ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތަކުގައި ޑޭޓާ ރައްކާތެރިކަން ކުޑަ!

ހިންދު ޢަލީ 19 ޖޫން 2025

އަހަރެމެން ދުވަހުން ދުވަހަކަށް ބޭނުންކުރާ ޑިޖިޓަލް އެޕްތައް ދަނީ ގިނަވަމުންނެވެ. އެކި ހިދުމަތް ހޯދުމަށާއި އެކި މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ޑިޖިޓަލް އެޕްލިކޭޝަންތަކަކީ މިހާރު އަހަރެމެން ދިރިއުޅުމުގެ ބޮޑު ބަޔަކަށް ވަނީ ވެފައެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އާންމުންނަށް ފޯރުކޮށްދޭ އެކި އެކި ހިދުމަތްތައް މިހާރު ފޯރުކޮށްދެނީ ކޮންމެވެސް އެޕެއް ބޭނުންކޮށްގެނެވެ.

މިސާލަކަށް ފައިސާއާއި ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކިން އެޕްލިކޭޝަންތަކާއި، އަހަރެމެންގެ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ އެޕްލިކޭޝަންތަކާއި، އޮންލައިން ވިޔަފާރި ކުރުމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ބޭނުންކުރާ ޓެކްސީ އެޕާއި، ކާބޯތަކެތި ގަނެ ޑެލިވަރީ ކުރުމަށް ބޭނުންކުރާ އެޕްތައް ފަދަ އެތަށް އެޕްތަކެއް މިއީ މިހާރު އަހަރެމެންގެ ދިރިއުޅުމުގެ ބައެކެވެ.

ދިވެހިރާއްޖޭގައި ޑިޖިޓަލްކޮށް ފޯރުކޮށްދޭ ހިދުމަތްތައް ކުރިއަރައިގެންދާ މިންވަރު ފެނިފައި އަހަރެމެން ވަރަށް އުފާކުރަމެވެ. މިއެޕްތަކުގެ ސަބަބުން ހިދުމަތުގެ ސްޕީޑް އަވަސްވެ ފަސޭހަކަން ލިބިގެންދެއެވެ. އެހެން ނަމަވެސް މިފަދަ އެޕްތަކުގައި ހިމެނެންޖެހޭ އެންމެ ބޭސިކް ރައްކާތެރިކަން ވެސް ނެތުމަކީ އަހަރެމެން ކަންބޮޑުވާ ކަމެކެވެ. އެޕްތައް ޑިވެލޮޕްކޮށް އާންމު ކުރާ ފަދައިން އެތަކެތީގެ ރައްކާތެރިކަން ވެސް ކަށަވަރު ވާން ޖެހެއެވެ. އެޕްތަކުގެ ފަހަތުގައި ހިމެނެނީ، ހިދުމަތް ހޯދުމުގެ ނަމުގައި އެއްކުރާ އަހަރެމެންގެ ޒާތީ މައުލޫމާތު ރައްކާތެރި ނުކުރާ ބަލިކަށި ސެކިޔުރިޓީ ނިޒާމުތަކެވެ. މިއީ އެޕް ބޭނުންކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

މި ކަންބޮޑުވުންތަކަކީ ހަމައެކަނި ބަޔަކަށް ހީވާ ހީވުމެއް ނުވަތަ މީހެއްގެ އޮޕިނިއަންއެއް ނޫނެވެ. އާންމުކޮށް މިފަދަ އެޕްތަކުގެ ސެކުރިޓީއާއީ ބެހޭގޮތުން ޔޫޓިއުބް އަދި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކާ އަމިއްލަ ޝަހުސެއް ކަމަށްވާ "ފިޝީ"، ދާދިފަހުން ވަނީ މިފަދަ ނުރައްކާތަކެއް ހިމެނޭ އެޕްތަކަކާއި ގުޅޭ ވާހަކަތަކެއް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އޭނާ ކޮށްފައިވާ ޓްވީޓްތަކުގައި ޕެންޝަން އޮފީސް، އަވަސް ފުޑްސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ފަދަ ސަރުކާރުން އަދި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ އޮންލައިން ހިދުމަތްތަކުގައި ހުރި ބައެއް މައްސަލަތައް ފާހަގަ ކޮށްފައިވެއެވެ. ޓްވީޓްތަކުގެ އިތުރުން ފިޝީ ވަނީ އޭނާ ރިޕޯޓްކުރި، އެކި އިދާރާތަކުން އުފައްދާފައިވާ އެޕްތަކުގައި ހުރި މިފަދަ މައްސަލަތަކާއި އެމައްސަލަތަކުގެ ހާލަތު ހިމެނޭ ލިސްޓެއް ވެސް އޭނާގެ ވެބްސައިޓެއްގައި ޝާއިއުކޮށްފައެވެ.


ދިވެހިރާއްޖެ 2.0 ފަދަ އިނީޝިއޭޓިވްތައް ހިންގާ މުޅި ދިވެހިރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމުގެ ވާހަކަ ދެކެވޭ އިރު، އެކަން ރައްކާތެރިކަމާއެކު ކުރިއަށް ގެންދަން ބޭނުންނަމަ ރާއްޖޭގައި ހަރުދަނާ ޑޭޓާ ރައްކާތެރިކުރުމުގެ ގާނޫނީ އޮނިގަނޑެއް އަވަސް ފުރުސަތެއްގައި އެކުލަވާލަން ޖެހެއެވެ. އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުން އުފައްދާ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޑިޖިޓަލް ހިދުމަތްތައް އުފެއްދުމުގައި ގެންގުޅެން ޖެހޭ ރަނގަޅު މިންގަނޑުތަކާއި އުސޫލުތަކެއް އެކުލަވާލަން ޖެހެއެވެ. މިކަންކަން ނެތްނަމަ ޑިޖިޓަލް ހިދުމަތްތަކަށް އާންމުން ކުރާ އިތުބާރު ދާނީ ކުޑަވަމުންނެވެ.

މިވާހަކަ ދައްކަން ފަށާއިރަށް ބައެއް ފަރާތްތަކުން ދެކޮޅަކަށް ބުރަވެ ވާހަކަ ދައްކައެވެ. އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި މިފަދަ މައްސަލަތައް ހައްލުވާނީ ގާނޫނެއް އޮވެގެން ކަމަށެވެ.

ތެދެކެވެ. މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރެވޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލާ، ގާނޫނާއި، ގަވާއިދާއި، ސްޓޭޭންޑަރޑްތަކާއި އުސޫލޫތައް އެކުލަވާލުން މިއޮތީ މިހާރުވެސް ވަރަށް ލަސްވެފައެވެ. މިކަމުގެ ވާހަކަތައް ދައްކާ އަދި މަސައްކަތްތައް ކުރެވޭކަމަށް ބުނެވުނު ނަމަވެސް އެއްވެސް އެއްޗެއް އަދި އާންމުކޮށް ފެންނާކަށް ނެތެވެ. އަދި މިކަމަކީ ގިނަ ވަގުތު ހޭދަވާ ކަންތައްތައް ކަމުން، ގާނޫނީ އޮނިގަޑެއް އެކުލަވާލެވެންދެންވެސް ކުރެވޭނޭ ކަންތައްތަކެއް ހުންނާނެކަން ޔަގީނެވެ.

އެހެން ބައެއް ފަރާތްތަކުގެ ވިސްނުން ހުންނަ ގޮތުން ފާޅުކުރާ ހިޔާލަކީ އަސްލު ފިޝީ ފަދަ މިފަދަ މިފަދަ ޑޭޓާ ރައްކާތެރި ނުކުރެވޭ އެޕްތަކުގެ މައްސަލަތައް ހޯދާ އަދި އެވާހަކަ ދައްކާ ފަރާތްތަކަކީ އެޕްތައް ހެކްކުރުމަށް މަސައްކަތް ކުރާ ބައެއްކަމަށެވެ. އަދި މިފަދަ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޑޭޓާ ލީކުވާކަމަށް ބުނެ އަސްލު އެޕްތަކަށް ނުގަވާއިދުން ވަންނަނީއެވެ.

މިފަދަ ހިޔާލާ ދޭތެރޭގައި ބުނެލަން ބޭނުންވާ ވާހަކައަކީ މިގޮތަށް ސިސްޓަމްތައް ޓެސްޓްކޮށް އޭގައި ހިމެނޭ މައްސަލަތައް ދެނެގަންނަން އެހީތެރިވުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. ޒިންމާދާރުކަމާއެކު މިފަދަ ކަންތައްތައް ދެނެގަނެ ރިޕޯޓްކުރެވުމަކީ މައްސަލަތައް ހައްލުގެ ކުރުމުގެ މުހިއްމު ބައެކެވެ. މިއީ މައްސަލައެއް ނޫނެވެ.

މިފަދަ ފަރާތްތަކަކީ އެތިކަލް ވައިޓް-ހެޓް ހެކަރުންނެވެ. މިއީ ސެކިއުރިޓީ ބަލިކަށި ސިސްޓަމްތަކާއި އެޕްތައް ރައްކާތެރިކުރުމަށް އެހީތެރިވެދޭ ބައެކެވެ. އަދި މިފަދަ ޓެސްޓްތަކުން އެފަދަ ބަލިކަށިކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން ބޭނުން ކުރުމުގެ ކުރިން އެސިސްޓަމްތައް ވަރުގަދަ ކުރެވެއެވެ.


ހިދުމަތް ދިނުމަށް ސަރުކާރު އަދި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކުން ޑިޖިޓަލް އެޕްތައް އުފައްދާ ދުވެލީގައި އެތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ ކަންތައްތައް އެއްހަމައެއްގައި ކުރެވެން ޖެހެއެވެ. މިހާތަނަށް ރައްކާތެރިކަމަށް ކުރެވޭ މަސައްކަތް އުޅެނީ ވަރަށް ފަހަތުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އެތަކެއް ގޮންޖެހުން ތަކެއް ވަނީ ކުރިމަތިވެފައެވެ.


ގާނޫނީ އުނިކަން

އަމިއްލަ ފަރުދުންގެ ޒާތީ ޑޭޓާ ޕްރޮޓެކްޝަންގެ ފުރިހަމަ ގާނޫނެއް ރާއްޖޭގައި ނެތެވެ. މައުލޫމާތު ގޯސްކަމަށް ނުވާނަމަ މިދިޔަ ސަރުކާރުގައި މިފަދަ ގާނޫނެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރެވުނެވެ. އަދި 2024 ގައި ވޯލްޑް ބޭންކުގެ އެހީގައި ޕަރސަނަލް ޑޭޓާ ޕްރޮޓެކްޝަން އަދި ސައިބަރ ސެކިޔުރިޓީއާއި ގުޅޭ ބިލްތަކެއް ޑްރާފްޓް ކުރުމާއި ގުޅޭ ވޯކްޝޮޕްތަކެއްވެސް ހިންގުނެވެ. އެހެން ނަމަވެސް އަދި އެއްވެސް ގާނޫނެއް ފާސްވުމާއި ހަމައަކަށް ނުދެއެވެ. މިއީ މިހާރު މިމަސައްކަތުގައި ރާއްޖެއިން ފެންނަ ބޮޑު ހުސްކަމެކެވެ. މިގާނޫނުތަކުގެ އިތުރުން ސަރުކާރު އަދި އަމިއްލަ މުއައްސަސާތަކުން ހިދުމަތް ދިނުމަށް އެއްކުރާ އާންމުންގެ ޑޭޓާ ބެލެހެއްޓުމާއި ރައްކާތެރިކުރާ ގޮތް ސީދާ ކަނޑައަޅާ ގަވާއިދާއި އުސޫލުތަކެއްވެސް މިގާނޫނުތަކާއި އެކުގައި އެކުލަވާލަން ޖެހެއެވެ.


ޕްރައިވެޓް ސެކްޓަރ ޒިންމާދާރު ކުރުވުން ބަލިކަށިވުން

ދާދި ފަހުން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ (އެންސީއެސްއޭ)ގެ ނަމުގައި، ރާއްޖޭގެ ސައިބަރ ސެކިޔުރިޓީ މެނޭޖުކުރުމަށާއި ސަރުކާރުގެ ޑިޖިޓަލް އިންފްރާސްޓަރކްޗަރ އާއި ޑިޖިޓަލް އެސެޓްތައް ރައްކާކުރުމަށް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން އިދާރާއެއް ވަނީ އުފައްދާފައެވެ. މިއިދާރާގެ ވެބްސައިޓުން ލިބެންހުރި މައުލޫމާތަށް ބިނާކޮށް މިއާޓިކަލްގައި ބަލާލާ މައްސަލައާއި ގުޅުން ހުރި ކަންތަކަށް މިހާރުން މިހާރަށް ލިބޭ މައުލޫމާތަކީ،

- މިދާއިރާގެ މެންޑޭޓުގެ ސްކޯޕުގައި ޕްރައިވެޓް ސެކްޓަރއިން އުފައްދާ އެޕްތަކާއި ސިސްޓަމްތަކުގެ ޑޭޓާގެ ރައްކާތެރިކުރުން އަދި ޑޭޓާ ޕްރައިވެސީ އެންފޯސްމަންޓާއި މެދު ޒިންމާދާރު ކުރުވުން ހިމެނޭކަމެއް ނޫން ކަމެއް ސާފެއް ނުވެއެވެ.

- އެޖެންސީގެ މެންޑޭޓްގައި ރައްކާތެރި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް މޮޑެލް އެއް ގާއިމްކުރުން ހިމެނުނު ނަމަވެސް އަދި މިކަމާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.


ބައިނަލްއަގުވާމީ ސްޓޭންޑަރޑްސް އެޑޮޕްޓް ނުކުރުން

ގާގޫނީ އޮނިގަނޑު ބަލިކަށި ގައުމެއްގައި މިހާރުވެސް އެސްޓެބްލިޝްޑް، މުޅި ދުނިޔެ ގަބޫލުކުރާ، ބައިނަލްއަގްވާމީ ސްޓޭންޑަރޑްތަކަށް ތަބާވުމަށް އަމިއްލަ ޑިވެލޮޕަރުންނަށާއި އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށް ބާރު އަޅަން ޖެހެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ތަބާވާ ބެސްޓް ޕްރެކްޓިސްއަކީ ސޮފްޓްވެއަރ ސެކިއުރިޓީ ރަނގަޅުކުރުމަށް ބާރުއަޅާ އޯޕަން ވޯލްޑްވައިޑް އެޕްލިކޭޝަން ސެކިޔުރިޓީ ޕްރޮޖެކްޓް (OWASP) ނުވަތަ ISO/IEC 27001 ފަދަ ބައިނަލްއަގްވާމީ ސްޓޭންޑަރޑްތައް ބޭނުންކުރުމެވެ. މިފަދަ ސްޓޭންޑަރޑްތަކަށް ތަބާ ނުވާނަމަ އެޕްތައް ޑިވެލޮޕް ކުރެވޭނީ ސެކިއުރިޓީ ކޮންޓްރޯލްތަކެއް ނެތި އެވެ.

އަމިއްލަ ކުންފުނިތަކުން ހާއްސަކޮށް (އަދި ސަރުކާރުގެ އިދާރާތަކުން ވެސް)، ކުރިން ދެންނެވުނު ފަދަ ބައިނަލްއަގުވާމީ ސްޓޭންޑަރޑްސްތައް އެޑޮޕްޓްކުރުން މުހިއްމެވެ. އެއީ އެސްޓޭންޑަރޑްތަކުގައި ރައްކާތެރި ސެކިއުރިޓީ ޑިވެލޮޕްމަންޓް ޕްރެކްޓިސްތަކާއި، ގަވާއިދުން އެޕްތައް އޮޑިޓްކުރުމާއި، ޑޭޓާ ޕްރޮޓެކްޝަން ޕްރޮޓޮކޯލްތައް އެކުލަވާލުން ފަދަ ބައިތައް ހިމެނޭނެތީއެވެ.


ސިސްޓަމްތައް ރައްކާތެރިކުރުމުގެ މަސައްކަތަށް ދެވޭ އަހަމިއްޔަތު ކުޑަވުން

ޕްރައިވެޓް ކުންފުނިތަކުން ހާއްސަކޮށް، ސިސްޓަމްގެ ރައްކާތެރިކަމާމެދު މުހިއްމު ކަން ނުދޭ އެއް ސަބަބަކީ، މިފަދަ މައްސަލައެއް ދިމާވެގެން ރިޕޯޓް ކުރި ނަމަވެސް ފިޔަވަޅެއް އަޅަން ލާޒިމްކުރާ ގާނޫނެއް ގަވާއިދެއް ނެތުމެވެ. ކުންފުނިތަކަކީ އާންމުކޮށް ޕްރޮފިޓަށް މަސައްކަތް ކުރާ ތަންތަނެވެ. ސިސްޓަމް ސެކިޔުރިޓީ ރައްކާތެރިކުރުން ވަނީ މިކުންފުނިތަކުން ކުރަންޖެހޭ އިތުރު ހަރަދަކަށެވެ.

އޭގެ އިތުރުން އެޕްތައް އުފެއްދުމުގެ ފަންނީ ގާބިލްކަން ލިބިފައިވާ ޑިވެލޮޕަރުން އެޕް އުފެއްދުމުގައި ރައްކާތެރި ކޯޑިން ޕްރެކްޓިސްތަކާއި، ފަހުގެ ތްރެޓްތަކާއި އެފަދަ ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތަކަށް ހޭލުންތެރިކަން ކުޑަވުމަކީ ވެސް މިފަދަ މައްސަލަތައް ގިނަވެގެން ދިޔުމަށް ކުރިމަތިވާ ކަމެކެވެ.

ނަތީޖާއެއްގެ ގޮތުން ގިނަ ފަހަރަށް އެޕްގެ ސެކިއުރިޓީ އަކީ އެޕް ޑިވެލޮޕްމަންޓް ޕްރޮސެސްގައި އެންމެ ކުޑަކޮށް ފޯކަސް ކުރެވޭ ބައެވެ. ނޫންނަމަ އެއްގޮތަކަށް ވެސް އަޅާ ނުލާ ދޫކޮށްލެވޭ ބައެކެވެ.


ރިޕޯޓްކުރެވޭ މައްސަލަތަކަށް އިހުމާލުވުން

ރާއްޖޭގައި ކުރިމަތިވާ އަނެއް ގޮންޖެހުމަކީ މިފަދަ މައްސަލަތައް ރިޕޯޓް ކުރުމުން އެކަން ރައްދުވާ އިދާރާއިން އެކަން ތަހުގީގުކޮށް އެކަން ހައްލުކުރަން މަސައްކަތްކުރި ނަމަވެސް ރައްޔިތުންގެ ޑޭޓާއަށް ހުރި ނުރައްކާތަކަށް ފިޔަވަޅު އަޅާނޭ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން މިފަދަ ކަންކަމަށް އަޅާލުން ކުޑަކަމެވެ. މިއެޕްތަކުގައި މީހުންގެ ޒާތީ ޑޭޓާ ރައްކާކޮށް ބަލަހައްޓާއިރު، ރިޕޯޓް ކުރެވޭ ކޮންމެ މައްސަލައެއް ސީރިއަސްކޮށް ނަގަންޖެހެއެވެ. ފެންނަނީ ރިޕޯޓްތަކަށް ގިނަ ފަހަރަށް އަޅާނުލާ ނުވަތަ އެކަމަށް އެއްވެސް އަމަލެއް ނުވަތަ ފިޔަވަޅެއް ވެސް ނާޅާތަނެވެ.

އެހެން ގައުމުތަކުގައި މިފަދައިން ސިސްޓަމަކުން މީހުންގެ ޒާތީ މައުލޫމާތަށް ނުރައްކާވާ މައްސަލައެއް ރިޕޯޓް ކުރެވިއްޖެނަމަ އެކަން ބަލާ ތަހުގީގުކޮށް އެކަން ހައްލުވަންދެން މޮނިޓަރކޮށް މީހުންނަށް އާންމުކޮށް އަންގާ ހަދައެވެ. މިކަމުން އާންމުންނަށް ރައްކާތެރި އަދި ނުރައްކާތެރި އެޕްތަކުގެ މައުލޫމާތު ލިބި ހޭލުންތެރިކަން އިތުރުވެއެވެ.

ދިވެހިރާއްޖޭގެ ޑިޖިޓައިޒޭޝަން ރޯލް މޮޑެލްއަކީ އެސްޓޯނިއާ ފަދަ ގައުމުތައް ކަމުގައި ބުނަމުންދާއިރު އެގައުމުތަކުގައި ސައިބަރ ސެކިއުރިޓީ އާއި ޑޭޓާ ޕްރޮޓެކްޝަންނަށްދޭ މުހިއްމުކަން ރާއްޖެއިންވެސް އެޑޮޕްޓްކުރުން މުހިއްމެވެ. ސަރުކާރުގެ އިދާރާތަކުން އުފައްދާ އެޕްތަކުގެ ސެކިޔުރިޓީގެ އިތުރުން އަމިއްލަ ފަރާތްތަކުން އުފައްދާ އެޕްތަކުގެ ހުންނަ ސެކިޔުރިޓީ މައްސަލަ ރިޕޯޓްކުރުމުން ކްރިމިނަލް މައްސަލަތަކެއް ފަދައިން މިކަންތައް ބަލާ މީހުންގެ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންވެސް ޖެހެއެވެ. އެހެން ގައުމުތަކުގައި ހަމަ ގައިމުވެސް އަމިއްލަ ފަރާތްތަކުގެ އެޕްތަކުން ނަގާ ޑޭޓާ ލީކުވުމަކީ ހަމަ ޖިނާއީ މައްސަލައެކެވެ. އެފަދަ މައްސަލަތަކުގައި ބޮޑު އަދަދުތަކުން ޖޫރިމަނާކޮށް ޒިންމާ ނަގަންޖެހޭ އެތަށް މައްސަލައެއް މީގެ ކުރިން ފެނިފައިވެއެވެ.

އެހެން ނަމަވެސް ހަގީގަތަކީ ރާއްޖޭގައި އެޕެއްގެ މައްސަލައް ހުރެގެން ކުރާ ރިޕޯޓްތަކަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކުން އެކަށޭނެ ރައްދު ލިބެނީ މަދު ފަހަރަކުއެވެ.


އެޕް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކަށާއި ޑޭޓާ ސެކިޔުރިޓީއަށް ހޭލުންތެރިކަން ކުޑަވުން

ގިނަ ރައްޔިތުންނަކީ ބޭނުންކުރާ އެޕްގެ ސެކިއުރިޓީ ނުވަތަ އެޕްތަކުން ނަގާ މައުލޫމާތަށް ހަދާގޮތެއް ވަޒަންކުރުމުގެ ހުނަރު ހުރި ބައެއް ނޫނެވެ. ގިނަ މީހުންނަކީ މިކަމާ އެއްގޮތަކަށް ވިސްނާ ވެސް ނުލާ އެޕްތަކުން ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭ ބައެކެވެ. އަދި ގިނަ ފަހަރަށް އެމީހުން ފޯރުކޮށްދޭ ޕާސަނަލް ޑޭޓާ ދާ ތަނެއް ނުވަތަ އެ ޑޭޓާ ބޭނުންކުރާ ގޮތެއް ވެސް ނޭގެއެވެ.

އަދި އެޕަކުން އަހަރުމެންގެ ޑޭޓާ ލީކްކޮށްފިނަމަ ނުވަތަ ޑޭޓާ އެއްކުރާ ބޭނުން ނޫން އެހެން ކަމެއްގައި ބޭނުންކޮށްފިނަމަ ރައްޔިތުންނަށް އެކަމުގައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް ގިނަ ބަޔަކަށް މައުލޫމާތެއް ނޭގެއެވެ. މައްސަލައެއް ރިޕޯޓްކުރުމަށް ސާފު ގާނޫނީ ޕްރޮސެސްތަކެއް ވެސް ނެތެވެ.

އެހެން ނަމަވެސް އަހަރެމެން ވިސްނަންވީ ކަމަކީ ހިދުމަތަކަށް އެދި އަހަރެމެން ފޯރުކޮށްދޭ ކޮންމެ މައުލޫމާތަކާ މެދު އަހަރެމެންނަށް ސުވާލު ކުރުމުގެ ހައްގު ލިބިގެންވާކަމެވެ. އެޕުން އެއްކުރާ ވަކި މައުލޫމާތެއް ހޯދަނީ ކީއްކުރަންތޯ ސުވާލު ކުރެވެން ޖެހެއެވެ. އެޕް އުފައްދާ ފަރާތުން އަަހަރުމެންގެ މައުލޫމާތު ހިމާޔަތް ކުރުމަށް އަޅަނީ ކޮން ސަލާމަތީ ފިޔަވަޅުތަކެއް ހެއްޔެވެ؟ އަދި ހޯދާ ހިދުމަތާއި ގުޅުމެއް ނެތް މައުލޫމާތު އެއްކުރުމުގެ ބޭނުމަކީ ކޮބާކަންވެސް ސާފުކުރަން ޖެހެއެވެ.

އެޕް ބޭނުންކުރާ ފަރާތްތަކަށް މިފަދަ އެތަށް ސުވާލުތަކެއް ކުރެވޭނެ ކަން ރައްޔިތުން އަހުލުވެރިވާންޖެހެއެވެ. އަދި އެޕް ބޭނުންކުރާ ފަރާތްތަކުގެ އިތުބާރު އިތުރުކުރުމަށް އެޕް އުފައްދާ ފަރާތްތަކުން އެތަކެތީ ރައްކާތެރިކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި، މައްސަލައެއް ރިޕޯޓް ކުރެވޭނެ ގޮތާއި، ރިޕޯޓް ކުރެވުމުން އަޅާ ފިޔަވަޅުތަކާއި މެދު ޓްރާންސްޕޭރެންޓްވުން މުހިއްމެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަން ދަތުރުގައި ދިވެހިރާއްޖެ އޮތީ ވަރަށް މުހިންމު ހިސާބެއްގައެވެ. ޑިޖިޓަލް ހިދުމަތްތައް ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، އެއާއި އެއްހަމަ ކުރާ މިންވަރަކަށް ޑޭޓާ ޕްރޮޓެކްޝަން އާއި ސައިބަރ ސެކިއުރިޓީ ކުރިއެއް ނާރައެވެ. ހަރުދަނާ ގާނޫނީ އޮނިގަނޑަކާއި، ޓެކްނިކަލް މިންގަނޑުތަކަކާއި ރަނގަޅު އުސޫލުތަކެއް އެކުލަވާލުމާއި، މިކަންތައްތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ވަރަށް ވެސް މުހިއްމެވެ.

ރާއްޖޭގައި އުފައްދާ އެޕްތަކާއި މެދު އިތުބާރު އިތުރުކުރުމާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޑޭޓާގެ ރައްކާތެރިކަމަކީ އެންމެ މުހިއްމު އެއްކަމެވެ. މިއީ ފަރުވާ ކުޑަކޮށް ފަހުން ވިސްނުމަށް މަޑުޖެއްސޭނެ ކަމެއް ނޫނެވެ. މިހާރުން މިހާރަށް މިކަމަށް މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ މިކަމުގެ ނުރައްކާ ދާނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އާންމު ރައްޔިތުންނަށެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.