އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފޮޓޯއާއި ވީޑިއޯ އުފެއްދުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ލޯކަލް ކެފޭ ރެސްޓޯރަންޓްތަކުގެ މެނޫއާއި އިޝްތިހާރުތަކުން ފެށިގެން ސިޔާސީ ކާޓޫނާއި ސިޔާސީ ލީޑަރުން ލަވަ ކިޔާ، ނެށުންތައް ޖައްސާ ޖެނެރޭޓެޑް ވީޑިއޯތައް މިހާރު ވަރަށް ގިނައިން ފެނެއެވެ. ހާއްސަ ދުވަސްތަކާއި އެކިއެކި މުނާސަބަތު ފާހަގަ ކުރުމަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކުން އާންމުކުރާ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ފެންނަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އޭއައި ބޭނުންކޮށްގެން އެކި ބާވަތުގެ ތަސްވީރާއި ވީޑިއޯތައް ޖެނެރޭޓް ކުރުން މިހާރު ވަނީ އާންމު ރޯގާއެއް ފެތުރޭ ފަދައިން ފެތުރިފައެވެ.
މީގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ ސަބަބަކީ މިއީ ވަރަށް ފަސޭހައިން، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި، އަދި ކުޑަ އަގަކަށް ނުވަތަ ހިލޭ ކުރެވޭ ކަމަކަށް ވާތީއެވެ. އަދި އޭއައި އިން އުފައްދައިދޭ ތަކެތި ވަރަށް ރީތިވެފައި ފުރިހަމަވާތީއެވެ.
މިއީ ކޮމްޕިއުޓަރެއްގެ ކުރިމަތީގައި ނުވަތަ ފޯނެއް ހިފައިގެން އިނދެގެން، މަދު ބަސްކޮޅެއް ލިޔެލައިގެން ބަޓަންއަކަށް ފިތާލައިގެން ސިކުންތުކޮޅެއްގެ ތެރޭގައި ކުރެވޭ ކަމަކަށްވާތީ، މިކަން މިހާރު ވެފައިވަނީ ވަރަށް އާދައިގެ ކަމަކަށެވެ. އެހެން ނަމަވެސް މިއީ އަހަރުމެން ހީކުރާހާ އާދައިގެ ކަމެއް ނޫނެވެ.
ބައެއް ފަހަރު އަހަރުމެން ނަގާފައިވާ ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން، އަނެއްބައި ފަހަރު މުޅިން އަލަށް ފޮޓޯއެއް އުފައްދުމަށް ޕްރޮމްޓެއް ދޭނެއެވެ. ދެން އެފޮޓޯ ވަކި ހާއްސަ ސްޓައިލަކަށް ބަދަލުކޮށްލަން އެދޭނެއެވެ. ނުވަތަ ފޮޓޯގެ ބެކްގްރައުންޑް ބަދަލުކޮށްލަން އެދޭނެއެވެ. އަދި އެންމެ ފުރަތަމަ ލިބޭ ނަތީޖާ ކަމުނުދާތީ، ކަމުދާ ގޮތެއް ހޯދުމަށްޓަކައި ހަތަރު ފަސް ސްޓައިލަކަށް ފޮޓޯ އަލުން ޖެނެރޭޓްކުރުމަށް އެދޭނެއެވެ. އެއަށްފަހު، އެންމެ ހިތްހަމަޖެހޭ ފޮޓޯއެއް ލިބެންދެން މިކަން އެތައް ފަހަރަކު ތަކުރާރު ކުރާނެއެވެ. ކޮންމެ ޕްރޮމްޓަކާއިއެކު އުފެދޭ ފޮޓޯތަކުގެ އެކި ބައިތައް ވަކިވަކިން ބަދަލުކޮށް އެންމެ އެދެވޭ ނަތީޖާ ނެރެވެންދެން މިމަސައްކަތް އަނެއްކާވެސް ތަކުރާރު ކުރާނެއެވެ.
މިމަސައްކަތަކީ ޑިވައިސެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ކޮށްލެވޭ ކަންތައްތައް ކަމުގައިވީ ނަމަވެސް، މި ފަސޭހައިގެ ފަހަތުގައި އަހަރުމެންނަށް ނުފެންނަ އެތައް ކަންތައްތަކެއް ހިމެނެއެވެ.
އޭއައި ބޭނުންކޮށްގެން ފޮޓޯއެއް އުފެއްދުމަކީ ހަމައެކަނި މެސެޖެއް ފޮނުވާލުން ނުވަތަ ވެބްސައިޓެއް ހުޅުވާލުން ފަދަ އާދައިގެ ކަމެއް ނޫނެވެ. އާދައިގެ މެސެޖެއް ފޮނުވާލައިގެން ޓެކްސްޓްތަކެއް އުފެއްދުމުގައި ކޮމްޕިޔުޓަރ ޗިޕަށް ބޭނުންވަނީ ވަރަށް ކުޑަ ކަރަންޓް ހަކަތައެވެ.
އެހެން ނަވަމެސް އަހަރުމެން އޭއައި ސިސްޓަމެއް ކައިރީގައި ފޮޓޯއެއް އުފެއްދުމަށް އެދުމުން، މި ރިކުއެސްޓަށް ޖަވާބު ދިނުމަށް ބޮޑެތި ކޮމްޕިޔުޓަރ އިންފްރާސްޓްރަކްޗަރ (ސަރވަރތަކާއި އެހެނިހެން ހާޑްވެއަރ) ބޭނުން ކުރާނެއެވެ. ނަތީޖާ ފޮޓޯއަކާއި ހަމައަށް ވާސިލްވުމުގެ ކުރިން ބޮޑެތި އޭއައި މޮޑެލްތަކުން ގިނަ ކަލްކިޔުލޭޝަންތަކެއް ހަދާ، ގިނަ ޑޭޓާތަކެއް ޕްރޮސެސް ކުރާނެއެވެ.
2026 ގައި ޔުނައިޓެޑް ނޭޝަންސް ޔުނިވަރސިޓީ (ޔޫއެންޔޫ) އިން ކޮށްފައިވާ އެސެސްމަންޓަކުން ލަފާކުރާގޮތުގައި އޭއައިއިން އެންމެ އާދައިގެ ތަސްވީރެއް އުފެއްދުމަށް ހޭދަވާ ހަކަތައާއި ޓެކްސްޓް އުފެއްދުމަށް ހޭދަވާ ހަކަތަ އަޅާބަލާއިރު ތަސްވީރަކަށް ގާތްގަނޑަކަށް 1،450 ގުނަ އިތުރު ހަކަތަ ބޭނުންވެއެވެ. މިދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އެންމެ އާދައިގެ ތަސްވީރެއް އުފެއްދުމަށް 2.9 ވޮޓް-އަވަރސް ކަރަންޓާއި، 1.22 ގްރާމް ކާބަންޑައިއޮކްސައިޑާއި، 28.6 މިލިލީޓަރު ފެން ބޭނުންވެއެވެ.
އޭއައި އިމޭޖް އުފެއްދުމުގެ ހޭދަވާ ކަރަންޓާއި، ކާބަންޑައިއޮކްސައިޑާއި އަދި ފެނުގެ ހަގީގީ އަދަދުތައް ބިނާވާ ބައެއް ކަންތައްތަކަކީ، ތަސްވީރު އުފެއްދުމަށް ބޭނުންކުރާ އޭއައި މޮޑެލްއާއި، ހާޑްވެއަރއާއި، އިމޭޖް ރިޒޮލިއުޝަންއާއި، ޑޭޓާ ސެންޓަރ އަދި ކަރަންޓުގެ ބާވަތަށެވެ.
ޔޫއެންޔޫގެ ދިރާސާގައި ވަނީ 17 އޭއައި އިމޭޖް އުފައްދާ އޭއައި މޮޑެލްއަކަށް ބަލާލާފައެވެ. މީގެ އެކި މޮޑެލްތަކުގެ މެދުގައި ހަކަތަ ބޭނުންކުރާ މިންވަރު 46 ގުނައަށް ތަފާތުވެއެވެ. އަދި ތަސްވީރުތަކުގެ ރިޒޮލިއުޝަން އިތުރުކުރުމުން ޓެސްޓްކުރި މޮޑެލްތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެއެވެ.
އެންމެ މީހަކު އެންމެ ފޮޓޯއެއް ޖެނެރޭޓް ކޮށްލައިގެން ދެން ތިމާވެއްޓަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ހީކޮށްލާ، މިކަމާމެދު އަހަރުމެން ފަރުވާ ކުޑަކޮށްލެވެއެވެ. ކުރިން ދެންނެވުނު އަދަދުތަކަކީ އެންމެ އާދައިގެ އެންމެ ތަސްވީރެއް އުފެއްދުމަށް ހޭދަވާ އަދަދުތަކެވެ. އެހެންނަމަވެސް ކޮންމެ ތަސްވީރަކަށް ޖުމްލަކޮށް ހޭދަވަނީ މިއަދަދުގެ އެތަށް ގުނައެކެވެ. އެއް މިލިއަން މީހުން އެއް މިލިއަން ފޮޓޯ ޖެނެރޭޓް ކުރަން ފެށުމުން ކުރާނެ އަސަރާއި މެދު ވިސްނާލައްވާށެވެ. އަދި މިލިއަން މީހުން އުފައްދާ މިލިއަން ފޮޓޯ، އެންމެ ކަމުދާ ފޮޓޯ ލިބެންދެން ތަކުރާރުކޮށް ހަތަރު ފަސް ފަހަރު ފަށްފަށް ކުރާއިރު ވާނެ ވަރު ވިސްނަވާލައްވާށެވެ.
އޭއައި މޮޑެލްތަކަށް ފޮނުވާ ކޮންމެ ރިކުއެސްޓެއްގައި ހަކަތަ ހޭދަވާ މިންވަރު އެއްވަރެއް ނޫނެވެ. ފޮޓޯ ޖެނެރޭޓް ކުރާ އެއް މޮޑެލްއާއި އަނެއް މޮޑެލްގައި ހަކަތަ ބޭނުންކުރާ މިންވަރު ވެސް ތަފާތެވެ. ޓެކްސްޓް ޖެނެރޭޓް ކުރުމާއި އަޅާ ބަލާފައި ފޮޓޯ ޖެނެރޭޓް ކުރުމުގައިވެސް ހަކަތައިގެ މިންވަރުން ބޮޑު ފަރަގެއް އެބަހުއްޓެވެ.
ޓެކްސްޓް ޖެނެރޭޓް ކުރަން ބުނުމުން އޭއައި ސިސްޓަމުން ކުރަނީ ސިމްޕަލް ކަލްކިޔުލޭޝަނެކެވެ. އެއް ބަހުގެ ފަހަތުން އަނެއް ބަސް އަތުރާ ބޭނުންވާ ޖަވާބު ތައްޔާރު ކުރަނީއެވެ. އެހެން ނަމަވެސް މީގައި ވެސް ހަކަތަ ބޭނުންވެއެވެ. ރިކުއެސްޓް ކުރާ ކަމަކަށް ބިނާކޮށް އެކި ތަންތަނުން މައުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެއެވެ. އެކަޑެމިކް ރިސަރޗްތަކުން ހާމަވާގޮތުގައި އެވްރެޖްކޮށް ޓެކްސްޓުން ޖަވާބެއް ދިނުމަށް ބޭނުންވަނީ ހަކަތަ އެފިޝަންޓް އެލްއީޑީ ބޮތްކެއް 5 ސިކުންތައް ދިއްލާފައި ހުރުމާއި އެއްވަރުގެ ހަކަތައެވެ.
އެއާއި ހިލާފަށް ތަސްވީރެއް އުފެއްދުމަކީ ހަކަތައިގެ ޑިމާންޑް ބޮޑު ކަމެކެވެ. ތަސްވީރު ޖެނެރޭޓް ކުރާ އޭއައި ސިސްޓަމްތަކުން ނަތީޖާ ތަސްވީރަކާއި ހަމައަށް ވާސިލްވުމަށް ގިނަ އަދަދެއްގެ ވިޝުއަލް މައުލޫމާތު ޕްރޮސެސްކޮށް ރިފައިން ކުރަން ޖެހެއެވެ.
އޭއައި އިން ތަސްވީރެއް އުފައްދާއިރު، އުފެދެނީ މުޅި ތަސްވީރު އެއްފަހަރު މަތިންނެއް ނޫނެވެ. ތަސްވީރު ކުރަހަން ފަށަނީ ކުދި ކުދި ޑިޖިޓަލް ބައިތަކެއް ވަކި ވަކިން ހުއްޓާއެވެ. އަދި މަޑު މަޑުން ވަކި ވަކި ބައިތައް އެކުވެ ތަސްވީރެއްގެ ފުރަތަމަ ސިފަ އުފެދެއެވެ. އަދި އެއަށްފަހު ތަސްވީރު އުފެއްދުމަށް ބޭނުންވާ ޕްރޮސެސް، ގިނަ ފަހަރުތަކެއްގެ މަތިން ތަކުރާރުކޮށް، ތަސްވީރުގައި ހިމެނޭ ކުލައާއި، މީހުންނާއި، ތަކެއްޗާއި، އިތުރު ތަފްސީލުތައް ހިމަނާ ފުރިހަމަ ތަސްވީރަކަށް ބަދަލުކުރެއެވެ. މިޕްރޮސެސްގެ ތެރެއިން އޭއައި ސިސްޓަމުން އެތައް މިލިއަން ޕިކްސެލްއެއް ޖެނެރޭޓް ކުރުމަށް ވަރަށް ގިނަ ކަލްކިޔުލޭޝަންތަކެއް ކުރެއެވެ.
ޔޫއެންޔޫއިން ކުރި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި އެންމެ މަދު އަދި އެންމެ ގިނައިން ހަކަތަ ބޭނުންކުރާ މޮޑެލްތަކުގެ މެދުގައި ހަކަތަ ބޭނުންކުރުމުގައި 46 ގުނައާއި ހަމައަށް ތަފާތުވެ އެވެ.
ވަރަށް ތަފްސީލީ އެންމެ ތަސްވީރެއް ޖެނެރޭޓް ކުރުމަށް ގާތްގަނޑަކަށް ސްމާޓް ފޯނެއްގެ ބެޓެރީ %0 އިން %100 އާއި ހަމައަށް ޗާޖު ކުރުމަށް ބޭނުންވާ މިންވަރަށް ހަކަތަ ބޭނުންކުރެއެވެ.
އެކަޑަމިކް ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ކުންފުންޏެއްގެ މާކެޓިންގ ޓީމަކުން އެންމެ މާކެޓިންގ ކެމްޕޭނެއްގައި ފައިނަލް ޑިޒައިނަކާއި ހަމައަށް އައުމަށްޓަކައި 1000 ޑްރާފްޓް ތަސްވީރު ޖެނެރޭޓްކޮށްފި ނަމަ، އެމަސައްކަތަށް އާދައިގެ ޕެޓްރޯލުން ދުއްވާ ކާރެއް 4 މޭލަށް ދުއްވުމަށް ހޭދަވާ ހަކަތައާއި އެއް މިންވަރަކަށް ހަކަތަ ބޭނުންވާނެއެވެ.
މިފަދައިން އެންމެ ދުވަހަކު ދުނިޔޭގެ ލެވެލްގައި އުފައްދާ އެތައް ސަތޭކަ މިލިއަން ފޮޓޯ ޖެނެރޭޓް ކުރުމަށް ހޭދަވާ ހަކަތައިގެ ވަކި ވަކިން އަދަދުތައް ޖަމާކޮށްފިނަމަ، ކުޑަ ސިޓީއަކަށް ބޭނުންވާ މިންވަރަށް ހަކަތަ ބޭނުންކުރެވެއެވެ.
ފޯނު މާ ގިނައިރު ބޭނުންކުރުމުން ފޯނު ހޫނުވެ އަހަރެމެންނަށް އެކަން އިހުސާސް ކުރެވެއެވެ. ހަމަ އެފަދައިން އޭއައި ސިސްޓަމްތަކުގެ ފަހަތުގައި ހިމެނޭ އިންފްރާސްޓްރަކްޗަރތައް (ސަރވަރތަކާއި އެހެނިހެން ހާޑްވެއަރ) ވެސް ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކަށް ހޫނުވެއެވެ. ފޮޓޯ ޖެނެރޭޓް ކުރުމަށް އެތައް ހާސް ސަރވަރތަކަކާއި އޭގައި ހިމެނޭ ގްރެފިކްސް ޕްރޮސެސިންގ ޗިޕްތަކެއް (ޖީޕީޔޫ) މަސައްކަތް ކުރަން ޖެހެއެވެ.
އެހެންވީމާ އެއް އިމާރާތެއްގެ ތެރޭގައި ހިމެނޭ އެތައް ސަރވަތަކެއް މިގޮތަށް އެއްފަހަރާ މާ ގިނައިރު މަސައްކަތް ކުރަންޖެހުމުން ހޫނުވާނެ މިންވަރު ތަސައްވުރުކޮށްލާށެވެ. މިހާޑްވެއަރތައް ހަލާކުނުވެ ހިފެހެއްޓުމަށްޓަކައި އެއިން އުފެދޭ ހޫނުމިން ތިރިކުރަންޖެހެއެވެ. އޭއައި ސިސްޓަމްތައް ހުއްޓުމެއް ނެތި މަސައްކަތް ކުރުމަށްޓަކައި ކޮންމެވެސް ގޮތަކުން ސަރވަރތައް ހުންނަ ޑޭޓާ ސެންޓަރުތައް ފިނިކުރަން ފެން ބޭނުންވެއެވެ. މިފަދަ ޑޭޓާ ސެންޓަރުތަކުގައި އާންމުކޮށް ބޭނުންކުރަނީ ފެން އާތްވަށް ބަދަލުކުރާ ނިޒާމުތަކެވެ. ހޫނު އުފެދޭ ސިސްޓަމްތައް ފިނިކުރުމަށް ސާފު ފެން ދައުރުކޮށް، ޑޭޓާ ސެންޓަރުގައި ހުރި ހޫނުކަން އާވީގެ ގޮތުގައި ބޭރުކުރާނީއެވެ. މިގޮތުން ސަރވަރތައް ފިނިކަންމަތީގައި ދެމެހެއްޓެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ ފެންވަރުގައި އޭއައި ސިސްޓަމްތައް ބޭނުންކުރާ އިންފްރާސްޓްރަކްޗަރ ފިނިކުރުމަށްޓަކައި ކޮންމެ އަހަރަކު އެތައް ސަތޭކަ ބިލިއަން ލީޓަރެއްގެ ތާޒާ ފެން ނަގައެވެ.
ފޮޓޯ ޖެނެރޭޓްކުރާ ޓޫލްތައް ދުވަހެއް ދުވަހަކަށް އާންމު ވެގެންދާ ވަރަކަށް ބޮޑެތި ޓެކް ކުންފުނިތަކުން ރިޕޯޓްކުރާ ގޮތުގައި އެކުންފުނިތަކުގެ އޭއައި ސިސްޓަމްތައް ފިނިކުރުމަށް ބޭނުންކުރާ ފެން އަހަރަކު %20 އާއި %30 އާއި ދެމެދުގެ މިންވަރަކަށް އިތުރުވެއެވެ. އެވްރެޖްކޮށް މިފަދަ ކުންފުނިތަކުގެ ފެން ބޭނުންކުރާ މިންވަރު އުޅެނީ އަހަރަކު ގާތްގަނޑަކަށް 30 ބިލިއަން ލީޓަރަށް ވުރެ މަތީގައެވެ.
އަދި މިކަމުގައި އިތުރަށް ކަންބޮޑުވުން އުފެދޭ އަނެއް ސަބަބަކީ މިފަދަ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށްޓަކައި ޑޭޓާ ސެންޓަރުތައް އާންމުކޮށް އިމާރާތްކޮށްފައި ހުންނަނީ ފެން ހުންނަ ސަރަހައްދުތަކަށް ވިސްނާފައެއް ނޫނެވެ. އެހެންކަމުން މީހުން ދިރި އުޅޭ ސަރަހައްދެއް ނަމަ އާންމުން ބޭނުންކުރާ ފެނުގެ ނިޒާމުތަކަށް މިކަމުން ވަރަށް ބޮޑެތި އަސަރުކުރެއެވެ. މިމައްސަލައަށް އަލިއަޅުވާލާ ފަހުގެ ކޭސްއެއްގެ ގޮތުގައި ނިއުޒީލެންޑްގެ އިންވަރކާގިލް ސަރަހައްދުގައި ސިންގަޕޫރުގެ އޭއައި ކުންފުނި ކަމަށްވާ ޑޭޓާގްރިޑްގެ ޑޭޓާ ސެންޓަރުތަކެއް އުފައްދާ ކޭސް ހިމެނެއެވެ. މިކަމުގައި އެސަރަހައްދުގައި ހިމެނޭ ފެނުގެ ރިސޯސަސްތަކަށް ކުރާނެ އަސަރާއި މެދު ކަންބޮޑުވުންތައް އެހިސާބުގައި އުޅޭ ބައެއް ފަރާތްތަކުން އުފުލައެވެ.
ނޫނެކެވެ.
އޭއައި ސިސްޓަމްތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރުކުރާތީ، އަހަރުމެން އޭއައި ސިސްޓަމްތައް ބޭނުންކުރުން އެއްކޮށް ހުއްޓާލަކަށް ނުޖެހެއެވެ. އެހެން ނަމަވެސް ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބައެއް ކަންތައްތައް ކުރެވިދާނެއެވެ. އޭއައި ބޭނުންކުރުމުގައި ހިމެނޭ ކޮމްޕިޔުޓިންގ ޕަވަރާއި، ބޭނުންކުރާ ހަކަތައާއި ފެނުގެ މިންވަރާއި މެދުގައި ވިސްނަވާށެވެ. ބައެއް ފަރާތްތަކަށް މިކަމުގައި އެކުލެވޭ އަސްލު ފިޒިކަލް ރިސޯސަސްތައް ތަސައްވަރު ނުކުރެވެއެވެ.
ހާއްސަކޮށް އޭއައި އެޕްތައް ބޭނުންކޮށްގެން ތަސްވީރު ޖެނެރޭޓްކުރާ ކޮންމެ ހާލަތެއްގައި މިދަންނަވާ ފަދަ ބައެއް ކަންތައްތަކާއި މެދު ވިސްނަވާށެވެ.
ފޮޓޯ އުފެއްދުމަށް ބޭނުންކުރާ ޕްރޮމްޕްޓް ވީހާވެސް ފުރިހަމަކުރުމަށް މަސައްކަތްކުރާށެވެ. ވަރަށް ވިސްނާފައި ބޭނުންވާ ހުރިހާ ކަމެއް އެއް ޕްރޮމްޓްގައި ހިމެނުމަށް މަސައްކަތް ކުރާށެވެ. މިހެން ހެދުމުން ގިނަ ފަހަރަށް ޕްރޮމްޕްޓް ފޮނުވަން ނުޖެހި ބޭނުންވާ ތަސްވީރާއި ހަމައަށް އަވަހަށް ވާސިލް ވެވޭނެއެވެ. އެދެވޭ ނަތީޖާއާއި ހަމައަށް ދިޔުމަށް ތަކުރާރުކޮށް ބައިވަރު ރިކުއެސްޓް ފޮނުވާކަށް ނުޖެހޭނެއެވެ.
ޑްރާފްޓް މަރުހަލާގައި އެންމެ މަތީ ރިޒޮލިޔުޝަން ތަސްވީރު ޖެނެރޭޓް ނުކުރާށެވެ. އޭގެ ބަދަލުގައި ޑްރާފްޓް މަރުހަލާގައި ދަށް ރިޒޮލިޔުޝަން ބޭނުން ކުރެވިދާނެއެވެ. ނޫންނަމަ ޑްރާފްޓް ކުރުމަށް އޭއައި ބޭނުންނުކުރާ ޓޫލްތައް ބޭނުންކުރެވިދާނެއެވެ. އަދި އޭއައި ކޮންމެހެން ބޭނުންކުރަން ނުޖެހޭ ހާލަތުގައި އަމިއްލަ ކްރިއޭޓިވިޓީ އިސްކުރާށެވެ. ކޮންމެހެން ބޭނުންކުރާނަމަ އެންމެ ފައިނަލް ވަރޝަންތަކަށް އެކަނި އޭއައި ބޭނުންކުރާށެވެ.
އެއް ބާވަތުގެ އެއް ސްޓައިލްތަކެއްގެ ތަސްވީރު އުފައްދާ ކަމަށްވާނަމަ ކުރީގެ ވަރޝަންތައް ރައްކާކޮށް އެތަކެތި އަލުން ބޭނުންކުރުމަށް އާދަކުރާށެވެ. އެއީ އައު ތަސްވީރެއް އުފައްދަން ކުރިން އުފެދި އެއްޗެއް ބަދަލުކުރާނަމަ އޭގައި ހިމެނޭ ޕްރޮސެސިންގ މިންވަރު ކުޑަވާނެތީއެވެ.
އަދި މީގެ އިތުރުން އިއާދަކުރަނިވި ހަކަތަގެ ބޭނުންކޮށްގެން އިންފްރާސްޓްރަކްޗަރ ބަލަހައްޓާ ކުންފުނިތަކަށް އިސްކަންދޭށެވެ. ހަކަތައާއި ފެން ބޭނުންކުރާ މިންވަރު ދަށްކުރާ އަދި ކާބަން ފުޓްޕްރިންޓް ކުޑަކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އޭއައި ޓޫލްކާއި އަދި ޓެކްނޮލޮޖީ ޕްރޮވައިޑަރުންނަށް ސަޕޯޓްކުރާށެވެ.
ހާގީގަތުގައި އޭއައި ބޭނުންކޮށްގެން ފޮޓޯ އާއި ވީޑިއޯ ޖެނެރޭޓް ކުރުމުގައި ހިމެނޭ އެންމެ ބޮޑު މައްސަލައަކީ ބޭކާރު ގޮތުގައި އުފައްދާ ތަކެތި ގިނަވުމެވެ. ވިސްނުމެއް ނެތި ޖެނެރޭޓް ކުރާ ކޮންޓެންޓް ގިނަވުމެވެ.
ތަސްވީރެއް އުފެއްދުމުގައި ހިމެނެނީ ޕްރޮމްޓެއް ލިޔުމާއި ބަޓަނަކަށް ފިތާލުމެވެ. ވަރަށް ކުޑަ މަސައްކަތެކެވެ. އެހެންވީމާ، ކޮންމެހެން ބޭނުން ނުވާ ކަންތައްތަކުގައި ވެސް ތަސްވީރެއް އުފައްދާލަން ވަރަށް ފަސޭހައެވެ. ކޮންމެހެން ބޭނުންނުވާ ފޮޓޯއެއް ނުވަތަ ފޭކް ވީޑިއޯއެއް އަހަރުމެން އުފައްދާފައި އިންޓަރނެޓަށް ދޫކޮށްލަނީ ކިތައްފަހަރުތޯއެވެ؟ މިއިން ކޮންމެ އުފެއްދުމަކީ އޭއައި ސްލޮޕް ލެވެލްގެ ތަކެއްޗެވެ.
ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައިވެސް ބޭކާރުކޮށް އެކި ބާވަތް ބާވަތަށް ކޮންމެހެން ޖެނެރޭޓް ކުރަން ނުޖެހޭ ތަސްވީރުތައް ޖެނެރޭޓްކުރުން ހުއްޓާލަން ޖެހެއެވެ. މިއީ ކުޑަ ކަމެއްގޮތުގައި ހީވި ނަމަވެސް ފަށްފަށް ވެގެން އެތަށް ގުނައަކަށް ތިމާވެއްޓަން އަސަރު ކުރާ ކަންތަކެވެ. މިއީ ދުރުރާސްތާއަށް ވިސްނާލައިފިނަމަ އަޅާ ނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮޑު ކަންތައްތަކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް