ސްމާޓް ގަޑި ތަކާއި އެހެނިހެން ވެއަރަބަލް ޑިވައިސް ތަކުގެ އެހީގައި ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުގެ ދުވަސް ކޮޅެއް ކުރިން ކޮރޯނާ ވައިރަހުގެ އަސަރު ހަށިގަނޑަށް ކޮށްފި ކަމަށް ދެނެގަނެވިދާނެ ކަމަށް ރިސާރޗްތަކުން ދައްކައިފިއެވެ. ނިއު ޔޯރކް ގެ މައުންޓް ސިނާއީ ހެލްތް ސިސްޓަމް އަދި ކެލިފޯނިއާގެ ސްޓެންފޯރްޑް އިން ވަކިވަކިން ހެދި ދިރާސާ ތަކުން ދައްކާ ގޮތުން ހާރޓް ރޭޓް، ސްކިން ޓެމްޕަރޭޗަރ އަދި އެހެން ބައެއް ޕިޒިއޮލޮޖިކަލް މާކަރކްސް މޮނިޓަރ ކުރާ ސްމާޓް ޑިވައިސަސް ތަކުން ކޮވިޑް-19 އަދި އެހެނިހެން އިންފެކްޝަސް ބަލިތައް ދެނެގަތުމަށް އެހީތެރިވެދެއެވެ.
މައުންޓް ސިނާއީ ގެ ދިރާސާ (ޕީ.ޑީ.އެފް) ދައްކާގޮތުން އެޕަލް ވޮޗް ތަކުން އިންސާނާގެ ހިތުގެ ވިންދަށް އަންނަ އެންމެ ކުޑަކުޑަ ބަދަލުވެސް ދެނެގަނެވޭ ކަމަށާއި މީގެ ސަބަބުން ކޮވިޑް-19 ގެ އަލާމާތް ތަކާއި ޕޮސިޓީވް ނަތީޖާއެއް ލިބުމުގެ 7 ވަރަކަށް ދުވަސް ކުރިންވެސް މި ބަދަލު ދުރާލާ ދެނެގަނެވިދާނެއެވެ. މި ކަރުދާހުގައި ދިރާސާ ކޮށްފައިވަނީ 300 ސިއްހީ ހިދުމަތްތެރިން އެޕަލް ވޮޗް އާއި އެކު އޭޕްރިލް މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހާއި ދެމެދު އެމީހިންގެ ހިތުގެ ވިންދަށް އަންނަ ބަދަލު ތަކާއި، ވިންދު ޖަހާ ދުރުމިން ދެނެގަނެގެނެވެ.
ހިތުގެ ވިންދަށް އަނަން ބަދަލު ދެނެގަތުމަކީ ސިއްހީ މާހިރުންވެސް މީހާގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތް ދެނެގަތުމަށް ބޭނުން ކުރާ އަންދާޒާ އެކެވެ. ހަށިގަނޑުގައި އިންފްލެމޭޝަން އެއް އުޅޭނަމަ ވިންދު އަވަސް ވާކަން އަދި ހިތުގެ ވިންދަށް ބަދަލު ތަކެއް އަންނަ ކަން ވަނީ ދެނެގަނިފައެވެ.
ސްޓެންފޯރޑް ޔުނިވާރސިޓީ ގެ ދިރާސާގައި (ޕީ.ޑީ.އެފް) ގާރމިން، ފިޓްބިޓް އަދި އެޕަލް ވޮޗް ތަކަށް ކޮރޯނާ ވައިރަސް ޕޮޒިޓިވް ޕޭޝަންޓުންގެ ގައިން ނުވަ ދުވަސް ކުރިން ހިތުގެ ވިންދަށް ބަދަލު އަންނަ ކަމަށް ދެނެގަނެވިފައިވެއެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެއްގިނަ މީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނިފައި ނުވެއެވެ. ނަމަވެސް ސްމާޓް ވޮޗް ތަކުން އެއް ކުރާ މައުލޫމާތުގެ އެހީގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަދި ދުރާލާ ބަލިމީހާ އައިސޮލޭޓް ކޮށްގެން ފަރުވާ ދިނުމަށް ބޮޑު އެހީއަކަށް ވެގެން ދާނެއެވެ. މިހާގެ ސިއްހަތު ރަނގަޅުތޯ ބެލުމަށް އިރު އިރު ކޮޅާ ލެބޯރަޓަރީ ޓެސްޓް ހެދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ވެއަރަބަލް ޑިވައިސް ތަކުން އަބަދުމެ އިންސާނާގެ ހަށިގަނޑުގެ ތަފާތު ވައިޓަލްސް ހުއްޓުމެއް ނެތި ދަނީ ނަގަމުންނެވެ. އެ މައުލޫމާތު ތަކުން އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށް ދުރާލާ އެހީތެރިވެދެވޭނެ ނިޒާމް ތައް އަވަހަށް ޤާއިމް ކުރެވިގެން ދިއުން މުހިންމެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް