އައިސީޓީ، ނުވަތަ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މާނަކުރެވެނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދޭ މަޢުލޫމާތާއި އަދި ވަސީލަތްތަކެވެ. މި ވަސީލަތްތަކަކީ އެކި ކަންކަން ކުރުމަށް ދުނިޔޭގައި އެކި ދާއިރާތަކުގައި އެކި އުމުރުގެ މީހުން ބޭނުންކުރަމުންދާ ތަކެއްޗެވެ.
މި ލިޔުމުގައި އަލި އަޅުވާލެވިފައިވާނީ އެޑިއުކޭޝަންއާއި އައިސީޓީގެ ހުރި ގާތް ގުޅުމާއި، މިހާރު އެޑިއުކޭޝަންގައި ބޭނުންކުރެވެމުންދާ ބައެއް ވަސީލަތްތަކަށެވެ. މި ލިއުމުގައި ދިރާސާ ކުރެވިފައިވާނީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި އާޓިކަލް އަދި ސޯޝަލްމީޑިއާ ތަކާއި ނޫސްތަކުގެ ޒަރިއްޔާއިންނެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ޤައުމީ މަންޙަޖުވެސް މި ދިރާސާގައި ބަލާލެވިފައި ވާކަން ފާހަގަ ކުރަމެވެ.
ޔުނެސްކޯ (UNESCO)އިން 2014 ގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އޭޝިޔާގެ ގިނަ ޤައުމު ތަކުގައި އައިސީޓީ ޕޮލިސީތަކާއި، އަދި އުގެނުމުގައި ބޭނުންކުރުން ވަނީ ވަރަށް ބޮޑުތަންވެސް ކުރިއަރުވަން ޖެހިފައި އެވެ. ވަރަށް މަދު ޤައުމުތަކެއްގައި ފިޔަވާ އައިސީޓީ، އުގެނުމުގައި އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގައި ބޭނުން ނުކުރެއެވެ. ދިވެހިރާއްޖެ، އަދި އިންޑޮނޭޝިޔާ ފަދަ ޤައުމުތަކުގައި މާބޮޑު އައިސީޓީ ޕްލޭނެއް އެޑިއުކޭޝަން ދާއިރާގައި ނެތްކަން ކުރެވުނު ދިރާސާތަކުން ދައްކައެވެ.
ރާއްޖޭގައި އެކުލަވާލެވިފައިވާ ޤައުމީ މަންޙަޖުގައި އައިސީޓީ ވަކި މާއްދާއެއް ގޮތަށް ޕްރައިމަރީ އެޑިއުކޭޝަންގައި އެކުލަވާލެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް، ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމުގެ ގޮތުން ޤައުމީ މަންޙަޖުގައި ޤާބިލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި އުގެނުމުގެ މައިގަނޑު ދާއިރާއެއް ކަމުގައި ސައިންސާއި ޓެކްނޮލޮޖީ، ސޯޝަލް ސްޓަޑީޒް ހިމަނާފައިވެއެވެ.
ޑިޖިޓަލްޓްރެންޑްސް (2019) އިން ފާހަގަ ކޮށްފައިވާ ގޮތުގައި ކްލާސްރޫމުގައި އަދި ކުލާހުން ބޭރުގައި ދަރިވަރުންނަށާއި މުދައްރިސުންނަށް ބޭނުން ކުރެވިދާނެ ވަސީލަތްތައް ވަރަށް ގިނައެވެ.
1- މޫޑުލް (Moodle) : މޫޑުލް އަކީ މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ކޮލެޖް ތަކުގައި ބޭނުން ކުރަމުން އަންނަ އެޕްލިކޭޝަން އެކެވެ. މޫޑުލް ބޭނުންކޮށްގެން މުދައްރިސުންނަށް ދަރިވަރުންނަށް ފިލާވަޅާއި ގުޅުން ހުރި ލިޔެކިޔުންތައް ފޯރުކޮށްދީ، ކަލަންޑަރުގައި އެކިކަހަލަ ކަންތައްތައް ރާވައި، ދަރިވަރުންގެ ކޯސްތަކުގެ ޕްރޮގްރެސް ބަލާލެވެ އެވެ. މޫޑުލް އަކީ ހިލޭ ބޭނުން ކޮށްލެވޭ އެޕްލިކޭޝަން އެކެވެ.
2- ކަހޫޓް (kahoot) : މި އެޕްލިކޭޝަން އަކީ ސްމާރޓް ފޯނަކަށް އަޅާލައިގެން ބޭނުން ކުރެވިދާނެ އެޕްލިކޭޝަން އެކެވެ. ކިޔަވައިދޭ ފިލާވަޅުގެ ސުވާލުތައް ކަހޫޓްއަށް ލުމާއެކު ދަރިވަރުންނަށް ކުއިޒް ނުވަތަ ފޮޓޯ/މީޑިއާ އެކުލެވޭ ގޭމެއް ވަގުތުން ހަދާދެއެވެ. ސުވާލު ތަކަށް ޖަވާބު ދިނުމުން ދަރިވަރަށް ޕޮއިންޓް ލިބިގެން ދެއެވެ.
3- ގޫގަލް ކްލާސްރޫމް (Google Classroom) :ގޫގަލް ކްލާސްރޫމް އެޕްލިކޭޝަން ސުކޫލްތަކުގައި ބޭނުން ކުރުމުން، ދަރިވަރުނަށް އެކިފިލާވަޅުތައް ބަހައި، ދަރިވަރުންގެ އެސައިންމަންޓުތައް އިލެކްޓްރޯނިކް ކޮށް ނަގައި އަދި މާކު ކޮށްލެވޭނެ އެވެ. އެސައިންމަންޓު މާކު ކުރުމުން ދަރިވަރަށް ވެސް ވަގުތުން ނަތީޖާ ފެނެއެވެ. ދަރިވަރުންނާއި މުދައްރިސުން މިވަސީލަތް ބޭނުނުން ކޮށްގެން ސުކޫލުން ބޭރުގައި އެހެން ވަގުތުތަކުގައި މުއާމަލާތްކޮށް ފިލާވަޅާއި ބެހޭ ކަންތައްތައް އޮޅުންފިލުވާލެވެ އެވެ.
4- މައިކްރޯސޮފްޓް ކްލާސްރޫމް (Microsoft Classroom / Microsoft Teams) :މައިކްރޯސޮފްޓްގެ އެކި އެކި އެޕްލިކޭޝަންތައް ކިޔަވާދިނުމުގައި މިހާރަކަށް އައިސް ބޭނުނުން ކުރުން އާންމުވެފައިވެއެވެ. އެގޮތުން، މައިކްރޯސޮފްޓް ޓީމްސް ފަދަ އެޕްލިކޭޝަން މެދުވެރިކޮށް ކްލާސްރޫމްގެ މުޢާމަލާތްތަކާއި ފިލާވަޅުތައް ދަރިވަރުންނަށް ފޯރުކޮށްދެވެ އެވެ.
މުޅި ސުކޫލް ނުވަތަ ކޮލެޖްގެ މުދައްރިސުންނާއި އެކަޑެމިކް މުވައްޒިފުންނަށް މި ވަސީލަތް މެދުވެރިކޮށް ކިޔެވުމާއި ކިޔަވާދިނުން ކުރިއަށް ގެންދެވޭނެއެވެ. އެސައިންމަންޓް ބެހުމާއި، ރުބްރިކް ބޭނުންކޮށްގެން އެސައިންމަންޓް އަދި ކުއިޒް ފަދަ ފިލާވަޅުތައް މާކު ކުރުމާއި، ލިޔެކިޔުންތައް ފޮނުވާ ރައްކާކޮށް ހެދެއެވެ.
ޓެކްނޮލޮޖީ ބޭނުންކުރެވޭނެ މިންވަރު ހިތައްވެސް ބައެއް ފަހަރުގެންނަން ދަތި ފަދަ ދާއިރާ ތަކުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުގަންނައިދެވެއެވެ. އެގޮތުން، އާރޓިފިޝަލް އިންޓެލިޖަންސް (އިންސާނުންގެ މާބޮޑު އެހީއެއް ނުލައި ބޭނުންކުރެވޭނެ ކަހަލަ ޓެކްނޮލޮޖީއެއް) ބޭނުންކޮށްގެން ޑޮކްޓަރީކަން އަދި ސިއްޙީ ކަންތައްތައް ކިޔަވައިދެވެއެވެ.
ޓެކްނޮލޮޖީ ފުޅާވެފައިވާ މިންވަރު އަދި އޭގެ މުހިންމު ކަން ކިޔަވައި ދިނުމުގައިއްޔާއި، ކިޔެވުމުގައި ބޭނުންކުރަން ފަސޭހަވެފައިވާ މިންވަރަކީ، ޓެކްނޮލޮޖީގައި އެއްވެސް މީހަކު ބާކީކޮށްފައި ނުވެއެވެ. އެގޮތުން ޙާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން، ނުވަތަ މުދައްރިސުންނަށް ވެސް ފަސޭހަ ކަމާއެކު ބޭނުން ކޮށްލެވޭ އެތަކެއް ވަސީލަތްތަކެއް އައިސީޓީ އެޑިއުކޭޝަން ދާއިރާގައިވެއެވެ. މީގެ ތެރޭގައި އެންމެ ކައިރިއަށް ބަލައިލި ކަމުގައިވިޔަސް އަހަރެމެން އެންމެ ގިނައިން ފިލާވަޅުތަކަށް އެހީއެއް ގޮތައް ބޭނުންކުރާ މައިކްރޯސޮފްޓް ވޯރޑް ހިމެނެއެވެ.
މައިކްރޯސޮފްޓް ވޯރޑްގައި އަދި ވަންނޯޓްގައި އިމާރސިވް ރީޑަރ (ލިޔުންތައް ކިޔާލުމަށް ބޭނުންކުރެވޭ ވަސީލަތެއް) ބޭނުން ކޮށްގެން ލިޔުންތައް ކިޔުމުގައި ދަތިތައް ހުންނަ ކުދިންނަށް ލިޔުންތައް ކިޔާލަދެއެވެ. މިކަން ޙާއްސަކޮށް ބޭނުން ކުރެވިގެންދަނީ dyslexia, dysgraphia ހުންނަ މީހުންނަށެވެ. މީގެ އިތުރުން dictate ބޭނުންކޮށްގެން ލިޔުމުގައި ދަތިކަން ދިމާވާ މީހުންނަ ފަސޭހަ ކަމާއެކީ ލިޔުންތައް ލިޔެލެވެއެވެ. މި ވަސީލަތްތައް ދިވެހި ބަހަށް އަދި ނެތްކަމުގައިވިޔަސް އުންމީދު ކުރެވެނީ ކުރިއަށް އޮތްތާގައި ދިވެހިބަސްވެސް ދިރުވާ މިކަހަލަ މޮޅެތި، އަދި ބޭނުންތެރި ޓެކްނޮލޮޖީގެ ތެރެއަށް ލެވޭނެ ކަމުގައި އެވެ.
އުންމީދުކުރަނީ މި އާރޓިކަލްގެ ޒަރިއްޔާއިން އެޑިއުކޭޝަންއާއި އައިސީޓީއާއި ހުރި ގުޅުން އެގި، އޭގެ މުހިންމުކަން އެނގިގެން ދިޔަކަމަށެވެ. އަދި އިތުރު ދިރާސާކޮށް، މި އާރޓިކަލްގައި ހިމެނިފައިވާ ވަސީލަތްތަކަކީ ކޮބައިކަން އެނގިގެން ދިއުމެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.