ތަފާތު އެކި މަޑު މައުދަނުން ތައްޔާރުކޮށްފައިވާ ރޮބޮޓެއް ދުނިޔޭގެ ކަނޑުގެ އެންމެ ފުނަށް ދަތުރުކޮށްފިކަަމަށް ނޭަޗަރ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ރިޕޯޓްކޮށްފިއެވެ. އެގޮތުން މި ރޮބޮޓް ފަރުމާކުރި ޓީމުންވަނީ އެމީހުން އީޖާދުކޮށްފައިވާ ރޮބޮޓް އަކީ ދުނިޔޭގެ ކަނޑުގެ އެންމެ ފުން އެއް ސަރަހައްދު ކަމުގައިވާ މެރިއާނާ ޓްރެންޗްގައި މަސައްކަތްކުރާ އެއްޗެއްކަން ދައްކާލާފައިއެވެ. އާންމުކޮށް ކަނޑު އަޑީގައި ހަރަކާތްތެރިވާ އުޅަނދުފަހަރަކީ ކަނޑުގެ އަޑީގެ މާހައުލުގައި ބޭނުންކުރުމަށް ތަފާތު ދަގަޑުގެ ބާވަތްތައް ބޭނުންކޮށްގެން ފަރުމާކުރެވޭ ތަކެއްޗެވެ. އަދި އެތަކެތި ކަނޑުގެ ފުނަށް ދަތުރުކުރާ މިންވަރަށް ބަލައި މިދެންނެވި ދަނގަޑުގެ ބާވަތްތަކުގެ ބޯމިން އިތުރު ކުރަންޖެހެއެވެ. ނަމަވެސް މިއާއި ހިލާފަށް މި ރޮބޮޓް ފަރުމާކުރި ޓީމުން މި ރޮބޮޓް އުފައްދާފައިވަނީ ސިލިކޯން ބޭނުންކޮށްގެންނެެވެ.
މިގޮތަށް ސިިލިކޯން ފަދަ މަޑު މައުދަނުން ތައްޔާރު ކުރެވޭ ރޮބޮޓްތަށް އާންމުކޮށް ތައްޔާރުކުރެވިފައިވަނީ ކޮންމެވެސް ދިރޭ ސޫފާ ސޫފީގެ ބައްޓަމަށެވެ. އެގޮތުން މި ރޮބޮޓް ފަރުމާކުރެވިފައިވަނީ މަހެއްގެ ބައްޓަމަށެވެ. މި ރޮބޮޓް އުފެއްދި ޓީމަށް މި މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑު އަޑީގެ ޕްރެޝަރ އިން މީގެ އިލެކްޓްރޯނިކް ބައިތަށް ރައްކާތެރިކުރުމެވެ. އެގޮތުން މިޓީމުންވަނީ ކަނޑުގެ އެންމެ ފުންމިނުގައި ދިރިއުޅޭ މަހެއްގެ ބޮލުގެ ނާށިގަނޑުގައި ކަށިތަށް އެތުރިފައިވާގޮތް ދިރާސާ ކުރުމަށްފަހު އެޔާއި އެއްގޮތަށް މިރޮބޮޓްގެ އިލެކްޓްރޯނިކް ބައިތަށް އަތުރާލާފައިއެވެ.
މި ރޮބޮޓް އެންމެ ފުރަތަމަ ޓެސްޓް ކުރެވިފައިވަނީ ލެބޯޓްރީއެއްގައި އެވެ. އެއަށްފަހު ދެން ޓެސްޓްތަށް ކުރިއަށްގެންގޮސްފައިވަނީ ކޯރެއްގައި 70 މީޓަރު އަޑީގައިއެވެ. އެޔަށްފަހު މި ރޮބޮޓް ވަނީ ދެކުނު ޗައިނާ ކަނޑުގައި 3200 މީޓަރު އަޑީގައި ޓެސްޓް ކުރެވިފައިއެވެ. މި ރޮބޮޓްގެ އެންމެ ފަހުގެ ތަހުލީލުތަށް ކުރިޔަށް ގެންގޮސްފައިވަނީ އާންމުކޮށް ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ބޭނުންކުރާ ޒާތުގެ ރޮބޮޓަކާއިއެކު މަރިއާނާ ޓްރެންޗް ގައިއެވެ.
މި ކާމިޔާބު ތަަހުލީލުތަކާއިއެކު ކަނޑު އެންމެ ފުންމިނަށް ދަތުރުކޮށް ކަނޑުގެ މި ސަރަހައްދުތަކުގެ ތަހުލީލުތަށް ކުރުމަށް މަގުފަހިވާނެއެވެ. އެގޮތުން މިފަދަ އުފެއްދުންތަށް މެދުވެރިކޮށް މުސްތަގުބަލުގައި ކަނޑު ތަޣައްޔަރުވުން ހުއްޓުވުމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުންފަދަ މަސައްކަތްތަށް ކުރެވޭނެއެވެ. އަދި ހަމައެއާއެކު މިފަދަ ރޮބޮޓްތައް ބޭނުންކޮށްގެން ދިރާސާކުރާ ފަރާތްތަކަށް މިހާތަނަށް ކަނޑުގެ އަޑިން ދިރާސާނުކުރެވިވާ ސަރަހައްދުތަށް ދިރާސާކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި