ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ގުނާލެވޭ ބިލް ގޭޓްސް ދެކޭ ގޮތުގައި ބިޓްކޮއިންއަކީ ތިމާވެއްޓާއި ރައްޓެހި އެއްޗެއް ނޫނެވެ. އެގޮތުން ނިއުޔޯކް ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އޭނާ ފާހަގަ ކޮށްފައިވަނީ އެހެނިހެން ކްރިޕްޓޯ ކަރަންސީއަށްވުރެ ބިޓްކޮއިން މުއާމަލާތްތަކަށް ހިނގާ ކަރަންޓު ގިނަވުމާއިއެކު ބިޓްކޮއިން އަކީ ތިމާވެއްޓާއި ރައްޓެހި އެއްޗެއްނޫން ކަމަށެވެ.
ދުނިޔޭގެ އެހެން ބިލިއަނަރުން ބިޓްކޮއިން ވިޔަފާރީގައި އަވަދިނެތި އުޅުނަސް ބިޓްކޮއިން އާއިމެދު ބިލް ގޭޓްސް ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. އެގޮތުން އޭނާ ފާހަގަކޮށްފައިވަނީ ދުނިޔޭގައި ކްރިޕްޓޯ ކަރަންސީ މައިން ކުރަން ބޭނުންކުރާ ގޮތްތަކުގެ ތެރެއިން ތިމާވެއްޓަށް އެންމެ ގެއްލުން ބޮޑު ގޮތަކީ ބިޓްކޮއިން މައިން ކުރުމެވެ.
ބިލް ގޭޓްސް ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ ކަންބޮޑުވުމަކީ ބިޓްކޮއިންގެ ކާބަން ފުޓްޕްރިންޓް މަތިވުމެވެ. އެގޮތުން އޭނާ ސިފަކޮށްފައިވަނީ ބިޓް ކޮއިން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ރަނގަޅު އެއްޗެއް ނޫންކަމަށެވެ.
ނެދަލޭންޑްސްގެ ސައިންޓިސްޓެއް ލަފާކުރާ ގޮތުގައި ބިޓްކޮއިންގެ ކޮންމެ މުއާމަލާތަކަށް 300 ކިލޯގްރާމް ކާބަންޑައިއޮކްސައިޑް ބޭރުވެއެވެ. މިއާއި ހިލާފަށް ވިސާގެ މުއާމަލާތަކަށް ހޭދަވަނީ 0.4 ގްރާމް ކާބަންޑައިއޮކްސައިޑްއެވެ.
ބާކްލީޒް ޕްރައިވެޓް ބޭންކުގެ ޗީފް މާކެޓް ސްޓްރެޓީޖިސްޓް ވެސް ވަނީ ބިލް ގޭޓްސްގެ ކަންބޮޑުވުންތަކަށް ތާއީދުކުރައްވާފައިއެވެ. އެގޮތުން އޭނާ ފަހަގަކޮށްފައިވާ ގޮތުގައި ވިޔަފާރީގެ އިންވެސްޓްމަންޓް ތަކަށް ކްރިޕްޓޯކަރަންސީ ބޭނުންކުރުމުން ތިމާވެއްޓާއި ދުރަށްދާކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ކްރިޕްޓޯ ކަރަންސީ މައިންކުރުމަށް ބޭނުންކުރާ ތަކެތި 18 މަހުން ބަދަލުކުރަން ޖެހޭތީ އިތުރުވަމުންދާ އިލެކްޓްރޯނިކް ކުނީގެ މައްސަލައާއި ގުޅިގެންވެސް ކަންބޮޑުވުން ފާޅުކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި