންނަނީ ކުދި ކުދި ކަންތައްތަކުގައި އެހާ ބޮޑަށް ވިސްނާނެކަމެއް ނެތޭ ހިތާ، ފަސޭހަކޮށްލަން ނުވަތަ ފަރުވާ ކުޑަކޮށްލަން އޭއައި އާއި އެމަސައްކަތް ހަވާލު ކުރުމެވެ.


ސޯޝަލް އޮފްލޯޑިންގގެ ނަތީޖާއަކީ ކޮބާ؟

ކުރީގައި ދެންނެވުނު ކޮމަން ސެންސް މީޑިއާއި ކޮށްފައިވާ ދިރާސާގައި ފާހަގަ ކުރާގޮތުގައި އަހަރުމެންގެ މިއާދައިގެ ސަބަބުން 2 މައްސަލައެއް ކުރިމަތިވެއެވެ.

އެއް ކަމަކީ މުއާމަލާތް ކުރެވެނީ އިންސާނަކާ ނޫންކަމަށް ވާތީ، މުއާމަލާތުގެ ތެރެއިން ލިބޭ ޖަވާބު ނުވަތަ ނަތީޖާ، ހަގީގީ ދުނިޔޭގައި އިންސާނަކާއި މުއާމަލާތް ކުރުމުން ލިބޭނެ ޖަވާބާއި ގުޅުން ކުޑަވުމެވެ. މީގެން އުފެދެނީ އުންމީދު ކުރާގޮތާއި ހަގީގަތާއި ދެމެދުގެ އޮންނަ ފަރަގު ބޮޑުވުމުގެ މައްސަލައެވެ.

ދެވަނަ މައްސަލައަކީ އިޖުތިމާއީ ހާލަތުތަކުގައި އަހަރުމެންގެ ނަފްސަށް ކުރާ އިތުބާރު ގެއްލުމެވެ. އެންމެ އާދާއިގެ މުއާމަލާތްތަކުގައި އޭއައި ބޭނުންކުރުމުގެ ސަބަބުން އަމިއްލައަށް ކުރެވެން އޮތް ކަންތައްތައް ކުރެވޭނެ ކަމާމެދު ޝައްކު އުފެދުމެވެ. ތަކުރާރުކޮށް އޭއައި ބޭނުންކުރުމުގެ ސަބަބުން، ކުރިމަތިވާ އެކިއެކި އިޖުތިމާއީ ހާލަތްތަކުގައި އަމަލު ބަހައްޓަން ޖެހޭ ގޮތާއި، ނުވަތަ ބުނަން ޖެހޭ އެއްޗަކާއިމެދު ޔަގީންކަން ކުޑަވެއެވެ. އެހެން އިންސާނުންގެ ތަބީއީ ކަންތައްތައް ދެނެގެތުމަށް ނުކުޅެދުމާއި، އެއްބަޔަކު އަނެއްބަޔަކަށް އެކީގައި އުޅުމުގައި ބޭނުންވާ އިންޓަރޕާސަނަލް ހުނަރުތައް ބިނާކުރުމަށް ހުރަސްއެޅެއެވެ.

މިދެންނެވުނު 2 ކަންތަކުގެ އިތުރުން ވެސް، މުއާމަލާތްތައް އޭއައި އާއި ހަވާލުކުރުމުގެ ސަބަބުން އަހަރުމެންގެ އަމިއްލަ އަޑު، ނުވަތަ އަހަރުމެންގެ އަމިއްލަ ހިޔާލުތައް އޭއައިގެ ހިޔާލުތަކާއެކު މަސްހުނިވެ މުއާމަލާތު ކުރުމުގައި އަމިއްލަ ވަންތަކަން ފަނޑުވެއެވެ. އަމިއްލަ ޖަޒުބާތުތައް ކިޔާދޭން ނޭގި، އަހަރުމެންގެ ޝަހުސިއްޔަތު ގެއްލިގެން ދެއެވެ. ކޮންމެ ހިޔާލެއް އެއީ 'ޕަރފެކްޓް' ކޮށް 'ކިޔުރޭޓް' ކޮށްފައިވާ އެއްޗަކަށް ވާންޖެހޭތީ، އަހަރުމެންގެ ހިޔާލުތަކުގެ ތެދުވެރިކަން ގެއްލި، އަހަރުމެންގެ ގުޅުންތައްވެސް ފޭކް ވެދެއެވެ.

އަދި މި އާދައިގެ ސަބަބުން އަހަރުމެންގެ ސިކުނޑިތައް ބޭނުންކުރުން ދަށަށް ދެއެވެ. އިންސާނާގެ ގައިގައި ހިމެނޭ މަސްތައް ވަރުގަދަ ކުރަން ކަސްރަތު ކުރާ ފަދައިން، ސިކުނޑީގެ ބާރު ގަދަ ކުރުމަށް ވިސްނުމުގެ ބާރު ބޭނުން ކުރަންޖެހެއެެވެ. އަަހަރުމެންގެ ވިސްނުން އޭއައި އާއި ހަވާލުކުރުމުން ސިކުނޑިތައް މަސައްކަތް ކުރަންޖެހޭ ގޮތަށް މަސައްކަތްނުކޮށް، އަހަރުމެންގެ ތޫނުފިލިކަން ވެސް ގެއްލޭނެއެވެ.


