ޕްރައިވެސީ ރައްކާތެރިކުރުމަށް ޙާއްސަ ވެބް ބްރައުސަރ ޑަކްޑަކްގޯ ގެ މަޤްބޫލުކަންް ވޭތުވެދިޔަ އަހަރު 62 އިންސައްތަ އިތުރުވެއްޖެއެވެ. ގޫގަލްގެ އިންޑެކްސިންގް އަށް ބަރޯސާ ނުވެ ސާރޗް ގެ ނަތީޖާތައް ނެރޭ ޑަކްޑަކްގޯ ގައި ފުރަތަމަ ފަހަރަށް އެއްދުވަހުގެ ތެރޭގައި އެއްލައްކަ ވިހިހާސް ސަރޗް ކުއެރީ ކޮށްފައިވަނީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
އެހެން ބްރައުސަރ ތަކާއި ހިލާފަށް ޑަކްޑަކްގޯ ޙާއްސަވާ އެންމެ މުހިންމު ކަމަކީ އެ ބްރައުސަރ މެދުވެރިކޮށް ސަރޗް ކުރާ މީހަގެ ސަރޗް ހިސްޓްރީ ނުވަތަ ގަޔާވާ ކަންކަން ލޮގް ކޮށްގެން އެމީހާގެ ޕްރޮފައިލް ނެހެދުމާއި ސަރޗް ނަތީޖާ ދެއްކުމުގައި ކުރިން ކުރި ސަރޗް ތަކަށް ބުރަ ނުވުމާއި އިޝްތިހާރު ކުރާ ކުންފުނިތަކަށް އެފަދަ މައުލޫމާތުތައް ވިއްކައިގެން މަންފާ ނުހޯދުމެވެ. ސަރޗް ހިސްޓްރީ ނުވަތަ ޕްރޮފައިލް އަށް ބަލައިގެން އިޝްތިހާރު ނުދެއްކުމެވެ. ކުރުގޮތަކަށް ބުނާނަމަ ޑަކްޑަކްގޯ ގައި ކުރާ ކޮންމެ ސަރޗް އަކީ އަލަށް ސަރޗް ކޮށްލުންފަދަ ތަޖްރިބާ އެއް ލިބޭ ފަހަރެކެވެ.
ސަރޗް އިންޖީން ތަކާއި އެޕްލިކޭޝަން ތަކުގެ ޑާޓާ ބްރީޗްވާ ހާލަތްތައް ނުވަތަ ވަގަށް ނަގާ ފަހަރުތައް ދަނީ އިތުރުވަމުންނެވެ. އަދި ކުންފުނި ތަކުން ވިއްކާ މައުލޫމާތު ތަކުގެ ބޭނުން ނަހަމަ ގޮތުގައި ސިޔާސީ މަންފާ ހާސިލް ކުރުމަށާއި، އެކި މީސްމީހުންގެ ބިހޭވިޔަރ މޮނިޓަރ ކުރުމަށް އެފަދަ ޑާޓާތައްް ބޭނުން ކުރާ މިންވަރު އިތުރުވެފައި ވުމުން ގިނަ ބައެއްގެ ކަންބޮޑުވުންތައް އިންތިހާއަށް ދަނީ އުފުލެމުންނެވެ. އިންޓަނެޓް ބޭނުން ކުރުމުގައި ގިނަ ބަޔަކު އެމީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ ވިސްނުން ގެންގުޅުން އަދި އެކަމުގައި އަމަލީ ސިފަ ޖައްސާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން އެއި ޑަކްޑަކްގޯ ފަދަ ޕްރައިވެސީ އަށް އިސްކަންދޭ އެޕްލިކޭޝަން ތަކުގެ މަޤްބޫލުކަން ދުވެލި ބާރުކޮށް އިތުރުވެގެންދާ އެންމެ މުހިންމު ސަބަބެވެ.
ޑަކްޑަކްގޯ ބޭނުންކުރާ މިންވަރު އިތުރު ވެފައިވާ މިދަންޑިވަޅަކީ ވަޓްސްއެޕް ގެ ޕްރައިވެސީ އާމެދު ސުވާލު އުފެދުމާއި ގުޅިގެން ސިގްނަލް އަދި ޓެލެގްރާމް ގެ މަޤްބޫލުކަން ވެސް އެތަކެއް ދަރަޖަ ކުރިއަަށް ޖެހިލާފައި ވާކަން އެކުންފުނި ތަކުން އިއުލާން ކޮށްފައިވާ ދަންޑިވަޅެއްގައެވެ.
ޑަކްޑަކްގޯ ގެ މަގްބޫލުކަން ކުރިއަށް ޖެހިލުމާއި އެކު މިހާރު އެ ބްރައުސަރ އަކީ އެމެރިކާ، އިންގިރޭސި ވިލާތް، ކެނެޑާ އަދި އޮސްޓްރޭލިޔާގެ މާކެޓް ތަކުގައި އެންމެ މަގްބޫލް ބްރައުސަރ ތަކުގެ ލިސްޓުން ދެވަނައެވެ. އެހެން ނަމަވެސް އަދިވެސް އެއީ ލިސްޓްގެ އެންމެ ކުރީގައިވާ ގޫގަލް އާއި އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. މިލިސްޓްގައި މާކެޓް ހިއްސާ ގެ ނުވަދިހަ އިންސައްތަ އަކީ ގޫގަލް އެވެ. ޑަކްޑަކްގޯ އަށް 2.25 އިންސައްތަ ލިބޭއިރު ޔާހޫ އަށް އޮތީ އެންމެ 1.94 އިންސައްތައެވެ.
ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި