ގޫގުލްގެ ބީ އިންޓަރނެޓް އޯސަމް ޕްރޮގްރާމް ރާއްޖޭގައި ފަށަނީ

ހިންދު ޢަލީ 09 ފެބްރުއަރީ 2021

އިންޓަރނެޓް ސޭފްޓީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން "ބީ އިންޓަރނެޓް އޯސަމް" ޕްރޮގްރާމް ލޯންޗްކޮށްފިއެވެ. މިއަދު މިކަމަށް ހާއްސަކޮށް ބޭއްވުނު އޮންލައިންޓް އިވެންޓްގައި ރާއްޖޭގެ ހުރިހާ ސްކޫލަތަކެއްގެ ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ބީ އިންޓަރނެޓް އޯސަމްއަކީ ގޫގުލްއިން 2017 ގައި ލޯންޗްކޮށްފައިވާ ރިސޯސް ޕްލެޓްފޯމެކެވެ. މީގެ މަގުސަދަކީ އިންޓަރނެޓްގައި ދިމާވާ އެކި އެކި ކަންތައްތަކާއި ގުޅޭ ގޮތުން ކުޑަ ކުދިންނަށް މަޢުލޫމާތު ދިނުމެވެ. އެކުދިން ކިޔެވުމަށާއި އެހެން ބޭނުންތަކަށް އިންޓަރނެޓް ބޭނުންކުރުމުގައި ރައްކާތެރި ގޮތްތަކާއި، އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމެވެ. މި ޕްރޮގްރާމްގައި މިފަދަ މަޢުލޫތަކަށް އެކުލަވާލާފައިވާ ކިޔަވައިދޭނެ މުގައްރަރަކާއި، "އިންޓަރލޭންޑް" ކިޔާ ވީޑިއޯ ގޭމެއްވެސް ހިމެނެއެވެ.

ގޫގުލް އިން މި ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ ޓީޗަރުންނާއި އިންޓަރނެޓް ކީޕްސޭފް އޯގަނައިޒޭޝަން އާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ހިމެނޭ ހުރިހާ ރިސޯސްތަކަކީ ހިލޭ ލިބެން ހުންނަ ތަކެއްޗެވެ.

ބީ އިންޓަރނެޓް އޯސަމް މުގައްރަރުގައި އެކި އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ތަކެތި ހިމެނެއެވެ. މިމުގައްރަރުން ކުދިންނަށް ދަސްކޮށް ދިނުމަށް ހާއްސަ ކުރެވޭ ކަންތައްތަކަކީ؛

- އިންޓަރނެޓްގައި އަމިއްލައަށް ހިއްސާކުރާ މައުލޫމާތާމެދު ސަމާލުވުން

(be internet smart)

- އިންޓަރނެޓުގައި ހުންނަ ތަކެތީގެ ތެރެއިން "ފޭކް" ތަކެއްޗަށް ސަމާލުވުން

(be internet alert)

- ސިއްރު މަޢުލޫމާތު ސިއްރުކުރެވޭނެ ގޮތްތައް (be internet strong)

- އިންޓަރނެޓުގައި ދިމާވާ ނުރަނޅު މީހުންނާއި އަމަލުތަކާއި ދެކޮޅަށް ކުރެވިދާނެ ކަންތައް (be internet kind)

- އިންޓަނެޓްގައި ދިމާވާ ކަންތައްތަކާއި މެދު ނޭގޭކަމެއް އޮތްނަމަ ކުރެވިދާނެ ކަންތައްތައް (be internet brave)

މި 5 ދާއިރާއިން ގިނަ ހުނަރުތަކެއް ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، ޓީޗަރުންނަށް ބޭނުންވާ ރިސޯސަސްތައްވެސް އެކުލެވިގެން ވެއެވެ. އޭގެތެރޭގައި ލެސަން ޕްލޭންތަކާއި، ޓޫލްސްއާއި ގޭމްތަކާއި، ކުދިން ފުރިހަމަ ކުރާނެ އެކްޓިވިޓީސްތައް ހިމެނެއެވެ. މި 5 ދާއިރާއަށް އަމާޒުކޮށް 26 އެކްޓިވިޓީސް މި ޕްރޮގްރާމްގައި ހިމެނެއެވެ. ކުދިންނަށް މިހުނަރުތައް ދަސްވެގެންދާނީ ތައްޔާރުކުރެވިފައިވާ ވަރޗުއަލް މާހައުލުތަކެއްގައި ކުދިން އަމިއްލައަށް އެކަންތައް ތަޖުރިބާ ކުރާ ފަދަ ގޮތަކަށެވެ. މިފަދަ ހާލަތްތަކުގައި ކުދިން ކަންތައްކުރާ ގޮތަށް ބަލާ ބެޖާއި ސެޓްފިކެޓް ލިބެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ކުދިންނަށް ދަސްކޮށްދޭ ކަންތައްތަކުގައި ބޭނުން ހިފާނެ ކަމަށާއި އިންޓަނެޓްގައި ދިމާވާ ފަރާތްތަކަށް ހުރުމަތްތެރިކޮށް ހިތާނެކަމަށާއި ދަސްވި ކަންތައްތަކާއި އެއްގޮތަށް އަމަލުކުރާނެކަމަށް އެއްބަސްވާ އެއްބަސްވުމެއް (ޕްލެޖެއް) ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި އިވެންޓްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިންޓަރނެޓްގައިވާ ފައްސި ކަންތައްތަކާއި އެއްގޮތަށް އޭގެ އަނދިރި ފަރާތްތެއްވެސް ހިމެނޭކަމަށެވެ. އަދި މިއަދިރިފަރާތުން ރައްކާތެރިވުމަށް މިފަދަ އެވެއަރނެސް ޕްރޮގްރާމްތައް ހިންގުން މުހިއްމުކަމަށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ އިންޓަރނެޓް ބޭނުންކުރުމުގައި ކުރިމަތިލާން ޖެހޭ ނުރަނގަޅު ކަންތައްތަކުގެ މަޢުލޫމާތާއި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ކަންތައް ކުރަންޖެހޭގޮތް އެނގި އެފަދަ މަޢުލޫމާތު ހިއްސާކުރެވޭނެ ފަދަ މާހައުލެއް ބިނާކުރުމެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީ އިން މިއިވެންޓްގައި ޕްރޮގްރާމް ހިންގާނެ ގޮތުގެ ޕްލޭނެއްވެސް ހިއްސާކުރެއްވިއެވެ. އައްޑޫ ސިޓީގެ ސްކޫލްތަކުގައި މިއަދުން ފެށިގެން ޕައިލޮޓް ޕްރޮގްރާމް ހިންގަންފަށާނެއެވެ. ޕައިލޮޓް ޕްރޮގްރާމް މާރޗް މަހުގެ ފަހުކޮޅު ނިމޭ ގޮތަށް ވަނީ ރޭވިފައެވެ. ޕައިލޮޓް ޕްރޮގްރާމްގެ ނަތީޖާއަށް ބަލާ ޕްރޮގްރާމް އިތުރަށް ތަރައްގީކޮށް މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި، ގްރޭޑް 3 އިން ފެށިގެން ގްރޭޑް 9 ގެ ދަރިވަރުންނަށް ހިންގާނެއެވެ. މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ އެއް މަގުސަދަކީ ހުރިހާ ސްކޫލްތަކެއްގައި އެއް މަޢުލޫތަކަކަށް އެކުލެވޭ މަޢުލޫމާތުތަކެއް ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.