ބްރޭވް ބްރައުޒާ އިން ސާޗް އިންޖީނެއް ތައާރަފް ކުރަން ނިންމައިފިއެވެ. މޮޒިއްލާގެ ކުރީގެ ވެރިޔަކު އުފައްދާފައިވާ ބްރޭވް ބްރައުޒާ އަކީ އެ ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު އެއްނުކުރާނެކަމަށް ވައުދުވެ އުފައްދާފައިވާ ބްރައުޒާއެކެވެ. މި ބްރައުޒާ އުފެއްދިތާ 2 އަހަރުގެ ތެރޭގައި ވަނީ ގޫގަލް ފަދަ ކުންފުނިތަކުގެ ވިޔަފާރިތަކާއި ވާދަ ކުރަންފަށާފައިއެވެ. އަދި މިހާރު މިވަނީ ބްރޭވް ސާޗް އިންޖީނާއެކު ގޫގަލްގެ ބްރައުޒާ އަދި ސާޗް އިންޖީނާއިވެސް ވާދަ ކުރަން ފަށާފައިއެވެ.
ބްރޭވްގެ ބާނީ ހާމަކޮށްފައިވާ ގޮތުގައި ބްރޭވް ސާޗް އިން އެ ވަސީލަތް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެމީހުން ޓްރެކް އަދި ޕްރޮފައިލް ނުކުރާނެއެވެ. ބްރޭވް ބްރައުޒާގައި މިހާރުވެސް އެނޯނިމަސް ފީޗާތަކެއް އެކުލެވިގެންވެއެވެ. އެގޮތުން އައިޕީ އެޑްރެސް ފަދަ މައުލޫމާތު މި ބްރައުޒާ އިން އެއްނުކުރެއެވެ. އެހެންކަމުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އަލަށް ތައާރަފް ކުރެވޭ ބްރޭވް ސާޗް ގައިވެސް މި ފީޗާތައް ހިމެނުމަށް ވަނީ ނިންމާފައިއެވެ. މީގެ އިތުރުން މި ސާޗް އިންޖީންގައި އިޝްތިހާރު ހިމެނޭ ބަޔަކާއި ފީ އެއްދައްކައިގެން އިޝްތިހާރުތަކާއި ނުލާ ބޭނުންކުރެވޭނެ ސާޗް އިންޖީނެއް ހިމެނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.
ބްރޭވްގެ ސާޗް އިންޖީނު ތައާރަފް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައިއެވެ. އަދި މިހާރުވަނީ މިހިދުމަތް ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ހުޅުވާލާފައިއެވެ. ބްރޭވް އިން ބުނާ ގޮތުގައި އެކުންފުނީގެ ހިދުމަތްތަށް މިހާރުވެސް 25 މިލިއަން މީހުން ބޭނުންކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި އެންމެން ބްރޭވް ސާޗް ބޭނުންކުރާނެ ކަމަށް ބެލެވޭކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި