ކޮންމެ އަހަރެއްގެވެސް 11 ފެބްރުވަރީ ދުނިޔޭގައި ފާހަގަ ކުރަނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމަން އެންޑް ގާރލްސް އިން ސައިންސްގެ ގޮތުގައެވެ.
މިދުވަހަކީ ސައިންސްގެ ދާއިރާގައި އެކިއެކި ފަންތީގައި މަސައްކަތްކުރާ އަންހެނުންނާއި އަންހެން ކުދިންގެ އަގުވަޒަންކޮށް އެމީހުންގެ ބުރަ މަސައްކަތްތައް ޙާއްސަގޮތެއްގައި ފާހަގަ ކުރާ ދުވަހެވެ.
މި ޙާއްސަ ދުވަހުގެ އެންމެ ބޮޑު އެއް މަޤްސަދުކަމުގައި ވަނީ އެއްހަމައެއްގައި އަންހެނުންނަށާއި އަންހެންކުދިންނަށް ސައިންސްގެ ދާއިރާގައި ކުރިއަރައިގެން ދިއުމުގެ ފުރުސަތުތައް ފުޅާކުރުމެވެ.
ޔުނެސްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ %30 ދިރާސާކުރާ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނެވެ. މަތީ ތަޢުލީމު ޙާސިލްކުރުމަށް ޔުނިވަރސިޓީއާއި އަދި ކޮލެޖްތަކާއި ގުޅޭ އަންހެނުން ގިނަވިކަމުގައިވީނަމަވެސް، ދިރާސާކުރުމުގެ ދާއިރާއާއި ގުޅޭ އަންހެނުން މަދެވެ.
ވޭތުވެދިޔަ 15 އަހަރުގެތެރޭގައި ސައިންސްގެ ދާއިރާގައި އަންހެނުންނަށާއި އަންހެންކުދިންނަށް ފުރުސަތުތައް ގިނަވަމުންއެބަދެއެވެ. ނަމަވެސް، ސައިންސްގެ ދާއިރާގައި އަންހެނުންނަށް ލިބޭ ފުރުސަތުތައް ކޮންމެ ޤައުމެއްގައިވެސް އާންމުކޮށް މަދެވެ.
ދިވެހިރާއްޖޭގައިވެސް ސައިންސްގެ ދާއިރާގައި މިހާރު މަދުންނަމަވެސް އަންހެން ދަރިވަރުންނާއި އަންހެނުން ގިނަވަމުން އަންނަކަމީ ވަރަށްވެސް އުފާކުރަންޖެހޭ ކަމެކެވެ. އަދި މުޖުތަމަޢުގައި އެންމެންވެސް މިކަމުގައި އަޙުލުވެރިކުރުމަށް އެކި ވިޔަފާރިތަކުންނާއި ވިމަންއިންޓެކް މޯލްޑިވްސް ފަދަ ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ވަރަށް ފާހަގަ ކުރެވެއެވެ.
ކޮވިޑް-19ގައިވެސް އެންމެ ކަންތައްތައް ނާޒުކު ދަނޑިވަޅުގައި ފެނިގެންދިޔައީ ދިވެހި އަންހެންކަބަލުން އެތަކެއް ގޮންޖެހުންތަކާއިއެކީ އަމިއްލަ އާއިލާތަކާއި ދުރުގައި ބުރަކޮށް މަސައްކަތް ކުރަމުން ދިޔަތަނެވެ.
މީގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން، ލެބް އެސިސްޓަންޓްއިން، ލެބް ޓެކްނީޝިއަންއިން، ޓެކްނިކަލް ސަޕޯރޓް އަދި މިނޫންވެސް ސައިންސްގެ ދާއިރާގެ ވަޒީފާތަކުގައި ދިވެހި އަންހެން މުއައްޒިފުން ބުރަކޮށް މަސައްކަތްކުރިކަން ވަކިން ފާހަގަކޮށްލެވުނެވެ.
އުއްމީދަކީ ސައިންސްގެ ދާއިރާއަށް އަންހެން ދަރިވަރުން އަޙުލުވެރިވެ، ދިވެހިރާއްޖޭގައިވެސް ސައިންސްގެ އެކިއެކި ރޮނގުތަކުގައި ދިވެހި އަންހެނުން ފަޙުރުވެރިކަމާއެކީ ކުރިއަރައިގެން ދިއުމެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.