ސެމްސަންގް ގެ ބާ ފޯނުތައް އައި.އޯ.ޓީ ޑިވައިސް ތަކަކަށް

އާރު 12 ޖެނުއަރީ 2021

ސީ.އީ.އެސް 2021 ގައި ސެމްސަންގް އިން ކުރި އިއުލާނު ތަކުގެ ތެރޭގައި މީގެ އަހަރު ތަކެއް ކުރުން އެކުންފުނިން ފަށާފައިވާ "ގެލެކްސީ އަޕްސައިކަލް" ޕްރޮގްރާމް އަށް ބައެއް ބަދަލުތަކެއް ގެނައުމަށްފަހު "ގެލެކްސީ އަޕްސައިކަލިންގް އެޓް ހޯމް" ނަމުގައި ތައާރަފް ކޮށްފިއެވެ. ސެމްސަންގްގެ ތިމާވެއްޓާއި ރައްޓެހި އިއާދަ ކުރަނިވި ޕްރޮޖެކްޓް އެއްގެ ގޮތުގައި ތައާރަފް ކޮށްފައިމިވާ ޕްރޮޖެކްޓް ގެ ބޭނުމަކީ ކުރީގެ ބާ ގެލެކްސީ ސްމާޓްފޯނުތައް ވަތްގަނޑު ތަކުގައި ހިރަފުސް ބުރުވަން ނުބާއްވާ އައި.އޯ.ޓީ ޑިވައިސް ތަކެއްގެ ގޮތުގައި ކަނެކްޓަޑް ހޯމް އެއް ހެދުމަށް ބޭނުން ކުރުމެވެ.

ބާ ފޯނު ތަކުގައި މި އައު ފީޗަރ ބޭނުން ކުރުމަށްޓަކައި އެކަމަށް ހާއްސަ އެޕްލިކޭޝަން އެއް ސެމްސަންގް އިން މި އަހަރުގެ ތެރޭގައި ނެރޭނެ ކަމަށް ބެލެވެއެވެ. އޭރުން ފޯނުގެ ވެރިފަރާތް ބޭނުންވާ ފަދަ އައި.އޯ.ޓީ ޑިވައިސް އަކަށް ފޯން ބަދަލުކޮށްލެވޭނެއެވެ. މިސާލަކަށް ބޭބީ މޮނީޓަރ އެއް ގޮތުގައި ބަދަލު ކޮށްލައިގެން މައިންބަފައިންނަށް ދަރިފުޅުގެ ކޮޓަރި ނުވަތަ އެންދު ބަލާލެވޭނެއެވެ. ނޫން ނަމަ ދަރިފުޅު ރޯ އަޑު އިވޭ އިރަށް އަންގާލަ ދޭނެއެވެ. އިތުރު މިސާލަކަށް ބަލާލާނަމަ ކޮޓަރީގައި އަލި ހުރި މިންވަރު ދެނެގަތުމަށްވެސް ސެމްސަންގ އަޕްސައިކަލިންގް ފީޗަރ ބޭނުން ކުރެވެއެވެ.

https://www.youtube.com/watch?v=m9AL266C0lc


ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ގިނަ ގޮތް ގޮތަށް ގެލެކްސީ އަޕްސައިކަލް ޕްރޮގްރާމް ގެ ބޭނުން ހިފައިގެން ނުވަތަ އެނޫން ގޮތް ގޮތަށްވެސް އެކި ބޭނުން ތަކަށް ބައު ފޯނުތައް ބޭނުން ކޮށްފައި ހުރިތަން ވަނީ ފެނިފައެވެ. އެގޮތުން މަސްޓޭންކް ތަކުގެ ޓެމްޕަރޭޗަރ އަދި އޮކްސީޖެން ލެވަލް ބާލާލުމާ ގޭގެ ފިނި ހޫނު މިން ހުރި މިންވަރު ދެނެގަތުން އަދި ތަފާތު ގޮތް ގޮތަށް އަރޑުއީނޯ ފަދަ ޑިވައިސް ތަކާއި އިންޓަގްރޭޓް ކޮށްގެން ބޭނުން ކޮށްފައި ވެއެވެ. ސެމްސަންގް ގެ ފީޗަރ އެއް ގޮތުގައި އަޕްސައިކަލް ފެނިގެން ދިއުމަކީ ހަމަ ގައިމުވެސް ލުއި ތަކެއް ގެނުވާނެ ކަމެއްކަން ޔަގީނެވެ.

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.