އޮންލައިން ޚިދުމަތްތަކުގައި އީފާސް ބޭނުންކުރަން އަންގައިފި

ހިންދު ޢަލީ 15 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ތެރެއިން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގައި "އީފާސް" ބޭނުންކުރުމަށް މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން އަންގައިފިއެވެ.

އެމްސީއެސްޓީއިން މިއަދު ޢާންމުކޮށްފައިވާ ސަރކިޔުލަރއެއްގައި ވާގޮތުން ދައުލަތުގެ ސިންގަލް ސައިން-އޯން ޕްލެޓްފޯމް ކަމަށްވާ އީފާސް ތައްޔާރުކޮށްފައިވަނީ ސަރުކާރުންދޭ ޚިދުމަތް ހަލުވި ކުރުމަށާއި ރާއްޖޭގެ އީ-ގަވަރމަންޓް ނިޒާމް ގާއިމްކޮށް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.

އީފާސްއަކީ ސަރުކާރުން އާންމުންނަށް ފޯރުކޮށްދޭ އޮންލައިން ޚިދުމަތްތަކަށް ވަނުމަށްޓަކައި ބޭނުންކުރާ ޑިޖިޓަލް އައިޑެންޓިޓީއެކެވެ. ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިލޮގިން ބޭނުންކޮށްގެން ޚިދުމަތަށް އެދެވޭނެއެވެ.

ޚިދުމަތަށް އެދޭ ދިވެހިން ދެނެގަތުމަށް އީފާސްގައި ބޭނުންކުރަނީ ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއިން ދޫކުރާ އައިޑީ ކާޑް ނަންބަރާއި އޭގައި އެކުލެވޭ މަޢުލޫމާތު ވެރިފައި ކުރެވިގެންނެވެ. ބިދޭސީންގެ މަޢުލޫމާތު ކަށަވަރުކުރަނީ އެކްސްޕެޓް ސިސްޓަމުން ދޫކޮށްފައިވާ ވޯކްޕަރމިޓް ނަންބަރާއި އޭގައި އެކުލެވޭ ބިދޭސީމީހާގެ އެހެން މަޢުލޫމާތު ވެރިފައި ކުރެވިގެންނެވެ.

އީފާސް އެންމެ ފުރަތަމަ ޑިވެލޮޕްކޮށް ބޭނުންކުރެވެން ފެށީ 2012 އިން ފެށިގެންނެވެ. އެހެން ނަމަވެސް އޭރު ބޭނުންކުރަނީ ހަމައެކަނި އެންސީއައިޓީއިން ތައްޔާރުކުރާ އެޕްލިކޭޝަން ތަކުގައެވެ. 2019 ގައި އެޕްލިކޭޝަން އަޕްގްރޭޑްކޮށް އެހެން އިދާރާތަކުން ތައްޔާރުކުރާ އެޕްލިކޭޝަންތަކަށްވެސް އިންޓަރގްރޭޓް ކުރެވޭނެގޮތަށް އީފާސް ބަދަލުކުރެވުނެވެ. މިބަދަލާއެކު އީފާސް ޕަބްލިކް އިންޓަރނެޓް މެދުވެރިކޮށް އަދި ކޮންމެ ލެންގުއޭޖަކުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނަކާވެސް ގުޅާލެވޭނެއެވެ.

އީފާސް ތައްޔާރުކޮށްފައިވަނީ އޯޕަން އައިޑީ ކަނެކްޓް ޕްރޮޓޮކޯލްގެ މައްޗަށެވެ. އެހެންކަމުން މިއީ ގޫގުލް އަދި ފޭސްބުކް ލޮގިން ފަދައިން، ފަސޭހަކަމާއެކު އެޕްލިކޭޝަންތަކާއި އިންޓަރގްރޭޓް ކުރެވޭނެ އައިޑެންޓިޓީ ޕްރޮވައިޑަރއެކެވެ.

މިހާރުވެސް އީފާސް ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ޚިދުމަތްތަކަށް އެދެވެއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބިޒްނަޒް ޕޯޓަލައާއި ޖޮބް ސެންޓަރ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ އެގްރިކަލްޗަރ އޮންލައިން ސިސްޓަމް އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ކެމިކަލް އެތެރެކުރުމުގެ ހުއްދައަށް އެދޭ މަކުޑި އޮންލައިން ހިމެނެއެވެ. އަދި ދާދި ފަހުން ސިވިލް ސަރވިސް ކޮމިޝަނުން ތައްޔާރުކުރި ސީއެސް ވިއުގަ އެޕްލިކޭޝަންގައިވެސް އީފާސް ބޭނުންކުރެއެވެ. މިހާތަނަށް 14 އެޕްލިކޭޝަނެއް އީފާސްއާއި އިންޓަރގްރޭޓް ކުރެވިފައިވެއެވެ.

ސަރުކާރުގެ އެއްވެސް އިދާރާއަކުން އައު އޮންލައިން ޚިދުމަތެއް ތައާރަފް ކުރާނަމަ އީފާސް އާއި އިންޓަރގްރޭޓްކުރުމަށް އެމްސީއެސްޓީގެ ސަރކިޔުލައިގައި އަންގަވާފައިވެއެވެ. އަދި މިހާރު ތައްޔާރުކޮށްފައިވާ އޮންލައިން އެޕްލިކޭޝަންތައް 2021 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް އީފާސްއާއި އިންޓަރގްރޭޓްކޮށް ނިންމުމަށް ވެސް ވަނީ އަންގަވާފައެވެ.

އީފާސްއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.