ޑޭޓާ ސައިންސް : ދުނިޔޭގެ އެންމެ މަޤްބޫލު ޓެކް ދާއިރާ

ޝުޖާޢަތު ރަޝީދު 11 މާރިޗު 2021

ޑޭޓާ ސައިންސްއަކީ ކޮމްޕިއުޓަރުގެ އެހީގައި ރައްކާކުރެވޭ ނުވަތަ ގެންގުޅޭ އެންމެހާ މަޢުލޫމާތުތައް ބަލަހައްޓައި، އެކި ބޭނުންތަކައް އެ މަޢުލޫމާތުތައް ނަގައި ބަދަލުކޮށް ބޭނުންކުރެވޭ ގޮތް ހެދުމެވެ.

މިސާލަކަށް މި މަޢުލޫމާތުތަކަކީ، ކުންފުންޔެއްގެ ސޭލްސް ބަލަހައްޓާ ސޮފްޓްވެއާއިން މުއައްޒިފުން މަސައްކަތުގައި ނަގާފައިވާ ކަސްޓަމަރުންނާއި ގުޅުން ހުރި މަޢުލޫމާތެވެ. ނުވަތަ އަހަރީ ވިޔަފާރިތަކާއި ގުޅޭ މަޢުލޫމާތެވެ.

މިވައްތަރުގެ މަޢުލޫމާތު ނަގައި ތަފާތު ގޮތްގޮތައް ބަދަލުކޮށްގެން، ރިޕޯޓްތައް ހެދުމަކީވެސް ޑޭޓާ ސައިންސްގެ އެހީގައި ކުރެވޭ ކަމެކެވެ. މިގޮތައް ޑޭޓާ ގެންގުޅެ އޭގެ އެހީގައި ވަރަށް ބައިވަރު ކަންތައްތައް ކުރެވޭތީވެ، ޑޭޓާ ސައިންސަކީ ޓެކްނޮލޮޖީގައި އެންމެ މަޤްބޫލު ދާއިރާއަށް މިވަނީ ވެފައެވެ.

ޑޭޓާ ސައިންސްގެ ތާރީޙަށް ބަލާލާއިރު ޑޭޓާ ސައިންސްއާއި ގުޅުން ހުރި މަސައްކަތްތައް ކުރަން ފެށުނީ 1763 ގައެވެ. ޑޭޓާ ސައިންސްގައި އެންމެ ފުރަތަމަ އުފެދުނީ ބޭޔަސް ތިއަރަމްއޭ ކިޔުނު ތިއަރަމްއެކެވެ. މި ތިއަރަމްއަކީ ލަފާކުރުމާއި އަދި ތަފާސް ހިސާބުތައް އެކި ކަންތައްތަކުގައި ބެލުމަށް އެހީއެއް ގޮތައް ތޯމަސް ބޭޔަސް ކިޔާ މީހަކު އުފެއްދި ތިޔަރީއެކެވެ.

މިއަދުގެ ތާރީޙާއި ހަމަޔަށް އައި އިރު ޑޭޓާ ސައިންސްގެ ދާއިރާއިން ކަންތައްތައް އިތުރަށް އެނގި މިވަނީ ފުޅާވެފައެވެ. މެޝިންތައް ބޭނުން ކޮށްގެން ތަފާތު ކަންތައްތައް ދިރާސާ ކުރުމާއި، ތަފާސް ހިސާބު އިންސާނުންގެ މާބޮޑު އެހީއަކާއި ނުލާ ލަފާކޮށް، ނެގުމަށް މިވަނީ މަގު ތަނަވަސްވެފައެވެ.

ވިޔަފާރިތަކުން ފައިދާ ބޮޑުވާ ގޮތައް ފަސޭހަކޮށް ތަކެތި އަދި ޙިދުމަތް ދިނުން ރަނގަޅު ކުރުމަށް ޑޭޓާ ސައިންސް އަދި އެނަލެޓިކްސްގެ އެހީގައި ހެދިފައިވާ ތަފާތު ހިސާބުތައް ބޭނުންކޮށްގެން އެކިވައްތަރުގެ އުކުޅުތައް ބޭނުންކުރުންވަނީ ފުޅާވެފައެވެ. މިކަމަށް އާންމުކޮށް ކިޔާ އުޅެނީ ބިސްނަސް އިންޓަލިޖަންސްއެވެ.

ޑޭޓާ ސައިންސް ޓައިމްލައިން، ޒަކަރަސް 2019


ޑޭޓާ ސައިންސްގެ އެހީގައި މަޢުލޫމާތުތައް ރަނގަޅުކޮށް، ވިޔަފާރިތަކުގައި އަދި އެނޫންވެސް ޙިދުމަތްދޭ މަރުކަޒުތަކުގައި ނިންމުންތައް ނިންމުމަށް އެހީވުމަކީ މައިގަނޑު ގޮތެއްގައި ޑޭޓާ ސައިންޓިސްޓުން، ޑޭޓާ އެނަލިސްޓުން، އަދި ބިސްނަސް އެނަލިސްޓުން ކުރާ މަސައްކަތެވެ.

ކިތަންމެ އާބާދީގެ ގޮތުން ކުޑަވިޔަސް ދިވެހިރާއްޖޭގައިވެސް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ ދަނީ ވަރަށް ބާރާށް ކުރިއަރަމުންނެވެ. ސަރުކާރުގެ މުއައްސަސާތަކުގައްޔާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގައި ތަފާތު ވައްތަރުގެ ސޮފްޓްވެއާ ދަނީ ބޭނުންކުރެވެމުންނެވެ. ވިޔަފާރީގައި ނުވަތަ ދެވޭ ޚިދުމަތްތަކުގައި ދުވަހުންދުވަހުގައި ކުރެވޭ މުޢާމަލާތާއި، ކަސްޓަމަރުންގެ މަޢުލޫމާތު، ޚިޔާލު ފަދަ ތަކެތި ދަނީ ނެގެމުންނެވެ.

މިފަދަ މަޢުލޫމާތުތައް ބަލައި، ތަޙުލީލުކޮށް ޚިދުމަތް ރަނގަޅުކުރުމަށާއި އާ އުފެއްދުންތަކަށް މަގުފަހިކުރަމުންދާ ދިވެހީންވެސް ރާއްޖޭގައި އެބަތިއްބެވެ.

ޑޭޓާ ސައިންސްގެ ދާއިރާއަކީ މިހާރު ދުނިޔޭގައި އެންމެ މަޤުބޫލު އަދި އެންމެ ކުރީގައި އުޅޭ ވަޒީފާތަކުގެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ އެއްދާއިރާއެވެ. އިންޑީޑް، ވަޒީފާ ވެބްސައިޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑޭޓާ ސައިންސްގެ ރޮނގުން ވަޒީފާތަކުގެ އިންސައްތަވަނީ %29 އިތުރުވެފައެވެ. މިއީ 2013 ވަނަ އަހަރާއި އަޅާ ބަލާއިރު %344 އިތުރުވުމެކެވެ.

ޑޭޓާ ސައިންސްގެ ރޮނގުން ކުރިއަރައިގެން ދެވިދާނެ ބައެއް ވަޒީފާތަކުގެ ތެރޭގައި ޑޭޓާ ސައިންޓިސްޓް، ޑޭޓާ އެނަލިސްޓް، މެޝިންލާނިން ސައިންޓިސްޓް، އެޕްލިކޭޝަން އާކިޓެކްޓް، އެންޓަޕްރައިސް އާކިޓެކްޓް، ޑޭޓާ އިންޖިނިއަރ، އަދި ބިޒްނަސް އިންޓަލިޖަންސް (ބީ.އައި) ޑެވެލޮޕާ ފަދަ ވަޒީފާތައް ހިމެނެއެެވެ.

ޑޭޓާ ސައިންސްގެ ދާއިރާއަކީ ދިވެހިރާއްޖެއަށްވެސް ވަރަށް މުހިންމު ދާއިރާއެކެވެ. މުޖުތަމަޢުއެއް ކުރިއެރުވުމަށް ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައިވެސް ކުރެވޭނެ ބައިވަރު ކަންތައްތަކެއް އެބަހުއްޓެވެ. އެހެންކަމުން މިރޮނގުން ކުރިއަރައިގެންދާން އަދި ވަޒީފާ ޙިޔާރުކުރުމަށް ވިސްނުމަކީ ވަރަށް ފައިދާހުރި ކަމެކެވެ.

ޑޭޓާ ސައިންސާއި ބެހޭ މަޢުލޫމާތު ހޯދައި އަދި ދަސްކުރަން ފެށުމައް ތިރީގައިވާ ލިންކުތަކުގެ އެހީ ހޯދާލެވިދާނެއެވެ.

ކެގެލް - ކެގެލްއަކީ ޙިއްސާއާއި އެކު އުފެދިފައިވާ ޑޭޓާ ސައިންޓިސްޓުން އަދި މެޝިންލާނިން ދަސްކުރާ މީހުންގެ ރަށްވެއްސެކެވެ. - ކެގެލްގެ ވެބްސައިޓްއަށް ދިއުމަށް މިލިންކަށް ފިތާލާ.

މިރޮނގުން ފަށައިގަތުމައް ޑޭޓާ ސައިންސާއި ގުޅުންހުރި ހިލޭ ދަސްކޮށްލެވޭނެ ބައެއް ކޯސްތަކާއި އޭގެ ވެބްސައިޓްތަކުގެ ލިންކުތައް:

- ވަޓް އީސް ޑޭޓާ ސައިންސް، އައި.ބީ.އެމްގެ އުފެއްދުމެއް، ކޯސެރާގެ އެހީގައި

- އިންޓްރޮޑަކްޝަން ޓު ކޮމްޕިއުޓޭޝަނަލް ތިންކިން އެންޑް ޑޭޓާ ސައިންސް

- އިންޓްރޮޑަކްޝަން ޓު ޑޭޓާ ސައިންސް

- ޑޭޓާ ކުއެސްޓުގެ ވެބްސައިޓް

ޑޭޓާ ސައިންސާއި ބެހޭގޮތުންނާއި، މުސްތަޤުބަލުގައި މިދާއިރާގެ މުހިންމުކަމާއި އަދި މިދާއިރާއިން ކުރިއަށް ދިއުމަށް ފަށައިގަންނަން އެހީއެއްގެ ގޮތުގައި މި ރިޕޯޓުގެ ޒަރިއްޔާއިން މަޢުލޫމާތާއި އިތުރު ހިތްވަރެއް ލިބުނުކަމަށް އުއްމީދުކުރަމެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.