އެޕަލްގެ ހޯމްއޯއެސް 26 : އޮތް ހަމައަކީ ކޮބާ؟

އަޙްމަދު ދާއޫދު 17 ޖޫން 2025

އެޕަލްގެ 36 ވަނަ އަހަރީ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް ގައި އެޕަލް އިން އިއުލާން ކުރާނެ ކަމަށް ބެލެވުނު ކަންތައްތަކުގެ ތެރޭގައި އެޕަލްގެ ހޯމްއޯއެސް 26 ހިމެނުނު ނަމަވެސް، އެޕަލް އިން މި އޮޕަރޭޓިންގ ސިސްޓަމްގެ ވާހަކައެއް އެ ކޮންފަރެންސްގައި ނުދެއްކިއެވެ. އެހެންނަމަވެސް އެޕަލްއާ ގުޅުންހުރި ތަފާތު މަންސަތަކުގައި ހިއްސާކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މި އޮޕަރޭޓިންގ ސިސްޓަމަކީ އެޕަލްގެ ހޯމް ޕްރޮޑަކްޓްތަކަށް ބާރުދޭނެ ސޮފްޓްވެއަރއެއް ކަމަށް ބެލެވެއެވެ.

މިކަން މިހެން ދިމާވީ އެޕަލް އިން އެބުނާ ހޯމް ރިލޭޓެޑް އެއްވެސް އާ ހާޑްވެއަރއެއް އެ ކޮންފަރެންސްގައި ތައާރަފް ނުކުރާތީ ކަމަށް ބެލެވެއެވެ. ނަމަވެސް ބްލޫމްބާގްގެ މާކް ގާރމަން ރިޕޯޓް ކުރައްވާ ގޮތުގައި މި ސްމާޓް ހޯމް އޮޕަރޭޓިންގ ސިސްޓަމްގެ މަސައްކަތް އަދިވެސް ކުރިއަށްދެއެވެ. ނަމަވެސް މި ސޮފްޓްވެއަރ ތައާރަފް ކުރުމަށް އަދި ކޮންމެވެސް ވަރަކަށް މަޑުކުރަން ޖެހޭނެއެވެ.

ގާރމަންގެ 'ޕަވަރ އޮން' ނިއުސްލެޓަރގައި ވާގޮތުން، އެޕަލް އިން WWDC ގައި homeOS ދައްކަން ކުރިން ވިސްނާފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، މި އޮޕަރޭޓިންގ ސިސްޓަމް އާ ހާޑްވެއަރއާ އެކު މާރޗް މަހު އިއުލާން ކުރުމަށް ކުރިން ރާވާފައިވާ ކަމަށެވެ. ސިރީގެ ފީޗާރސް ލަސްވުމުގެ ސަބަބުން އެޕަލް އިން މާރޗް މަހު އިވެންޓެއް ނުބޭއްވުމުން، މި ސޮފްޓްވެއަރ ވެސް ފަސްކުރަން ނިންމީއެވެ.

ގާރމަން ގަބޫލުކުރައްވާ ގޮތުގައި، އެޕަލް އަށް ސިރީގެ އާ އޭއައި ފީޗާރސް ނެތި ވެސް ސްމާޓް ހޯމް ހަބް އާއި homeOS 26 ސޮފްޓްވެއަރ ތައާރަފް ކުރެވިދާނެއެވެ. ނަމަވެސް އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ޔޫޒަރ އެކްސްޕީރިއަންސް ދަށްވެދާނެ ކަމަށެވެ. ކޮންމެ ގޮތެއްގައި ވެސް، ޑިވެލޮޕަރުންނަށް އަމާޒުކޮށްގެން ބާއްވާ އިވެންޓަކަށް ވުރެ ކޮންސިއުމަރުންނަށް އަމާޒުކޮށްގެން ބާއްވާ އިވެންޓެއްގައި homeOS ތައާރަފް ކުރުން މާ ރަނގަޅުވާނެއެވެ.

ހޯމް އޯއެސް 26 އަކީ ކޮބާ؟

ހޯމް އޯއެސް އަކީ އެޕަލްގެ ހޯމްސްްއާ ގުޅުންހުރި ހުރިހާ ކަމަކަށް ޚާއްސަކުރެވިފައިވާ އާ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރ އަކީ tvOS ގެ ސަބް-ބްރާންޗެއްގެ ގޮތުގައި އުފައްދާފައިވާ އެއްޗެއް ކަމަށް ބެލެވެއެވެ. މި ސޮފްޓްވެއަރ އިން ޓޭބަލްޓޮޕް ޑިވައިސްތަކާއި، ހޯމްޕޮޑްތަކާއި، އެހެނިހެން ސްމާޓް ހޯމް ޕްރޮޑަކްޓްތަކަށް ބާރުދޭނެއެވެ.

މި އާ އޮޕަރޭޓިންގ ސިސްޓަމްގައި ހިމެނިދާނެ ބައެއް ޕްރޮޑަކްޓްތައް:

ޑިސްޕްލޭއާއެކު ހޯމްޕޮޑް: ބައެއް ރިޕޯޓްތަކުން ދައްކާގޮތުގައި ޑިސްޕްލޭއާއެކު ހޯމްޕޮޑެއް ނެރެފާނެއެވެ. މިއީ މިހާރުގެ ޖެނެރޭޝަނަށް ވުރެ ކުރިއެރުމެކެވެ. މީގެން މޫސުމީ ރިޕޯޓްތަކާއި، މިއުޒިކާއި، ވީޑިއޯތައް ދައްކާނެއެވެ.

ސްކުއަރޑް ޑިސްޕްލޭއާއެކު ހޯމްޕޮޑް ކޮމްބޯ: ކުރީގެ ރިޕޯޓްތަކުން ދައްކާގޮތުގައި އެޕަލް އިން ވަރަށް އަވަހަށް ސްކުއަރޑް ޑިސްޕްލޭއަކާއި، ޓޭބަލްޓޮޕް އާމްސްއާއި، ބިލްޓް-އިން ކެމެރާއާއި، އެޕަލް އިންޓެލިޖެންސް ހިމެނޭ ޕްރޮޑަކްޓެއް ނެރެފާނެއެވެ.

ޕްރިމިއަމް ޓޭބަލްޓޮޕް: ގާރމަން ވިދާޅުވާގޮތުގައި އެޕަލް އިން 1,000 ޑޮލަރުގެ ޓޭބަލްޓޮޕް ޑިވައިސްއެއް ތަރައްގީ ކުރަމުންދެއެވެ. މިއީ އެމެޒޯން އެކޯ ޝޯ އަށް ވުރެ މަތީ ފެންވަރުގެ ބަދަލެކެވެ. މި ޑިވައިސް ނެރެން އަދި ކޮންމެވެސް ވަރަކަށް ވަގުތު ނަގާނެއެވެ.

އެހެނިހެން ސްމާޓް ހޯމް ޑިވައިސްތައް: އެޕަލް އިން ސެކިއުރިޓީ ކެމެރާތަކާއި، ފޭސް އައިޑީ ހިމެނޭ ޑޯރ ލޮކްތަކާއި، އެހެނިހެން ހޯމް ޑިވައިސްތައް ވެސް ތަރައްގީ ކުރަމުންދެއެވެ.

އަދި، އެޕަލް އިން tvOS 26 އަށް ބަދަލު ގެނެސް homeOS 26 އަށް ހަދައިފާނެއެވެ. އެއީ މުސްތަގުބަލުގެ އެޕަލް ޓީވީ އާއި ހޯމްޕޮޑް މޮޑެލްތަކަށް ބާރުދިނުމަށެވެ.

ޖިމުލަކޮށް ބުނާނަމަ އެޕަލް އިން ބޭނުންވަނީ އެޕަލް އިންޓެލިޖެންސް ޕްލެޓްފޯމް އޭގެ ހުރިހާ ޕްރޮޑަކްޓްތަކަށް ފުޅާކުރުމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.