މި އާދަ ބަދަލުކުރުމަކީ ޓެކްނޮލޮޖީ އެއްކޮށް ދޫކޮށްލުމެއް ނޫން

އެންމެ އާދައިގެ ކަންތައްތަކުގައި އަހަރުމެން މިހާރު އޭއައިއަށް އެއްކޮށް ބަރޯސާ މިންވަރު ބަދަލުކުރަންޖެހެއެވެ. މި އާދަ ބަދަލުކުރުމުގެ މާނައަކީ ޓެކްނޮލޮޖީ އެއްކޮށް ދޫކޮށްލުމެއް ނޫނެވެ. އެހެން ނަމަވެސް އޭއައި އަކީ އަހަރުމެންގެ އެކި ކަންތައްތަކުގައި އެހީތެރި ވެދޭ އެއްޗެއްކަމަާއި، އަހަރުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރާ އެއްޗެއް ނޫންކަން ހަނދާން ކުރުން މުހިއްމެވެ. އަހަރުމެންގެ ދިރިއުޅުމުގެ އޮޑި ދުއްވުމުގައި ބައިވެރިއަކަށް ޓެކްނޮލޮޖީ ހެދި ނަމަވެސް، ހުންގާނުގައި ހިފަހައްޓައިގެން، ދާ މިސްރާބު ކޮންޓްރޯލް ކުރަންވާނީ އަހަރުމެން އަމިއްލައަށެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ.

- ދެން އާދައިގެ މަސައްކަތަކަށް އޭއައިގެ އެހީ ހޯދުމަށް ޗެޓްޖީޕީޓީ ނުވަތަ އެހެން އެޕެއް ހުޅުވާލާ ވަގުތު ވިސްނާލާށެވެ. މިއީ އަމިއްލައަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރެވިދާނެ ކަމެއް ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ، އެކަން އޭއައިގެ ބޭނުން ނުކޮށް އަމިއްލައަށް ކޮށްލާށެވެ.

- ބުނާ ނުވަތަ ލިޔާ އެއްޗެއް ޕާރފެކްޓް ނުވިޔަސް އެންމެ ރަނގަޅު ކަމުގައި ވިސްނާށެވެ. ކުޑަ މިސްޓޭކެއް ހެދުނު ނަމަވެސް، ނުވަތަ ޓައިޕޯއެއް ހިމެނުނު ކަމުގައި ވި ނަމަވެސް ބުނަން ބޭނުންވާ އެއްޗެއް ބުނެވުމުން އެންމެ ރަނގަޅު ވާނެއެވެ. އޭއައި ޓޫލްތަކަކީ ވެސް އެންމެ ޕަރފެކްޓް އެއްޗެއްސެއް ނޫނެވެ. އޭއައި ޓޫލްތަކުން ވެސް މިސްޓޭކް ހަދައެވެ. އަމިއްލައަށް ލިޔެފައިވާ ސާދާ ލިޔުމެއް، ނުވަތަ ޖަވާބެއްގައި އަމިއްލަ ވަންތަކަން ހިމެނުމުން، އެއީ ހަގީގަތުގައި މެޝިނަކުން ޖެނެރޭޓް ކުރިއެއްޗަކަށް ވުރެ އަގުހުރި އެއްޗަކަށް ވާނެއެވެ.

- ކުދިކުދި މަސައްކަތްތައް އަމިއްލައަށް ކުރުމުގެ އާދަ އަށަގަންނުވާށެވެ. ކޮންމެ ދުވަހަކު އާންމުކޮށް ކުރަންޖެހޭ މުއާމަލާތްކުރުމާއި، އަވަސް އަވަހަށް ނިންމަން ޖެހޭ ކަންތައްތައް އަމިއްލައަށް ކޮށްލުމަށް މަސައްކަތްކުރާށެވެ. އަދި ޕަރސަނަލް ކަންތައްތައް ކުރުމަށް ޑިޖިޓަލްއަށް ވުރެ ފިޒިކަލްކޮށް ކުރުމަށް އިސްކަންދޭށެވެ.

އޭއައި އަކީ އަހަރުމެންގެ އުނދަގޫ މަސައްކަތްތައް އެތަށް ގުނައަކަށް ފަސޭހަކޮށްދޭ އެއްޗެއްކަން ގަބޫލުކުރަމެވެ. ޑޭޓާ އާއި މައުލޫމާތު ޕްރޮސެސްކުރުމާއި، ކޮމްޕްލެކްސް ކޯޑް ކުރުން ފަދަ ކަންތައްތައް ސިކުންތުކޮޅެއްގެ ތެރޭގައި އޭއައި އިން ފުރިހަމަކުރެއެވެ. އެހެން ނަމަވެސް އިންސާނުން އެކަކު އަނެކަކާއި މުއާމަލާތް ކުރުމާއި، އެއްބަޔަކު އަނެއްބަޔާއި މެދު އޮންނަން ޖެހޭ ގުޅުންތައް ބަދަހި ކުރުމާއި، މުއާމަލާތު ކުރުމުގައި އަމިއްލަ ޝަހުސިއްޔަތު ހިފެހެއްޓުމަކީ މުހިއްމު ކަމެއްކަމެކެވެ. ޓެކްނޮލޮޖީގެ ގާބިލުކަން މަތިވަމުންދާ ވަރަކަށް އަހަރުމެންގެ ވާހަކަތަކާއި ހިޔާލުތަކާއި ފިކުރުތަކުގައި އިންސާނީ ޝަހުސިއްޔަތު ސައްހަ ގޮތުގައި ހިމެނުމަކީ އަހަރުމެން އެންމެ މުހިއްމުކަން ދޭންޖެހޭ ކަމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.