ޖަޕާނުން ސިރިންޖް ހުސްވެދާނެ ކަމަށް އޮތް ބިރު

ޔޫސުފް ރަޝީދު 18 ފެބްރުއަރީ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖަޕާންގައި ކޮވިޑް ވެކްސިންދޭން ބޭނުންުރާ ވަކި ވައްތަރެއްގެ ސިރިންޖް ލިބުން ދަތިވެ ހުސްވެދާނެ ކަމަށް ސިއްހީ އޮފިޝަލަކު ވިދާޅުވުމުން ގިނަ ބަޔަކު ހައިރާންވި އެވެ. ސަބަބަކީ އެއީ ޖަޕާނަށް ވުމެވެ.

ޖަޕާނަކީ އުފެއްދުންތެރި ގައުމެކެވެ. ނެތް ތަނުން ތަކެތި އީޖާދުކުރާ ގައުމެކެވެ. ޖަޕާނުން ކަންފަތު ކަފަބުރު ހުސްވުމަކީ ކޮންކަހަލަ ބޮޑު އަޖައިބެއްހެއްޔެވެ. ސިރިންޖް ހުސްވެދާނެ ކަމަށް ބުނުމުން ގިނަ ބަޔަކު އުފެއްދީ ވެސް މިޒާތުގެ ސުވާލުތަކެވެ.

ޖަޕާން އާބާދީއަށް ދެނީ ފައިޒާ-ބަޔޮންޓެކް ވެކްސިނެވެ. ވެކްސިން ދޭން ބޭނުންކުރާ ސިރިންޖް، ފަގީރު ގައުމުތަކުގައި ބޭނުންކުރާ ސިރިންޖާ ތަފާތުވެދާނެ އެވެ. ތަފާތުވާނެ ކަމަށް ބަލާނީ އެވެ. މުއްސަނދި ގައުމަކަށް ވީމާ ހުރިހާ މާނައެއްގައި ދިރިއުޅުން ތަނަވަސްވެފައި އަރާމުވާނެ އެވެ.

ސިރިންޖް ހުސްވާ ވާހަކަގައި ވެގެން އުޅޭ ގޮތް މި ކިޔައިދެނީ އެވެ. ޖަޕާނުން ވެކްސިން ގަތުމަށް ހިސާބުހެދީ 72 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. އެއީ ކޮންމެ އިންޖެކްޝަން ފުޅިއަކުން ހަ މީހަކަށް ވެކްސިންދެވޭނެ ކަމަށް ބަލާފަ އެވެ. އެކަމަކު އެއީ މިބުނި ވައްތަރުގެ ޚާއްސަ ސިރިންޖު ބޭނުންކުރާ ނަމަ އެވެ. އެހެން ވައްތަރެއްގެ ސިރިންޖެއް ބޭނުންކުރާ ނަމަ އިޝްރާފު އިތުރުވެ ދެވެނީ ފަސް މީހުންނަށެވެ.

ޖަޕާނުން ވެކްސިންދިނުމަށް ހެދި ހިސާބު މިހިސާބުން ބާތިލްވީ އެވެ. މާނަ އަކީ 72 މިލިއަން މީހުންނަށް ވެކްސިންދިނުމަށް އިތުރު ޑޯޒް ބޭނުންވާނެ ކަމެވެ. އެހެންކަމުން ޖަޕާނުން މިހާރު ވެކްސިން ޑޯޒް އިތުރަށް ގަތުމަށް އެއްކޮޅުން ފައިޒާއާ ވާހަދައްކަމުން ދާއިރު، ސިރިންޖް އުފައްދާ ކުންފުނިތަކާ ވެސް ދަނީ ވާހަކަދައްކަމުންނެވެ. ފައިޒާ-ބަޔޮންޓެކް ވެކްސިނަށް ބާރުބޮޑުވެފައި ވާއިރު މުއްސަނދި ގައުމުތަކުން ޑޯޒްތައް ގަނެލައި ބައްކުރަމުންދާތީ އެހެން ބަޔަކަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވެނީ ލައްކަ ދުވަހުންނެވެ.

ޖަޕާނުގައި އިއްޔެ ވެކްސިން ޕްރޮގްރާމް ފަށައިފި އެވެ. އެންމެ ފުރަތަމަ ވެކްސިންދިނީ ޓޯކިޔޯ މެޑިކަލް ސެންޓަރުގެ ޑައިރެކްޓަރު، ކަޒުހިރޯ އަރާކީ އަށެވެ. ވެކްސިންޖެހުމަށް ފަހު އޭނާ ވިދާޅުވީ ބޮޑު ޒިންމާއަކުން ސަލާމަތްވެވިއްޖެ ކަމަށް އިހުސާސްކުރެވޭ ކަމަށެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.