Download Logo
Copy Logo

ޓްރަމްޕް އޭއައި ރީބްރޭންޑް ކޮށްލައިފި!

ހިންދު ޢަލީ • 03 އޮކްޓޯބަރު 2026

'އާޓިފިޝަލް އިންޓްލިންޖެސް' މި ލަފްޒު އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ 1956 ވަނަ އަހަރު، އެމެރިކާގެ ޑާރޓްމަތް ކޮލެޖުގެ ކޮމްޕިޔުޓަރ ސައިންޓިސްޓް ޖޯން މެކަރތީއެވެ. އޭގެ 70 އަހަރު ފަހުން، މިހާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ލަފުޒު ރީބްރޭންޑްކޮށް ބަދަލުކޮށްލައިފިއެވެ.

ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ޓްރަމްޕް ވަނީ 'އާޓިފިޝަލް އިންޓެލިޖެންސް' މި ލަފުޒު ބޭނުންކުރުން ހުއްޓާލައި، އޭގެ ބަދަލުގައި 'ސުޕަރ އިންޓެލިޖެންސް' ނުވަތަ އެސްއައި (SI) އަށް ބަދަލުކުރުމަށް އެމެރިކާ ސަރުކާރުގެ އިދާރާތަކަށް އަންގާ، އެގްޒެކެޓިވް އަމުރެއް ނެރެފައެވެ.


އާޓިފިޝަލްއިން ސުޕަރއަށް ބަދަލުކުރީ ކީއްވެ؟

ޓްރަމްޕް ބުނާ ގޮތުން މިލަފުޒުގައި 'އާޓިފިޝަލް' މިބަސް އޮތުމުގެ ސަބަބުން މިފަދަ ޓެކްނޮލޮޖީގެ ހަގީގީ ގާބިލުކަން ކުޑަވާ ކަމަށް ފެނެއެވެ. އަދި ކުރީއްސުރެ ބޭނުންކުރާ ބަހަކީ ސަގާފީ އެއްޗެއް ކަމަށާއި، އޭގެ ސަބަބުން އަސްލު މާނަ އޮޅޭކަމަށް ވެއެވެ.

"އާޓިފިޝަލް އިންޓެލިޖެންސް އޭ ބުނުމުން އެއީ އާޓިފިޝަލް އެއްޗެއް. އޭރުން ހީވަނީ ފޭކް އެއްޗެއްހެން. އެއީ ފޭކް އެއްޗެއް ނޫން. މިއީ ވަރަށް ބޮޑު އިންޓެލިޖެންސެއް، މިއީ ސުޕީރިއަރ އިންޓެލިޖެންސް، މިއީ ސުޕްރީމް އިންޓެލިޖެންސް.. އެހެންވީމަ 'ސުޕަރ' މި ލަފުޒަކީ އެންމެ ރަނގަޅު ބަސް އަދި އެންމެ ސާދާ ބަސް. އެހެންވީމަ އަހަރެމެން މި ނަން ކިޔަނީ 'އެސްއައި' ސުޕަރ އިންޓެލިޖެންސް." ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޓްރަމްޕް ބުންޏެވެ.

މިއެގްޒެކެޓިވް އަމުރުގެ ދަށުން ރަސްމީ މުއާމަލާތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް މިބަހުގެ ބަދަލުގައި ސުޕަރ އިންޓެލިޖެންސް ބޭނުންކުރާނެ ގޮތް ވަޒަންކޮށް ބަދަލުކުރުމަށް ފެޑެރަލް ޑިޕާޓްމަންޓްތަކަށް 60 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިޕޮލިސީ ބަދަލު އިއުލާނު ކުރީ އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުގެ އެގްޒެކެޓިވް ލެވެލްގެ ވެރިންނާއި އެކު ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ހައި ޕްރޮފައިލް ބައްދަލުވުމަކަށް ފަހުއެވެ. އެހެން ނަމަވެސް އޯގަސްޓް މަހުން ފެށިގެން ވެސް ޓްރަމްޕް މިވާހަކަ އެކި ގޮތްގޮތަށް ދައްކަމުން ގޮސްފައިވެއެވެ.

ޓެކް ކުންފުނިތަކުގެ އެގްޒެކެޓިވް ލެވެލްގެ ވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގެ ބޭނުމަކީ މިހާރު އޭއައިގެ ނޭދެވޭ އަސަރު ބޮޑުވާކަމަށާއި، އޭއައި ތަރައްގީކުރާ ދުވެލި މަޑު ޖައްސާލަންޖެހޭ ކަމަށް ދެކެވޭ ނެގަޓިވް ހިޔާލުތައް ބަދަލުކޮށްލަން މަސައްކަތް ކުރުމަށް ކުރިކަމެއް ކަމަށް ލަފާކުރެވެއެވެ.

މިބައްދަލުވުމުގައި ހަގީގަތުގައި ޕްލޭން ކުރެވުނީ އޭއައި އުފެއްދުމުގައި ރައްކާތެރިކަން ރެގިއުލޭޓް ކުރުމާއި ބެހޭ މަޝްވަރާ ކުރުމަށެވެ. އޭއައި އުފައްދާ ކުންފުނިތަކުން އުފެއްދުންތަކުގައި ހިމަނަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުންފުނިން އަމިއްލައަށް ރެގިއުލޭޓް ކުރުމަށާއި، އޭއައި އުފެއްދުމާއި އޭގެ ބޭނުންކޮށްގެން އިގްތިސާދީ ކުރިއެރުން ހޯދުމުގެ ރޭހުގައި އެމެރިކާ ކުރިއެރުވުމުގެ ފިޔަވަޅުތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ.

މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެންމެ ކަންބޮޑުވާން ޖެހޭ އެއް ކަމަކީ، އޭއައި އުފެއްދުންތަކުގައި ސަލާމަތީ ފިޔަވަޅުތައް ހިމެނުމަށް ވަކާލާތުކުރާ ފަރާތްތަކުން ގޮވާލާފައިވާ ކަހަލަ 'ގާޑްރޭލް' (ރައްކާތެރިކަމުގެ ފިޔަވަޅު) ނުވަތަ އޭއައި އުފެއްދުމުގެ ލައިސަންސް ދިނުމުގެ ޝަރުތުތައް، އެމެރިކާގެ ސަރުކާރުން ކަނޑައަޅަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ބުނިބުނުމެވެ.

ނަން ބަދަލުކުރުމާއި ގުޅިގެން އުފެދުނު ފާޑުކިޔުން

މިގޮތަށް ނަން ބަދަލުކުރުމާއި ގުޅިގެން ހަބަރުފަތުރާ ބައެއް އިދާރާތަކުންނާއި އާންމު ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ ފެންނަމުންނެވެ. ސޯޝަލް މީޑިއާއި މެއިން ސްޓްރީމް މީޑިއާ ޗެނަލުތަކުގައި މިކަމާއި ގުޅިގެން ކަންބޮޑުވުމުގެ ހަބަރުތަކާއި، މަލާމާތްކުރާ ކޮންޓެންޓާއި، މީމް ފަދަ ތަކެތި އާންމުވެފައިވެއެވެ.

އެކްސްއާއި ބްލޫސްކައި ފަދަ ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން، މިކަމަކީ ޓްރަމްޕް މީގެ ކުރިން ވެސް ބައެއް ގައުމުތަކާއި، އިމާރާތާއި، ފަރުބަދައާއި، ލޭކްތައް ފަދަ އެއްޗެހީގެ ނަން ބަދަލު ކުރި ފަދައިން ކުރާ ކަމެއްކަމަށް ސިފަކޮށްފައިވެއެވެ. މިބަދަލަށް ގޮންޖެހުމުގެ ގޮތުން ދެން ޗައިނާއިން ނެރޭނީ 'ސުޕަރ ޑުޕަރ އިންޓެލިޖެންސް' ކަމަށް ބުނެ ޖޯކު ޖަހާފައިވެއެވެ.

ޓެކް ކާޓޫނާއި ކޮމިކް ކުރަހާ ފަރާތެއް ކަމަށްވާ ބިލް އެމެންޑް ވަނީ މިބަދަލުގެ ސަބަބުން ބައެއް ކުންފުނިތަކުން އުފައްދާފައިވާ އޭއައި ބަސް ބޭނުންކުރާ ޕްރޮޑަކްޓްތަކުގެ ޓްރޭޑްމާކާއި ވެބް ޑޮމެއިންތައް ހޯދުމަށް އަވަސްވެ ގަންނާނެކަމަށް ބުނެފައެވެ.

އަދި އޭއައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާރު އަޅާ، އެކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ނަން އެކަނި ބަދަލުކޮށްލުމަކީ، މީހުންގެ ވަޒީފާ ގެއްލުމާއި، ޑޭޓާގެ ރައްކާތެރިކަމާއި، އަލްގޮރިދަމްތަކުގައި ހިމެނޭ ވަކި ފަރާތަކަށް ޖެހުން ފަދަ ހަގީގީ މައްސަލަތަކަށް ހައްލު ގެނެސްދޭނެކަމެއް ނޫންކަމަށް ބުނެ ފާޑުކިޔަމުންނެވެ.

މީގެ އިތުރުން މިއެކްޒެކެޓިވް އަމުރު ނެރުނު އިރު، އާންމު ކުރި ލިޔުމުގައި ހިމެނޭ ބޮޑު މިސްޓޭކެއް ވެސް ބައެއް މީޑިއާތަކުން ފާހަގަކުރިއެވެ. ޓްރުތް ސޯޝަލްގައި އާންމުކޮށްފައިވާ 'ވައިޓް ހައުސް އެކޯޑް އޮން ސުޕަރ އިންޓެލިޖެންސް' ގެ ނަމުގައިވާ ލިޔުމުގެ ތިރީގައި ޓްރަމްޕް ސޮއި ކޮށްފައިވާ ތަނުގައި އެމެރިކާގެ ނަން ނުބައިކޮށް ލިޔެވިފައިވާކަން ފާހަގަކުރިއެވެ.

ފޮޓޯ: ވައިޓް ހައުސް އެކްސް އެކައުންޓް


ސުޕަރ އިންޓެލިޖެންސްއާއި އެސްއައި ރަމްޒުކުރާ އެހެން ކަންތައްތައް

މަތީގައި ފާހަގަ ކުރެވުނު ފާޑު ކިޔުންތަކުގެ އިތުރުން އެސްއައި، މިއަކުރުތައް މިހާރު ބޭނުންކުރާ އެހެން ކަންތައްތަކަށް ދިމާވާނެ ބައެއް މައްސަލަތައް ފާހަގަކޮށްލަން ޖެހެއެވެ. އެސްއައި މިއެބްރިވިއޭޝަން (ނަން ރަމްޒުކުރާ އަކުރު) މީގެ ކުރިން އެހެން ކަންތަކުގައި ބޭނުންކުރެއެވެ.

އިންޓަނެޓްގެ ދުނިޔޭގައި ޑޮޓް އެސްއައި (si.) އަކީ ސްލޮވީނިއާގެ ޑޮމެއިންތަކުގެ ކަންޓްރީ ކޯޑެވެ. ޓްރަމްޕް އިއުލާނުކުރި މިނިންމުމުން ސްލޮވޭނިއާގެ ޑޮމެއިންތަކަށް މިހާރު ޑިމާންޑް ވަނީ ބޮޑުވާން ފަށާފައެވެ.

އޮގަސްޓް މަހު ޓްރަމްޕް ޔޫއެންގައި ސުޕަރ އިންޓެލިޖެންސްގެ ވާހަކަ ދެއްކި ހިސާބުން އެމަހު ގާތްގަޑަކަށް 3،500 ޑޮޓް އެސްއައި (si.) ޑޮމެއިން ރަޖިސްޓަރ ކުރިއެވެ. އަދި ސެޕްޓެމްބަރު މަހުގެ މިބަދަލާއި ގުޅިގެން 210،000 އަށް ވުރެ ގިނަ ޑޮމެއިން ރަޖިސްޓަރ ކޮށްފައިވާ ކަމަށް ޑޮމެއިން ނޭމް ވަޔަރ ވެބްސައިޓްގައި ވެއެވެ. ސޮލެވީނިއާއަކީ ޓްރަމްޕްގެ އަންހެނުން މެލާނިޔާ ނިސްބަތްވާ ގައުމެވެ.

ޑޮމެއިން ނަމުގެ އިތުރުން ސުޕަރ އިންޓެލިޖެންސަކީ އޭއައި ދިރާސާގައި ވަކި މާނައެއް އޮތް ލަފުޒެކެވެ. މިލަފުޒު އާންމުކޮށް މާނަކުރަނީ އިންސާނުންގެ ވިސްނުމުގެ ބާރު ނުވަތަ ވިސްނުމުގެ ލެވެލްއަށް ވުރެ އެތަށް މިންވަރެއް ކުރިއަރާފައިވާ ވިސްނުމެއް ނުވަތަ ބުއްދިއެއް ހުރި ތަކެތި ސިފަކުރުމަށެވެ. މިބަސް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފަލްސަފާވެރިޔެއް ކަމަށްވާ ނިކް ބޮސްޓްރޮމް ޝާއިއުކޮށްފައިވާ ފޮތުގައި ގެނެސްފައިވާތީއެވެ.


ކޮންމެ އެއްޗެއްގައި ވެސް ހިމެނޭ މައްސަލަތައް ފޮރުވަން އައު ނަމެއް ކިޔާ ރީތި ހެދުމެއް ލެއްވިދާނެއެވެ. އެހެން ނަމަވެސް އޭގައި ހިމެނޭ މައްސަލަތައް ނެތްކަމަކަށް ނުވާނެއެވެ. މިކަމަކީ ލޯމަތީގައި އަތްއަޅައިގެން ފެންނަ ކަންތައްތައް ވެސް ނުފެއްނަކަމަށް ހެދިގެން ތިބުން ފަދަ ކަމެކެވެ. އޭއައި ކީނަމަވެސް އެސްއައި ކީނަމަވެސް އެންމެ ރަނގަޅެވެ. ނަން ބަދަލު ކުރުމަކުން ޓެކްނޮލޮޖީއަކަށް ބަދަލެއް ނާދެއެވެ. އަދި އޭގެން ކުރިމަތިވާ މައްސަލަތަކާއި ނުރައްކާތަކަކަށް ވެސް ބަދަލެއް ނާދެއެވެ.

އެހެން ނަމަވެސް ކުރަން ޖެހޭ މުހިއްމު ސުވާލަކީ މިކަންކަން ރެގިއުލޭޓް ކުރަން ބޭނުންވާ ގާނޫނު ގަވާއިދުތައް ކަނޑައަޅަނީ ކާކު ހެއްޔެވެ؟ އެކަން ތަންފީޒު ކުރަނީ ކާކު ހެއްޔެވެ؟ ފައިދާއަށް މަސައްކަތްކުރާ، ބާރުގަަދަ ކުންފުނިތައް ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލަންވީ ހެއްޔެވެ؟ އެމީހުން އަމިއްލައަށް އެކަން ރެގިލޭޓްކުރަން ދޫކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތް ހެއްޔެވެ؟ ކަންކަން ގޯހުން ދާން ފެށުމުން ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ އެންމެ އަވަހަށް ގެންނަން ޖެހޭ މުހިއްމު ބަދަލަކީ ޓެކްނޮލޮޖީ ތަރައްގީވާ މިންވަރަށް ޓެކްނޮލޮޖީއާއި އުފައްދާ މީހުން ޒިންމާދާރު ކުރާނެ ގާނޫނު ގަވާއިދު އެކުލަވާލުން އަވަސް ކުރުމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.