ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ބޭނުންކުރުމުން ސިކުނޑީގެ މަސައްކަތަށް ނޭދެވޭ އަސަރުތައް ކުރާކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
އެމްއައިޓީގެ މީޑިއާ ލެބުން ހެދި މިދިރާސާއިން ފާހަގަވީ ޚާއްސަކޮށް މަޒުމޫނު ފަދަ ލިޔުންތައް ލިޔުމުގެ މަސައްކަތުގައި، މިފަދަ ވަސީލަތްތަކުގެ ސަބަބުން ސިކުނޑީގެ ހަރަކާތްތައް ދަށްވެދާނެކަމަށެވެ.
"ޔުއަރ ބްރެއިން އޮން ޗެޓްޖީޕީޓީ: އެކިއުމިއުލޭޝަން އޮފް ކޮގްނިޓިވް ޑެބްޓް ވެން ޔޫސިންގ އެން އޭއައި އެސިސްޓެންޓް ފޮރ އެސޭ ރައިޓިންގ ޓާސްކް" ގެ ނަމުގައި ކުރި މި ދިރާސާއިން ހާމަވާ ގޮތުގައި، އޭއައިއަށް މާ ބޮޑަށް ބަރޯސާވުމަކީ ފިކުރުކުރުމުގެ ގާބިލިއްޔަތު ދަށްވުމަށް މަގުފަހިކުރާ ކަމެކެވެ.
މި ދިރާސާގައި 18 އަހަރާއި 39 އަހަރާ ދެމެދުގެ 54 ބައިވެރިން ބައިވެރިކޮށް، އެމީހުން ތިން ގްރޫޕަކަށް ބަހާލެވުނެވެ. އެއް ގްރޫޕަކުން އެސޭ ލިޔުމަށް ޗެޓްޖީޕީޓީ ބޭނުންކުރިއިރު، ދެވަނަ ގްރޫޕުން ގޫގުލް ސަރޗް ބޭނުންކުރިއެވެ. ތިންވަނަ ކޮންޓްރޯލް ގްރޫޕުން މަސައްކަތްކުރީ އެއްވެސް ޓެކްނޮލޮޖީއެއްގެ އެހީތެރިކަމެއް ނެތި، ހަމައެކަނި އަމިއްލަ ސިކުނޑި ބޭނުންކޮށްގެންނެވެ. ބައިވެރިންގެ ސިކުނޑީގެ ހަރަކާތްތައް މޮނިޓަރކުރުމަށްޓަކައި އިލެކްޓްރޯއެންސެފަލޮގްރަފީ (އީއީޖީ) ބޭނުންކުރެވުނެވެ. ދިރާސާގެ މުހިންމު ހޯދުންތަކުން ދެއްކި ގޮތުގައި، ޗެޓްޖީޕީޓީ ބޭނުންކުރި މީހުންގެ ސިކުނޑީގެ ހަރަކާތްތެރިކަން އެހެން ދެ ގްރޫޕާ އަޅާބަލާއިރު އެންމެ ދަށްކަން ފާހަގަކުރެވުނެވެ. ޚާއްސަކޮށް ނިންމުންތައް ނިންމުމާއި ދިގު މުއްދަތުގެ ހަނދާނާ ގުޅުންހުރި ސިކުނޑީގެ ބައިތަކުގެ ހަރަކާތް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަވިއެވެ.
https://twitter.com/itsalexvacca/status/1935343874421178762
މީގެ އިތުރުން، ދުވަސްވީ ވަރަކަށް ޗެޓްޖީޕީޓީ ބޭނުންކުރި މީހުންގެ މެދުގައި "ސިކުނޑީގެ ކަންނެތްކަން" އިތުރުވެ، އެމީހުން އޭއައި އުފެއްދި ލިޔުންތައް އެއްވެސް ބަދަލެއް ނުގެނެސް ސީދާ ކޮޕީކޮށް ޕޭސްޓްކުރާ މިންވަރު އިތުރުވިކަން ފާހަގަވިއެވެ.
މިއީ މައުލޫމާތުތައް އަމިއްލަ ހަނދާނުގެ ނިޒާމަށް އެއްކުރުމުގެ ބަދަލުގައި، ސިކުނޑީގެ ފުން މަސައްކަތްތައް ދޫކޮށްލާކަމުގެ ނިޝާނެކެވެ. ނަތީޖާއެއްގެ ގޮތުން، ޗެޓްޖީޕީޓީ ގްރޫޕުން ލިޔުނު މަޒުމޫނުތައް ވަރަށް އެއްގޮތްވެ، އަމިއްލަވަންތަ ފިކުރެއް ނެތް "ރޫހެއް ނެތް" ލިޔުންތަކެއްގެ ގޮތުގައި މުދައްރިސުން ސިފަކުރިއެވެ. އަދި ފަހުން އެ ވަސީލަތް ނެތި އެ ލިޔުންތައް އަލުން ލިޔުމަށް އެދުނުއިރު، އެމީހުންނަށް އަމިއްލަ މަސައްކަތުގެ މާބޮޑު އެއްޗެއް ހަނދާނެއް ނެތެވެ.
މިކަމާ އިދިކޮޅަށް، ހަމައެކަނި ސިކުނޑި ބޭނުންކުރި ގްރޫޕުން އެންމެ މަތީ ނިއުރަލް ކަނެކްޓިވިޓީ ދެއްކިއެވެ. ޚާއްސަކޮށް އުފެއްދުންތެރިކަން، އައު ޚިޔާލު އުފެއްދުން، އަދި ހަނދާނުގެ މަސައްކަތްތަކާ ގުޅުންހުރި ބައިތަކުގައި އެމީހުންގެ ސިކުނޑި ވަރަށް ހަރަކާތްތެރިވިއެވެ. ގޫގުލް ސަރޗް ބޭނުންކުރި ގްރޫޕުންވެސް ސިކުނޑީގެ ހަރަކާތްތެރިކަމާއި، މަސައްކަތުން ހިތްހަމަޖެހުން ލިބުނުކަން ދެއްކިއެވެ.
ދިރާސާގެ މައިގަނޑު މުއައްލިފު، ނަތާލިޔާ ކޮސްމީނާ، ވަނީ މި ހޯދުންތައް ޕީއަރ ރިވިއު ނުކުރެވެނީސް އާންމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޚާއްސަކޮށް ކުޑަކުދިންގެ ސިކުނޑިތަކަށް މިކަމުން އެންމެ ބޮޑު ނުރައްކަލެއް އެބައޮތް ކަމަށާއި، އޭއައިއަށް މާ ބޮޑަށް ބަރޯސާވުމުން "ކޮގްނިޓިވް ބޭންކްރަޕްސީ" ނުވަތަ ފިކުރީ ގޮތުން ބަނގުރޫޓުވުމުގެ ހާލަތަކަށް ދިމާވެދާނެ ކަމަށެވެ. މިއީ އަމިއްލައަށް ފިކުރުކުރުމުގެ ގާބިލިއްޔަތު ގެއްލި، ނަފްސާނީ ގޮތުން ކަންނެތްވުމެވެ. މި ކަންބޮޑުވުންތަކަށް ތާއީދުކުރައްވަމުން ސައިކިއެޓްރިސްޓް ޑރ. ޒިޝާން ޚާން ވިދާޅުވީ، އޭއައިއަށް ބަރޯސާވުމުން މައުލޫމާތު ހޯދުމާއި ހަނދާނާ ގުޅުންހުރި ނިއުރަލް ކަނެކްޝަންތައް ދަށްވެދާނެ ކަމަށެވެ.
ދިރާސާ ޓީމުގެ ވެރިޔާ، ކޮސްމީނާ ވަނީ އޭނާގެ ދިރާސާ ޕޭޕަރުގެ ޚުލާސާ ހެދުމަށް އެލްއެލްއެމްތައް ބޭނުންކޮށް، އެއިން ދޭ ޖަވާބުތައްވެސް ބައްލަވާފައެވެ. އޭނާއަށް ފާހަގަވި ގޮތުގައި، އޭއައި ޚުލާސާތަކުން ގިނަ ފަހަރަށް ދޮގު މައުލޫމާތު ހިމަނާފައިވެއެވެ. މިސާލަކަށް، ދިރާސާގައި ބޭނުންކުރީ ޗެޓްޖީޕީޓީގެ ކޮން ވާޝަނެއްކަން ބަޔާންކޮށްފައި ނެތް ނަމަވެސް، އޭއައި ޚުލާސާތަކުން އެއީ ޖީޕީޓީ-4އޯ ކަމަށް ބުނެފައިވެއެވެ. މިއީ އޭއައިގެ ޖަވާބުތަކުގައި ހަގީގަތާ ޚިލާފު ކަންކަން ހިމެނިދާނެކަން ދައްކުވައިދޭ ހެއްކެކެވެ. ކޮސްމީނާގެ ޓީމުން މިހާރު ދަނީ ސޮފްޓްވެއަރ އިންޖިނިއަރިންގ ފަދަ ދާއިރާތަކުގައި އޭއައިގެ އަސަރުތައް ދިރާސާކުރަމުންނެވެ.
މި ހުރިހާ ކަމަކުންވެސް ދޭހަވަނީ، އޭއައިގެ ވަސީލަތްތައް ބޭނުންކުރުމުގައި، ޚާއްސަކޮށް ތައުލީމާއި މަސައްކަތުގެ މާހައުލުގައި، އިންސާނީ ހުނަރުތަކާއި ސިކުނޑީގެ ގާބިލިއްޔަތަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވާންޖެހޭ ކަމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.