ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ މެސެޖިންގ އެޕަކީ ވަޓްސްއެޕްއެވެ. 2019 ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި 1.6 ބިލިއަން މީހުން ވަޓްސްއެޕް ބޭނުންކުރެެއެވެ.
ވަޓްސްއެޕް ބުނާގޮތުންނަމަ، އޭގެ އެންމެ މުހިއްމު ފީޗަރއަކީ އެންޑް-ޓު-އެންޑް އެންކްރިޕްޝަނެވެ. ގިނަ މީހުން މި އެޕް ޚިޔާރުކުރާ ސަބަބަކީވެސް މި ސެކިޔުރިޓީ ފީޗަރއެވެ. މީގެ މާނައަކީ ވަޓްސްއެޕުން އެކަކު އަނެކަކަށް މެސެޖު ފޮނުވެނީ އެންކްރިޕްޓް (ސިއްރު) ކުރެވިގެންނެވެ. މެސެޖު ފޮނުވާ މީހާއާއި ލިބޭ މީހާ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް (ހުދު އެކުންފުނިވެސް ހިމެނޭ ގޮތަށް) މެސެޖުގައިވާ އެއްޗެއް ކިޔުން ނުވަތަ އަޑުއެހުމަކީ ނުކުރެވޭނެކަމެކެވެ. އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރުމުގެ މާނައަކީ މެސެޖު ފޮނުވާ އަދި ލިބޭ ފަރާތްތަކުން އެމެސެޖު ކިޔުމަށް ނުވަތަ އަޑުއެހުމަށް ސިއްރު "ކީ"އެއް ބޭނުންކުރުމެވެ. ވަޓްސްއެޕްގެ މި ފީޗަރއަކީ އޮޓޮމެޓިކް ފީޗަރއެކެވެ. މާނައަކީ ސެޓިންއެއް ނުވަތަ މެސެޖު ސިއްރުކުރުމަށް ހާއްސަ ސީކްރެޓް ޗެޓް ފަދަ ކަމެއްވެސް ބޭނުން ކުރާކަށް ނުޖެހެއެވެ.
2014 ވަނަ އަހަރު ފެބްރުއަރީ މަހު ފޭސްބުކް އިން ވަޓްސްއެޕް ގަތްއިރު، އެފަރާތުން ވަނީ ވަޓްސްއެޕްގެ އެންކްރިޕްޝަން ފީޗަރއަށް ބަދަލެއް ނާންނާނެކަމަށް ބޭނުންކުރާ ފަރާތްތަކަށް ކަށަވަރުކޮށްދީފައެވެ. އެހެން ކަމުން ވަޓްސްއެޕްގެ ޕްރައިވަސީ ޓަރމްސްއަށް ބަދަލުތަކެއް ގެންނަކަމަށް އެޕް ހުޅުވާލުމުން މިހާރު ލިބޭ މެސެޖް ވީ ގިނަ މީހުންނަށް ސިހުން ލިބުނު ކަމަކަށެވެ.
4 ޖެނުއަރީ 2021 ގައި ވަޓްސްއެޕް ކުންފުނިން އެ އެޕްގެ ޕްރައިވަސީ ޓަރމްސްއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ވަޓްސްއެޕުން ކުރިން ބުނަމުން އައި، ސެކިޔުރިޓީއާއި ޕްރައިވަސީއަށް ދިން މުހިއްމުކަން ބަދަލުވާ ފަދަ ބަދަލުތަކެކެވެ. ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ ޕާރސަނަލް ބައެއް މަޢުލޫމާތު ޖަމާކޮށް، ފޭސްބުކް އަދި އޭގެ ދަށުން ހިންގާ ކުންފުނިތަކަށް ހިއްސާކުރުމަށް އެޕް ބޭނުންކުރާ ފަަރާތްތަކުން އެއްބަސް ކުރުވުން މި ބަދަލުތަކުގައި ހިމެނެއެވެ. މި ބަދަލުތަކަށް އެއްބަސް ނުވާ ފަރާތްތަކަށް 8 ފެބްރުއަރީ އިން ފެށިގެން އެޕް ބޭނުން ނުކުރެވޭނެ ކަމަށްވެސް ދޭހަވާގޮތަށް މިމެސެޖުތަކުގައި ވެއެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މިބަދަލުން އެކަކު އަނެކަކަށް ފޮނުވާ މެސެޖުތަކެއް އެ ކުންފުންޏަކުން އެހެން ފަރާތަކާއި ހިއްސާއެއް ނުކުރާނެއެވެ. އެހެން ނަމަވެސް މެސެޖުތަކުގެ 'މެޓަޑޭޓާ' ހިއްސާކުރާނެއެވެ. އެހެންގޮތަކަށް ބުނާނަމަ، ކާކަށް ފޮނުވާ މެސެޖެއްކަމާއި، މެސެޖު ފޮނުވާ ވަގުތާއި މެސެޖު ފޮނުވި ލޮކޭޝަން ފަދަ މަޢުލޫމާތު ފޭސްބުކްއާއި އޭގެ ދަށުން ހިންގާ ކުންފުނިތަކާއި ހިއްސާކުރާނެއެވެ.
ވަޓްސްއެޕުން އާންމުކޮށްފައިވާ ގޮތުންނަމަ، މިގެންނަ ބަދަލާއި ގުޅިގެން ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި ފޭސްބުކްއާއި ހިއްސާކުރާ މަޢުލޫމާތުތަކުގެ ތެރޭގައި، ވަކިވަކި ފަރާތްތަކުން ފޮނުވާ މެސެޖާއި ގްރޫޕް މެސެޖުތަކާއި ކޯލްތަކުގެ މަޢުލޫމާތެއް ނުހިމެނެއެވެ. އެހެން ނަމަވެސް ތިރީގައިވާ މަޢުލޫމާތު ހިއްސާކުރާނެއެވެ.
* ރަޖިސްޓްރޭޝަންގައި ބޭނުންކޮށްފައިވާ މަޢުލޫމާތު (ފޯނު ނަމްބަރާއި ނަން ފަދަ)
* ފޯނުގެ މަޢުލޫމާތު (ފޯނުގެ ބާވަތް، މޮޑެލް، އަދި މޯބައިލް ކެރިއަރގެ މަޢުލޫމާތު)
* އައި.ޕީ އެޑްރެސް (ބޭނުންކުރާ ފަރާތުގެ ލޮކޭޝަން އަންގައިދޭނެ)
* އެޕް މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކުގެ މަޢުލޫމާތު
މިއެޕްގެ ޕްރައިވަސީ ސެޓިންގއަށް ގެންނަ މި ބަދަލަކީ ވަސްޓްއެޕް ބޭނުންކުރާ ފަރާތްތަކުން ކަންބޮޑުވާންވީ ކަމެއްތަ؟
މިކަމާ ކަންބޮޑުވާންޖެހޭ އެއް ސަބަބަކީ ފޭސްބުކްއަކީ އެކުންފުނީން އުފައްދާފައިވާ އެޕްތައް ބޭނުންކުރާ ފަރާތްތަކުގެ މިފަދަ ޑޭޓާ ކުންފުނީގެ ފައިދާއަށްޓަކައި ބޭނުންކުރާ ކަމަށް މަޝްހޫރު ކުންފުންޏެއްކަމަށް ވާތީއެވެ.
ބައެއް ފަރާތްތަކުން އެއްބަސްވާ ގޮތުގައި ވަޓްސްއެޕުން މިފަދަ "އަލްޓިމޭޓަމް"އެއް ދިނުން އެއީ އެކުންފުނިން ނިންމި އެންމެ ނުރަނގަޅު ނިންމުމެވެ. މި ނިންމުމާއި ގުޅިގެން ވަޓްސްއެޕް ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކެއް އަވަސްވެގަތީ ބަދަލުގައި ބޭނުންކުރެވޭނެ ސެކިޔުރިޓީ ރަނގަޅު އެހެން އެޕެއް ހޯދުމަށެވެ. މިގޮތުން އެންމެ ގިނައިން މީހުން އިޚްތިޔާރުކުރާ އެޕްތަކަކީ ސިގްނަލާއި ޓެލެގްރާމެވެ. ބައެއް މަޝްހޫރު ފަރާތްތަކުން ކުރި ޓްވީޓްއާއި ހިއްސާކުރި މަޢުލޫމާތު އެއީ ސިގްނަލާއި ޓެލެގްރާމާއި ދިމާލަށް މީހުން ދީލާލި ސަބަބުކަމުގައި ވެސް ވެދާނެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ސިގްނަލްއަކީ ނޮންޕްރޮފިޓް އޮގަނައިޒޭޝަނަކުން ތައްޔާރުކުރާ އޯޕަން ސޯސް ސިގްނަލް ޕްރޮޓޮކޯލް ބޭނުންކުރާ އެޕަކަށް ވީތީ، އެއީ އިތުބާރުކުރެވޭ އެޕެއް ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓެލެގްރާމުން އެންކްރިޕްޝަން އޭރިއާގައި ކުރިއަށް ޖެހިލާފައިވާތީ ޓެލެގްރާމަކީ ވެސް ޚިޔާރުކުރަން ރަނގަޅު އެޕެއްކަމަށް ތަޖުރިބާކާރުން ލަފާދެއެވެ.
ސިގްނަލް އެޕުން ފޮނުވާ ކޮންމެ މެސެޖެއް ދަނީ ހަމަ ކުރިން ދެންނެވުނު ފަދައިން އެންޑް-ޓު-އެންޑް އެންކްރިޕްޓް ވެގެންނެވެ. އެއީ އިތުރު ސެޓިންގ އަކާއި ނުލާ އޮޓޮމެޓިކުންނެވެ. ވަޓްސްއެޕްގައިވެސް ބޭނުންކުރަނީ ސިގްނަލްގައި ބޭނުންކުރާ ޕްރޮޓޮކޯލްއެވެ. އެހެން ނަމަވެސް ދެ އެޕްގެ ސެކިޔުރިޓީ ވާދަވެރިކަމުގައި ސިގްނަލް ކުރިއަށް ޖެހިލާ ސަބަބަކީ، ވަޓްސްއެޕާއި ޚިލާފަށް ސިގްނަލުން ފޮނުވާ މެސެޖުގެ އިތުރުން މެޓަޑޭޓާވެސް އެންކްރިޕްޓް ކުރާތީއެވެ.
ވަޓްސްއެޕުން ގެނައި ބަދަލާއި ގުޅިގެން ޖެނުއަރީ 4 ގެ ކުރީ ހަފްތާއާއި އޭގެ ފަހު ހަފްތާއާއި ދެމެދު %4200 އަށް ސިގްނަލް އެޕްގެ ޑައުންލޯޑް ވަނީ އިތުރުވެފައެވެ. ޑިމާންޑްއަށް ސަރވިސް ކުރުމަށްޓަކައި ސަރވަރތައް އިތުރުކޮށް، ބޭނުންކުރާ ފަރާތްތަކަށް ދިމާވި ދަތިތައް ހައްލުކޮށްދެމުންދާކަމަށް 12 ޖެނުއަރީގައި ސިގްނަލުން ކޮށްފައިވާ ޓްވީޓެއްގައިވެއެވެ.
ސިގްނަލްގެ އިތުރުން ދެން އެންމެ ޑިމާންޑް އޮތީ ޓެލެގްރާމް އެޕަށެވެ. ޓެލެގްރާމްގެ ޑައުންލޯޑް ވެސް އެހަފްތާގެ ތެރޭގައި %91 އަށް އިތުރު ވެފައިވާކަމަށް ވަރަށް ގިނަ އޮންލައިން ނޫސްތަކުން ނެރުނު ތަފާސް ހިސާބުތަކުގައިވެއެވެ.
އިތުރަށް ކިޔާލުމަށް : ޓެލެގްރާމް އަށް 72 ގަޑިއިރު ތެރޭ 25 މިލިއަން މީހުން ގުޅިއްޖެ
މިބަދަލާއެކީގައިވެސް ވަޓްސްއެޕް ބޭނުންކުރާ ބައެއް ފަރާތްތަކުން އަދިވެސް އެޕް ދޫކޮށްނުލާނޭކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނަމުންދެއެވެ. ބައެއް ފަރާތްތަކުން އައު އެޕްތައް ޚިޔާރުކުރި ނަމަވެސް އަލުން ވަޓްސްއެޕަށް އަނބުރާ އަންނާނޭކަމަށްވެސް ބުނެއެވެ. ނަމަވެސް ކުރީގައި ދެންނެވުނު މުއްދަތުގައި ވަޓްއެޕް ޑައުންލޯޑް ޢަދަދު 11.3 މިލިއަނުން 9.2 މިލިއަނަށް ދަށްވިކަމަށް ބީބީސީ.ކޮމް ގައިވާ ހަބަރެއްގައި ވެއެވެ. އަދި އިންޑިޔާގެ ފައިނޭންޝިއަލް އެކްސްޕްރެސް.ކޮމް އިން ހަދާފައިވާ ސަރވޭއަކުން ދައްކާ ގޮތުންނަމަ، މިގޮތަށް ޓަރމްސްއަށް ބަދަލަ ގެންނަ ނަމަ އިންޑިއާގައި ވަޓްސްއެޕް ބޭނުންކުރުން ހުއްޓާނުލާ ކުރިއަށް ގެންދާނީ އެންމެ %18 ފަރާތްތަކެވެ. އިންޑިއާއަކީ ވަޓްސްއެޕް ބޭނުންކުރާ މީހުން އެންމެ ގިނަ ގައުމެވެ.
8 ފެބްރުއަރީގައި މި ބަދަލުތަކަށް އެއްބަސް ނުވާ ފަރާތްތަކުގެ އެކައުންޓް ބޭނުން ނުކުރެވޭނެކަމަށް ފުރަތަމަ ބުނުމާއެކު، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުން މިކަމަށް ކަންބޮޑުވުންތައް ފާޅުކުރިއެވެ. މިކަމަށް ޖަވާބުދާރީވުމުގެ ގޮތުން 16 ޖެނުއަރީގައި ވަޓްސްއެޕުން ކޮށްފައިވާ ޓްވީޓްގައިވާގޮތުން، ވަރަށް ގިނަ ފަރާތްތަކުން މިބަދަލުތައް މާނަކުރީ މުޅިން އެކުންފުނިން މެސެޖް ދޭން ބޭނުންވި ގޮތަކަށް ނޫނެވެ. އެހެންކަމުން އައު ޕްރައިވަސީ ޓާރމްސްތައް ރަނގަޅަށް ފަހުމްކުރުމަށް މުއްދަތު ދިނުމުގެ ގޮތުން މި ބަދަލު ގެންނަ ތާރީޚް މިހާރު 15 މެއި 2021 އަށް ވަނީ ލަސްކޮށްފައެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް