ކޮމްޕިޓަރު ޕްރޮގްރާމަރެއް ބޭނުންވެއްޖެ!

އާރު 17 ނޮވެމްބަރު 2020
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގެޒެޓްގައި ކޮމްޕިއުޓަރ ޕްރޮގްރާމަރުން ބޭނުންވެގެން، ތަފާތުގިނަ އޮފީސް ތަކުން ކޮށްފައި ހުންނަ އިއުލާނުތައް ފެންނަނީ މަދެއްކޮށެއް ނޫނެވެ. ސަރުކާރު އޮފީސް ތަކުގެ ސިވިލް ސަރވިސް މަޤާމަތުތަކަށް ހޯދާ ކޮމްޕިއުޓަރ ޕްރޮގްރާމަރުންގެ ޖޮބް ރިކުއަޔަމަންޓް ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު ތަކާއި ޕްރީ ރިކުއިސިޓް ލިސްޓް ވަރަށް ދިގުކޮށް ހުންނަ ތަންވެސް ފެނެއެވެ. އެހެން ނަމަވެސް މިބުނި "ހުސް ވަޒީފާތަކަށް" ކުރިމަތިލާ މީހުން ވާން ޖެހެނީ "ފިޓް ފޯ އޯލް" ނުވަތަ ދިވެހިންގެ އާއްމު ބަހުރުވައިން ނަމަ ފުޅިމަދު އުނގުރިއަކަށެވެ. ރޯނު އެދުރުހެދި މުރަނގަ ގަސްދޮށު މާލިމީންނަށް ވުރެއް ދެރަ ވެއްޖެނަމަ ވަޒީފާ ލިބޭކަށް ނެތެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ކޮމްޕިއުޓަރ ޕްރޮގްރާމަރުންގެ ވަޒީފާ ތަކަށް ކުރިމަތިލާ މީހުންނަކީ އެދާއިރާގެ ސްޕްޝަލިސްޓުން ގޮތުގައި ވެގެންނެއް ނުވެއެވެ. އެމީހުން ވާންޖެހެނީ މުޅި އިންފޮމޭޝަން ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ އިންޑަސްޓްރީގެ ޖެނެރަލިސްޓުންނަށެވެ. ތެދެކެވެ. ސަރުކާރުގެ ކޮންމެ އިދަރާ އަކަށް ފުލް ސްޓެކް ޑެވެލޮޕަރެއް މުހިންމު ނުވެދާނެއެވެ. އެހެން ނަމަ ވެސް ގޯހީ އެމީހާ އަދާކުރަންޖެހޭ މަޤާމުގެ ނަމާއި މަސްއޫލިއްޔަތު ތަކާއި ނުބައްދަލު ވާތީއެވެ.

ސިވިލް ސަރވިސްގެ ކޮމްޕިއުޓަރ ޕްރޮގްރާމަރުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ނެޓްވޯރކް ޓްރަބަލް ޝޫޓް ކުރުމާއި، ޕީ.އޭ.ބީ އެކްސް ކޮންފިގަރ ކުރުމާއި، ސަރވަރތައް ކޮންފިގަރ ކުރުމާއި، ޑިޕްލޮއި ކުރުމާއި މެއިންޓެއިްނކުރުމާއި، ކޮމްޕިއުޓަރ ހާރޑްވެއަރގެ އެކި މައްސަލަތައް ހައްލުކުރަން ޖެހުމުގެ އިތުރުން ކޮމްޕިއުޓަރ އަދި އެފަދަ ޕެރިފެރަލްސް ގަތުމާއި ބިޑް އިވެލިއުޓް ކުރުންފަދަ ކަންކަން ވެސް ކުރަން ޖެހެއެވެ. މީގެ އިތުރުން އޮފީހުގެ ސީ.ސީ.ޓީ.ވީ ކެމެރާ ތަކާއި، އެކްސެސްކޮންޓްރޯލް ސިސްޓަމްތައް މޮނީޓަރ ކުރުމަކީ ވެސް ކޮމްޕިއުޓަރ ޕްރޮގްރާމަރުގެ މެންޑޭޓް ކަމުގައި އެފަދަ ވަޒީފާގެ އިއުލާނު ތަކުގައި ލިޔެފައި ވެއެވެ.

ކޮމްޕިއުޓަރ ސޮފްޓެވެއަރތައް ލިޔާނެ ފުރުސަތު އެވަޒީފާތަކުގައި ލިބެނީ ވަރަށް މަދުންނެވެ. ދެތިން އަހަރުގެތެރޭގައި އެފަދަ ޕްރޮގްރާމް އެއް ލިޔަން ނުޖެހުމުގެ ސަބަބުން ޓަޗް ގެއްލި އެންމެ ފަހުން ޕްރޮގްރާމް ލިޔަން ޖެހޭ ހިންދު ކޮމްޕްލެކްސް ޕްރޮގްރާމް އެއް ލިޔަން ނޭންގުމުގެ ސަބަބުން ނުވަތަ އެކަނިމާއެކަނި ނުކުރެވޭ ފަދަ ބޮޑެތި ޕްރޮޖެޓް ތަކެއް ކަމުން ދެން ޖެހެނީ އައުޓް ސޯސް ކުރާށެވެ. އެ އޮފީހެއްގައި ކޮމްޕިއުޓަރ ޕްރޮގްރާމަރެއް ހުއްޓާ އައުޓް ސޯސް ކޮށްގެން ޕްރޮގްރާމް ލިޔުއްވާނަމަ ދެން އެކަން އެކުރެވެނީ މާލިއްޔަތު ޤާނޫނާއި ކޮރަޕްޝަން މަނާ ކުރުމަށް އެޅިފައި ހުންނަ ހަރުދަނާ އުސޫލް ތަކުގެ ތެރެއިން ތޯ ސުވާލު އުފެދެއެވެ.

ކޮމްޕިއުޓަރު ޕްރޮގްރާމަރުންގެ ވަޒީފާ ބަޔާންތައް ނުވަތަ މަޤާމުގެ ނަން އެކަށިގެންވާ ގޮތަކަށް އިސްލާޙް ކުރުމަކީ ސްޕެޝަލިސްޓުން ބިނާ ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މިއިން ކޮންމެ ދާއިރާއަކަށް ކިޔަވަން ޖެހެނީ މުޅިން ތަފާތު މާއްދާތަކެކެވެ. މި ހުރިހާ ސްޕެޝަލައިޒޭޝަންތަކަކީ އެއްކޮށްލެވޭނެ ފަދަ ދާއިރާތަކެއް ނޫނެވެ. ފަހަރުގައި މިކަން މިގޮތަށް ކުރަނީ ކުޑަ މުސާރައެއް ގައި ހެޔޮވަރު ފުޅިމަދު އުނގުރި އެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ޓެކްނޮލޮޖީ އަށް ބަރޯސާވެފައިވާ މިންވަރު އެހާމެ ބޮޑު އިރު އެއީ މިދާއިރާއަށް ދެވޭ ވަރަށްބޮޑު އިހާނެތިކަމެކެވެ. ސިވިލް ސަރވިސް ނުވަތަ އެހެނިހެން ޕަަބްލިކް އަދި ޕްރައިވެޓް ކުންފިނި ތަކުގެ އެޗް.އަރ މެނޭޖަރުކަން ކުރާ ފަރާތްތަކަށް ސޮފްޓްވެއަރ ޑިވެލޮޕަރުނާއި، ކޮމްޕިއުޓަރ ޓެކްނީޝަނުންނާއި ނެޓްވޯރކް އެޑްމިނިސްޓްރޭޓަރުންް އަދި ސިސް އެޑްމިން ފަދަ މަޤާމް ތަކުގެ ތަފާތު ދެނެގަންނަން އިނގެން ޖެހޭހާ ގިނައިން މި މިސްޓޭކެ ހަދާތާ އެތަކެއް ޒަމާނެއް ވެއްޖެއެވެ.


އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.