2021 ގައި ފާހަގަ ކޮށްލެވޭ އެންމެ ކަމުދާ ސްމާރޓް ގަޑިތައް

ޝުޖާޢަތު ރަޝީދު 05 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެއީ ދުވުން ނުވަތަ ކަސްރަތުކުރެވޭ މިންވަރު ބެލުމައްކަމުގައިވިޔަސް، ނުވަތަ ހަމަ ރީތި ޑިޖިޓަލް ގަޑިއެއް އަތުގައި އެޅުންކަމުގައިވީނަމަވެސް މިހާރަކަށް އައިސް ކޮންމެ މީހަކުވެސް ސްމާރޓްގަޑިއެއް އަތުގައި އަޅަން ބޭނުންވެއެވެ.

2021 ގައި ފާހަގަ ކޮށްލެވޭ ގަޑިތަކާއި އޭގެ ބޭނުންތައް މިރިޕޯރޓްގައި ގެނެސްފައިވާނެއެވެ.

އެޕަލް ވޮޗް އެސް.އީ

އެޕަލް ވޮޗް އެސް.އީ އަކީ މިހާރު މާކެޓްގައި އެންމެ ގިނަ މީހުންނަށް ފާހަގަ ކޮށްލެވޭ ސްމާރޓް ގަޑިއެވެ. މި ގަޑި ބޭނުންކުރުމަށް އެޕަލް ފޯނެއް ބޭނުންވާނެއެވެ. މިގަޑީގެ މޫނުމަތީގެ 2 ސައިޒެއްވެއެވެ. އެއީ 40mm އަދި 44mm އެވެ.

ގަޑީގެ ކަމަރުގެ ތަފާތު ކުލައާއި ވައްތަރުތައްވެސް ހުރެއެވެ. މީގެ ތެރޭގައި ސޯލޯ ލޫޕް، ބްރެއިޑެޑް ސޯލޯ ލޫޕް، ސްޕޯރޓް ބޭންޑް، ސްޕޯރޓް ލޫޕް، ލެދަރ އަދި ސްޓެއިންލަސް ސްޓީލް ހިމެނެއެވެ.

މި ސްމާރޓް ގަޑީގެ އަގުވެސް އުޅެނީ އެހެން ގަޑިތަކާއި އަޅައި ބަލައިފިނަމަ މާ ބޮޑުތަންވެސް ހެޔޮކޮންނެވެ. އެމޭޒަންގައި މިގަޑީގެ އަގު އުޅެނީ $269 އަށެވެ.

އެޕަލް ވޮޗް އެސް.އީ، ފޮޓޯ ކްރެޑިޓް އެމޭޒަން

އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތައް:

1. ވަރުގަދަ S5 ޑުއަލް-ކޯ އެސް.އައި.ޕީ ޕްރޮސެސަރއެއް ޙިދުމަތުގެ ފެންވަރު އަވަސްކުރުމަށް މިގަޑީގައި ހިމެނިފައިވެއެވެ.

2. ގަޑި އަޅައިން ހުއްޓާ ވެއްޓިއްޖެނަމަ ނުވަތަ އެމަރޖެންސީ ޙާލަތެއް ދިމާވެއްޖެނަމަ މިގަޑިން އެމަޢުލޫމާތު ނަގައި، އެމަރޖެންސީ ޙާލަތަށްދެއެވެ.

3. މިގަޑި ސެލިއުލަރއާއި އެކީ ބޭނުންކޮށްލެވޭނެއެވެ.

4. ފެންތެރޭގައި 50 މީޓަރަށްދަންދެން ޕޫލްގައި ނުވަތަ މޫދުގައި ސްޕްލިޓްއާއި އެކީ ފެތުން ކަސްރަތެއް ގޮތުގައި ބަލައި މަޢުލޫމާތު ނަގައިދެއެވެ.

5. ތަފާތު އެކިއެކި ކަސްރަތުތައް ބަލައި އޭގެ މަޢުލޫމާތު ގަޑިން ވަގުތުން އެޕަލް ފިޓްނަސްއަށް ރިކޯޑުކޮށްދެއެވެ. ގަޑިއާއިއެކީ އެޕަލް ފިޓްނަސް ޕްލަސް 3 މަހުގެ ޓެސްޓް މުއްދަތަކަށް ހިލޭ ލިބެއެވެ.

ފާހަގަ ކުރެވޭ ކަމުނުދާ ކަންތައްތައް:

1. އަބަދު ގަޑީގެ ސްކްރީން ދިއްލިފައި ނުހުރެއެވެ.

2. ގަޑީގެ ބެޓަރީގެ ޙިދުމަތް މިހާރަށްވުރެން ރަނގަޅު ކުރެވިދާނެކަން ފާހަގަ ކޮށްލެވެއެވެ.

ސަމްސޮންގް ގެލެކްސީ ވޮޗް 3

މި ލިސްޓްގެ ދެވަނައިގައި އުޅެނީ ސަމްސޮންގް ގެލެކްސީ ސްމާރޓް ގަޑި 3 އެކެވެ. މިގަޑިއަކީ އެންޑްރޮއިޑް އަދި އެޕަލް ފޯނުތަކާއިއެކީވެސް ބޭނުންކޮށްލެވޭނެ ގަޑިއެކެވެ. މިގަޑީގެ މޫނުމަތީގެ 2 ސައިޒެއްވެއެވެ. އެއީ 41mm އަދި 45mm އެވެ. ގަޑީގެ 2 ކުލަވަނީ މާރކެޓައް ނެރެފައެވެ. އެއީ މިސްޓިކް ބްރޮންޒް، އަދި މިސްޓިކް ސިލްވަރއެވެ.

މިގަޑީގެ ކަމަރުތަކުގެތެރޭގައި ހިމެނެނީ ލެދަރ، ކުއިކް ޗޭންޖް އަދި ސްޕޯރޓްސް ހައިބްރިޑް ކަމަރެވެ.

އެމޭޒަންގައި މިގަޑީގެ އަގު އުޅެނީ $379 އަށެވެ.

ސަމްސޮންގް ގެލެކްސީ ވޮޗް 3، ފޮޓޯ ކްރެޑިޓް އެމޭޒަން

އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތައް:

1. މިގަޑީގެ މޫނުމަތީގައި ހަރުކުރެވިފައިވާ ބެޒެލްއަކީ ވަށައިގެން އަނބުރާލެވޭ އެއްޗެކެވެ. މީގެ ބޭނުމަކީ ފަސޭހަކޮށް ގަޑިން ކުރަން ބޭނުންވާ ކަންތައްތައް ހޯދައި އެކަންތައް ކޮށްލުމެވެ.

2. މިގަޑީގެ އެހީގައި 30 ސިކުންތައް އީ.ސީ.ޖީ ބަލާލެވެއެވެ. ނަމަވެސް މިކަންކުރެވެނީ ހަމައެކަނި ސަމްސޮންގްގެ ގެލެކްސީ ފޯނަކާއި އެކީ ގަޑި ބޭނުންކުރާނަމައެވެ.

3. މިގަޑީގެ އެހީގައި ބްލަޑް އޮކްސިޖަން ލެވެލް ބަލާލެވޭނެއެވެ. ގަޑި ބޭނުންކުރާ މީހެއްގެ ހިތައް އޮކްސިޖަން ފޯރުވާ މިންވަރު ކަސްރަތުކުރާ ވަގުތުތަކުގައިވެސް ރެކޯރޑް ކޮށްދެއެވެ.

4. އެޕަލް ވޮޗް އެސް.އީފަދައިން މިގަޑިންވެސް ގަޑި އަޅައިން ހުއްޓާ ވެއްޓިއްޖެނަމަ ނުވަތަ އެމަރޖެންސީ ޙާލަތެއް ދިމާވެއްޖެނަމަ މިގަޑިން އެމަޢުލޫމާތު ނަގައި، އެމަރޖެންސީ ޙާލަތަށްދެއެވެ.

5. މިގަޑިންވެސް ކުރާ ކަސްރަތުތައް ރެކޯޑްކޮށްދީ އިތުރު މަޢުލޫމާތު ފޯރުކޮށްދެއެވެ.

ފާހަގަ ކުރެވޭ ކަމުނުދާ ކަންތައްތައް:

1. މިގަޑީގެވެސް ބެޓަރީގެ ޙިދުމަތް މިހާރަށްވުރެން ރަނގަޅު ކުރެވިދާނެކަން ފާހަގަ ކޮށްލެވެއެވެ.

2. ގަޑީގެ އަގުބޮޑުކަން ފާހަގަ ކޮށްލެވެއެވެ.

އެޕަލް ވޮޗް ސީރީސް 6

އެޕަލް ވޮޗްގެ ސީރީސް 6 އަކީވެސް ފާހަގަ ކޮށްލެވޭ ގަޑިއެކެވެ. އެޕަލް ވޮޗްއިން އެންމެ ފަހުން ނެރުނު މިގަޑިއަކީ އެސް.އީ ގަޑިއާއި ދާދި އެއްފަދަ ގަޑިއެކެވެ. މިގަޑީގެ ކަމަރު އަދި މޫނުމަތީގެ ކުލަޔާއި މިނަކީވެސް އެޕަލް ވޮޗް އެސް.އީއާއި އެއްގޮތް ތަކެއްޗެވެ.

އެމޭޒަންގައި މިގަޑީގެ އަގު އުޅެނީ $379 އަށެވެ.

އެޕަލް ވޮޗް ސީރީސް 6، ފޮޓޯ ކްރެޑިޓް އެމޭޒަން

އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތައް:

1. މިގަޑީގައި ހަރުކުރެވިފައިވާ ސެންސަރުގެ އެހީގައި ބްލަޑް އޮކްސިޖަން ލެވެލް ބަލާލެވެއެވެ.

2. ސަމްސޮންގްގެ ފަހުގެ ގަޑިއެކޭ އެއްފަދައިން މިފަހަރު އެޕަލްއިން ނެރުނު ގަޑިންވެސް އީ.ސީ.ޖީ ރެކޯޑްކޮށްދެއެވެ. އަދި ނިދުމުގެ ގަޑިތައް ރެކޯޑްކޮށް އެއާއި ބެހޭ މަޢުލޫމާތުވެސް ފޯރުކޮށްދެއެވެ.

3. އެޕަލްގެ މިގަޑިންވެސް، ކަސްރަތާއި އެހެނިހެން ހަރަކާތްތައް ރެކޯޑުކޮށް، އެކްޓިވިޓީ ރިންގުގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދެއެވެ. ކަސްރަތުގެ ވައްތަރު ގަޑިން ނަގައި، އެއީ ދުވުން، ފެތުން، ޖިމް ކަސްރަތު ނުވަތަ ޔޯގާއަށް ވިޔަސް ހަރަކާތްތައް ރެކޯޑުކޮށްދެއެވެ.

ފާހަގަ ކުރެވޭ ކަމުނުދާ ކަންތައްތައް:

1. މިގަޑީގެވެސް ބެޓަރީގެ ޙިދުމަތް މިހާރަށްވުރެން ރަނގަޅު ކުރެވިދާނެކަން ފާހަގަ ކޮށްލެވެއެވެ.

2. ގަޑީގެ އަގު ބޮޑުކަން ފާހަގަ ކުރެވި އަދި ހަމައެކަނި އެޕަލް ފޯނަކާއި އެކީ ބޭނުންކުރެވޭ ގަޑިއެއްކަން ފާހަގަ ކުރެވެއެވެ.

ފިޓްބިޓް ވާރސާ 3

ފިޓްބިޓް އަކީ އަބަދުވެސް އެމީހުންގެ ޙިދުމަތް ބޭނުންކުރާ މީހުންގެ ދުޅަހެޔޮކަމަށް ވިސްނައިގެން ޙިދުމަތާއި ތަކެތި ފޯރުކޮށްދޭ ކުންފުންޔެކެވެ.

މިގޮތުން ފިޓްބިޓް ވާރސާ 3 ހެލްތް އަދި ފިޓްނަސް ސްމާރޓްވޮޗްއަކީވެސް ވަރަށް ފާހަގަ ކޮށްލެވޭ ގަޑިއެކެވެ. ފިޓްބިޓްގެ މިގަޑީގެ 3 ކުލައެއްގެ ކަމަރު ވިއްކަން ހުރެއެވެ. މީގެތެރޭގައި ހިމެނެނީ ކަޅު/ކަޅު އެލުމިނިއަމް، މިޑްނައިޓް/ސޮފްޓް ގޯލްޑް އަލުމިނިއަމް، ފިޔާތޮށި/ސޮފްޓް ގޯލްޑް އެލުމިނިއަމް ހިމެނެއެވެ.

މިގަޑީގެ އަގު އެމޭޒަންގައި ހުރީ $228.95 އަށެވެ.

ފިޓްބިޓް ވާރސާ 3، ފޮޓޯ ކްރެޑިޓް އެމޭޒަން

އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތައް:

1. މިގަޑިއަކީ ކޮންމެ ވައްތަރެއްގެ ސްމާރޓްފޯނަކާއިވެސް ގުޅާލެވޭ ގަޑިއެކެވެ.

2. ފިޓްބިޓްގެ މިގަޑިއަކީ ޖީ.ޕީ.އެސްއާއި އެކު ހެދިފައިވާ ގަޑިއެކެވެ.

3. މިގަޑި ފާހަގަ ކުރެވެނީ ޙާއްސަކޮށް ފިޓްނަސްގެ ކަންތައްތައް ޓްރެކްކޮށް އޭގެ މަޢުލޫމާތު ނަގައިލެވޭ ގަޑިއެއް ގޮތަށެވެ.

4. މި ލިސްޓްގައި ހިމެނޭ ގަޑިތަކުގެތެރެއިން އެންމެ އަގުހެޔޮ ގަޑިއަކީވެސް މިއެވެ.

5. މިގަޑީގެ ބެޓަރީ 6 ދުވަހަށްވުރެން ގިނަ ދުވަހަށް ހިފަހައްޓާކަމަށްވެއެވެ.

ފާހަގަ ކުރެވޭ ކަމުނުދާ ކަންތައްތައް:

1. މިގަޑީގެ އެއްފަރާތުގައި ހަރުކުރެވިފައިވާ ބަޓަންގެ މައްސަލަ ހުންނަކަން ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

2. މިގަޑީގައި އޮފްލައިންކޮށް، އިންޓަނެޓާއި ނުލައި ސްޕޮޓިފައި ބޭނުންނުކުރެވޭނެއެވެ.

މި ރިޕޯޓަކީ ޓެކްރާޑާ، ފޯރބްސް އަދި އެހެނިހެން ޓެކް ގެޖެޓް ރިވިއުކުރާ ވެބްސައިޓްތަކުގައި ހިމެނިފައިވާ މަޢުލޫމާތައް ބިނާކޮށް ގެނެސްދެވިފައިވާ ރިޕޯޓެކެވެ.





ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.