ޓްވިޓަރ ސްޕޭސަސް ތަރައްގީކުރުމަށް ބްރޭކަރ ގަނެފި

ހިންދު ޢަލީ 10 ޖެނުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓަރ އިން ޓްވިޓަރ ސްޕޭސަސް އުފައްދާކަން އިޢުލާނު ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ސޯޝަލް ބްރޯޑްކާސްޓިންގ އެޕް "ބްރޭކަރ" އުފެއްދި ކުންފުނި ގަނެފިއެވެ. ޓުވިޓަރ ސްޕޭސަސް، މި އައު އޯޑިއޯ-ބޭސްޑް ނެޓްވޯކިންގ ޕްރޮޖެކްޓް ފަށައިގެން ކުރިއަށް ދާކަމަށް ޓްވިޓަރއިން އިޢުލާނުކުރީ ނޮވެމްބަރ 2020 ގައެވެ. އެކަން އިޢުލާނުކުރީ ޓްވިޓަރގެ ފްލީޓްސް ލޯންޗްކުރުމާއެކު އެކީގައެވެ.

5 ޖެނުއަރީ 2021 ގައި ދެ ކުންފުނިން ކޮށްފައިވާ ޓްވީޓްތަކާއި ބްލޮގް ޕޯސްޓްގައި ބުނާ ގޮތުންނަމަ ބްރޭކަރ އުފެއްދި ޓީމުން ޓްވިޓަރއާއި މިގުޅުނީ ޓުވިޓަރ ސްޕޭސަސް އިތުރަށް ޑިވެލޮޕްކުރުމަށެވެ. ޓްވިޓަރ ސްޕޭސަސްއަކީ މިހާރު ޓްވިޓަރގައި ބޭނުންކުރާ ޓެކްސްޓް ޕޯސްޓްގެ ބަދަލުގައި އޯޑިއޯ ޕޯސްޓްކޮށް، އޯޑިއޯ ކޮމެންޓްވެސް ކުރެވޭ ސޯޝަލް ނެޓްވަރކިންގ ޕްލެޓްފޯމެކެވެ. ސްޕޭސަސްއާއި އެންމެ ވާދަކުރާ އެޕަކީ ހަމަ އެއްގޮތް ފީޗަރސްތަކެއް ހިމެނޭ ކްލަބްހައުސްއެވެ. ޑިސެމްބަރ 2020 ގައި ޓްވިޓަރ ސްޕޭސަސް ވަނީ ބީޓާ ޓެސްޓިންގއަށް ހުޅުވާލާފައެވެ.

ބްރޭކަރ އަކީ 2016 ވަނަ އަހަރުން ފެށިގެން ހިންގާ ކުންފުންޏެކެވެ. އެރިކް ބަރލިން އަދި ލިއާ ކަލްވަރގެ މިކުންފުނީގެ ނަން ނިސްބަތްވަނީ ބްރޭކަރ އެޕަށެވެ. ބްރޭކަރ އަކީ ޕޮޑްކާސްޓްތަކަށް ސަބްސްކްރައިބްކޮށް އަޑުއަހަން ބޭނުންކުރާ އެޕެކެވެ. މިކަހަލަ އެހެން އެޕްތަކާއި ބްރޭކާރ އާއި ހުރި ތަފާތަކީ އޭގައި ހިމެނޭ ސޯޝަލް ފީޗަރސްތަކެވެ. މިއީ ފޭސްބުކް، ޓްވިޓަރ އަދި އެހެނިހެން ކޮންޓެކްޓްސްއަށް ގުޅާލެވޭ އެޕެކެވެ. ކޮންޓެކްޓްސްގައި ތިބި އެހެން ފަރާތްތަކުން އަޑުއަހާ ޗެނަލްތަކާއި ޕޮޑްކާސްޓްތައް ބްރޭކަރ އިން ދައްކައެވެ. އަދި "ފްރެންޑުންނަށް" ޕޮޑްކާސްޓްތައް ރިކޮމެންޑް ކުރެވެއެވެ. ބްރޭކަރގައި ޕޮޑްކާސްޓްތަކަށް ލައިކްކޮށް ކޮމެންޓް ވެސް ކުރެވެއެވެ.

15 ޖެނުއަރީ 2021 އިން ފެށިގެން އެކުންފުންޏާއި އެޕް ވެސް ހުއްޓާލާނެކަމަށް ބްރޭކަރގެ ބްލޮގުން މަޢުލޫމާތު ލިބެއެވެ.

ބްރޭކަރއާއި ޓްވިޓަރގެ ޑީލް މިއައީ ޕޮޑްކާސްޓް ޝެއަރކުރާ މިފަދަ އެހެން އެޕްތަކެއްގެ ޑީލްތައް ވަރަށް ފަހުން ހިނގާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ތަފާތަކީ ޓްވިޓަރ އިން ބްރޭކަރ ގަތީ މީހުންނާއި ޓެކްނޮލޮޖީއާއި އެކީގައެވެ. މި ޑީލް ހިނގި އަގެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ. ގަބޫލުކުރެވޭ ގޮތުގައި މިޑީލްގައި ފައިދާ ވާނީ ޓްވިޓަރއަށެވެ. އެއީ ޓްވިޓަރއަށް މުހިއްމު ޓެލެންޓެޑް ޓީމެއް ލިބޭތީއެވެ. އައު ކަމަކަށް ބަލަބަލާ ތިބި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް މިޓެކްނޮލޮޖީ މަގުބޫލު އެއްޗަކަށް ވާނެކަމަށް ފެނެއެވެ. އޭގެ ސަބަބުން ވެސް ޓްވިޓަރއަށް އޮތީ ފައިދާއެވެ. އެހެން ނަމަވެސް އެއީ މިހާރު މި އެޕް ޓެސްޓްކުރަމުންދާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭ ފަދަ ރައްކާތެރިކަން ޕްލެޓްފޯމަކަށް ހެދިއްޖެނަމައެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.