Eindhoven University of Technology
އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އެންމެ ޢާންމުކޮށް ޖެހޭ، އަދި ފުރާނައަށް ނުރައްކާވާ އެއް ބައްޔެވެ. މި ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސައިންސްވެރިންނާއި ޑޮކްޓަރުން އަންނަނީ މުހިންމު އައު ހޯދުންތަކެއް ހޯދަމުންނެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ސައިންސްވެރިން މިހާރު ދަނީ ކެންސަރު ދެނެގަތުމާއި، ބަލީގެ ނުރައްކާތެރިކަން ދުރާލާ ލަފާކުރުމުގައި (prognosis) ފާހަގަކޮށްލެވޭ ފަދަ އިންޤިލާބީ ކުރިއެރުންތަކެއް ހޯދަމުންނެވެ.
މިގޮތުން ޔުނިވަރސިޓީ އޮފް ސައުތުހެމްޕްޓަން އަދި ޔުނިވަރސިޓީ ހޮސްޕިޓަލް ސައުތުހެމްޕްޓަން ގުޅިގެން ތަރައްޤީކޮށްފައިވާ 'ސެން-ސެގްނެޓް' (CenSegNet) އޭއައި ޕްލެޓްފޯމަކީ، އުރަމަތީގެ ކެންސަރު ސެލްތަކުގެ އެތެރޭގައި ހިނގާ ކަންކަން ދެނެގަތުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އިންސާނެއްގެ ލޮލަށް ފާހަގަނުކުރެވޭ ފަދަ ނާޒުކު ބަދަލުތަކާއި، ސެލްތައް އެތުރިފައިވާ ގޮތް ވަރަށް ފުރިހަމައަށް ދެނެގަނެވެއެވެ. މީގެ ސަބަބުން ކެންސަރުގެ ޓިއުމަރ އިތުރަށް ފެތުރިގެން ދިއުމުގެ ފުރުޞަތު އޮތް މިންވަރު މާ ކުރިން ދެނެގަތުމުގެ ޤާބިލުކަން ޑޮކްޓަރުންނަށް ލިބިގެންދާނެއެވެ. މި ދިރާސާގެ ހޯދުންތައް މިހާރު ވަނީ މަޝްހޫރު ސައިންޓިފިކް ޖާނަލެއް ކަމަށްވާ 'ނޭޗަރ ކޮމިއުނިކޭޝަންސް' ގައި ޝާއިޢުކޮށްފައެވެ.
'ސެން-ސެގްނެޓް' (CenSegNet) އޭއައި ޕްލެޓްފޯމް
ސެން-ސެގްނެޓަކީ ޓިއުމަރުގެ ސާމްޕަލްތަކުގައިވާ އެތައް ލައްކަ ސެލްތަކެއް ވަރަށް ހަލުވިކަމާއެކު ތަޙުލީލުކުރުމުގެ ޤާބިލުކަން ލިބިފައިވާ އޯޕަން-ސޯސް އޭއައި ވަސީލަތެކެވެ. މި ވަސީލަތުގެ އެހީގައި ސެލްތަކުގެ އެތެރޭގައިވާ 'ސެންޓްރޯސޯމްސް' (centrosomes) އަށް އަންނަ ބަދަލުތައް މީގެ ކުރިން ނުފެންނަ މިންވަރަށް ސާފުކޮށް ބަލައިލެވެއެވެ. އަދި ޓިއުމަރުގެ ވަށައިގެންވާ މާޙައުލާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ސެލްތައް ކެންސަރާ މުޢާމަލާތްކުރާ ގޮތްވެސް ތަޙުލީލުކޮށްދެއެވެ. ސެންޓްރޯސޯމްސްއަކީ ސެލްތައް ބެހުމާއި، އޭގެ އޮނިގަނޑު ހަމަހަމަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މައި މަރުކަޒެވެ. މި ބައިތަކަށް އުނިކަމެއް އައުމަކީ ސެލްތަކުގައި ޖެނެޓިކް މައްސަލަތައް އުފެދި، ކެންސަރު ސެލްތައް އުފެދުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ވޭތުވެދިޔަ އެއް ޤަރުނަށް ވުރެ ގިނަ ދުވަހު ސެންޓްރޯސޯމްގެ މައްސަލަތަކަކީ ކެންސަރުގެ ޢަލާމާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވީ ނަމަވެސް، މި މައްސަލަތައް ޓިޝޫ ސާމްޕަލްތަކުން ތަޙުލީލުކުރުމަކީ މީގެ ކުރިން ޕެތޮލޮޖިސްޓުންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ދިރާސާގެ ހޯދުން
ސައުތުހެމްޕްޓަންގެ ދިރާސާވެރިން ވަނީ 127 ބަލިމީހުންގެ ސާމްޕަލްތަކުން 330،000 އަށްވުރެ ގިނަ ސެންޓްރޯސޯމް ތަޙުލީލުކޮށްފައެވެ. މި ދިރާސާއިން ހާމަވި ގޮތުގައި، މީގެ ކުރިން އެއް ކަމެއްގެ ގޮތުގައި ބެލެވުނު ސެންޓްރޯސޯމްގެ މައްސަލަތަކަކީ ޙަޤީޤަތުގައި ދެ ބާވަތެއްގެ ކަމެކެވެ. އެއީ ސެލްތަކުގައި ސެންޓްރޯސޯމްގެ އަދަދު ގިނަވުމާއި، އެ ބައިތައް އާދަޔާޚިލާފަށް ބޮޑުވުމެވެ. މި ދެ މައްސަލައަކީ ޓިއުމަރުގެ އެކި ސަރަޙައްދުތަކުގައި ވަކިވަކިން ހިނގާ، އަދި ތަފާތު ދައުރެއް އަދާކުރާ ދެ ކަމެކެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ބަލީގެ ނުރައްކާތެރިކަން ގުޅިފައިވަނީ ސެންޓްރޯސޯމްގެ އަދަދަށްވުރެ ބޮޑަށް އޭގެ ބޮޑުމިނަށްށެވެ. އާދަޔާޚިލާފަށް ބޮޑެތި ސެންޓްރޯސޯމްތައް ގިނަ އަދަދަކަށް ހުންނަ ޓިއުމަރުތަކަކީ ނުރައްކާތެރިކަން ބޮޑު، ލިމްފް ނޯޑްތަކަށް އަވަހަށް ފެތުރޭ އަދި ޖެނެޓިކް ބަދަލުތައް ގިނަ ބާވަތްތަކެވެ. އަދި ޓިއުމަރުގެ މެދުބައިގައި މިފަދަ ބޮޑެތި ސެންޓްރޯސޯމްތައް މަދު ބަލިމީހުންގެ ފުރާނަ ސަލާމަތްވުމުގެ ފުރުޞަތު ބޮޑުކަންވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.
ބަލިމީހުންނަށް ލިބިގެންދާނެ ފައިދާތައް
މި ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އެގޮތުން، ބަލީގެ އަސްލު ނުރައްކާތެރިކަން ދެނެގަނެވި، ކޮންމެ މީހަކަށްވެސް އެންމެ އެކަށޭނަ ފަރުވާ ކަނޑައެޅުމަށް ފަސޭހަވެގެންދާނެއެވެ. މީގެ ސަބަބުން ނުރައްކާ ކުޑަ ބަލިމީހުންނަށް ކީމޯތެރަޕީ ފަދަ ވިހަގަދަ އަދި ވޭންދެނިވި ފަރުވާތައް ދިނުމުގެ ބަދަލުގައި ރައްކާތެރި ފަރުވާ ދެވޭއިރު، ނުރައްކާ ބޮޑު ބަލިމީހުންނަށް އަވަހަށް އަދި ވަރުގަދަ ފަރުވާ ދިނުމަށް މަގުފަހިވެއެވެ. ހަމައެއާއެކު، ޓެސްޓުތަކުގެ ނަތީޖާ އަވަހަށް އަދި ފުރިހަމަ ޞައްޙަކަމާއެކު ލިބުމަށްވެސް މަގުފަހިވެގެންދެއެވެ.
މީގެ އިތުރުން، މި ޓެކްނޮލޮޖީއަކީ އަދި ޢާންމުކޮށް ކްލިނިކަލް މަރުޙަލާތަކުގައި ބޭނުންކުރަން ފަށާފައިވާ އެއްޗަކަށް ނުވި ނަމަވެސް، މީގެ ސަބަބުން ކުރިމަގުގައި ޞިއްޙީ ދާއިރާއަށް އިންޤިލާބީ ފައިދާތަކެއް ކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެގޮތުން ސެންޓްރޯސޯމަށް އަންނަ ބަދަލުތައް ޗާޓުކޮށް (spatial maps) ދެނެގަތުމުގެ ސަބަބުން، ވަރަށް އަވަހަށް ފެތުރޭ ނުރައްކާތެރި ޓިއުމަރުތައް ހުންނަ ބަލިމީހުން ވަކިކޮށް ދެނެގަތުމަށް ޑޮކްޓަރުންނަށް ފަސޭހަވެ، ކެންސަރުގެ ނުރައްކާ އޮތް މިންވަރު ސީދާކޮށް ދެނެގަނެވޭނެއެވެ. މިއާއެކު، ކޮންމެ ބަލިމީހެއްގެ ބައްޔާ ސީދާ ގުޅޭގޮތަށް ޚާއްޞަކޮށްގެން ދެވޭ ފަރުވާ ނުވަތަ "ޕްރެސިޝަން އޮންކޮލޮޖީ" އަށް އައު ދޮރުތަކެއް ހުޅުވިގެންދެއެވެ. މިހާރުވެސް ތައްޔާރުކުރަމުންދާ ބައެއް ބޭސްތަކަކީ ސެންޓްރޯސޯމްގެ މަސައްކަތްތައް ކޮންޓްރޯލްކުރާ ޕްރޮޓީންތަކަށް އަމާޒުކޮށް އުފައްދާ ބޭސްތަކަކަށް ވާތީ، ޓިއުމަރުގެ ބަލިކަށިކަމަށް އަމާޒުކޮށް އެންމެ އެކަށޭނަ ބޭސް ދިނުމުގެ ފުރުޞަތު ކުރިމަގުގައި ޑޮކްޓަރުންނަށް ލިބިގެންދާނެއެވެ.
އިތުރު ފައިދާތަކަށް ބަލާއިރު، އެއް ޓިއުމަރެއްގެ އެކި ބައިތައް ތަފާތު ގޮތްގޮތަށް ޢަމަލުކުރާ ސަބަބު ދެނެގަތުމަށް މި ދިރާސާގެ ހޯދުންތަކުން އެހީތެރިވެދެއެވެ. މީގެ ސަބަބުން ޓިއުމަރު އިތުރަށް ބޮޑުވަމުންދާނެ ގޮތާއި، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިގެންދާނެ (metastasis) މިންވަރު ދުރާލާ އަންދާޒާކުރުމަށާއި، ބައެއް ފަރުވާތަކަށް ކެންސަރު ސެލްތަކުން ދެކޮޅުވެރިކަން ދައްކާ (treatment resistance) ސަބަބު ދެނެގަނެ ދުރާލާ ފިޔަވަޅު އެޅުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. ހަމައެއާއެކު، މުޅި ޓިޝޫގެ ތެރޭގައިވާ ވަކިވަކި ސެލްތަކުގެ ކުދި ބައިތަކުގެ (cellular structures) ޙަރަކާތްތަކާއި ބަދަލުތައް އޭއައި މެދުވެރިކޮށް ބަލައި ދިރާސާކުރުމުގެ މުޅިން އައު ދާއިރާއެއްވެސް އުފެދިގެންދާނެއެވެ.
މިއާއިއެކު، CenSegNet އަކީ ހިލޭ ލިބޭ އޯޕަން-ސޯސް ސޮފްޓްވެއާއަކަށް ވުމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކެންސަރު ދިރާސާކުރާ ސައިންސްވެރިންނާއި ޕެތޮލޮޖިސްޓުން މި ޓެކްނޮލޮޖީ ފަސޭހައިން ބޭނުންކުރެވޭނެއެވެ. އަދި އުރަމަތީގެ ކެންސަރުގެ އިތުރުން ކިޑްނީ، ގޮހޮރު (ކޯލަން) އަދި އެޕެންޑިކްސް ފަދަ ގުނަވަންތަކުގެ ޓިޝޫ ސާމްޕަލްތައް ތަޙުލީލުކުރުމުގައިވެސް މި ޓެކްނޮލޮޖީ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވިދާނެކަން މި ޓީމުން ވަނީ ސާބިތުކޮށްދީފައެވެ.
މި ޓެކްނޮލޮޖީގެ ކުރިމަގު
މި މަސައްކަތުގެ ދެން އޮތް މަރުޙަލާގައި ޓީމުން ރާވާފައިވަނީ، ސެން-ސެގްނެޓްގެ އެހީގައި ލިބޭ މަޢުލޫމާތުތައް ޖެނޮމިކް، ޓްރާންސްކްރިޕްޓޮމިކް އަދި ޕްރޮޓިއޮމިކް ޑޭޓާތަކާ އެއްކޮށްލައިގެން ދިރާސާކުރުމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސެންޓްރޯސޯމަށް ބިނާކޮށް ދެނެގަނެވޭ ބަޔޯމާކަރސް (biomarkers) ތަކަކީ، ބަލިމީހުންނަށް ދޭނެ ފަރުވާ ކަނޑައެޅުމުގައާއި ފަރުވާގެ ކާމިޔާބީ އިތުރުކުރުމުގައި އެހީތެރިވެދޭނެ އިތުބާރުހުރި ވަސީލަތަކަށް ހެދުމެވެ.
އުރަމަތީގެ ކެންސަރު ދެނެގަތުމުގައި ސައުތުހެމްޕްޓަންގެ ދިރާސާވެރިން ހޯދި މި ކުރިއެރުމަކީ ކެންސަރު ބަލީގެ ފަރުވާއަށް ލިބުނު ވަރަށް އުއްމީދީ އަލިކަމެކެވެ. އޭއައި އަދި ޑިޖިޓަލް ޕެތޮލޮޖީ ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރެވި، މި ޓެކްނޮލޮޖީ ވެގެންދާނީ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށްށެވެ.
ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