ކުއަލްކޮމް 4ޖީ ޗިޕްތައް ވާވޭ އަށް ސަޕްލައިކުރަނީ

އަޙްމަދު ނިޔާޒް 16 ނޮވެމްބަރު 2020

ވާވޭ ޓެކްނޮލޮޖީޒް އާ އެކު ވިޔަފާރިކުރުން އެމެރިކާ ކުންފުނިތަކަށް މަނާކޮށްފައި އޮތް އޮތުމަށް ލުއިދޭތީ މިހާރު އެބަ ފެނެ އެވެ. ވާވޭ އާ އެކު ވިޔަފާރިކުރަން އެދޭ ޓެކްނޮލޮޖީ ކުންފުނިތަކަށް ހުއްދަ – ލައިސަންސް ދިނުން އެމެރިކާއިން ވަރަށް ބޮޑަށް ފަސޭހަކޮށްފައި ވާކަން ވެސް ފާހަގަކުރެވެ އެވެ.

ވާވޭ އަށް 4ޖީ ޗިޕް ސަޕްލައިކުރަން ކުއަލްކޮމް އަށް ހުއްދަލިބުނީ އެކަމަށް އެދި އެމެރިކާ ސަރުކާރަށް ހުށަހެޅުމުންނެވެ. މި ހުއްދައިގެ ދަށުން ކުއަލްކޮމް އަށް، މި ވަތުގު ސަޕްލައިކުރެވޭނީ ހަމައެކަނި 4ޖީ ފޯނުތަަކަށް ބޭނުންވާ ޗިޕްތަކެވެ. 5ޖީ އާ ގުޅުން ހުރި މުއާމަލާތްތަކަށް އަދި ފެހި ސިގްނަލެއް ނުދެ އެވެ.

ޗައިނާގެ ވާވޭ އަށް ދަތިކުރަން އެމެރިކާ އާއި ބައިވެރިން މަސައްކަތްކުރަނީ، ޓެކްނޮލޮޖީ ސިނާއަތުގައި، އެމެރިކާ އަށް ވުރެ ޗައިނާ ކުރިއަރައި – ދުނިޔޭގައި ބާރުގަދަކޮށްފާނެ ކަމަށް ބިރުންނެވެ.

ވާވޭ އަކީ ޗައިނާގައި އަދި ދުނިޔޭގައި ވެސް މަޝްހޫރު ކުންފުންޏެކެވެ. ސްމާޓްފޯން ސިނާއަތަށް ވަނުމުގެ ޒަމާންތަކެއް ކުރިން ވެސް، ވާވޭ އަށް ނުހަނު މަޝްހޫރުކަން ލިބިފައި ވެ އެވެ. ވާވޭ އިން ކުރާ މައިގަނޑު މަސައްކަތަކީ ނެޓްވޯކިން އާލާތްތައް އުފެއްދުމެވެ. އޭގެ ތެރޭގައި ހާޑްވެއާ – މޯޑެމް، ސްވިޗް އަދި ރައުޓާ އުފެއްދުން ހިމެނެ އެވެ. ވާވޭ އަކީ މުވާސަލާތީ ސާމާނު އުފެއްދުމަށް ވެސް ކުޅަދާނެ ކުންފުންޏެކެވެ.

ދުނިޔޭގެ މުވާސަލާތީ ވިޔުގަ – ނެޓްވޯކް – 5ޖީ އަށް ބަދަލުކުރަމުން އަންނައިރު، މި މަސައްކަތްތަކާ ގުޅުން ހުރި މައުލޫމާތު އަދި ކުރާނެ ގޮތް – އެންމެ ރަނގަޅަށް އެނގޭ ކުންފުންޏަކީ ވާވޭ އެވެ. އެމެރިކާ އިން ވާވޭ ދެކެ ބިރުގަންނަ އެންމެ ބޮޑު ސަބަބަކީ މި އެވެ.

އެމެރިކާ މަސައްކަތްކުރަނީ ވާވޭ އަށް ހުރި ފުރުސަތުތައް ބަންދުކުރުމަށެވެ. އެއީ އެއިން އެއްވެސް ކަމެއްގައި އެމެރިކާ އަށް ވުރެ ކުރިއަރައި ދިޔަ ނުދިނުމަށެވެ. އެމެރިކާގެ ކުންފުނިތަކުން ވާވޭ އަށް މުދާ ވިއްކުން މަނާކުރީ ވެސް މި ސަބަބަށްޓަކަ އެވެ. އެހެން ނަމަވެސް، ވާވޭ އަށް ވުރެ ބޮޑު ގެއްލުން – މާލީ ގޮތުން ބެލި ނަމަވެސް، އެމެރިކާގެ ކުންފުނިތަކަށް ވަނީ ވެފަ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.